އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ވޮޝިންގްޓަން ގައި އަނެއްކާ ވެސް ބައްދަލު ކުރައްވާއިރު، ޣައްޒާގެ 21 މަސްދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އިޢުލާނެއް ކުރެވިދާނެކަމުގެ އުންމީދުތައް އިތުރު ވަމުންދާ ކަަމަށް ރިޕޯޓުތައް ބުނެއެވެ.
ޓްރަމްޕް ކުރިން ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ އޭނާ ނަތަންޔާހޫ އާއެކު މި ހަނގުރާމަ ނިންމުމާ ބެހޭގޮތުން ވަރަށް ސީރިއަސް ކޮށް ވާހަކަފުޅު ދެއްކެވި ކަމަށާއި، މި ހަފްތާގައި "އެއްބަސް ވުމަކަށް އާދެވޭނެ" ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މަޝްވަރާ ކުރެވިފައިވާ އެއްބަސްވުމަށް ވާސިލުވުމަށް، އަޅުގަނަޅުގަނޑުމެން އެއްބަސްވެފައިވާ ޝަރުތުތަކުގެ ދަށުން،" އިސްރާއީލުގެ ބޮޑުވަޒީރު ވޮޝިންގޓަން ދަތުރުފުޅަށް މަތިންދާ ބޯޓަށް އަރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް ވިދާޅުވިއެވެ.
"ރައީސް ޓްރަމްޕް އާ އެކު ކުރެވޭ މަޝްވަރާ އިން، އަޅުގަނޑުމެން އެންމެން އުންމީދު ކުރާ ނަތީޖާ އަށް ވާސިލު ވުމަށް ހަމަގައިމު ވެސް އެހީތެރި ވެދޭނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަން." ނަތަންޔާހޫ އިތުރަށް ފާހަގަ ކުރެއްވިއެވެ.
އެމެރިކާ އިން ހުށަހަޅަހަޅާފައިވާ 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމާ ގުޅޭގޮތުން އިސްރާއީލާއި ހަމާސް އާ ދެމެދު ނުސީދާކޮށް ކުރެވޭ މަޝްވަރާތައް އާދީއްތަ ދުވަހުގެ ރޭ ގަތަރު ގައި އަލުން ފެށުނެވެ.
ނަމަވެސް، އެއްބަސް ވުމަކަށް ވާސިލު ވުމަށް ކުރިމަތި ވެފައިވާ މައިގަނޑު ޚިޔާލު ތަފާތުތައް ފިލުވާލެވިދާނެ ކަމާ މެދު ސުވާލު އުފެދެއެވެ.
ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވިތާ ގާތްގަނޑަކަށް 6 މަސްދުވަސް ވެފައިވާއިރު، މިއީ ނަތަންޔާހޫ ޓްރަމްޕަށް ބައްދަލު ކުރައްވަން ވައިޓް ހައުސްއަށް ޒިޔާރަތް ކުރައްވާ 3 ވަނަ ފަހަރެވެ.
ރައީސް ޓްރަމްޕް މިއީ "އެންމެ ފަހުގެ" ހަނގުރާމަ ހުއްޓުމުގެ ހުށަހެޅުން ކަމަށް ވިދާޅުވެ، ފާއިތުވި ހަފްތާގައި ވިދާޅުވެފައިވަނީ އިސްރާއީލުން "މި އެއްބަސްވުން ނިންމުމަށް ބޭނުންވާ ޝަރުތުތައް" ޤަބޫލުކޮށްފައިވާ ކަމަށެވެ.
ހުކުރު ދުވަހު، ހަމާސް އިން ބުނެފައި ވަނީ އެ ފަރާތުން "ރަނގަޅު ރޫހެއްގައި" ހުށަހެޅުމަށް އިޖާބަ ދީފައިވާ ކަމަށާއި، ނަމަވެސް ބައެއް ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ކަމަށެވެ.
ފަލަސްޠީނުގެ އިސް ވެރިއެއް ވިދާޅުވެފައިވާ ގޮތުގައި އިންސާނީ އެހީއާ ގުޅޭގޮތުން ދެބަސްވުންތަކެއް އަދިވެސް ހުރި ކަމަށެވެ. ހަމާސް އިން އެދެނީ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށާއި، އދ އާއި އެ ފަރާތުގެ ބައިވެރިން އަލުން އެންމެހައި އެހީގެ މަސައްކަތްތައް ބެލެހެއްޓުމަށް އަނބުރާ ގެނައުމަށެވެ.
އަދި ހަމަ އެއާއެކު، އިސްރާއީލުގެ ސިފައިން އަނބުރާ ގެންދިއުމުގެ ތާވަލާއި ރަފަހު ކްރޮސިންގ (ދެކުނު ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ބޯޑަރު) ގައި އިސްރާއީލުގެ އަސްކަރިއްޔާ އިން ހިންގާ އޮޕަރޭޝަން އާ ގުޅޭގޮތުން ސުވާލު އުފައްދާފައިވާ ކަމަށް ވެސް ބުނެވެއެވެ.
ހޮނިހިރު ދުވަހު ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ ހަމާސް އިން ބޭނުންވާ ބަދަލު ތަކަކީ އިސްރާއީލަށް "ޤަބޫލު ކުރެވޭނެ" ކަންކަމެއް ނޫން ކަމަށެވެ.
ބޮޑުވަޒީރު ނަތަންޔާހޫ ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ހަމާސް ގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް ނައްތާލަން ޖެހޭނެ ކަމަށެވެ. މިއީ، މި ޖަމާޢަތުން މިހާތަނަށް އިސްރާއީލާ އެކު މަޝްވަރާ ކުރަން އިންކާރު ކޮށްފައިވާ ޑިމާންޑެކެވެ.
އަނެއްކޮޅުން ޣައްޒާގައި ކުރެވޭ ހަނގުރާމައާ ދެކޮޅަށް އިސްރާއީލުގައި ވެސް އާންމުން ގެ އަޑުތައް އިތުރު ވަމުން ދެއެވެ. އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި ފާއިތުވި މަހު 20 އަށް ވުރެ ގިނަ އިސްރާއީލު ސިފައިން މަރުވެފައި ވުމާއެކު ޣައްޒާ ހަނގުރާމަ އާ ދެކޮޅު ޝުއޫރުތައް އިސްރާއީލުގެ އެތެރޭގައި ދަނީ ގަދަވަމުންނެވެ.
އިސްރާއީލު ސިފައިންގެ އެންމެ އިސްވެރިޔާ، ލެފްޓިނަންޓް ޖެނެރަލް އެޔާލް ޒަމީރު ފާއިތުވި ހަފްތާގައި ވިދާޅުވެފައި ވަނީ ހަނގުރާމައިގެ ލަނޑުދަނޑިތައް ހާސިލު ވުމަށް ވަރަށް ކައިރިވެފައިވާ ކަމަށާއި، މިހާ ހިސާބުން ސަރުކަރުން ންމަންޖެހޭނީ ރަހީނުން ގެނައުމަށް އެއްބަސްވުމަކަށް ދާނީތޯ ނުވަތަ އިސްރާއީލު ސިފައިން ޣައްޒާ ގައި ގާއިމުވެ ތިބެ އެތަނުގައި އަސްކަރީ ވެރިކަމެއް ކުރިއަށް ގެންދާނީ ތޯ ކަމުގައެވެ.
ހޯދުންތަކުން ދައްކާގޮތުގައި އިސްރާއީލުގެ ތިންބައިކުޅަ ދެބައި މީހުން ރަހީނުން އަނބުރާ ގެނައުމަށާއި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ތާއީދުކުރެއެވެ.
އަނެއްކޮޅުން ޣައްޒާގައި، ބައެއް ރައްޔިތުން ފާޅު ކުރާ ބިރަކީ މިހާރު ފެންނަމުންދާ އުންމީދީ ކަންކަމަކީ ނަތަންޔާހޫގެ އެމެރިކާ ދަތުރުގެ ތެރޭގައި ކަންކަން މައިތިރިކުރުމަށް ދައްކާ ދަޅައަކަށް ވެދާނެ އަތީއެވެ. މިފަދަ މަންޒަރު ތަކެއް ޓްރަމްޕް މޭ މަހު މެދު އިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ޕްލޭން ކުރެވުނު ދުވަސް ވަރު ވެސް ހިނގާފައިވާ ކަމަށް އެފަރާތް ތަކުން ބުނެއެވެ.
ޣައްޒާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސް ވަމުންދާ ކަމުގެ އިންޒާރު ސިއްހީ އޮފިޝަލުން ދަނީ ދެމުންނެވެ. ތުއްތު ކުދިންނަށް ބޭނުންވާ ކާނާ ނުލިބުމުގެ ސަބަބުން ކާޑުބަލި ކުޑަކުދިންގެ މެދުގައި އާންމު ވަމުން ދާ ކަމަށް ވެސް ބުނެފައި ވެއެވެ.
އދ އިން ބުނާގޮތުގައި އިސްރާއީލުން ޣައްޒާ ގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ 4 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެއްވެސް ތެލެއް ނުވަންނާތީ، މިހާރު ތެލުގެ ރިޒާވްތައް ހުސްވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން މުހިންމު މެޑިކަލް ފަރުވާއާއި، ފެނުގެ ޚިދުމަތްތަކާއި، މުވާޞަލާތީ ޚިދުމަތްތަކަށް ނުރައްކާވެފައިވާ ކަމަށެވެ.
އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަށް ބަދަލުހިފުމުގެ ގޮތުން ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. ހަމާސް ގެ ކުއްލި ހަމަލާގައި އިސްރާއީލުން ގާތްގަނޑަކަށް 1,200 މީހުން މަރުވެ، އަދި 251 މީހުން ރަހީނުންގެ ގޮތުގައި ގެންދެވުނެވެ.
ޣައްޒާ ގެ ޞިއްޙީ ވުޒާރާ އިން ބުނާގޮތުގައި އޭގެ ފަހުން އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގައި 57,000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.