ވަގުތުގެ ނޫސްވެރިޔާ ސައިފުﷲ އަޙްމަދު މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވަނީ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށްފައެވެ.
ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުކުރު ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) އާއި ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ) ކަމަށެވެ.
ހައްޔަރުކޮށްފައިވާ ސައިފް އަކީ ނޫސްވެރިއަކަށް ވުމުގެ އިތުރުން ޕައިލެޓެކެވެ.
މީގެ އިތުރުން ފުލުހުން ހާމަކުރި ގޮތުގައި އެދެމީހުންގެ ތެރެއިން އައިޝަތު ޝިޔާޒާއަކީ ފުލުހެކެވެ. އަދި މި މައްސަލައާ ގުޅިގެން އައިޝަތު ޝިޔާޒާ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. އެދެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވިޔަފާރަވެރިންގެ މިސްކިތް ކައިރިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނި ގޮތުގައި އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވެއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރުކުރުމުން އައިޝަތު ޝިޔާޒާއަށް 5 ދުވަސް އަދި ސައިފުﷲ އަޙްމަދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.