ކާބަފައިން ވޭތުވެދިޔަ 900 އަހަރު ސާބިތުކޮށްދެއްވީ ވަރަށް ވަރުގަދަ ފިލާވަޅެއް، އިސްލާމްދީނަށް ކުޑަވެސް ލޮޅުމެއް އެރިއަކަ ނުދެއްވާ، އެދުމަކީ ކުރިއަށް އޮތްތާނގައިވެސް ދީނަށް ވަފާތެރި ތެދުވެރި ގައުމެއް ގޮތަށް ދެމިއޮތުން: ރައީސް މައުމޫން
13 ސެޕްޓެމްބަރު 2026 | އާދީއްތަ 07:46ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ގުޅިގެން، ދިވެހި ޤައުމިއްޔަތުގެ ބިންގަލަކީ އިސްލާމްދީންކަން ފާހަގަކުރައްވައި އެ ދީނުގެ ތެދުމަގުގައި ސާބިތުވެ ތިބުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަނީ އިލްތިމާސްކުރައްވާފައި. ކާބަފައިން ދެއްކެވި ވަރުގަދަ ނަމޫނާއާ އެއްގޮތަށް، ކުރިއަށް އޮތް ތަނުގައި ވެސް ދިވެހިންނަކީ ދީނަށް ވަފާތެރި ބަޔަކަށް ވުމަށް އެމަނިކުފާނު ގޮވާލެއްވި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އެކްސްގައި ހިއްސާ ކުރެއްވި ވީޑިއޯ މެސެޖު | މައުމޫން އަބްދުލް ގައްޔޫމް / އެކްސް
ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ މައިގަނޑު ބިންގަލަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ތާރީޚުގައި ރާއްޖެއަށް ތަފާތު އެކިއެކި ގޮންޖެހުންތައް ދިމާވި ނަމަވެސް، ކާބަފައިން އިސްލާމްދީން ދޫކޮށްނުލައްވައި ދެއްކެވި ސާބިތުކަމުގެ މަތީގައި ދެމި ތިއްބެވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގޮވާލައްވައިފި އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސް މައުމޫން އެކްސް ގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ދިވެހި ޤައުމު ބިނާވެފައިވަނީ އިސްލާމްދީނުގެ މައްޗަށް ކަމަށާއި، އެ ދީން ދޫކޮށްލައިގެން ދިވެހިންނަށް ފަރަކު ނުޖެއްސޭނެ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ވެސް ކުދިބޮޑު، އަންހެން ފިރިހެން އެންމެހައި ރައްޔިތުން މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފަ އެވެ. އަދި ދިވެހި ރައްޔިތުން ކުރިން ވެސް ތިބި ފަދައިން ކުރިއަށް އޮތް ތަނުގައި ވެސް އެ ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން، ވޭތުވެދިޔަ 900 އަހަރުގެ ތެރޭގައި ދިވެހި ކާބަފައިން ވަނީ ވަރަށް ވަރުގަދަ ފިލާވަޅެއް ސާބިތުކޮށްދެއްވާފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ރާއްޖެއަށް ތަފާތު އެކިއެކި ކަންތައްތައް ދިމާވި ނަމަވެސް، ކާބަފައިން ދީން ދޫކޮށްނުލައްވައި، އިސްލާމްދީނަށް ކުޑަވެސް ލޮޅުމެއް އެރިޔަނުދީ، ސާބިތުކަމާއެކު ދީނުގައި ހިފެހެއްޓެވިކަން ފާހަގަކުރެއްވި އެވެ.
ދިވެހިރާއްޖެ އަށް ތަފާތު ކަންތައްތައް ދިމާވި ނަމަވެސް އެބޭފުޅުން އިސްލާމްދީން ދޫކޮށެއް ނުލައްވާ. އިސްލާމްދީނަށް ކުޑަވެސް ލޮޅުމެއް އެރިއަކަ ނުދެއްވާ. ހަމަ ސާބިތުކަމާއެކީގައި އިސްލާމްދީނުގައި ހިފެހެއްޓެވި. އެހެންވީމާ ކުރިއަށް އޮތްތާނގާއި އަޅުގަނޑު އެދެނީ ދިވެހި ރައްޔިތުން އެފަދަ ސާބިތު ކަމަކާއެކީގައި އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ދެމިތިބުމަށްރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި އެދިވަޑައިގަތީ، ފާއިތުވި 900 އަހަރެކޭ އެއްފަދައިން، ކުރިއަށް އޮތް ތަނުގައިވެސް ދިވެހިރާއްޖެއަކީ އިސްލާމްދީނަށް ވަފާތެރި، ތެދުވެރި ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށާއި، ދިވެހި އެންމެހައި ރައްޔިތުން އެފަދަ ސާބިތުކަމަކާއެކު އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ދެމިތިބުމަށެވެ.
ތާރީޚީ ގޮތުން މި ދުވަހުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް މައުމޫން ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ އިސްލާމްދީން ޤަބޫލުކުރީ ހިޖުރީ ގޮތުން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު އެވެ. އަދި މިއަދަކީ 1448 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަސް ކަމަށްވުމާއެކު، މިއަދަށް މި ފުރުނީ ރާއްޖެ އިސްލާމްވިތާ ބަރާބަރު 900 އަހަރު ކަމަށާއި، މިއީ ވަރަށް ތާރީޚީ އަދި މުހިންމު މުނާސަބަތެއް ކަމަށް ވިދާޅުވި އެވެ.




