ކ. މާލެ
|
3 ޖޫން 2025 | އަންގާރަ 18:17
ރައީސް ޑރ. މުހައްމަދު މުއިއްޒު - 4000 ފްލެޓުގެ މައްސަލައިގައި އެކި ފަހަރު އެކި ގޮތަައް ސަރުކާރުން ދިޔައީ ކަންކުރަމުން
ރައީސް ޑރ. މުހައްމަދު މުއިއްޒު - 4000 ފްލެޓުގެ މައްސަލައިގައި އެކި ފަހަރު އެކި ގޮތަައް ސަރުކާރުން ދިޔައީ ކަންކުރަމުން
ރާއްޖެއެމްވީ ގްރެފިކްސް
ގެދޮރުވެރިޔާ ސްކީމް
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
18 މަސް ދުވަސް ވަންދެން އެކި ގޮތް ގޮތައް ފްލެޓް ލިސްޓުގެ ކަންކަން ސަރުކާރުން ގެންދިޔުމަށްފަހު އަދި އެތައް ބަޔަކަށް އެކަމުގެ އުނދަގޫތައް ޖެހުނު ފަހުން ރައީސް މުއިއްޒު ވިދާޅުވީ މިކަމަށް އޮތް އެންމެ "ސިމްޕަލް" ގޮތަކީ ކުރީ ސަރުކާރުން އިއުލާނު ކުރި ލިސްޓަށް އަމަލު ކުރުން ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ރައީސް ސާލިހް ގެ ސަރުކާރުން ދޫކުރި 4000 ފްލެޓް އާ ބެހޭ ގޮތުން ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށް އަމަލު ކުރައްވާނެ "ސިމްޕަލް" ގޮތެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށަ އެންމެ ފަހުން ވިސްނިވަޑައިގެންފި އެވެ.

"އެކަމުގައި އަޅުގަނޑު ވައުދު ވިން އެކަން ކުރާނެ ގޮތް، ޖުމްލަ ވައުދަކީ ކޮންމެ ސަރުކާރަކުން ދިން ކަމުގައި ވިޔަސް އެ ދިން އެއްޗެއް، އެއީ ގޯއްޗެއް ވިޔަސް ފްލެޓެއް ވިޔަސް އަޅުގަނޑު އަތެއް ނުލާނަމޭ، ދޭނަމޭ،" ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެކަން އެގޮތައް ކުރަން އޮތް އެންމެ ފަސޭހަ ގޮތަކީ ކުރީ ސަރުކާރުން އިއުލާނު ކުރި ފައިނަލް ލިސްޓަށް ފްލެޓް ދިނުން ކަމުގައެވެ.

ކިހާ ފަސޭހަ ގޮތެއް ތޯއެވެ!

ވަރަށް "ސިމްޕަލް" ވަރަށް "ސްޓްރެއިޓް ފޯވާޑް" ގޮތެކެވެ.

މިހާ ހިސާބުން މީގެ ކުރިން މި ހިނގި ހުރިހާ ކަމެއް "ޑިލީޓް" ވީއެވެ.

"މިހާރު .... ސަރުކާރުން މި ނިންމި ނިންމުމަކީ މިދިޔަ ސަރުކާރުން އެ ދިން ލިސްޓް، އެ ލިސްޓުގައި އޮތް ގޮތަށޭ ކުރިއަށް ދާނީ،" މުއިއްޒު ވިދާޅުވިއެވެ.

މިހިސާބުން ކުރީ ސަރުކާރުން ނެރުނު ލިސްޓް މުޅިން ސައްހަ ވީއެވެ. ދެން އިތުރު ލިސްޓެއް ނުނެރޭނެ ކަމަށް މިނިސްޓަރ މުއްތަލިބް ވެސް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާނު ކުރި ލިސްޓަށް އަމަލު ކުރައްވާނެ ގޮތް ކަމަށް ވައުދުވެ ވަޑައިގެންނެވި އެއްޗެއް ރައްޔިތުން ހަނަދާނެއް ނުނެތެއެވެ. އަދި އެ ވައުދު ފުއްދުމަށް އޮތް އެންމެ ސިމްޕަލް ގޮތް ވެސް ރައްޔިތުންނަށް އެނގެއެވެ. ސަރުކާރަކުން ދިން އެއްޗެއް އަތުނުލައްވާނެ ކަމަށް ވިދާޅުވުމަކީ އެ އޮތް ލިސްޓެއް އެ ގޮތައް ދެމެހެއްޓުން ނޫން ދެން އިތުރު ކޮން ގޮތެއް ބާވައެވެ؟

އެކަމު އެ ގޮތް ނޫން ގޮތެއް ހޯދަން މި ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި ރައީސް މުއިއްޒުގެ ސަރުކާރުން ޖެހި ސަކަރާތަކީ ހަނދާނުން ފިލައިގެންދާނެ ކަމެއް ނޫނެވެ.

ލިސްޓުގެ ތެރެއަށް އެންމެ ފުރަތަމަ ވަތް އޭސީސީން ތަހުގީގެއް ހިންގުމަށް ފަހު ބުނީ، 4000 ފްލެޓްގެ ލިސްޓަށް ހޮވި 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމައެއް ނުވެއެވެ. އެއްވެސް މައްސަލަ އެއް ނެތީ އެންމެ 20.7 އިންސައްތަ ފޯމުގައެވެ.

ސަރުކާރަކަށް މި ވަގުތަކަށް އޭސީސީގެ ހޯދުންތަކުން ހިފާނެ ބޭނުމެއް ނެތެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދިން ފަރާތްތަކާ ބެހޭ ގޮތުން ނިންމަން ޖެހޭ ނިންމުންތައް ނިންމުމަށްޓަކައި ލަފާ ދޭ ވަރުގަދަ ހައުސިންގ އެޑްވައިޒަރީ ކޮމީޓީ އެއް ވެސް އުފެއްދިއެވެ. ރައްޔިތުންނަށް ގަބޫލު ކުރެވުނީ އަދި މި އުފުދެނީ އޭސީސީ އަށް ވުރެ ވެސް ވަރުގަދަ ބައެއް ކަމަށެވެ. އެންމެ ފަހުން އެ ކޮމިޓީން 7 މެއި 2024 ގައި އެކުލަވާލި "ގެދޮރުވެރިޔާ ސްކީމުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު" ގައި ބުނެފައިވަނީ " 15 ނޮވެމްބަރު 2023 ގައި ގެޒެޓް ކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓު ބާތިލު ކޮށް، ސްކީމް އިސްލާހު ކޮށް، ހަރުދަނާ އުސޫލެއްގެ ދަށުން އަލުން ހުޅުވާލުމަށް ލަފާދޭން 7 މެމްބަރުންގެ އިއްތިފާގުން ނިންމައިފީމެވެ."

ސަރުކާރުގެ އެންމެ ފަހުގެ ނިންމުމާއެކު ކޮމިޓީ މޫނު އަޅާ ވަޅުލީއެވެ.

ލިސްޓްގެ ސައްޙަކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް ބުނެ އަލުން ލިސްޓް ރީއިވެލުއޭޓު ކުރުމުގެ މަސައްކަތް މި ސަރުކާރުން ފެށިއެވެ. އެކަން ފެށިތާ އަހަރެއް ފަހުން 27 ފެބްރުއަރީ 2025 ގައި ސަރުކާރުން ލިސްޓެއް ނެރެ، މިނިސްޓަރު މުއްޠަލިބު ވިދާޅުވި ގޮތުގައި، ޝަރުތު ހަމަވާ 4,939 ފަރާތުގެ އެޕްލިކޭޝަންތައް މުރާޖަޢާ ކުރުމުން، އޭގެ ތެރެއިން 53 އިންސައްތަ ފަރާތައް ޕޮއިންޓް ދިނުމުގައި މައްސަލަތަކެއް އެބަހުއްޓެވެ.

މުއްޠަލިބު ވިދާޅުވި ގޮތުގައި ވެރިފައި ކުރުމުން "ޝަރުތު ހަމަވަނީ" 1,820 ފަރާތަކެވެ. މުއްތަލިބު މި ވިދާޅުވާ އެއްޗަކާ އޭސީސީ ގެ ހޯދުންތަކާ ދިމަލެއް ނުވިއެވެ. އެކަން ވާނީ ވެސް އެހެންތާ އެވެ. އެވެސް މިވެސް ހެޔޮ ނިޔަތެއްގައި ކުރި ކަންކަމެއް ނޫންވިއްޔާއެވެ.

ފްލެޓުގެ ދިގު އިންތިޒާރުގައި ކެތްތެރި ކަމެއް ނެތި ބަލަން ތިބި އެތައް ހާސް ބަޔަކަށް މިއީ ގަބޫލު ކުރެވޭ ވާހަކަ އަކަށް ނުވިއެވެ. ނަތީޖާ އެއްގެ ގޮތުން 1 މާޗް 2025 އިން 15 އޭޕްރީލް 2025 ގެ މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީ ތަކާއި އަމިއްލަ ޖަމްއިއްޔާ ތަކާއި، ވަކިވަކި ފަރުދުން މަސައްކަތް ފެށީ ފްލެޓް ނުލިބޭނެ ކަމަށް ކަނޑައެޅި ފަރާތްތަކުގެ ހައްގުގައި ޝަކުވާ ހުށަހެޅުމަށެވެ. ނަތީޖާ އެއްގެ ގޮތުން 8602 ށް ވުރެ ގިނަ ޝަކުވާ އޮއްސާލިއެވެ.

މިހުރިހާ ކަމެއް މިހެން ހިނގާފައިވަނިކޮށް، ކުރީ ސަރުކާރުން ގެޒެޓް ކުރި ލިސްޓަށް އަމަލު ކުރަން މި ސަރުކާރުން ނިންމިކަން 29 މެއި 2025 ގައި ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ މުއްތަލިބު އިއުލާނު ކުރައްވައިފިއެވެ.

ޖެހިގެން އައި ދުވަހު ރައީސް މުއިއްޒު ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއް ގައި އެވާހަކަ ތަކުރާރު ކުރައްވާ ފްލެޓް ލިސްޓާ ބެހޭ ގޮތުން ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށް އޮތް އެންމެ "ސިމްޕަލް" ގޮތަކީ ކުރީ ސަރުކާރުން އިއުލާނު ކުރި ލިސްޓަށް އަމަލު ކުރުން ކަމަށް ވިދާޅުވެއްޖެއެވެ.

"ވައުދުވެފައި އޮތް ގޮތައް މިކަން ކުރަން ވަރަށް ސްޓްރެއިޓް ފޯވަޑް ވަރަށް ސިމްޕަލް ގޮތަކަށޭ މިކަން މިއޮތީ ކުރަން."

ރައީސް މުއިއްޒު އަށް މި ކަމުގައި ރައްޔިތުންގެ ގާތުގައި ވެވަޑައިގެންނެވި ވައުދު ފުއްދެވުމުގައި ވަރަށް ސިމްޕަލް ގޮތެއް އޮތް ކަމަށް ވިސްނި ވަޑައިގަންނަވަން މި ނެގި ދިގު މުއްދަތުގައި އެތައް ރައްޔިތުންނަކަށް އެތައް ތަކުލީފެއް ޖެހިއްޖެއެވެ. އެކަމަށް އެންމެ ފަހުން ރައީސް މުއިއްޒު މާފަށް ވެސް އެދިވަޑައިގެންފިއެވެ.

"އޭގެ ތެރޭގައި ރައްޔިތުން ވަރަށް ބޮޑަށް އުޅެންވެސް ޖެހިފައި އޮތީ އަޅުގަނޑު އެކަމަށްޓަކައި، އެ ދަތިކަމުގައި އުޅެން ޖެހުނު ހުރިހާ ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދެން."

ފްލެޓް ތަކުގެ މައްސަލައިގައި ސަރުކާރުން މީހުންނަށް ޖެއްސި އުނދަގޫ ތަކަށް ރައީސް މުއިއްޒުގެ ކުރިން، މިނިސްޓަރު މުއްތަލިބު ވެސް މާފަށް އެދިވަޑައިގަތެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ހައުސިންގ މިނިސްޓަރ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކިއެކި ސަބަބުތަކާ ހުރެ ފާއިތުވި ދުވަސްތަކުގައި މި ފްލެޓް ލިސްޓު އާންމު ނުކުރެވި އޮތް އޮތުމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި މި ހުރިހާ ތަކުލީފެއް ޖެހި ދުއްތުރާތައް ކުރިމަތިވާ ހަގީގީ ސަބަބު ވެސް މުއްތަލިބަށް ނޭނގި ނަމަވެސް އޮތީ ވިދާޅުވެވިފައެވެ. މިނިސްޓަރު ވިދާޅުވީ "މިކަން ހިނގަނީ ރައީސް މުއިއްޒު އިއުލާނު ކުރައްވާފައިވާ ސިޔާސަތު ތަކާ އެއްގޮތްވާ ގޮތުގެ މަތިން" ކަމުގައެވެ.

ރަނގަޅުތާއެވެ 18 މަސް ދުވަސް ފަހުން "ސްޓްރެއިޓް ފޯވާޑް، ސިމްޕަލް ގޮތެއް" ވިސްނިވަޑައިގެންފިއެވެ. އެކި ފަހަރު އެކި ސިޔާސަތު ހައްދަވައިގެން މީހުންނަށް ޖެއްސުނު އުނދަގުލާ ތަކުލީފު ތަކުގެ މަތިން ކޮންމެވެސް ވަރަކަށް ހަނދުމަފުޅު އާ ވެއްޖެއެވެ. މާފަށްވެސް އެދިވަޑައިގެންފިއެވެ. އެހެން ނަމަވެސް ދަންނަވަންތޯއެވެ. ފްލެޓް ވެރިން އަދިވެސް ތިބީ ތިޔަވިދާޅުވި އެއްޗަކަށް މުޅިން އިތުބާރު ކޮށްގެންނެއް ނޫނެވެ.

- ކޮމެންޓް