ކ. މާލެ
|
13 ސެޕްޓެންބަރ 2017 | ބުދަ 09:32
ވަކީލުންތައް ސުޕްރީމް ކޯޓުގެ ބޭރުގައި
ވަކީލުންތައް ސުޕްރީމް ކޯޓުގެ ބޭރުގައި
ރާއްޖެ އެމްވީ
ވަކީލުން ސަސްޕެންޑް ކުރުން
ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟
 
ވަގުތީ ގޮތުން މައްސަލަ ބަލަން ސަސްޕެންޑް ކުރިޔަސް މައްސަލައެއް ނުބަލާ
 
ޝަމީމްގެ މައްސަލައެއް ބަލަން ސަސްޕެންޑް ކުރިތާ ދެ އަހަރު
 
ވަކީލުން ސަސްޕެންޑް ކުރުމުން އެތައް ބަޔަކަށް ބޮޑެތި ގެއްލުން

ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް ވެފައި ތިބި ކަމަށް ބުނުމުން، މި ޖުމްލަ ހަމަނުޖެހޭ ކަމަށް ފާހަގަކުރެވިދާނެ އެވެ. ތެދެކެވެ. ޖުމްލަ ހަމައެއް ނުޖެހެ އެވެ. 56 ވަކީލުންނަށް އެޅި ވަގުތީ ފިޔަވަޅު ވެސް އޮތީ ހަމަ މިފަދަ ގޮތަކަށެވެ. ވަގުތީ ފިޔަވަޅު ތާއަބަދަށް ދިގުދެމިގެންދާ ގޮތް ކިޔައިދޭނަމެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން 56 ވަކީލަކު ސަސްޕެންޑް ކުރީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަމާއި، ފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް ހުރަސް އެޅޭގޮތަށް ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއިބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤުކުރަމުންދާ ކަމަށް ބުނެ އެވެ. 

ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުގައިވާ އިބާރާތް ކިޔާލުމުން، ވަކީލުން ސަސްޕެންޑްކުރީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލަ ބަލައި ނިމެންދެންކަން އެނގެ އެވެ. މި އިބާރާތުން މިއީ ވަގުތީ ފިޔަވަޅެއްކަން ހާމަވެ އެވެ.

ޕެޓިޝަނުގައި ސޮއިކުރެއްވީ 56 ވަކީލެކެވެ. 54 ވަކީލުން ސަސްޕެންޑް ކުރުމަށް ނިންމި ކަމަށް ވެބްސައިޓުގައި ބުނެފައިވަނީ، ޕެޓިޝަނުގައި ސޮއިކުރިއިރު ވެސް ދެ ވަކީލަކު ސަސްޕެންޑް ކޮށްފައިވާތީ އެވެ. އެއީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އެވެ. އަލީ ހުސެއިން ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އެވެ. ޝަމީމް ސަސްޕެންޑް ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު 4 ވަނަ ދުވަހު އެވެ. 

ޝަމީމްގެ ސަސްޕެންޑް ކުރުމަށް ފަހު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ޝަމީމަށް ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަނާކޮށްފައި ވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދު" ގެ 3.2 ގެ (ހ)، (ނ)، (ރ)، (ބ) އަދި (މ) އާ ޝަމީމް ޚިލާފުވެފައިވާކަމުގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދާތީ، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ކަމަށެވެ. 

ވަގުތީ ގޮތުން ކޯޓުތަކުގައި ވަކާލާތު ކުރުން ޝަމީމް އަށް މަނާ ކުރުމުން އޭނާ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓަށް ސިޓިއެއް ހުށަހަޅުއްވާފަ އެވެ. ވަކާލަތު ކުރުމުގެ ހުއްދަ އެއްވެސް ސަބަބަކާހުރެ ސަސްޕެންޑްވާކަން ނުވަތަ ނޫންކަމާއި، ސަސްޕެންޑް ވާނަމަ އެކަން އެގޮތަށް ހިނގާފައިވާ ސަބަބާއި، އެކަމާ ގުޅޭގޮތުން ކުރަންވީ ކަމަކީ ކޮބައިކަން ލިޔުމަކުން އަންގައި ދެއްވުން އެދި ޝަމީމް ފޮނުއްވި ސިޓީ ސުޕްރީމް ކޯޓުން ވަނީ ބަލައިނުގަނެ އަނބުރާ ފޮނުވާލާފަ އެވެ. ޝަމީމް ސަސްޕެންޑް ކުރި މައްސަލައާ ގުޅޭ ގޮތުން އޭނާގެ ބަޔާން ނަގާފައިވަނީ މިއަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު އެވެ. އޭގެ ފަހުން ވެސް، ޝަމީމް ވަނީ ކޯޓަށް ސިޓީއެއް ފޮނުއްވާފަ އެވެ. ޝަމީމް ފޮނުއްވި ސިޓީގައި އެދިވަޑައިގަތީ ސުޕްރީމް ކޯޓަށް ފެންނަ އަދަބެއް އޭނާއަށް ދިނުމަށް ފަހު އެ މައްސަލަ ނިންމައި ދިނުމަށެވެ. ނަމަވެސް، މައްސަލަ މިއަދާ ހަމައަށް ވެސް ނިންމާފައެއް ނުވެ އެވެ. މައްސަލައެއް ބަލަން އެޅި ވަގުތީ ފިޔަވަޅުގެ ޝިކާރައަކަށްވެ ތާއަބަދަށް ދިގު ދެމިގެންދާ ސަސްޕެންޝަނެއްގައެވެ.

 

ވަކީލުންގެ އިގުރާރު

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވާ ގޮތުގައި ވަކީލުން ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދާއި، އެ ޤަވާޢިދުގެ ޖަދުވަލު 1 ގައިވާ ޤާނޫނީ ވަކީލުންގެ އިޤުރާރާ ޚިލާފުވެފަ އެވެ.

ޤާނޫނީ ވަކީލުންގެ އިޤުރާރުގައި ވަނީ "އަހުރެން، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގައާއި، ދިވެހިރާއްޖޭގެ ޝަރްޢީ ކޯޓުތަކުގައި ޤާނޫނީވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުމުގައި، އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ރައްކާތެރިވުމަށާއި، ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް ރައްކާތެރިވުމަށާއި، ޝަރުޢީ އުސޫލުތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު، ޤާނޫނީ ވަކީލެއްގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް އަދާކުރުންމަތީ ދެމިހުރުމަށް، މާތްالله ގަންދީ ހުވާކުރަމެވެ." މިފަދައިންނެވެ.

ވަކީލުން ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނުގައި ވަނީ ގާނޫނު އަސާސީއާއި ގާނޫނު ނެގެހެއްޓުމުގެ ވާހަކަ އެވެ. ޝަރުއީ އުސޫލުތައް ދެމެހެއްޓުމުގެ ވާހަކަ އެވެ. ރައްޔިތުންގެ އަސާސީ ހައްގުތަކަށް ރައްކާތެރިކޮށްދިނުމުގެ ވާހަކަ އެވެ. ވަކީލުން މާތް ﷲ ގަންދީ ހުވާކޮށްފައިވަނީ މިކަންތައްތައް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު އަދާކުރުމަށެވެ. 

ޕެޓިޝަނުގައި ހުރި މިވާހަކަތަކެވެ. "ފަނޑިޔާރު ނިންމާ ނިންމުމަކީ ވަކިފަރާތަކަށް ނުޖެހޭ، އިންސާފުވެރި ނިންމުމެއް ކަމުގައި ވުމުގެ އެންމެ މައިގަނޑު ޝަރުތަކީ މައްސަލަ ބަލާ އިޖުރާއަތު ހިންގާފައިވަނީ،  ފޮތުގައި އޮތްގޮތަށް އަކުރުން އަކުރަށް ކަމަށްވުމެވެ. އަދި ގާނޫނު އަސާސީގައިވާ ގޮތަށް ހުޅުވާލެވިފައިވާ ޝަރީއަތުގެ މަޖިލީހެއްގައި ހާމަކަމާ ހަމަހަމަކަމާއެކު ޝަރީއަތުގެ އިޖުރާއަތުތައް ހިންގުމެވެ. އަދި ދައުވާ ލިބޭފަރާތަށް ކުށުން ބަރީއަވުމަށްޓަކައި ތައްޔާރުވުމަށް އެކަށީގެންވާ ފުރުސަތާ ވަސީލަތްތައް ދިނުމެވެ. އަދި އެންމެންގެ މައްޗަށް ހިންގޭ ޝަރީއަތްތައް އެއްވެސް އިސްތިސްނާއެއްނެތި އެއްމަގަކުން އެއްގަވާއިދަކުން އެއް އުސޫލަކުން ހިންގުމެވެ. ވަކި މީހަކަށްވީމަ އެމީހަކަށް ޚާއްސަ ގޮތަކަށް ޚާއްސަ އިޖުރާއަތެއް ނުގެންގުޅުމެވެ. ސިޔާސީ ފަރާތްތަކުގެ މައްޗަށް ކުރެވޭ ދައުވާތައް ފަޓާސްބަރިއެއްހެން ބަލައި، އިޖުރާއަތުތައް ކުރު ގަޅުވާލައި، ދައުވާއިން ދިފާއުވުމަށް ފުރުސަތު ނުދީ ރެއާދުވާލު މެދުކެނޑުމެއްނެތި މައްސަލަބަލައި ދަންވަރު ހުކުމްކުރުމަކީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާއި 51 ވަނަ މާއްދާއާއި 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާއި ޚިލާފުގޮތެކެވެ. ސިޔާސީ މީހުންގެ މައްޗަށް ހިންގޭ ޝަރީއަތްތައް ހިންގަންޖެހޭނީ އާންމުންގެ ތެރެއިން އެންމެ ދެރަނިކަމެތި މީހާގެ މައްސަލަވެސް ބަލާ އުސޫލުން އެއިޖުރާއަތުގެ ތެރެއިން އެއް ސްޕީޑެއްގައެވެ."

 

ޕެޓިޝަނުގައި ހުރި މައްސަލަަތައް ސީރިއަސް ކަން ހާމަވުން

ވަކީލުންގެ ޕެޓިޝަނުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ވާހަކަ ފާހަގަކޮށްފައިވާއިރު އޭގެ ތެރޭގައި ސުޕްރީމް ކޯޓް ވެސް ހިމެނެ އެވެ. އެގޮތުން ވަކީލުންގެ ބެލެނިވެރިއްގެ ހައިސިއްޔަތުން ވަކީލުންގެ އެންމެހައި ކަންތައްތައް ބަންޑާރަނައިބުގެ އޮފީހުން ބަލަހައްޓަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގެ ދަށުން ވަކީލުންގެ އެންމެހައި ކަންތައްތައް ބެލުމުގެ ޒިންމާ އަމިއްލަފުޅަށް ނަންގަވާފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި މިގޮތަށް ނެންގެވުމުގެ ނަތީޖާއެއްގެ ގޮތުން އަލަށް ކިޔަވާ ދަސްވެނިވާ ކުދިންނަށް ވަކާލާތު ކުރުުމުގެ ހުއްދަ ނުލިބި ލަސްވުމާއި ވަކީލުންގެ މަސައްކަތަށް ސުޕްރީމް ކޯޓުން ސީދާ ގޮތެއްގަައި ނުފޫޒު ފޯރުވައި  ނުތަނަވަސްކަން އުފައްދަވާކަން ފާހަގަކޮށްފައިވެއެވެ. ގާނޫނީ ވަކީލުންގެ ތެރެއިން ސުލޫކީ ފިޔަވަޅު އަޅަންޖެހޭ ވަކީލުންގެ މައްޗަށް ސުލޫކީ ފިޔަވަޅު ނޭޅޭކަންވެސް ފާހަގަކޮށްފައިވެއެ.  އޭގެ ބަދަލުގައި ފިޔަވަޅު އެޅިގެންދާތަން ފެންނަނީ އިންސާފު ނުލިބިގެން އެވާހަކަ ދައްކާ ވަކީލުންގެ މައްޗަށް ކަމާއި ވަކީލުން ތަމްސީލު ކުރާނޭ ވަކީލުންގެ ހައްގުތައް ހޯދާނާ މުއައްސަސާއެއް ނެތްކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ވަކީލުންނަށް މިހާރު ދިމާވެފައިވާ ހާލަތާ ގުޅޭ ގޮތުން ވެސް ޕެޓިޝަނުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމަކީ ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށް ލިބިދީފައިވާ ޙައްގެއްކަމާއި އަދި އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެނަމަ އެ ކަމެއް ކޯޓަށް ހުށަހެޅުމުގެ ހައްގަކީވެސް ކޮންމެ މީހަކަށް ގާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ އަސާސީ ހައްގެއްކަން ފާހަގަކޮށް ވަކީލުން ބުނެފައިވަނީ ސުޕްެރީމްކޯޓުން ވަކީލުންގެ ހުއްދަ ބާތިލްކުރާއިރު ޖަވާބު ދާރީވުމަށް ވަކީލުންނަށް ފުރުސަތެއް ނުދޭ ކަމަށެވެ. އަދި އަޅާ އިދާރީ ފިޔަވަޅު ކޯޓަށް ހުށަހެޅުމުގެ ފުރުސަތުވެސް ނުދޭ ކަމަށެވެ.

ޕެޓިޝަނުގައި ސޮއިކުރި ހުރިހާ ވަކީލުން ސަސްޕެންޑް ކުރިއިރު، އޭގައި ސޮއިކުރިންތޯ އަހާލާފައެއް ވެސް ނުވެ އެވެ. ޖަވާބުދާރީވުމުގެ ފުރުސަތެއް ދީފައެއް ނުވެ އެވެ. މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ. ވަކީލެއް ހާޒިރުކޮށް ސުވާލެއް ވެސް ކޮށްލާފައެއް ނުވެ އެވެ. ވެބްސައިޓަށް އަރުވާލި ލިސްޓަކާއި ބަސްކޮޅަކުން ވަކީލުންތައް ސަސްޕެންޑްވެ ނިމުނީ އެވެ. 

 

ވަގުތީ އަދި ދާއިމީ ފިޔަވަޅުގެ ނަތީޖާ

ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ހާހެއްހާ ވަކީލުންނަށް ދީފައޮތް ނަމަވެސް، އާންމުކޮށް ކޯޓުތަކުގައި ވަކާލާތު ކުރައްވަނީ މަދު އަދަދެއްގެ ވަކީލުންނެވެ. ބައެއް ވަކީލުން ސަރުކާރު ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތް ކުރާއިރު، އާންމުކޮށް ދިފާއީ ވަކީލުންގެ އަދަދު ވަރަށް މަދެވެ. އެގޮތުން ސަސްޕެންޑް ކުރި 56 ވަކީލުންނަކީ އާންމުކޮށް ވަކާލާތު ކުރައްވާ ބޭފުޅުންނެވެ. މި 56 ވަކީލުންގެ އަތުގައި 500 އަށް ވުރެ ގިނަ މައްސަލަ އޮތް އިރު، ވަކީލުން ސަސްޕެންޑް ކުރުމާއެކު ގެއްލިގެން މި ދިޔައީ އެތައް ބައެއްގެ ހައްގުތަކެވެ. ވަކީލެއްގެ އެހީތެރިކަމާއެކު މައްސަލަަކުން ދިފާއުވުމާއި ހައްގުތައް ހޯދުމުގެ ހައްގު ގެއްލިގެން ދިޔައީ އެވެ. ވަކީލުންނަށް ޕޭމަންޓް އެއްކޮށް ދައްކާފައިވާ ފަރާތްތައް ވެސް ހިމެނޭއިރު، ދެ ފަރާތަށް ވެސް ލިބިގެން މި ދިޔައީ ބޮޑު ގެއްލުމެކެވެ. 

ޝަމީމްއަށް ލިބުނު ފަދަ ތާއަބަދަށް ދިގުދެމިގެންދާ ސަސްޕެންޝަނެއް ވަކީލުންނަށް ނުލިބޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުން މުހިންމެވެ. މައްސަލަ ބަލައި ވަކީލުންނާ މެދު އަވަހަށް އަޅާނެ ފިޔަވަޅެއް އޮތިއްޔާ އެޅުން މުހިންމެވެ. މިއީ މުޅި ގައުމުގެ މަސްލަަހަތު ހިމެނޭ ކަމަކަށްވާތީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް