Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2025 | އަންގާރަ 15:28
މިހާރު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި މުހައްމަދު ދާއޫދު
މިހާރު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި މުހައްމަދު ދާއޫދު
ޕޮލިސް
މޯލްޑިވްސް ޕޮލިސް ސަރވިސް
އޭސީޕީ ދާއޫދު އާއި އޭނާގެ އަނބިމީހާގެ އެކައުންޓަށް ގޮތް ނޭނގޭ ފައިސާތަކެއް ޖަމާވި މައްސަލަ އެއް އިތުރަށް ބަލަނީ
ދާއޫދު އަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ދީފައި ވަނީ މި ތުހުމަތުތައް މިގޮތަށް ކުރެވިފައި ވަނިކޮށް
ދާއޫދުގެ އެކައުންޓަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާއި ދެމެދު ކާކުކަން ނޭނގޭ ގޮތަށް ގިނަ އަދަދަކަށް ފައިސާ ޖަމާކުރަމުން ގޮސްފައިވޭ
ދާއޫދު އަށް ލިބިފައިވާ ގޮތް ނޭނގޭ ފައިސާ ބޭނުންކޮށްގެން 14.6 މިލިއަން ރުފިޔާގެ މުދާ ގަނެފައިވާ އިރު އެއީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރެވޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް ވިދާޅުވި

މިހާރު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި މުހައްމަދު ދާއޫދު އާއި އޭނާގެ އަނބިމީހާގެ އަމިއްލަ އެކައުންޓަށް އަސްލު ސާފު ނުވާ ގޮތަށް ފައިސާ ޖަމާކޮށްފައިވާ މައްސަލަ އިތުރަށް ބަލަން ނިންމައިފިއެވެ.

އޭނާގެ އެކައުންޓަށް ކާކުކަން ނޭނގޭ ގޮތަށް ފައިސާ ޖަމާކޮށްފައިވާ ކަމަށާއި، އޭނާ އަށް ނުހައްގު މުއްސަނދިކަމެއް ލިބިފައިވާ ކަމަށް ބުނެ މާލިއްޔަތު ކޮމިޓީއަށް ވިސްލްބްލޯވަރަކު ވަނީ މައްސަލަ އެއް ހުށަހަޅާފައެވެ. އަދި މި މައްސަލައެއް އިތުރަށް ބަލަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވަނީ ހާމަކުރައްވާފައެވެ.

ދާއޫދުގެ އެކައުންޓަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާއި ދެމެދު ގިނަ އަދަދަކަށް ފައިސާ ޖަމާކުރަމުން ގޮސްފައިވާ ކަމަށާއި އެ ފައިސާ ޖަމާކުރީ ކާކުކަން ނޭނގޭ ގޮތަށް ކަމަށް މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. ދާއޫދަކީ ވިޔަފާރި އެއް ކުރައްވާ އަދި ވިޔަފާރި އެއްގެ ހިއްސާ ވެސް އޮންނަ ބޭފުޅެއް ނޫނެވެ. އެހެންކަމުން އޭނާގެ އެކައުންޓަށް ޖަމާވި ފައިސާގެ ހަގީގަތް ސާފެއް ނުވެއެވެ.

މި މައްސަލަ ތަހުގީގުކުރުމަށް އެކުލަވާލާފައިވާ ސަބް ކޮމިޓީގެ ރިޕޯޓު ހުށަހަޅުއްވަމުން ނާޒިމް ވަނީ ދާއޫދު އާއި މެދު ހުށަހަޅާފައިވާ މައްސަލަ އަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅޭ މައްސަލަ އެއް ކަމަށް ވިދާޅުވެފައެވެ. އޭރު ދާއޫދު އާއި ގުޅުން ހުރި މައްސަލަ އެއް ބަލާ ފާހަގަކުރެވުނު ކަންކަން ފުލުހުން ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑާއި ވެސް ހިއްސާކޮށްފައިވާކަން ނާޒިމް ފާހަގަކުރެއްވިއެވެ. ފުލުހުންގެ ތަހުގީގަށް ގިނަ މައުލޫމާތުތަކެއް އޭރު ވެސް ލިބިފައި ވީ ނަމަވެސް އެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އަޅާފަ އެއް ނުވެއެވެ.

މި މައްސަލައިގެ ރިޕޯޓުން އެނގޭ ގޮތުގައި ދާއޫދު އާއި އޭނާގެ އަނބިމީހާގެ އެކައުންޓަށް މއ. ތަޅަމުދިގޭގެ ކުލި 2016 އިން ފެށިގެން ވަނީ ޖަމާކޮށްފައެވެ. ނަމަވެސް އެ ދެ މީހުންގެ ގެއެއް ނޫން ކަމަށް ވުމާއި އެކު އެ ގެ އިން އެ މީހުންނަށް ކުލި ލިބެން ޖެހޭނެ ހަމައެކަނި ގޮތަކީ އެ ގެއަށް އިންވެސްޓްކޮށްފައި ވުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ހަމައެހެންމެ ދާއޫދު އަށް ލިބިފަިއވާ ގޮތް ނޭނގޭ ފައިސާ ބޭނުންކޮށްގެން 14.6 މިލިއަން ރުފިޔާގެ މުދާ ގަނެފައިވާ އިރު އެއީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. މި މައްސަލައިގެ މައުލޫމާތުތަކަކީ އޭސީސީގެ ސިއްރު ރިޕޯޓެއްގައި ހިމެނޭ މައުލޫމާތު ކަމަށް ބުނެ އެކަމުގެ ތަފްސީލް މަޖިލީހުގައި އާއްމުކޮށް ހިއްސާކޮށްފަ އެއް ނުވެއެވެ.

ދާއޫދަށް ލިބިފައިވާ ފައިސާގެ ތަފްސީލް ބަލަން ނިންމީ މިފަދަ ސަބަބުތަކާއި ހުރެ ކަމަށް ނާޒިމް ވިދާޅުވިއެވެެ. މީގެ އިތުރުން އެފްޑަބްލިއު ރެޒިޑެންސްއިން ދާއޫދު ވަނީ އެޕާޓްމެންޓްތަކެއް ގަނެފައެވެ. އެގޮތުން 4.1 މިލިއަން ރުފިޔާ އެތަނަށް ދައްކާފައިވާ އެ ތަނަށް ނަގުދު ފައިސާ އިން އަގު ދައްކާފައިވެއެވެ. އެ ތަންތަން ގަނެފައި ވަނީ އާއިލާ މީހެއްގެ ނަމުގައި ކަމަށާއި ފަހުން ދަރިފުޅުގެ ނަމަށް އެތަން ބަދަލުކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ އިދާރާގައި މަސައްކަތް ކުރައްވާފައިވާ މުހައްމަދު ދާއޫދު އަކީ ޕޮލިސް ބޯޑުން ތަހުގީގު ކުރި މައްސަލައަކާ ގުޅިގެން ކުރިން ވަޒީފާ އިން ވަކި ވެސް ކުރި ފަރާތެކެވެ. ނަމަވެސް އޭނާ ވަނީ އެ މައްސަލަ ކޯޓުން ކާމިޔާބު ކުރައްވާފައެވެ.

ދާއޫދު އަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ދީފައި ވަނީ މި ތުހުމަތުތައް މިގޮތަށް ކުރެވިފައި ވަނިކޮށެވެ. އެ މަޤާމް އޭނާ އަށް ދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ. އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްއަކީ ފުލުހުންގެ މުއައްސަސާގައި ވަޒީފާގެ ކުރިއެރުމުގެ ޒަރީއާއިން ލިބޭ އެންމެ އިސް މަޤާމެވެ.

- ކޮމެންޓް