ދާޚިލީ ހަމަނުޖެހުންތަކާ ދެކޮޅަށް އީރާނުގެ އަސްކަރިއްޔާ އިން ގައުމުގެ ހައްގުގައި ސާބިތުކަމާއެކު ތިބޭނެ ކަމަށް ވައުދުވެއްޖެ
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އިންޓެލިޖެންސް އިދާރާ އިން ބުނީ އެމެރިކާ އާއި އިޒްރޭލްގެ އެހީތެރިކަމާއެކު ގައުމުގައި ފިތުނަ އުފެއްދުމަށް ބޭރުގެ ޖާސޫސީ އިދާރާތަކުން ޓެރަރިސްޓް ގްރޫޕްތައް މެދުވެރިކޮށްގެން ބޮޑު ރޭވުމެއް ރާވާފައިވާ ކަމަށް. ހައްގު މުޒާހަރާތައް ހަތިޔާރު އެޅި ހަމަނުޖެހުންތަކަކަށް ބަދަލުކޮށް އާންމު ރައްޔިތުންނާއި ސަލާމަތީ ބާރުތަކުގެ މީހުން މަރާފައިވާތީ އެކަމަށް ކުރިމަތިލާނެ ކަމަށާއި އިންގިލާބުގެ ކާމިޔާބީ ހިމާޔަތްކުރުމަށް ދޫނުދޭނެ ކަމަށް އެ އިދާރާއިން ބުނެފައިވޭ.

އީރާނުގެ ދިދަ އާ އެކު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރުޖީސީ) އިން ތެހެރާނުގައި ބޭއްވި ރޫޓްމާޗެއްގެ ތެރެއިން | ގެޓީ އިމޭޖަސް
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ އިންޓެލިޖެންސް އޮގަނައިޒޭޝަނުން، އީރާނުގެ ހައްގުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ދީފިއެވެ. އަދި ބޭރުގެ ނުފޫޒާއެކު ގައުމުގެ ހަމަޖެހުން ނަގާލުމަށް ރާވަމުންދާ ރޭވުންތަކަށް ފުރިހަމައަށް ކުރިމަތިލާނެކަމުގެ އިންޒާރު އެ އިދާރާއިން ވަނީ ދީފަ އެވެ.
ގައުމުގެ އެކި ސަރަހައްދުތަކުގައި ބޭރުގެ ނުފޫޒާއެކު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި އެ އިދާރާ އިން ބުނެފައިވަނީ، އިސްލާމީ ޖުމްހޫރިއްޔާގެ ދުޝްމަނުން މިހާރު އެމީހުންގެ އުކުޅުތައް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ސީދާ އަސްކަރީ ހަމަލާތަކުގެ ބަދަލުގައި، ގައުމުގެ ތެރޭގައި ފިތުނަ އުފައްދައި، އާންމު އަމާންކަމާއި ރައްކާތެރިކަން ގެއްލުވާލުމަށް މަސައްކަތް ކުރަމުންދާކަން އިންޓެލިޖެންސް ރިޕޯޓުތަކުން އެނގޭކަމަށް އެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ވާގޮތުން، މި ބަދަލު އައިސްފައިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން އިސްލާމީ ޖުމްހޫރިއްޔާ ކުޑަކަކޫ ޖެއްސުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ.
ބޭރުގެ އެހީތެރިކަމާއެކު މަރުހަލާތަކެއްގެ މައްޗަށް އެކުލެވޭ ރޭވުމެއް ފާހަގަކުރެވިފައިވޭ
އައި.އާރު.ޖީ.ސީ އިންޓެލިޖެންސް އިދާރާއިން ބުނި ގޮތުގައި، އެމެރިކާއިން މިހާރު އަމާޒު ހިފާފައިވަނީ އީރާނަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ގިނަ ފިޔަވަޅުތަކެއް ގަނޑުކޮށް އެޅުމަށެވެ. މީގެ ތެރޭގައި "ހަނގުރާމައިގެ ބިރު" ދެއްކުމާއި، އދ. ގެ ސަލާމަތީ މަޖިލީހުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަކުރުމާއި، ގައުމުގެ މުދަލާއި ވަސީލަތްތައް ހަލާކުކުރުމަށް ހިތްވަރުދިނުމުގެ އިތުރުން، އީރާނަށް ބޭރު ފައިސާ ލިބޭނެ މަގުތައް ބަންދުކޮށް، އިގްތިސާދީ އަދި ނަފްސާނީ ގޮތުން ރައްޔިތުން ބަލިކޮށްލުން ހިމެނެ އެވެ.
މި މަގްސަދު ހާސިލްކުރުމަށްޓަކައި، ބޭރުގެ ޖާސޫސީ އިދާރާތަކުގެ އިރުޝާދުގެ ދަށުން ބޮޑު ރޭވުމެއް ރޭވިފައިވާ ކަމަށާއި، މި ރޭވުންތައް އަމަލީ ގޮތުން ތަންފީޒު ކުރަނީ އިންތިޒާމުވެގެން ހަރަކާތްތެރިވާ ޓެރަރިސްޓް ގްރޫޕްތަކުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މި އިދާރާއިން އިތުރަށް ބުނި ގޮތުގައި، ދުޝްމަނުން މަސައްކަތް ކުރަނީ އެކި ދާއިރާތަކުގެ މަސައްކަތްތެރިންނާއި އިޖުތިމާއީ ގްރޫޕްތަކުން ބާއްވާ ހައްގު މުޒާހަރާތަކުގެ ނާޖާއިޒު ފައިދާ ނަގައި، އެ ހަރަކާތްތައް ހަތިޔާރު އެޅި ހަމަނުޖެހުންތަކަކަށް ބަދަލުކޮށްލުމަށެވެ.
އަދި މި ހަމަނުޖެހުންތައް ހިންގުމަށް ގަސްދުގައި ވަގުތު ކަނޑައަޅާފައިވަނީ، އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ސަރުކާރުން އިގްތިސާދީ އިސްލާހީ ޕެކޭޖެއް ތަންފީޒުކުރުމަށް ތައްޔާރުވަމުންދިޔަ ދަނޑިވަޅެއްގައި ކަމަށްވެސް ބަޔާނުގައިވެ އެވެ.
އެ އިދާރާއިން ބުނި ގޮތުގައި، ދުޝްމަނުން މި ހާލަތްތައް ބޭނުން ކުރަނީ މުޒާހަރާތައް ވަރުގަދަކޮށް، ހަތިޔާރު އެޅި ހަމަނުޖެހުންތަކަކަށް ބަދަލުކުރުމުގެ ބަހަނާއެއްގެ ގޮތުގަ އެވެ.
މީގެ އިތުރުން، އެމެރިކާގެ ރައީސާއި ޒަޔަނިސްޓް (އިޒްރޭލް) އޮފިޝަލުން ފާޅުކަން ބޮޑު ގޮތެއްގައި ހަމަނުޖެހުން ހިންގާ ފަރާތްތަކަށް ތާއީދުކުރުމާއި، އީރާނުގެ ބޯޑަރުން ބޭރުގައި ޓެރަރިސްޓް ޖަމާއަތްތަކާއި އަސްކަރީ ހަރަކާތްތައް ވަރުގަދަކުރުމަކީ އަނިޔާވެރި އަމަލުތައް އިތުރުވުމަށް މެދުވެރިވި ސަބަބުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
އިންޓެލިޖެންސް އިދާރާ އިން ބުނި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، އާންމު ރައްޔިތުންނާއި ގައުމުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް ތިބި ފައުޖުތަކުގެ މީހުން މަރާފައިވެ އެވެ.
މިފަދަ ހާލަތެއް ދެމިއޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމުގެ އިންޒާރު ދެމުން އެ އިދާރާއިން ބުނީ، މި ހަމަލާތަކުގައި އޮހޮރިގެންދިޔަ ލޭގެ ޒިންމާ އުފުލަންޖެހޭނީ މި ޓެރަރިސްޓް ހާދިސާތައް ރާވައި އިރުޝާދު ދިން ފަރާތްތަކުން ކަމަށެވެ.
އަދި މިކަމުގެ ބަދަލުހިފުމާއި ޒިންމާދާރުކުރުވުމަކީ އީރާނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމުގައި ރައްޔިތުން ދެކޭކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެ އިދާރާގެ މަގްސަދު ތަކުރާރުކުރަމުން ބުނެފައި ވަނީ، ގައުމުގެ އިސްލާމީ އިންގިލާބުން ހާސިލްކޮށްފައިވާ ކާމިޔާބީތައް ހިމާޔަތްކުރުމާއި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެއްވެސް ދޫދިނުމެއް ނެތް "ރަތް ރޮނގެއް" ކަމަށެވެ.
އަދި ދުޝްމަނުންގެ ރޭވުންތައް މުޅިން ބަލިކޮށްލައި، ރައްޔިތުންނަށް ދާއިމީ އަމާންކަން ގާއިމުކޮށްދެވެންދެން އީރާނުގެ ރައްޔިތުންނާއެކު ދެމިތިބޭނެ ކަމަށް އައި.އާރު.ޖީ.ސީ އިން ވަނީ ވައުދުވެފައެވެ.
މި ބަޔާނަކީ އިސްލާމީ އިންގިލާބުގެ ލީޑަރު އަޔާތުالله ސައްޔިދު އަލީ ޚާމަނާއީ އާއި ސަލާމަތީ ބާރުތަކުގެ އިސްވެރިން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބާރުލިބޭ ބަޔާނެއްކަން ފާހަގަ ކުރެވެ އެވެ. އެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ، އިގްތިސާދީ ދަތިތަކާ ގުޅިގެން ކުރާ ސުލްހަވެރި މުޒާހަރާތަކަކީ ހައްގެއް ކަމުގައި ވިޔަސް، ހަމަނުޖެހުމާއި، މުދަލަށް ގެއްލުންދިނުމާއި، ބޭރުގެ ނުފޫޒާއެކު ހިންގާ ހަރަކާތްތަކަށް ކެތްތެރި ނުވެވޭނެ ކަމަށެވެ.







