Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ

ރިސޯޓް ހެދުމަށް 5 ރަށެއް އިއުލާން ކުރިތާ 3 އަހަރު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2017 | ހޯމަ 13:18
ރައީސް ޔާމިން ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ

ރައީސް ޔާމިން ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ

ހދ އަތޮޅު ފަޚުރުވެރި ވަނީ މަޝްހޫރު ބޮޑު ތިލަދުން މައްޗަށް ނިސްބަތްވާތީއެވެ. ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ތިންވަނަ އާބާދީ ކަމަށް ވީތީއެވެ. ޤައުމުގެ ވެރިއަކު ކަނޑައެޅުމުގެ ދުވަސްވަރު ލީޑަރުން ގިނަގިނައިން ވަޑައިގަންނަވަން ޖެހޭ އަތޮޅަކަށް ވީތީއެވެ.

ކަން މިހެންހުރިއިރު އުތުރު ގަޑުބަޑުގެ ތެރެއިން މަޝްހޫރުވި ބޮޑު ތިލަދުންމަތިން ކުޅުދުއްފުށީ ބޮޑުމުހައްމަދުބޭގެ އާރުކާޓީގެ ދަށުން މާލެއަށް އައީ ޤައުމު ފާލުން ނެއްޓުނީމާ އިސްލާހް ކުރުމަށެވެ. ބުރިން ހަންނަގާ އަނދަގޮނޑި ޖަހާނެކަން އެނގިހުރެ ތިލަދުންމަތީގެ ހިތްވަރުގަދަ ފަހުލަވާނުން އެކަން ކުރީ މުޅި ޤައުމުގެ ހައްޤުގައެވެ. ކަންކުރަން ކެރޭކަން ދައްކާލުމަށް އެކަންޏެއް ނޫނެވެ. އަންނާނެ އަދަބުތައް އެނގިހުރެ ވެސް ސަރުކާރަށް ކަންކަން އިސްލާހް ކުރަން މަޖްބޫރު ކުރުވުމުގެ ގޮތުންނެވެ. އެކަމަކު ކެތްތެރިކަން އެތައް ދުވަހަކަށް ދެއްކުމަށްފަހު އެނޫން ގޮތެއް ނެތިގެންނެވެ.

ރާއްޖޭގެ މިއަދުގެ ޙަޤީގީ ލޭނާރަކީ ފަތުރުވެރިކަމެވެ. އަނގަޔާ އަތާ ދިމާކުރެވޭނެ ގޮތެއް މިއަދު ހޯދެން އޮތް މައިގަނޑު އެއްދާއިރާއަކީ ފަތުރުވެރިކަމެވެ. އާއިލާ ބަލަހައްޓާ ދިރިއުޅުން އާރާސްތުކުރެވޭނެ އެއްގޮތަކީ ރިސޯޓް ވަޒީފާއެވެ.

އެގޮތުން ހދ އަތޮޅަކީ ރީތި އަތޮޅެކެވެ. ފަތުރުވެރިން ގަޔާވާ ކަހަލަ ހިތްގައިމު ރަށްތަކެއް ހުރި އަތޮޅެކެވެ. އެކަމަކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބައިގަރުނުވާން ދާއިރު ހދ އަތޮޅު އޮތީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަމ ސުމެއްގައެވެ. ހުނިޖަހާލާފައި ނަގާނެ ހަމަ އެންމެ ރިސޯޓެއްވެސް ހދ އަތޮޅަކު ނެތެވެ. އަތޮޅުގެ ދަރިން ވަޒީފާއަށް ދާނެ ހަމަ އެންމެ ރިސޯޓު ގަނޑެއްވެސް ހުޅުވިފައެއް ނެތެވެ.

ސަރުކާރުން އަދިވެސް ގެންދަނީ ބޮޑު ކަނޑަމުންނެވެ. ފެންނެތް ބޮޑެތި ކާށިތައް ބިންނަމުންނެވެ. ރިސޯޓް ހިއްސާ އެރިސޯޓެއްގެ މުވައްޒަފުންނަށް ދެއްވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީން ގެންދަވަނީ އަދިވެސް އިތުރުފުޅު ހައްދަވައިގެން ރައްޔިތުން ޅޮސްއުނދޯލިތަކުގައި ބައިތިއްބާށެވެ.

އެމަނިކުފާނުގެ ވެރިކަމަށް އެއްއަހަރު ފުރުމުގެ އުފާފާޅުކޮށް ކުޅުދުއްފުށީގައި ބޭއްވި ހަފްލާއަކީ އޭގެ ދިރިހުރި މިސާލެކެވެ. އެޖަލްސާގައި އެމަނިކުފާނު ހދ ގެ ޒުވާނުންނާއެކު އާކޮށްދިން އުއްމީދު އަދިވެސް ހުރީ ކަންފަތުގައި ގުގުމާފައެވެ.

އެޖަލްސާގައި“ދާދި އިހަކަށް ދުވަހު އަޅުގަނޑުމެން އިއުލާން ކުރީ ކުޅުދުއްފުށީ ސަރަހައްދުން 5 ރިސޯޓް ހެދުމަށް. މި ރިސޯޓުތައް ހެދުމުގެ ބޭނުމަކީ ހަމައެކަނި ދައުލަތަށް އާމްދަނީ ހޯދުމެއް ވެސް ނޫން. މާލެއާ އެހާ ދުރުގަ ވެސް މި ރިސޯޓްތައް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ސަރަހައްދުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުން” ރައީސް ވިދާޅުވި އެވެ.

ކޮންފަދަ ނަލަ ހެއްޔެވެ. ކިހާ އުފާވެރި ޚަބަރެއް ހެއްޔެވެ. އަދި އެހެން ވާހަކަ އެއްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ރިސޯޓްތަކުން 8000 ވަޒީފާ ލިބޭނެއޭ ވިދާޅުވި ވާހަކައެވެ. އެހެން ވިދާޅުވީތީ އެރޭ އުފަލުން ނިދޭވަރެއް ވެސް ނުވިއެވެ.

އެކަމަކު އެވާހަކަވީ ޚިޔާލީ ފޮލާއެކެވެ. އެކަމަށްޓަކައި ރިސޯޓްތަކެއް ހެދުމަށް ރަށްތަކެއް އިއުލާން ކުރިތާ 4 މަސް ދުވަސް ފަހުން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޑެޕިއުޓީ ޓޫރިޒަމް މިނިސްޓަރ ހަސަން ލިރާރް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ. އެކަމަކު އެކަންވީ އިބިލީހުގެ ކައިވެންޏަށެވެ. އަދިވެސް އެވިދާޅުވި ގޮތެއް ނިމުނު ތަނެއް ފެންނާކަށް ނެތެވެ. ރިސޯޓްގެ ގޮތުގައި ތަރައްޤީކުރުމަށް އިއުލާންކުރި ހދ. ދިއްޕަރުފުއްޓާއި ކަނަމަނައިގެ އިތުރުން ކުޑަފަރުފަސްގަނޑާއި ށ. ބޮލިއްސަފަރާމެދު ކުރެވުނު އިތުރު ކަމެއްގެ ހިލަމެއް މިހާތަނަކަށް ފެންނާކަށް ނެތެވެ.

ރައީސް ޔާމީން އެވާހަކަ އެގޮތައް ދެއްކެވިއިރުވެސް ހދ އަތޮޅުގައި ވަނީ ރިސޯޓްތަކެއް ހެދުމަށް ރަށްތަކެއް ދޫކުރެވިފައެވެ. ހދ އަތޮޅުގައި ރިސޯޓް ހެދުމަށް ނާގޯއްޓާއި ހޮނޑާފުށި އަދި ކުޑަމުރައިދޫ ދޫކޮށްފައި އޮންނަތާ 15 ވަރަކަށް އަހަރު ވެފައިވާއިރު އަދިވެސް އެތަނުން އެއްވެސް ރަށެއް ހުޅުވިފައެއް ނެތެވެ. އެކަން ވާނެ ދުވަހެއްގެ ކުޑަވެސް ކޮޅުމައްޗެއް ފެންނާކަށް ނެތެވެ.

ރައީސް ޔާމީނެވެ. އަނެއްކާވެސް އިތުރު ވަލަކަށް އަޅުގަނޑުމެން ވައްދަވަން ނޫޅުއްވާށެވެ. މިއަދު ކުޅުދުއްފުށީގައި އެއަރޕޯޓެއް އަޅުއްވަން ބޮޑެތި ސިންގާ ޖަލްސާތައް ބާއްވައިގެން ކުޅިހިއްކަން ފެށިއަސް އަޅުގަނޑުމެންގެ ހިތްހަމަޖެހުމެއް ނެތެވެ. މާޔޫސް ކަމަކަށް އަދި އިތުރު ހައްލެއް ނެތެވެ. މަނިކުފާނުގެ ވައުދު ފުއްދުން ހުރިގޮތުންނެވެ. މަނިކުފާނު ވިދާޅުވާ ބަހުގެ އިތުބާރު ހުންނަ ގޮތުންނެވެ. ތިޔައަޅުއްވަން އުޅޭ އެއަރޕޯޓަކީވެސް މަނިކުފާނުގެ ދައުރުގެ ފުރަތަމަ އަހަރު ނިންމަވަން ވިދާޅުވެފައިވާ ވައުދެކެވެ. އަދި ކިރިޔާ ތިޔަ އަޅާލީ ކުޅިހިއްކާނެ ވެއްޔެވެ. އެއަރޕޯޓް އަޅަން ބަޔަކާ ހަވާލުކޮށްފައިވާކަމަށް މަނިކުފާނު ކުރިން ވެސް ވިދާޅުވިއެވެ. އެކަމަކު އަދިވެސް އޮތީ އެކަން ކުރާނެ ބަޔަކު ކަނޑަ ނޭޅިއެވެ. މިހިރަ މިހިރަ ކަންކަން މިއަދު ފެންނާން ހުރުމުން އެއަރޕޯޓް އަޅާފާނެ ކަމުގެ އުއްމީދެއް އަދިވެސް ކުރެވޭކަށް ނެތެވެ. އެކަމަކު އަޅުގަނޑުމެން މިތިބީ ކުޅިބަލާށެވެ. ފިޔާތޮށި ހެދުން ލައްވާފައި ފިނިފެންމާ އުކަން އަނބިދަރިން ފޮނުވީވެސް ހަމަ އެކަމަށް އެއްބާރުލުން ދޭށެވެ. ރީނދޫ ޓައި އަޅުވާފައިވެސް އަޅުގަނޑުމެންގެ ކައުންސިލަރުން ޖަލްސާގެ ކުރީ ސަފުގައި ބޭތިއްބީ ވައުދަށް ހުރަސްއަޅަން ބޭނުން ނެތީމައެވެ.

ދެންވެސް އަވަހަށް ތިޔަކަން ކުރައްވާށެވެ. ފުރަތަމަ އަހަރު ނިންމާ ނުލެވުނަސް 5 އަހަރު ނިމެންވާއިރަށް ވެސް ތިޔަ އެއަރޕޯޓު ނިންމަވައިދެއްވާށެވެ. އަތޮޅުގެ ފަތުރުވެރިކަން ފެށޭނީ ތިޔަކަން ނިމިގެން ކަމަށް ބައެއް މީހުން ބުނާތީ އަޅުގަނޑުމެން މިތިބީ ތިޔަކަމަށް ފެންބޮވައިގެންފައެވެ. ކެތްމަދުވެފައެވެ. މިފަހަރަކު ދެން ބަހަނާތަކެއް ދައްކަވައިގެން ނުވާނެއެވެ. ނަމަނަމަ ތިޔަކަން ނިންމަން އިތުރު ދައުރެއް ބޭނުންވާކަމަށް ވިދާޅުވެގެން ނުވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުދާ އުފުލުމަށް ގެނައި ބަދަލާއި އެކު، ތަކެތީގެ އަގު ބޮޑުވެދާނެކަމުގެ އިންޒާރު!

މުދާ އުފުލުމަށް ގެނައި ބަދަލާއި އެކު، ތަކެތީގެ އަގު ބޮޑުވެދާނެކަމުގެ އިންޒާރު!

01 އެޕްރީލު 2018
އިދިކޮޅު އެއްވުން ހުއްޓުވާނެކަމުގެ އިންޒާރު! ފުރުސަތު ލިބޭނެތަ؟

އިދިކޮޅު އެއްވުން ހުއްޓުވާނެކަމުގެ އިންޒާރު! ފުރުސަތު ލިބޭނެތަ؟

04 މާރިޗު 2018
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު