ފުލުހުން ވަނީ ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް ގޮވާލާފައި


އަބްދުﷲ ނަވާޒް ފުލުހުންގެ އިސްވެރިންނާ އެކު
އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ އެކައުންޓް އަނެއްކާ ވެސް ހެކް ކޮށްފިއެވެ.
ނަވާޒްގެ ޓްވީޓަރ އެކައުންޓުން ދައުރުވަމުންދާ ޓްވީޓްތަކާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ނަވާޒްގެ އެކައުންޓް ހެކްކޮށްފައިވާ ކަމަށާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓާލަންޖެހޭ ކަމަށެވެ.
ފުލުހުން މިހެން ހާމަކޮށްފައިވާ އިރު ނަވާޒްގެ އެކައުންޓުން ކޮށްފައިވާ ޓްވީޓްގައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ސުލްހަވެރި އެއްވުމުގައި ފުލުހުން ބައިވެރިވުމަށް ގޮވާލާފައެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ޣައިރު ގާނޫނީ އޯޑަރުތަކަށް އަމަލުކޮށްކޮށް ވަރުބަލި ވެއްޖެ ކަމަށް ޓްވީޓްގައިވެއެވެ.
އޭގެ އިރުކޮޅެއް ފަހުން ނަވާޒް ވަނީ އޭނާގެ އެކައުންޓްތައް ހެކްކޮށްފައިވާ ކަން އިއުލާނުކޮށްފައެވެ.
ނަވާޒްގެ ޓްވިޓަރ އެކައުންޓް ހެކް ކޮށްފައިވާއިރު މިދިޔަ ފެބްރުއަރީ މަހުގެ 03 ވަނަ ދުވަހު ވެސް އޭނާގެ ޓްވިޓަރ އެކައުންޓް ވަނީ ހެކްކޮށްފައެވެ.
މީގެ އިތުރުން 2015 ވަނަ އަހަރު ވެސް ނަވާޒްގެ ޓްވިޓަރ އެކައުންޓް ހެކް ކުރި މައްސަލައެއް ފުލުހުން ވަނީ ތަހުގީގުކޮށްފައެވެ.