އިސްރާއީލުން އީރާނަށް ހަމަލާ އެއް ދީފި ނަމަ ހަލާކުކޮށްލާ ފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ)ގެ ތަރުޖަމާނު ވިދާޅުވީ އިސްރާއީލުން އީރާނާ ދެކޮޅަށް "މޮޔަ ކަމެއް" ކޮށްފިނަމަ އީރާނުން ހަލާކުކޮށްލާފަދަ ޖަވާބެއް ދޭނެ ކަމަށާއި، އަދި އިސްލާމީ ޖުމްހޫރިއްޔާ އިން ދޭ ބާރުގަދަ ރައްދުގެ މިންވަރު ދެނެގަތުމަށް އިސްރާއީލުގެ ވެރިކަމަށް ނުކުޅެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އައިއާރްޖީސީގެ ތަރުޖަމާނު އަދި ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓްގެ ނައިބު ބްރިގޭޑިއަރ ޖެނެރަލް ޢަލީ މުޙައްމަދު ނަޢީނީ، އިސްރާއީލަށް މި އިންޒާރު ދެއްވީ ބުރާސްފަތި ދުވަހުއެވެ. މިއީ އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާ ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ސީއެންއެން އިން އަންގާރަ ދަ ދުވަހު ގެނައި ޚާއްޞަ ރިޕޯޓެއްގައި ހާމަކުރުމާ ގުޅިގެން އީރާނުން ދިން ރައްދެއް ކަމަށް ބެލެވެއެވެ.
"އެމީހުން މަސައްކަތް ކުރަނީ ހަނގުރާމައިގެ ބިރުދައްކައިގެން އީރާން ބިރުގަންނަވަން. ރައްޔިތުންނާއި އަސްކަރިއްޔާގެ ވަރުގަދަ ތާއީދު ލިބިގެންވާ ވެރިކަމެއް ހަނގުރާމަ އަށް ބިރުގަންނާނެ ކަމަށް. އެއީ ދުޝްމަނުން ތަކުރާރުކޮށް ކުރާ ނުބައި އަންދާޒާތަކުން އުފެދޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ އޮފިޝަލުންގެ ފަރާތުން ލިބުނު މަޢުލޫމާތުތަކަށް ބިނާކޮށް ސީއެންއެން އިން ރިޕޯޓުކޮށްފައިވަނީ، އިސްރާއީލުން ވައިގެ ހަތިޔާރުތައް އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ވައިގެ ތަމްރީނުތައް ކުރިއަށް ގެންދާ ކަމަށް ދައްކުވައިދޭ އައު އިންޓެލިޖެންސް މަޢުލޫމާތު އެމެރިކާ އަށް ލިބިފައިވާ ކަމަށެވެ. މިއީ މަތީ މިންވަރަކަށް އިސްރާއީލުން ހަނުގުރާމައިގެ ތައްޔާރީތައް ވަމުންދާކަން ދައްކުވައިދޭ ކަމެއް ވެސް ކަމަށް ބުނެފައިވެއެވެ.
"ދުޝްމަނުންނަކީ އިސްލާމީ ޖުމްހޫރިއްޔާގެ ބާރުތަކާ މެދު އެމީހުންގެ އަންދާޒާތަކުގައި މޮޔަ އަދި ޖާހިލު ބައެއް. އަދި ހަނގުރާމަ އެއް ފެށިއްޖެ ނަމަ، އީރާން-އިރާޤު ހަނގުރާމައިގައި ވެސް ކަންތައް ވީ ފަދައިން، ރައްޔިތުންގެ ބާރު މައިދާނުން ފެންނާނެކަން އެމީހުންނަކަށް ނުވިސްނޭ. ދުޝްމަނުން ހަނގުރާމަ ފެށީ މިފަދަ ހީތަކުގެ މައްޗަށް ބިނާކޮށް، އަދި އެންމެ ފަހުން ބަލިވީ،' ކަމަށް ޖެނެރަލް ނަޢީނީ ވިދާޅުވިއެވެ.
އައިއާރްޖީސީގެ ތަރުޖަމާނު އިސްރާއީލަށް އިންޒާރުދެއްވާ ވިދާޅުވީ، އިސްރާއީލުގެ ވެރިކަމުން "މޮޔަ އުދުވާނީ އެއްވެސް ޢަމަލެއް ހިންގައިފިނަމަ، "ޝައްކެއްނެތް ގޮތުގައި ހަލާކުކޮށްލާފަދަ އަދި ގަދަފަދަ ރައްދެއް ދޭނެ" ކަމަށެވެ.
ޖެނެރަލް ނަޢީނީ ވިދާޅުވީ 1979 ގެ އިސްލާމީ އިންޤިލާބުން ފެށިގެން، ވޭތުވެދިޔަ 46 އަހަރުގެ ތެރޭގައި އީރާނުން ސާފު މެސެޖެއް ފޯރުކޮށްދީފައިވާ ކަމަށެވެ. އެއީ "އިސްލާމީ ޖުމްހޫރިއްޔާ ވައްޓާލުމަކީ ނުކުރެވޭނެ ކަމެއްކަމާއި، ވޭތުވެދިޔަ އަހަރުތަކުގައި ހިނގި ހަމަނުޖެހުން ތަކުން ވެސް ފޯރުކޮށްދިނީ އެއް މެސެޖެއްކަމާއި - އެއީ އިސްލާމީ ޖުމްހޫރިއްޔާ ވައްޓައެއް ނުލެވޭނެ ކަމެވެ."
2024 އޭޕްރިލް 1 ވަނަ ދުވަހު ދިމިޝްގު ގައި ހުރި އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާ އާއި ޙަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ އާއި ޙިޒްބުﷲގެ އިސްވެރިޔާ ސައްޔިދު ޙަސަން ނަޞްރުﷲ، އަދި އައިއާރްޖީސީގެ ޖެނެރަލް ޢައްބާސް ނިލްފޮރޫޝަން އިސްރާއީލުން އަވަހާރަކޮށްލުމާ ގުޅިގެން އޭގެ ބަދަލު ހިފުމުގެ ގޮތުން، އައއާރްޖީސީ އިން "އޮޕަރޭޝަން ޓްރޫ ޕްރޮމިސް I" ހިންގައި، އިސްރާއީލުގެ އަސްކަރީ ތަންތަނަށް 300 އަށްވުރެ ގިނަ މިސައިލްތަކާއި ޑްރޯން ހަމަލާތައް ވަނީ ދީފައެވެ.