ޓްރޫ ޕްރޮމިސް 3: އިރާނުގެ ޝާހިދް-136 ޑްރޯންތައް ތެލްއަވީވް އަދި ހައިފާ އަށް
ބަދަލުހިފުމުގެ އޮޕަރޭޝަންގެ އަށާރަ ވަނަ ބުރު ފެށުނީ ހޮނހިރު ދުވަހު ފަތިހުގެ ވަގުތުގައި

2025 ޖޫން 21 ވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި އީރާނުގެ މިސައިލެއް ޖެހި އިސްރާއީލުގެ އިމާރާތެއްގައި ރޯވެފައި
ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތުތަކުގައި، އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3 ގެ އައު މަރުހަލާއެއްގައި، އިރާނުގެ ބާރުތަކުން އިސްރާއީލުގެ ބިންތަކަށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލްތަކުގެ ހަމަލާ އެއް ދީފި ކަމަށް އީރާނުން ވަނީ ބުނެފައެވެ.
ބަދަލުހިފުމުގެ އޮޕަރޭޝަންގެ އަށާރަވަނަ ބުރު ފެށުނީ ހޮނހިރު ދުވަހު ފަތިހު އިރާނުގެ ގަޑިން ގާތްގަނޑަކަށް 3:10 ގައި ކަމަށް އީރާނުގެ މީޑީއާ ރިޕޯޓުތައް ބުނެއެވެ.
އިންޓަރނެޓުގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ދައްކާގޮތުގައި އިސްރާއީލުގެ އުޑުމަތި އިރާނުގެ ދުރު ރާސްތާ މިސައިލްތަކުން އަލިވެގެން ދިޔައެވެ.
މިސައިލްތައް އެރުމާއެކު ވައިގެ ހަމަލާގެ ސައިރަންތައް އިއްވުނެވެ. އެހެންކަމުން އިސްރާއީލުގެ ރައްޔިތުން ބިމުގެ އަޑީގައިވާ ބަންކަރުތަކަށް ދާން މަޖުބޫރުވިއެވެ. މިދުވަސް ވަރު އެމީހުން ގިނަ ވަގުތު ހޭދަކުރަމުން ދަނީ ބަންކަރު ތަކުގައި ކަމަށް ވެއެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ތެލްއަވީވްގެ މެދުތެރޭގައި ބޮޑެތި ގޮވުންތަކެއް އިވުނެވެ. މިއީ މިސައިލްތައް އަނެއްކާ ވެސް ތިން ފަށަލައިގެ ވައިގެ ދިފާއީ ނިޒާމުތަކުން ސަލާމަތްވެ، އަމާޒު ކުރެވުނު ތަންތަނަށް ޖެހުނުކަން ދައްކުވައިދޭ ކަމެއް ކަމަށް އީރާނުގެ ރަސްމީ މީޑިއާ އިން ބުނެފައިވެއެވެ.
އެއް ވީޑިއޯއަކުން ދައްކާގޮތުގައި ތެލްއަވީވްގެ އިމާރާތަކަށް މިސައިލެއް އަރާ، ރޯވެފައިވާ މަންޒަރު ފެނެއެވެ.
ބައެއް ރިޕޯޓުތަކުން ބުނާގޮތުގައި ހައިފާ ބަނދަރު ސަރަހައްދުގައި ގޮވުމެއް އިވުނެވެ. މިއީ ހުކުރު ދުވަހުވެސް ބޮޑެތި މިސައިލް އަދި ޑްރޯން ހަމަލާތަކެއް އެޅުނު ސަރަހައްދެކެވެ.
މި އޮޕަރޭޝަނަށްފަހު އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3 ގެ މި އެންމެ ފަހުގެ މަރުހަލާ ކުރިއަށް ގެންދެވުނީ ފަލަސްތީނުން ހިފާފައިވާ ބިންތަކުގެ މެދުތެރެ އާއި ބެން ގޫރިއަން އެއަރޕޯޓު ސަރަހައްދަށް އަމާޒުކޮށްގެން ކަމަށެވެ. ހަމަލާގެ އަމާޒަކީ ޒަޔަނިސްޓު ވެރިކަމުގެ އަސްކަރިއްޔާގެ މަރުކަޒުތަކާއި އޮޕަރޭޝަނަލް ސަޕޯޓު ސެންޓަރުތައް ކަމަށް ބުނެފައިވެއެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ރޭ އިސްރާއީލުގެ އުޑުމަތީގައި ޝާހިދް-136 ޑްރޯންތަކުގެ އެތައް ސްކޮޑްރަންއެއް މެދުނުކެނޑި މިޝަންތައް ކުރިއަށް ގެންދިޔަ ކަމަށާއި، އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތަކަށް ވެސް އެ ޑްރޯން ތައް ހުއްޓުމަށް ނުކުޅެދުނު ކަމަށެވެ.
މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ބިރުވެރިކަން އިތުރުވެ، އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މި ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް، ގިނަ މިސައިލްތަކާއި ޑްރޯންތައް އެ ޤައުމުގެ ދިފާއީ ނިޒާމުތަކުން ސަލާމަތްވެ އަމާޒުކުރެވުނު ތަންތަނަށް އެރި ކަމަށް އީރާނުން ވަނީ ބުނެފައެވެ.






