Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައިސީސީ

ބަދުއަޚުލާގީ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި ބައިނަލްއަގުވަމީ ޖިނާއީ ކޯޓުގެ އިސް ޕްރޮސިކިއުޓަރު ކަރީމް ޚާން މަގާމުން ވަކިކޮށްފި

25 ޖުލައި 2026 | ހޮނިހިރު 04:55

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް އިންކާރު ކުރެއްވި ނަމަވެސް، މި މައްސަލައިގެ ސަބަބުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ އިތުބާރާއި މުޅި އޮނިގަނޑަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި.

ރާއްޖެ އެމްވީ | 25 ޖުލައި 2026 | ހޮނިހިރު 04:55
ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ ޕްރޮސެކިއުޓަރ ކަރީމް ޚާން ވިދާޅުވީ، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކީ ސިޔާސީ ނުފޫޒު އެކުލެވޭ މައްސަލައެއް ކަމަށާއި، އެއީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އެދިވަޑައިގަތުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށް

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ ޕްރޮސެކިއުޓަރ ކަރީމް ޚާން ވިދާޅުވީ، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކީ ސިޔާސީ ނުފޫޒު އެކުލެވޭ މައްސަލައެއް ކަމަށާއި، އެއީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އެދިވަޑައިގަތުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށް | ރޮއިޓާސް

ބަދުއަޚުލާގީ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ އިސް ޕްރޮސިކިއުޓަރު ކަރީމް ޚާން މަގާމުން ވަކިކުރުމަށް އެ ކޯޓުގެ މެންބަރު ގައުމުތަކުން ވޯޓު ދީފި އެވެ.

އައިސީސީގެ ތިންވަނަ ޕްރޮސިކިއުޓަރުގެ މަގާމަށް 2021 ވަނަ އަހަރު އިންތިޚާބު ކުރެވުނު ކަރީމް ޚާން، މިދިޔަ މަހު ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ. އޭނާ މަގާމުން ވަކިކުރުމަށް ފާސްވީ 82 ގައުމެއްގެ ވޯޓާއެކުގަ އެވެ.

ކޯޓުގެ ކަންކަން ބަލަހައްޓާ މިނިވަން އިދާރާއިން މިދިޔަ ޖޫން މަހު ހާމަކުރި ގޮތުގައި، ކަރީމް ޚާން ވަނީ އައިސީސީގެ ޖޫނިއާ މުވައްޒަފަކާއެކު ނޭދެވޭ ޖިންސީ ގުޅުމެއް ބާއްވައި، އެ މުވައްޒަފު ހުށަހެޅި ޝަކުވާ ކުރިއަށް ގެންދިޔަ ނުދީ ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ. މިއީ މަގާމުގެ މަސްއޫލިއްޔަތާ ޚިލާފުވުމުގެ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ އިދާރާއިން ވަނީ ކަނޑައަޅާފަ އެވެ.

ކަރީމް ޚާން ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކަށް ތަކުރާރުކޮށް އިންކާރު ކޮށްފަ އެވެ. އޭނާގެ ވަކީލު ވިދާޅުވީ، މި ނިންމުމަކީ ގާނޫނީ ގޮތުން ސައްހަ އަދި އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ބުނެ، ގާނޫނީ ހުރިހާ ދާއިރާއެއްގެ ތެރެއިން އެ ނިންމުން އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.

މަގާމުން ވަކިކުރެވުނު ޕްރޮސިކިއުޓަރަށް ގާނޫނީ ގޮތުން ދެން ހުޅުވިފައި އޮތީ ކޮން މަގުތަކެއްކަން މިވަގުތު އަދި ސާފެއް ނުވެއެވެ.

ވޯޓަށް ފަހު އައިސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަރީމް ޚާން މަގާމުން ވަކިކުރުމަށް ވޯޓު ދިން 125 މެންބަރު ގައުމު ހިމެނޭ "އެސެމްބްލީ އޮފް ސްޓޭޓްސް ޕާޓީސް" ގެ ޚާއްސަ ބައްދަލުވުމުގެ ނިންމުން ބަލައިގަންނަ ކަމަށެވެ.

އައިސީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ކޯޓުގެ ހުރިހާ މުވައްޒަފުންނަށް ރައްކާތެރި، އެންމެން ބައިވެރިކުރެވޭ، އަދި އިހުތިރާމް ލިބިގެންވާ މަސައްކަތުގެ މާހައުލެއް ގާއިމުކޮށް ދެމެހެއްޓުމަށް އެންމެ އިސްކަމެއް ދޭނެ ކަމަށެވެ.

ނަމަވެސް، މި މުޅި މައްސަލައަކީ ހަމައެކަނި ޕްރޮސިކިއުޓަރެއްގެ މުސްތަގުބަލާ ގުޅިފައިވާ ކަމެއް ނޫނެވެ. މިއީ ހަނގުރާމައިގެ ކުށްތައް ބަލާ ދުނިޔޭގެ ހަމައެކަނި ދާއިމީ ކޯޓުގެ މުޅި އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމެކެވެ.

ބަދުއަޚުލާގީ އަމަލުތަކުގެ މި ތަހުގީގުގެ ސަބަބުން އައިސީސީއަށް ވަނީ ބައިނަލްއަގުވާމީ ބޮޑު ސަމާލުކަމެއް ހުއްޓިފައެވެ. މީގެ އިތުރުން، ކޯޓުގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުންތައް ބޮޑުވެ، މުޅި ކޯޓުގެ ބާރު ކަނޑުވާލައި އުވާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތަކާ މި މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.

ކޯޓަށް ތާއީދުކުރާ ފަރާތްތަކުގެ ބޮޑު ބިރަކީ، މި ހާދިސާގެ ސަބަބުން ކޯޓު ބަލިކަށިވެ، ދުނިޔޭގައި ހިނގާ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގާބިލުކަން ކުޑަވެގެން ހިނގައިދާނެ ކަމުގެ ބިރެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ވަކީލެއް ކަމަށްވާ ކަރީމް ޚާން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުން ދިފާއުވުމަށްޓަކައި 2025 ވަނަ އަހަރުގެ މޭ މަހުން ފެށިގެން ހުންނެވީ އަމިއްލައަށް އެދިވަޑައިގެން ވީއްލުމެއްގަ އެވެ. އިނގިރޭސިވިލާތުގެ ބާ ސްޓޭންޑަޑްސް ބޯޑުން އަމިއްލަ ތަހުގީގެއް ހިންގަމުންދާތީ، އެ ގައުމުގައި ވަކާލާތު ކުރުންވެސް އޭނާއަށް ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވި މި ވޯޓުގައި ކަރީމް ޚާނަށް ބައިވެރިވެވަޑައެއް ނުގެންނެވުނެވެ. އެއީ ޣައްޒާގައި އިސްރާއީލުގެ އޮފިޝަލުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ކުށްތައް އައިސީސީން ތަހުގީގު ކުރާތީ، ޓްރަމްޕް ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އޭނާ އެމެރިކާއަށް ވަނުން މަނާކޮށްފައިވާތީ އެވެ.

އޭނާ މަގާމުން ވަކިކުރި ނަމަވެސް، މި މައްސަލައިގެ ތެރެއިން އުފެދިފައިވާ ހިޔާލުތަފާތުވުންތައް ނިމުމަކަށް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.

މި ނިންމުން އައިސްފައިވަނީ ކޯޓުގެ މަސައްކަތްތަކަށް ބައިނަލްއަގުވާމީ ދުނިޔޭގެ ފާޑުކިޔުންތައް އިންތިހާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ކަރީމް ޚާން އަންހެން މުވައްޒަފަކާއެކު ބަދުއަޚުލާގީ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުތައް ތިންވަނަ ފަރާތަކުން އައިސީސީއަށް ފުރަތަމަ ރިޕޯޓުކުރީ 2024 ވަނަ އަހަރުގެ މޭ މަހު އެވެ.

ކޯޓުގެ އިންޑިޕެންޑެންޓް އޯވަސައިޓް މެކޭނިޒަމް (އައިއޯއެމް) އިން އެ މައްސަލަ ތަހުގީގު ކުރަން ފެށި ނަމަވެސް، އަނިޔާ ލިބުނު ކަމަށް ބުނާ މުވައްޒަފު ތަހުގީގުގައި ބައިވެރިވާން އިންކާރު ކުރުމުން އެ މައްސަލަ ފަހުން ވަނީ ބަންދުކޮށްފަ އެވެ.

މި މައްސަލަ ކުރިއަށް ގެންދިޔަ ގޮތާ މެދު ފާޑުކިޔާ ފަރާތްތަކުން ބުނަނީ، ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ގޯސްކޮށް ކަމަށާއި، މީގެ ސަބަބުން އައިއޯއެމްއަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ.

އެ ފަހަރު ތަހުގީގު ކުރި ފަރާތްތަކުން ބުނެފައިވަނީ، އެ ތުހުމަތުތައް ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދެވަނަ ފަހަރަށް މި މައްސަލަ ހުށަހެޅުނެވެ. އެއާއެކު، މި މައްސަލަ އދ. ގެ އޮފީސް ފޯ އިންޓަރނަލް އޯވަސައިޓް ސަރވިސަސް (އޯއައިއޯއެސް) އަށް ބަދަލުކުރެވުނެވެ. އެ އިދާރާއިން ވަނީ ބަދުއަޚުލާގީ އަމަލުތަކާއި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ތުހުމަތުތަކާ ގުޅޭ ފުޅާ ތަހުގީގެއް ހިންގާފަ އެވެ.

2024 ނޮވެމްބަރުން 2025 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދިޔަ އެ ތަހުގީގުން 5،000 އަށްވުރެ ގިނަ ސަފުހާގެ ހެއްކާއި ބަޔާންތައް ހޯދާފައިވެ އެވެ.

އޯއައިއޯއެސްގެ ހޯދުންތައް ދިރާސާކުރީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. އެ ޕެނަލްގެ މަސްއޫލިއްޔަތަކީ ކަރީމް ޚާންގެ އަމަލުތަކަކީ ސީރިއަސް ކުށެއްތޯ ނުވަތަ ނޫންތޯ ބަލައި ލަފާދިނުމެވެ.

މި ތުހުމަތުތައް ފެންމަތިވެފައިވަނީ ސިޔާސީ ގޮތުން ބޮޑެތި ނުތަނަވަސްކަން އުފެދި، އައިސީސީއަށް އާދަޔާ ހިލާފު ޕްރެޝަރުތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޣައްޒާ  ހަނގުރާމައާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް ކަރީމް ޚާން އެދިވަޑައިގަތުމާ ގުޅިގެން، އެމެރިކާއިން ވަނީ އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.

ފަހަކަށް އައިސް އައިސީސީއާ މެދު ވޮޝިންގޓަނުން ގެންގުޅޭ ސިޔާސަތުތައް ވަނީ ކުރިއަށްވުރެ ބޮޑަށް ހަރުކަށިވެފަ އެވެ.

މަސްދަރު: ބީބީސީ

ކަރީމް ޚާންއިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)

އިތުރަށް ކިޔާލަން

21 ޖުލައި 2026

މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި

21 ޖުލައި 2026
މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި
13 ޖުލައި 2026

ބައިނަލް އަގްވާމީ ކުރިމިނަލް ކޯޓު ހުއްޓުވުމަށް އެމެރިކާ ސަރުކާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ތެދުވެއްޖެ

13 ޖުލައި 2026
ބައިނަލް އަގްވާމީ ކުރިމިނަލް ކޯޓު ހުއްޓުވުމަށް އެމެރިކާ ސަރުކާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ތެދުވެއްޖެ
24 ޖޫން 2026

ނައިޖަރ އިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ވަކިވުމުގެ ރަސްމީ މަރުހަލާ ފަށައިފި

24 ޖޫން 2026
ނައިޖަރ އިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ވަކިވުމުގެ ރަސްމީ މަރުހަލާ ފަށައިފި
21 ނޮވެމްބަރު 2024

ހަނގުރާމައިގެ ކުށުގެ ތުހުމަތުގައި ނަތަންޔާހޫ، ގަލަންޓް އަދި ހަމާސްގެ ކޮމާންޑަރެއް ހައްޔަރު ކުރުމުގެ އަމުރު ނެރެފި

21 ނޮވެމްބަރު 2024
ހަނގުރާމައިގެ ކުށުގެ ތުހުމަތުގައި ނަތަންޔާހޫ، ގަލަންޓް އަދި ހަމާސްގެ ކޮމާންޑަރެއް ހައްޔަރު ކުރުމުގެ އަމުރު ނެރެފި
22 މެއި 2024

އިޒްރޭލުގެ ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އައިސީސީ އަށް ހުށަހެޅުމުން ބައިނަލް އަގްވާމީ މުޖްތަމައުން ތާއީދު ކޮށްފި

22 މެއި 2024
އިޒްރޭލުގެ ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އައިސީސީ އަށް ހުށަހެޅުމުން ބައިނަލް އަގްވާމީ މުޖްތަމައުން ތާއީދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް