މަސްތުވާތަކެތީގެ މައްސަލައިގައި ކުޅުދުއްފުށިން 4 މީހުން ހައްޔަރުކޮށްފި
7 އޯގަސްޓު 2026 | ހުކުރު 18:11މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކުޅުދުއްފުށިން ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފި. ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި މި މީހުން އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 57 ސެލޯފިންކޮޅު ފެނިފައިވާއިރު، މި މައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން


ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި 4 މީހުން | މޯލްޑިވްސް ޕޮލިސް ސާރވިސް
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.
ކުޅުދުއްފުށީގައި ހިންގި މި ދެ އޮޕަރޭޝަންގެ ތެރެއިން 2026 އޮގަސްޓު 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ދޫޑިގަން، ކަރަންފޫގެ / ޏ. ފުވައްމުލައް، މުޙައްމަދު އުމީން (19އ) އާއި ފަހިވާ / ހދ. ކުމުންދޫ، ޢާއިޝަތު ޢަލީ (30އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލުން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 27 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 7.59 ގުރާމް ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އުމީން 15 ދުވަހަށް އަދި ޢާއިޝަތު ޢަލީ 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އޮގަސްޓް 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އުރަހަ / ހދ. ކުޅުދުއްފުށި، ޙުސައިން ނަޢީމް (44އ) އާއި ބަންޑާރަހިޔާ 002ޕީ / ހދ.ކުޅުދުއްފުށި، ޢަބްދުއްރަޙްމާން މުޙައްމަދު (45އ) އެވެ. ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 9.71 ގުރާމް ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.











