މަހުޝަރުގެ މައިދާނުގައި ސާލިހު އަޅުންނަށް އެ ދުވަހުގެ ހުއްޓި ހުރުން އިހުސާސް ކުރެވޭނީ މެންދުރު ނަމާދާއި އަސްރު ނަމާދާ ދެމެދުގެ ވަގުތު ކޮޅެއްގެ ގޮތުގައި: ޚުތުބާ
ހުކުރު ޚުތުބާގައި ބުނީ ދުންޔަވީ ހަޔާތަކީ ވަގުތީ ހަޔާތެއް ކަމަށާއި، ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ދެކޭނޭ މީހެއް ކަމަށް. އެ ދުވަހަށް ތައްޔާރުވުމަކީ ކޮންމެ އިންސާނަކުމެ ކުރާން ޖެހޭ ކަމެއްކަން ހަނދާން ކޮށްދީފައިވޭ. މަހުޝަރު ދުވަހުގެ އިމްތިހާނުގައި ދެވަނަ ފުރުސަތެއް ނޯންނާނެ ކަމަށާއި، ކޮންމެ މީހަކު ވެސް އުޅޭނީ އެ މީހެއްގެ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެ ސަލާމަތް ނުވެވިގެން ކަމަށް ބުނެފައިވޭ. އަދި މާތް ﷲ އަށް އުރެދުނު މީހުންނާއި ފާފަ ކުރުމުގައި ދެމި ތިބެ މަރުވެ ދިޔަ އެންމެންނަށް އެ ދުވަހު އޮތީ ކަންބޮޑުވުމާއި ހިތްދަތިކަން ކަމަށް ބުނެފައިވޭ.


ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
މަހުޝަރުގެ މައިދާނުގައި ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތެއްގައި ތިބޭންޖެހޭ ކަމަށާއި، ތަގުވާވެރި ސާލިހު އަޅުންނަށް އެ ދުވަހުގެ ހުއްޓި ހުރުން އިހުސާސް ކުރެވޭނީ ދުނިޔަވީ ހަޔާތުން ނަމަ މެންދުރު ނަމާދާއި އަސްރު ނަމާދާ ދެމެދުގެ ވަގުތު ކޮޅެއްގެ ގޮތުގައި ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.
''މާތް ﷲގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، ދުންޔަވީ ހަޔާތަކީ ވަގުތީ ހަޔާތެއް ކަމަށާއި، ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ދެކޭނޭ މީހެއް ކަމަށެވެ. އަދި އެ ދުވަހަށް ތައްޔާރުވުމަކީ ކޮންމެ އިންސާނަކުމެ ކުރާން ޖެހޭ ކަމެއްކަން ޚުތުބާގައި ހަނދާން ކޮށްދީފައިވެ އެވެ.
ޚުތުބާގައި ބުނީ އާޚިރަތް ދުވަހުގެ އިމްތިހާނުގައި ދެވަނަ ފުރުސަތެއް ނޯންނާނެ ކަމަށާއި، އެއީ ހުރިހައި އެންމެން ވެސް ކުރިމަތިލާން ޖެހޭ އިމްތިހާނެއް ކަމަށެވެ. އެ އިމްތިހާނުގައި އެހީވެދޭނެ މީހަކު ވެސް ނުހުންނާނެ ކަމަށާއި، ކޮންމެ މީހަކު ވެސް އުޅޭނީ އެ މީހެއްގެ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެ ސަލާމަތް ނުވެވިގެން ކަމަށެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، މަރު އައިސް އަހަރެމެންނާ ބައްދަލުކުރުމުން ލަހެއް ފަހެއްނެތި އިޖާބަދޭން ޖެހޭނެ ކަމަށާއި، އެއަށް ފަހު ގިޔާމަތާ ހަމަޔަށް އޭނާ އޮންނާނީ ކަށްވަޅުގައި ކަމަށެވެ.
މަހުޝަރު ކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެ ދުވަހުގެ ބިރުވެރިކަމުގައި އެ މައިދާނުގައި، ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތެއް ގައި ތިބޭން ޖެހޭނެ ކަމަށެވެ. އެ ބިރުވެރި ދުވަހުގެ ހުއްޓި ހުރުމަކީ ލުއިފަސޭހަ ހުއްޓި ހުރުމަކަށް ހެދުމާއި ނުހެދުން އޮތީ އަހަރެމެންގެ އަތްމަތީގައި ކަމަށާއި، ތަގުވާވެރި ސާލިހު އަޅުންނަށް އެ ދުވަހުގެ ހުއްޓި ހުރުން އިހުސާސް ކުރެވޭނީ، ދުންޔަވީ ހަޔާތުން ނަމަ މެންދުރު ނަމާދާއި އަސްރު ނަމާދާ ދެމެދުގެ ވަގުތު ކޮޅެއްގެ ގޮތުގައި ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރައްވައިފައިވެ އެވެ. (يَوْمُ الْقِيَامَةِ عَلَى الْمُؤْمِنِيْنَ كَقَدْرِ مَا بَيْنَ الظُّهُرِ وَالْعَصْرِ) މާނައީ: "ޤިޔާމަތްދުވަސް މުއުމިނުންނަށްވާހުށީ މެންދުރު ނަމާދާއި ޢަޞުރު ނަމާދާ ދެމެދުގެ ވަގުތުކޮޅެއް ފަދައިންނެވެ." މާތް ﷲ ވަޙީކުރައްވައިފައިވެ އެވެ. މާނައީ: "އެ ދުވަހުން ހަމަޖެހި ތިބޭ ތަނުގެ ގޮތުން، ސުވަރުގޭގެ أهلވެރީން ހެޔޮކަން ބޮޑެވެ. އަދި އަރާމުކުރާން ތިބޭ ތަނުގެ ގޮތުން ވެސް ރަނގަޅުކަން ބޮޑުމެއެވެ."ހުކުރު ޚުތުބާ
ޚުތުބާގައި ބުނީ މާތް ﷲ އަށް އުރެދުނު މީހުންނާއި ފާފަ ކުރުމުގައި ދެމި ތިބެ މަރުވެ ދިޔަ އެންމެންނަށް އެ ދުވަހު އޮތީ ކަންބޮޑުވުމާއި ހިތްދަތިކަން ކަމަށެވެ.
އެހެންކަމުން އަބަދުވެސް މަރަށް ތައްޔާރުވެ، ތައުބާގެ މަގުގައި ތިބުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.





