އަޅުގަނޑުގެ ކެމްޕެއިނުގައި މަސައްކަތް ކުރި ކުންފުނިތަކުގެ މުވައްޒަފުން އަންނަނީ ވަޒީފާއިން ވަކި ކުރަމުން: މެންބަރު ސޯބެ
28 އޯގަސްޓު 2026 | ހުކުރު 09:21ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެމްޑީޕީގެ މެންބަރުންނާއި ތަޖުރިބާކާރު މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިޤު ތުހުމަތުކުރައްވައިފި. މީގެ އިތުރުން، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލައި، ހުރިހާ ކަމެއް މަރުކަޒީ ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި


ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގު (ސޯބެ) | ރާއްޖެ އެމްވީ
ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނުގައި އޭނާގެ ކެމްޕެއިނުގައި މަސައްކަތް ކުރި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން އަދި އޭނާއަށް ތާއީދު ކުރި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވެސް ވަޒީފާތަކުން ވަކި ކުރަމުންދާ ކަމަށް މެންބަރު އަބްދުﷲ ސާދިޤު (ސޯބެ) ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު އެމްޑީޕީ އިން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރު ސޯބެ ވިދާޅުވީ ސަރުކާރުން އެސްއޯއީތަކުގެ ހަރަދުތައް ހަމަ މަގަށް އެޅުވުމަށްޓަކައި، ކަނޑައެޅިފައި އޮންނަ އުސޫލެއްގެ ތެރެއިން ވަޒީފާއިން މީހުން ވަކި ކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނަމަވެސް، ފެނިގެން ދަނީ އެމްޑީޕީ މެންބަރުން ނުވަތަ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަދި އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި މަސައްކަތް ކުރި މީހުން ވަޒީފާއިން ވަކިކުރަމުންދާ މަންޒަރު ކަމަށެވެ.
ފެނަކައިން އެންމެ ބޮޑު އާމްދަނީ ހޯދާ ތަނަކީ އައްޑޫގެ އިންޖީނުގެ ކަން ފާހަގަކުރައްވައި، ސޯބެ ވިދާޅުވީ އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރީ އެތަނުގައި ކަމަށާއި، އެތަނުން ތަޖުރިބާކާރު މުވައްޒަފުންނާއި އެތަނުގައި މަސައްކަތް ކުރާތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މުވައްޒަފުން ވަކި ކުރި ކަމަށެވެ.
ބޮޑެތި ތަޖުރިބާކޮށްފައި ހުރި މަސައްކަތްތަކުގައި އުޅުނު އޭގެ ބަދަލުގައި އެހެން މީހަކު ނުލިބޭ ކަހަލަ މީހުން ވަކި ކުރި، ވަކި ކޮށްފައި ބައެއް މީހުން ވަޒީފާއަށް އަނބުރާ ގެނެސްފި. އެހެންނަމަވެސް 150ށް ވުރެ ގިނަ މީހުން އައްޑޫއިން އެކަނި ވެސް ވަޒީފާއިން ވަކި ކުރެވިއްޖެ، މިއީ އަޅުގަނޑަށް ހަމަ ވަރަށް ބޮޑު ގޮންޖެހުމަކަށް ވި މިކަމުގައި އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް އެމްޑީޕީގެ އިންތިހާބުތަކަށް ވާގިވެރިވެ އެހީތެރިވެދިން ފަރާތްތައް ވަކި ކުރުމަކީ މިއީ ބަލައިގަނެވޭ ކަމެއް ނޫންއަބްދުﷲ ސާދިޤު (ސޯބެ)
ފެނަކައާއި ވެމްކޯއާއި ހިތަދޫ ޕޯޓްސް ލިމިޓެޑް އަދި އެހެނިހެން އެސްއޯއީތަކުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންގެ ތެރެއިން އޭނާގެ ކެމްޕެއިންގައި ބައިވެރިވި މުވައްޒަފުން ވަކި ކުރުމަކީ ދިމާވި ގޮންޖެހުމެއް ކަމަށް މެންބަރު ސޯބެ ވިދާޅުވި އެވެ.
މީގެ އިތުރުން، މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަމުންދާ އިސްލާހުތަކާއި ގުޅޭ ގޮތުން ވެސް މެންބަރު ސޯބެ ވާހަކަދައްކަވާފައިވެ އެވެ.
މިހާރު މި ސަރުކާރުން މި ދައުރު ފެށުނު ފަހުން 20 ވަނަ މަޖިލިސް ފެށުނު ފަހުން ގެންނަމުން މި އަންނަ އިސްލާހުތަކަށް ބަލާއިރު އަޅުގަނޑަށް މި ފެންނަނީ ހަމަ 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަދަލުވުމަށްފަހު ދެން ލާމަރުކަޒީ ގާނޫނާއި ކުޅެން އެ ފެށި ގޮތަށް ހަމަ އެ ބަދަލުތައް ގެންނަން އެ ފެށީ ފަހަރަކު ބާރެއް ފަހަރަކު ބާރެއް ނަގަމުން ނަގަމުން ގޮސް އެންމެ ފަހުން އޭރު 2015 ވަނަ އަހަރު ގާނޫނުގައި މި ޖެހީ ސިޓީ ކައުންސިލްތަކުގެ ބާރުތަކާއި މަސައްކަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އޭއަބްދުﷲ ސާދިޤު (ސޯބެ)
ޕީޕީއެމް ޕީއެންސީގެ ވިސްނުމުގައި ލާމަރުކަޒުކޮށް ރާއްޖެ ހިންގުމަކީ އޮންނަ ކަމެއް ނޫން ކަމަށް މެންބަރު ސޯބެ ވިދާޅުވި އެވެ. އަދި މިހާރު ލާމަރުކަޒީ ގާނޫނުގައި ހުރި ރަނގަޅު ކަންކަން އިސްލާހުގެ ނަމުގައި، މަރުކަޒު ކުރުމުގެ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.
މެންބަރު ސޯބެ ވިދާޅުވީ، އެއްވެސް ކައުންސިލަކުން އެ ރަށެއްގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަން ހުއްޓުވުމަކަށް ނުގެންނާނެ ކަމަށާއި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހުގެ ބޭނުމަކީ ކައުންސިލްތައް އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ބާރު ކަނޑުވާލުން ކަމަށެވެ.




