ކ. މާލެ
|
25 ޖުލައި 2025 | ހުކުރު 06:25
ފަލަސްތީނުގެ އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް (ވ) އާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ޕެރިހުގައި 2022 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވި މަޝްވަރާތަކުގެ ތެރޭގައި
ފަލަސްތީނުގެ އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް (ވ) އާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ޕެރިހުގައި 2022 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވި މަޝްވަރާތަކުގެ ތެރޭގައި
ރޮއިޓަރސް
ފަލަސްތީނު
ފްރާންސް އިން ފަލަސްތީނު ދައުލަތް ބަލައިގަތުމަށް ނިންމައިފި
ފަލަސްތީނުގެ ޙައްޤުތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދާއެކު، ފްރާންސްގެ ރައީސް މެކްރޯން ފަލަސްތީނު ދައުލަތެއް ރަސްމީކޮށް ގަބޫލުކުރެއްވުމަށް ނިންމަވައިފި. އިސްރާއީލުން މިކަން ކުށްވެރިކޮށް "ޓެރަރިޒަމަށް ދޭ އިނާމެއް" ކަމަށް ބުނިނަމަވެސް، ފަލަސްތީނު އިސްވެރިންނާއި ގައުމު ތަކުން ވަނީ ފްރާންސް ގެ ނިންމުމަށް މަރުހަބާ ކިޔާފައި.

ސެޕްޓެމްބަރުގައި ފްރާންސް އިން ރަސްމީ ކޮށް ފަލަސްތީނު ދައުލަތެއް ގަބޫލު ކުރާނެ ކަމަށް ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވިދާޅުވެއްޖެ އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މެކްރޯން ވިދާޅުވެފައި ވަނީ ނިއުޔޯކުގައި ބޭއްވޭ އދ ގެ ޖެނެރަލް އެސެމްބްލީގެ ޖަލްސާއެއްގައި މިކަން ރަސްމީ ކޮށް އިއުލާނު ކުރައްވާނެ ކަމަށެވެ.

"މިއަދުގެ އެންމެ އިސް ކަމަކަށް ބޭނުން ވަނީ ޣައްޒާ ގެ ހަނގުރާމަ ނިމުމަކަށް ގެނެސް، އާންމު ރައްޔިތުން ސަލާމަތްކުރުމެވެ. ސުލްހަވެރި ކަމަކީ ހާސިލު ކުރެވިދާނެ ކަމެކެވެ. އަޅުގަނޑުމެންނަށް މިވަގުތު ބޭނުން ވަނީ ހަނގުރާމަ ހުއްޓާލުމާއި، ހުރިހާ ރަހީނުން ދޫކޮށްލުމާއި، ޣައްޒާ ރައްޔިތުންނަށް ބޮޑު ކޮށް އިންސާނީ އެހީ ފޯރުކޮށްދިނުމެވެ،" އެމަނިކުފާނު ލިޔުއްވިއެވެ.

ފަލަސްތީނުގެ އިސްވެރިން މެކްރޯންގެ ނިންމެވުމަށް މަރުހަބާ ކިޔާފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ މިއީ 7 އޮކްޓޯބަރު 2023 ގައި ހަމާސް އިން އިސްރާއީލަށް ދިން ހަމަލާއަށް ފަހު "ޓެރަރިޒަމަށް ދޭ އިނާމެއް" ކަމަށެވެ.

ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެކްރޯން ލިޔުއްވާފައި ވަނީ: "މެދުއިރުމަތީގައި އަދުލުވެރި އަދި ދެމެހެއްޓެނިވި ސުލްހައަކަށް ފްރާންސް އިން ވެފައިވާ ތާރީޚީ އެއްބަސްވުމާ އެއްގޮތަށް، ފްރާންސް އިން ފަލަސްތީނު ދައުލަތެއް ގަބޫލު ކުރަން އަޅުގަނޑު ނިންމައިފިން."

އިތުރަށް މެކްރޯން ވިދާޅުވީ ހަމާސް އަތުން ހަތިޔާރު އަތުލައި އެކަމުގެ ޔަގީންކަން ހޯދައި، ޣައްޒާ ރައްކާތެރި ކޮށް އަލުން ބިނާކުރަން ޖެހޭ ކަމަށެވެ.

"އާޚިރު ގައި، އަޅުގަނޑުމެން އެބަޖެހޭ ފަލަސްތީނު ދައުލަތެއް ބިނާކޮށް، އެ ދައުލަތުގެ ދެމެހެއްޓެނިވިކަން ޔަގީންކޮށް...، އިސްރާއީލް ފުރިހަމަ އަށް ގަބޫލުކޮށް، މެދުއިރުމަތީގެ ހުރިހާ ފަރާތެއްގެ ސަލާމަތާއި ރައްކާތެރި ކަމަށް އެހީތެރިވާކަން ޔަގީން ކުރަން. މިނޫން އެހެން ގޮތެއް ނެތް."

މެކްރޯން ވަނީ ފަލަސްތީނު އޮތޯރިޓީގެ ރައީސް މަހުމޫދު އައްބާސް އަށް އޭނާގެ ނިންމެވުން ކަށަވަރުކޮށްދޭ ސިޓީއެއްވެސް ފޮނުއްވާފައެވެ.

މެކްރޯން އަށް ޖަވާބު ދެއްވަމުން، އައްބާސް ގެ ނައިބު ހުސެއިން އަލް-ޝެއިޚް ވިދާޅުވެފައި ވަނީ "މި ފިޔަވަޅުން ދައްކުވައި ދެނީ ބައިނަލް އަޤްވާމީ ޤާނޫނަށް ފްރާންސް އިން ކުރާ އިހުތިރާމާއި، އަމިއްލަ އަށް ނިންމުން ނިންމުމުގެ ހައްޤާއި މިނިވަން ދައުލަތެއް ގާއިމު ކުރުމުގައި ފަލަސްތީނު ރައްޔިތުންގެ ހައްޤުތަކަށް ފްރާންސް އިން ކުރާ ތާއީދު" ކަމަށެވެ.

އެހެން ނަމަވެސް، ނަތަންޔާހޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ މެކްރޯން ނިންމެވި ނިންމެވުން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމުގައެވެ.

"މި ހާލަތުގައި ފަލަސްތީނު ދައުލަތެއް އުފެއްދުމަކީ އިސްރާއީލް ފަނާ ކޮށްލުމަށް ބޭނުން ކުރާނެ ތަނަކަށް ވާނެ... ސާފުކޮށް ބުނަންޏާ: ފަލަސްތީނުގެ ރައްޔިތުން ބޭނުމެއް ނުވޭ އިސްރާއީލް އާއި ޖެހިގެން ދައުލަތެއް އުފައްދާކަށް؛ އެމީހުން ބޭނުން ވަނީ އިސްރާއީލު ގެ ބަދަލުގައި ދައުލަތެއް އުފެއްދުމަށް،" ނަތަންޔާހޫ އިތުރުކުރެއްވިއެވެ.

ހަމާސް އިން ބުނެފައި ވަނީ ފްރާންސްގެ ނިންމުމަކީ "ރަނގަޅު މިސްރާބާ ދިމާލަށް އެޅުނު ފިޔަވަޅެއް" ކަމަށާއި، އަދި ދުނިޔޭގެ ހުުރިހާ ގައުމުތަކަށް "ފްރާންސްގެ ފިޔަވަޅުގެ ފަހަތުން ދިއުމަށް" ގޮވާލާފައިވެއެވެ.

މިހާރު، އދ ގެ 193 މެމްބަރު ގައުމުތަކުގެ ތެރެއިން 140 އަށް ވުރެ ގިނަ ގައުމު ތަކުން ފަލަސްތީނު ދައުލަތެއް ގަބޫލު ކުރެއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމުތަކަށް ބަލާއިރު ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނަ ގައުމުތަކުގެ ތެރޭގައި ސްޕެއިން އަދި އަޔަލޭންޑް ހިމެނެއެވެ.

އެހެންނަމަވެސް، އިސްރާއީލްގެ އެންމެ ގާތް ފަރާތް ކަމުގައިވާ އެމެރިކާ އާއި ޔޫކޭ ހިމެނޭގޮތަށް، އެެމެރިކާގެ އެކުވެރިން ފަލަސްތީނު ދައުލަތެއް ގަބޫލު ކޮށްފަ އެއް ނުވެއެވެ.

ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއް ގައި، ޔޫކޭގެ ބޮޑުވަޒީރު ސަރ ކީރ ސްޓާމަރ ވިދާޅުވެފައި ވަނީ "އަނިޔާވެރިކަން ހުއްޓުވުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން" މަޝްވަރާ ކުރުމަށް ހުކުރު ދުވަހު ފްރާންސް އަދި ޖަރުމަނުގެ ލީޑަރުންނާއެކު "ކުއްލި ފޯނު ކޯލެއް" ކުރައްވާނެ ކަމަށެވެ.

ދައުލަތެއް އުފެއްދުމަކީ "ފަލަސްތީނު ރައްޔިތުންގެ ނުގެއްލޭނެ ހައްޤެއް" ކަމަށް ސްޓާމަރ ވިދާޅުވިއެވެ. އަދި ހަނގުރާމަ ހުއްޓާލުމުން "އަޅުގަނޑުމެންނަށް ފަލަސްތީނު ދައުލަތެއް ގަބޫލު ކުރުމާއި ދެ ދައުލަތުގެ ހައްލަކާ ހަމައަށް ދެވޭނެ މަގު ފަހިވެގެން ދާނެ" ކަމަށް ބޮޑު ވަޒީރު ވިދާޅުވިއެވެ.

ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ފްރާންސްގެ ނިންމުމަށް ތަޢުރީފު ކޮށް، ބުނެފައި ވަނީ "މިއީ އަމިއްލަ އަށް ނިންމުން ނިންމުމުގެ ހައްޤާއި މިނިވަން ދައުލަތެއް ގާއިމު ކުރުމުގައި ފަލަސްތީނު ރައްޔިތުންގެ ހައްޤުތަކާ މެދު ބައިނަލް އަޤްވާމީ މުޖުތަމަޢުން ވެފައިވާ އެއްބަސްވުން އަލުން ކަށަވަރު ކޮށްދޭ ކަމެއް" ކަމަށެވެ.

އިސްރާއީލުގެ ސިފައިން ޣައްޒާ ގައި ކުރަމުން ގެންދާ ހަނގުރާމައިގައި، ޣައްޒާގެ ސިއްހަތާ ބެހޭ މިނިސްޓްރީގެ ރެކޯޑްތައް ދައްކާ ގޮތުން، މަދުވެގެން 59,106 ފަލަސްތީނު މީހުން ޣައްޒާ ގައި މަރުވެފައިވެއެވެ.

އޭގެ އިތުރުން ޣައްޒާ ގެ ބޮޑު ސަރަހައްދު ތަކެއް ވަނީ ވީރާނާ ވެފައެވެ.

ބުރާސްފަތި ދުވަހުގެ ކުރީކޮޅު، އދ ގެ ފަލަސްތީނުގެ ރެފިއުޖީ އޭޖެންސީ (އަންރުވާ) އިން ބުނެފައި ވަނީ ޣައްޒާ ސިޓީ ގައި ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކު މިހާރު ހައިހޫނު ކަމުގެ ހާލަތުގައި ތިބި ކަމަށާއި، މިފަދަ ކޭސްތައް ކޮންމެ ދުވަހަކު އިތުރު ވަމުންދާ ކަމަށެވެ.

100 އަށް ވުރެ ގިނަ ބައިނަލްއަޤްވާމީ އެހީގެ ޖަމްޢިއްޔާތަކާއި އިންސާނީ ހައްޤުތަކުގެ ޖަމާޢަތްތަކުން ވެސް ޣައްޒާ ގައި ފުޅާ ދާއިރާ އެއް ގައި ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ކަމަށް ބުނެ އިންޒާރުދީ - ސަރުކާރުތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާފައި ވެއެވެ.

ފަލަސްތީނު ސަރަހައްދަށް ވަންނަ ހުރިހާ ތަކެއްޗެއް ކޮންޓްރޯލް ކުރާ އިސްރާއީލުން ތަކުރާރުކޮށް ބުނެފައި ވަނީ އެއްވެސް ބްލޮކޭޑެއް ނެތް ކަމަށާއި، ހައިހޫނު ކަމުގެ މައްސަލަ އެއް އުޅޭ ނަމަ އެއީ ހަމާސްގެ ޒިންމާ އެއް ކަމަށެވެ.

- ކޮމެންޓް