އިންޑިއާ އާއި ޕާކިސްތާނުން ނިއުކްލިއަރ ހަތިޔާރު ބޭނުން ކޮށްފާނެތަ؟ އެ ޤައުމުތަކުގެ ނިއުކްލިއަރ ސިޔާސަތުތަކުގައި ބުނަނީ ކީކޭ؟
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ފުރިހަމަ ހަނގުރާމަ އެއް ހިނގާފާނެ ކަމުގެ ނިޝާންތައް ފެންނަމުންދާއިރު، މި ދެ ގައުމަކީ ނިއުކްލިއަރ ހަތިޔާރުގެ ގާބިލްކަން ލިބިފައިވާ ދެ ގައުމުކަން ފާހަގަ ކުރެވެއެވެ. ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރެވިދާނެ ހާލަތު އަންގަައިދޭ ސިޔާސަތު އިންޑިއާ އިން ހާމަކޮށްފައި އޮތް ނަމަވެސް ޕާކިސްތާނުން އެ ސިޔާސަތު މިހާތަނަށް ދަމަހައްޓާފައިވަނީ ސިއްރެއްގެ ގޮތުގައެވެ.

ޕާކިސްތާނުގެ ގައުމީ ދުވަސް ފާހަގަ ކުރަން ބޭއްވި ޕެރޭޑެއްގައި ނިއުކްލިއަރ ގާބިލްކަން ހުރި ބެލެސްޓިކް މިސައިލެއް މޮބައިލް ލޯންޗަރެއްގައި ދައްކާލަނީ، މާޗް 23، 2007
މެއި 10 ވީ ހޮނިހިރު ދުވަހުގެ ފަތިހުގެ ގަޑިތަކުގައި އިންޑިއާގެ އެކި ސަރަހައްދުތަކުގައި ހުރި ސިފައިންގެ މަރުކަޒުތަކަކަށް ހަމަލާދިން ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ. މިއީ އިންޑިއާ އިން ޕާކިސްތާނުގެ ތިން މަރުކަޒަކަށް މިސައިލް ހަމަލާ ދިން ކަމަށް ބުނިފަހުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ވަނީ ބެލެވިފައެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެ، ފުރިހަމަ ހަނގުރާމައަކާ ހަމައަށް ހިނގައިދާނެ ކަމުގެ ނިޝާނެކެވެ.
ކަޝްމީރުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ދެކޮޅުވެރިކަން، ހަމަލާ ބަދަލު ކުރުމުގެ ދަރަޖައަށް ނުރައްކާވެގެން މި ދިޔައީ، 22 އޭޕްރިލްގައި އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ޕެހަލްގަމް ގައި ހިނގި ހަމަލާއަކާ ގުޅިގެންނެވެ. މ މި ހަމަލާގައި ހިންދޫންގެ 25 ފަތުރުވެރިންނާއި ލޯކަލް ގައިޑަކު މަރުވިއެވެ. މި ހަމަލާއާ ގުޅިގެން އިންޑިއާއިން ޕާކިސްތާނަށް ތުހުމަތު ކުރިއެވެ. ނަމަވެސް އިސްލާމާބާދުން އެކަމުގައި އެއްވެސް ދައުރެއް އޮތް ކަމަށް ދެކޮޅު ހަދައިފައިވެއެވެ.
އިންޑިއާ އާއި ޕާކިސްތާނުގައި ކިތައް ނިއުކްލިއަރ ވޯހެޑް އެބަހުރިތަ؟
އިންޑިއާއިން ފުރަތަމަ ނިއުކްލިއަރ ޓެސްޓް ހެދީ 1974 ވަނަ އަހަރުގެ މެއި މަހުގައެވެ. އޭގެ ފަހުން 1998 ވަނަ އަހަރުގެ މެއި މަހުގައި އިތުރު ޓެސްޓްތަކެއް ހެދުމަށްފަހު އިންޑިއާއިން އެ ޤައުމަކީ ނިއުކްލިއަރ ހަތިޔާރުގެ ބާރު އޮތް ޤައުމެއް ކަމަށް އިޢުލާނުކުރިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ޕާކިސްތާނުން ނިއުކްލިއަރ ހަ ޓެސްޓެއް ހަދައި، އެ ޤައުމަކީވެސް ނިއުކްލިއަރ ހަތިޔާރުގެ ބާރުވެރި ޤައުމެއް ކަމަށް ރަސްމީކޮށް އިޢުލާނުކުރިއެވެ.
އެއަށްފަހު ދެ ޤައުމުން ވެސް އަނެއް ޤައުމަށްވުރެ ގިނައިން ހަތިޔާރާއި ނިއުކްލިއަރ ސްޓޮކްޕައިލް އިތުރުކުރުމަށް މަސައްކަތްކޮށްފައިވެއެވެ. މިކަމަށް އެތައް ބިލިއަން ޑޮލަރު ދެގައުމުން ވެސް ޚަރަދުކޮށްފައިވެއެވެ.
މިހާރު އަންދާޒާކުރެވޭ ގޮތުގައި އިންޑިއާގައި 180 އަށްވުރެ ގިނަ ނިއުކްލިއަރ ވޯހެޑް އެބަހުއްޓެވެ. އިންޑިއާ އިން ދުރު ރާސްތާ މިސައިލްތަކާއި އެއްގަމު އުޅަނދުތަކުގައި އުފުލޭ މިސައިލްތައް ތަރައްޤީކޮށްފައިވެއެވެ. އަދި ރަޝިއާ އާ އެކު ގުޅިގެން ކަނޑު އުޅަނދުތަކާއި ފެނުއަޑީގެ އުޅަނދުތަކުގައި ބޭނުންކުރެވޭ މިސައިލްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސެންޓަރ ފޮރ ސްޓްރެޓެޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އިން ބުނެފައިވެއެވެ.
އަނެއްކޮޅުން، ޕާކިސްތާނަށް ލިބިފައިވާ ހަތިޔާރުގެ ގާބިލު ކަމަށް ބަލާއިރު، 170 އަށްވުރެ ގިނަ ނިއުކްލިއަރ ވޯހެޑް ހުރިކަމަށް ވެއެވެ. ޕާކިސްތާނަށް އެ ގައުމުގެ ގާތް އެކުވެރިއެއް ކަމުގައިވާ ޗައިނާގެ ޓެކްނޮލޮޖީގެ އެހީތެރިކަން ލިބެއެވެ. ޕާކިސްތާނުގެ ސްޓޮކްޕައިލްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކުރު އަދި މެދު ރާސްތާގެ ބެލިސްޓިކް މިސައިލްތަކެވެ. މި މިސައިލްތަކަށް އިންޑިއާގެ ސަރަހައްދަށް ފޯރާ މިންވަރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވެއެވެ.
އިންޑިއާގެ ނިއުކްލިއަރ ސިޔާސަތަކީ ކޮބާ؟
އިންޑިއާ އިން ނިއުކްލިއަރ ހަކަތަ ތަރައްގީ ކުރުމަށް ޝައުޤުވެރިވެ، އެކަން ފުޅާކުރަން ފެށީ އެ ޤައުމުގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރުލާލް ނެހްރޫގެ ދައުރުގައެވެ. އޭނާ ބޭނުންފުޅުވީ ނިއުކްލިއަރ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށެވެ. ނަމަވެސް، ފަހުގެ އަހަރުތަކުގައި އިންޑިއާ އިން ނިއުކްލިއަރ ހަކަތައިގެ ގާބިލްކަން ވަރުގަދަކޮށްފައި ވަނީ އިންޑިއާގެ އަވައްޓެރި ޤައުމުތައް ކަމުގައިވާ ޗައިނާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ސަރަހައްދީ ޚިލާފުތަކުގައި ބިރުދެއްކުމަށެވެ.
ނިއު ދިއްލީގެ ފުރަތަމަ އަދި ހަމައެކަނި ނިއުކްލިއަރ ޑޮކްޓްރިން ނުވަތަ ސިޔާސަތު ޝާއިޢުކުރީ 2003 ވަނަ އަހަރުގައެވެ. އަދި އެއަށްފަހު ރަސްމީކޮށް އެއަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މި ޑޮކްޓްރިންގެ އާކިޓެކްޓަކީ ސްޓްރެޓެޖިކް އެނަލިސްޓް ކޭ. ސުބްރަމަނިއަމް އެވެ. އޭނާ އަކީ އިންޑިއާގެ މިހާރުގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރުގެ ބައްޕައެވެ.
މި ޑޮކްޓްރައިން ބުނާ ގޮތުން ނިއުކްލިއަރ ހަމަލާއެއް ދިނުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ބޮޑުވަޒީރަށެވެ. އެއީ ބޮޑުވަޒީރަކީ ނިއުކްލިއަރ ކޮމާންޑް އޮތޯރިޓީގެ ސިޔާސީ ކައުންސިލުގެ އިސްވެރިޔާ ކަމަށްވާތީއެވެ. އިންޑިއާގެ ނިއުކްލިއަރ ޑޮކްޓްރިން ބިނާވެފައިވަނީ ހަތަރު އަސާސެއްގެ މައްޗަށެވެ:
ޕާކިސްތާނުގެ ނިއުކްލިއަރ ސިޔާސަތަކީ ކޮބާ؟
ޕާކިސްތާނުން މިހާތަނަށް އެ ގައުމުގެ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމާ ގުޅޭ ފުރިހަމަ ސިޔާސަތެއް ރަސްމީކޮށް ޝާއިޢުކޮށްފައެއް ނުވެއެވެ. މިހެން މިކަން އޮތުމުން ހަނގުރާމައިގެ ކޮންމެ މަރުހަލާއެއްގައިވެސް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ފުރުޞަތު އެ ގައުމަށް ލިބިގެންދެއެވެ. މީގެ ކުރިން ޕާކިސްތާނުން މިފަދަ ބިރުދެއްކުންތައް ދައްކާފައިވެއެވެ. ގިނަ މާހިރުން ދެކޭ ގޮތުގައި އިސްލާމް އާބާދުން ފެށުނީއްސުރެ މި ސިއްރު މިގޮތައް ދަމަހައްޓަނީ ސްޓްރެޓެޖިކް ގޮތުން ކުރާ ކަމެއްގެ ގޮތުގައެވެ. މިއީ އިންޑިއާގެ ވަރުގަދަ އާންމު އަސްކަރީ ބާރަށް ބިރުދެއްކުން އިތުރުކުރުމަށް ކުރާ ކަމެއްގެ ގޮޮތުގައި ތަޖުރިބާކާރުން ދެކެއެވެ.
ހަތަރު ރަތް ރޮނގު: ޕާކިސްތާނުގެ ނިއުކްލިއަރ ސިޔާސަތުގައި މުހިންމު ދައުރެއް އަދާކުރި ސްޓްރެޓެޖިސްޓް އަދި ނިއުކްލިއަރ ކޮމާންޑް އޭޖެންސީގެ ލަފާދޭ ފަރާތެއްގެ ހައިސިއްޔަތުން، 2001 ވަނަ އަހަރު، ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޚާލިދް އަޙްމަދު ކިދްވައި ވަނީ ޕާކިސްތާނުން ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުމަށް މަގުފަހިވެދާނެ ހަތަރު "ރަތް ރޮނގު" ނުވަތަ ޓްރިގަރެއް ބަޔާންކޮށްފައެވެ. އެއީ:
ނަމަވެސް، މި ޓްރިގަރުތައް ހިނގާނީ ކިހާ ބޮޑު ސަރަހައްދެއް ގެއްލިގެން ނުވަތަ ކިހާވަރެއްގެ އަސްކަރީ ގެއްލުމެއް ލިބިގެން ކަމެއް ޕާކިސްތާނުން ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާގެ ނިއުކްލިއަރ ސިޔާސަތު ބަދަލުވެފައިވޭތަ؟
އިންޑިއާގެ ރަސްމީ ޑޮކްޓްރިން އަށް މާބޮޑު ބަދަލެއް އައިސްފައި ނެތް ނަމަވެސް، ފަހުގެ އަހަރުތަކުގައި އިންޑިއާގެ ސިޔާސީ ވެރިން ދައްކާ ވާހަކަތަކުން ދޭހަވަނީ ފުރަތަމަ ބޭނުން ނުކުރުމުގެ ސިޔާސަތާ ޚިލާފް ވިސްނުންތަކެއް އިންޑިއާ އިން ގެންގުޅެމުން އަންނަ ކަމެވެ. މިއީ ޕާކިސްތާނުގެ ވިސްނުމާ އެއްގޮތްކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް ބެލެވެއެވެ.
2016 ވަނަ އަހަރު، އޭރުގެ ދިފާޢީ ވަޒީރު މަނޯހަރް ޕަރީކަރު އިންޑިއާ އިން އެންއެފްޔޫ ސިޔާސަތަށް ތަބާވާން ޖެހޭތޯ ސުވާލު އުފައްދާފައިވެއެވެ. 2019 ވަނަ އަހަރު، މިހާރުގެ ދިފާޢީ ވަޒީރު ރާޖްނާތު ސިންގު ވިދާޅުވެފައި ވަނީ އިންޑިއާ އިން މިހާތަނަށް ކަނޑައެޅިގެން އެންއެފްޔޫ ސިޔާސަތަށް ތަބާވެފައިވާ ކަމަށާއި، ނަމަވެސް ހާލަތު ބަދަލުވުމުން އެކަން ބަދަލުވެދާނެ ކަމަށެވެ.
"މުސްތަޤުބަލުގައި ވާނެ ގޮތް ބިނާވާނީ އޭރުގެ ހާލަތުތަކުގެ މައްޗަށެވެ،" ސިންގު ވިދާޅުވެފައިވެއެވެ.
ޕާކިސްތާނުގެ ނިއުކްލިއަރ ސިޔާސަތު ބަދަލުވެފައިވޭތަ؟
ޕާކިސްތާނުން ޑޮކްޓްރިން ސާފުކޮށް ހާމަކޮށްފައި ނެތް ނަމަވެސް ފަހުގެ އަހަރުތަކުގައި، ޕާކިސްތާނުން "އެންއެފްޔޫ ނޫން" ސިޔާސަތެއް ގެންގުޅޭކަން ސާފުކޮށްދޭން މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
2024 ވަނަ އަހަރުގެ މެއި މަހު، ނިއުކްލިއަރ ކޮމާންޑް އޭޖެންސީގެ ލަފާދޭ ފަރާތް ކަމުގައިވާ ކިދްވައި ސެމިނާއެއްގައި ބުނެފައި ވަނީ "އިސްލާމާބާދުގައި އެންއެފްޔޫ ސިޔާސަތެއް ނޯންނަ" ކަމަށެވެ.
މުހިންމު ކަމެއްގެ ގޮތުގައި، ޕާކިސްތާނުން 2011 ވަނަ އަހަރުން ފެށިގެން ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރު (ޓީއެންޑަބްލިއު) ތަރައްޤީކޮށްފައިވެއެވެ. ޓީއެންޑަބްލިއު އަކީ ކުރު ރާސްތާ އަށް ދަތުރުކުރެވޭ ނިއުކްލިއަރ ހަތިޔާރެވެ. މިއީ ކުދި ސަރަހައްދުތަކަށް ހަމަލާދިނުމަށް ފަރުމާކޮށްފައިވާ، ހަނގުރާމައިގެ މައިދާނުގައި އަސްކަރީ ބާރަކާ ދެކޮޅަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ހަތިޔާރެކެވެ. މީގެ ބޭނުމަކީ ގެއްލުމުގެ އަސަރު ކުޑަ ސަރަހައްދަކަށް ލިމިޓް ކުރުމެވެ.
2015 ވަނަ އަހަރު، އޭރުގެ ޚާރިޖީ ސެކްރެޓަރީ އައިޒާޒް ޗައުދުރީ ވިދާޅުވެފައިވަނީ އިންޑިއާއާއެކު މުސްތަޤުބަލުގައި ހިނގާފާނެ ހަނގުރާމައެއްގައި ޓީއެންޑަބްލިއު ބޭނުންކުރެވިދާނެ ކަމަށެވެ.
ނަމަވެސް، ޙަޤީޤަތުގައި މާހިރުން އިންޒާރުދޭ ގޮތުގައި މި ވޯހެޑްތަކުގައިވެސް 300 ކިލޯ ޓަނަށް ވުރެ ބޮޑު އެކްސްޕްލޯސިވް ޔީލްޑެއް ހުރެދާނެއެވެ. މިއީ ހިރޯޝިމާ ހަލާކުކޮށްލި ބޮމުގެ 20 ގުނަ ބާރުގަދަ މިންވަރެއްކަން ފާހަގަ ކުރެވެއެވެ.






