ޕްރެޝަރު ބޮޑުވުމުން އެމްއޭސީއެލް އިން ރަމަޟާން މަހު އޯޓީ ދޭން ނިންމީ 8 ގަޑިއިރު ޑިއުޓީ ކުރަން މަޖުބޫރު ކުރުމަށްފަހު!
ރަމަޟާން މަހު ޑިއުޓީ އުސޫލުން މަސައްކަތްކުރާ މުވައްޒަފުންނަށް 8 ގަޑިއިރަށްވުރެ އިތުރުވާ ވަގުތަށް ފައިސާ ދިނުމަށާއި، ރަމަޟާން މަހުގެ ފަހު 10 އެއްގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދިނުމަށް އެމްއޭސީއެލް އިން ވަނީ ނިންމައިފައި. މި ބަދަލު ގެނެސްފައިވަނީ އިތުރުގަޑީގެ ފައިސާ ދިނުމުގައި ކުރިން ގެންގުޅުނު އުސޫލާ ގުޅިގެން މުވައްޒަފުންގެ ނުރުހުމާއި ފާޑުކިޔުން ކުންފުންޏަށް އަމާޒުވެފައި ވަނިކޮށް. މީގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 އަކީ އެ ކުންފުނީގެ އިދާރީ މުވައްޒަފުންނަށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ވެސް މިހާރު ވަނީ ކަނޑައަޅާފަ.


އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު: ޕްރެޝަރު ބޮޑުވުމުން އެމްއޭސީއެލް އިން ރަމަޟާން މަހު އޯޓީ ދޭން ނިންމީ 8 ގަޑިއިރު ޑިއުޓީ ކުރަން މަޖުބޫރު ކުރުމަށްފަހު. | އެމްއޭސީއެލް
އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެ، ޕްރެޝަރު ބޮޑުވުމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ރަމަޟާން މަހު 8 ގަޑިއިރު މަސައްކަތް ކުރަން މަޖުބޫރުކޮށް، އިތުރު ގަޑީގެ ފައިސާ ދޭން ނިންމައިފި އެވެ.
އެމްއޭސީއެލް ގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރުވާ ވަގުތަށް ކަމަށް އެކުންފުނިން ވަނީ ނިންމާފަ އެވެ. އޭރު އެ ކުންފުނިން ނެރުނު ސަރކިއުލަރގައި ބުނީ، 1447 ވަނަ އަހަރު ރަމަޟާން މަހުގެ ރަސްމީ ގަޑި އަދި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު، އެކުންފުނީގެ އިދާރީ މުވައްޒަފުންގެ މަސައްކަތު ވަގުތަކީ 4 ގަޑިއިރާއި 30 މިނެޓް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ރަމަޟާން މަހު އިތުރުގަޑީގެ ފައިސާ ލިބޭނީ އެހެން މަސްތަކެކޭ ވެސް އެއްފަދައިން ހަފްތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކޮށްފައިވާ ވަގުތަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެހެންކަމުން ރަސްމީ ވަގުތުގެ ބޭރުން ކުރާ މަސައްކަތްތަކަށް 48 ގަޑިއިރު ނުވާ ނަމަ، އިތުރުގަޑީގެ ފައިސާ މުވައްޒަފުންނަށް ނުލިބޭނެ އެވެ.
އެމްއޭސީއެލްގެ މި ނިންމުމާ ގުޅިގެން ގިނަ މުވައްޒަފުން ވަނީ ސޯޝަލް މީޑިއާ ގައި މިކަމުގެ ނުރުހުން ފާޅު ކޮށްފަ އެވެ. މިއީ ރަމަޟާން މަހު މުވައްޒަފުންނަށް ކުރާ ދައްޗެއް ކަމަށާއި، ޑިއުޓީގައި ކޮންމެ ދުވަހަކު ވެސް ޑިއުޓީ ބޭރުން މަސައްކަތް ކުރަން ޖެހޭ ކަމަށް މުވައްޒަފުން ބުނެފައިވެ އެވެ. އަދި 48 ގަޑިއިރު ހަމަނުވި ނަމަވެސް އިތުރު ވަގުތު ކުރާ މަސައްކަތަށް ފައިސާ ދޭން ޖެހޭ ކަމަށް މުވައްޒަފުން ބުނެފައިވެ އެވެ.
ގިނަ ބައެއްގެ ފާޑުކިޔުން ކުންފުންޏަށް އަމާޒުވެފައި ވަނި ކޮށް، ޕްރެޝަރު ބޮޑުވެގެން އެންމެފަހުން އެ ކުންފުނިން ވަނީ އާދިއްތަ ދުވަހުގެ ދަންވަރު 12:44 ގައި މިކަމާ ގުޅޭ އައު ސަރކިއުލާ އެއް ނެރެފަ އެވެ. އަދި އެކަން ވައިބަރ ގްރޫޕްތަކަށް އަންގާފަ އެވެ.
އާދިއްތަ ދުވަހުގެ ދަންވަރު އެމްއޭސީއެލް އިން ނެރުނު ސަރކިއުލާގައި ބުނީ ފާއިތުވި އަހަރުތަކެކޭ ވެސް އެއްފަދައިން 1447 ވަނަ އަހަރުގެ ރަމަޟާން މަހު ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮންމެ ދުވަހަކު 5 ގަޑިއިރުގެ އިތުރަށް 8 ގަޑިއިރާ ހަމައަށް މަސައްކަތްކުރާ ވަގުތަށް އެ މުވައްޒަފެއްގެ އަސާސީ މުސާރަ އިން މަސައްކަތް ކުރި ވަގުތަށް ފައިސާ ދެވޭނެ ކަމަށެވެ.
އޭގެ އިތުރުން އެ ކުންފުނިން ބުނީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ އެ ކުންފުނީގެ އިދާރީ (ނޮން ޝިފްޓް) މުވައްޒަފުންނަށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކުންފުނިން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ރަމަޟާން މަހުގެ ފަހު 10 ދުވަހު ތާވަލުކޮށްގެން ވަޒީފާ އަށް ނުކުންނަ މުވައްޒަފުންނަށް އުސޫލުތަކުގެ ތެރެއިން ފުރިހަމަ ކުރައްވާ ކޮންމެ ޑިއުޓީ އަކަށް ހާފް- ވޭ އެލަވަންސް ލިބޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.








