މި ސަރުކާރުގެ އެންމެ ވަރުގަދަ އަދި ހަރުދަނާ ކަމަށް ވަކާލާތުކުރާ އެއް މިނިސްޓަރަކީ އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދެވެ. އެއް ޒަމާނެއްގައި އިކޮނަމިކް މިނިސްޓަރަކަށް ހުންނެވީތީ ދެންވެސް އެނގިވަޑައިގަންނަވާނެކަމަށް ދައުވާކުރާ ފަދައެވެ. އިގްތިސާދަކީ އެކެއް ގުނަ އެއްކެއް ވީމަ ވާނީ އެކެއް ކަމަށާއި، އިގްތިސާދު މެނޭޖް ކުރުމަކީ ވެސް އެހާ ފަސޭހަކަމެއް ކަމަށް ވިދާޅުވެ އެތައް މޮޅު ވާހަކައެއް ދެއްކެވިއެވެ. ރޯދައިގެ ކުރިން ޅަ ކަރާ ފަޅުއްވާ ދިވެހިން ޅޮސް އުނދޯއްޔަށް އެރުއްވީ އެހެނަކުން ނޫނެނެވެ.
އާހިރުގައި ކަންވެސް ނިމިގެންދިޔަ އިރު ސައީދަށް އެނގިވަޑައިގެންނެވި އެއްވެސް އެއްޗެއް ނެތެވެ. ހަގީގަތަކީ ސައީދުގެ ކިބުރުވެރިކަމާއި ބޮޑާކަމާއި ދެއްކުންތެރިކަމެވެ. މިއިން ކަމެއް އަށެގަނެފި މީހަކީ އެއްވެސް ކާމިޔާބީއެއް ހާސިލުނުވާނޭ މީހެކޭ ބުނެއުޅެއެވެ. ސައީދަށްވެސް ވަނީ މިކަހަލަ ގޮތެކެވެ. އިގްތިސާދު ރަނގަޅުކަމަށް ވަކާލާތު ކުރި އިރު އެއް އަހަރަށްވުރެ އަނެއް އަހަރު އިގްތިސާދު ދަނީ އެތައް ސަތޭކަ މިލިއަނުން ދަށަށެވެ. ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު އިމްޕޯޓް އެކްސްޕޯޓް ރޮކެޓް ސްޕީޑުގައި ދާނެކަމަށް ވިދާޅުވި އިރު އެވެސް ދިޔައީ ދަށަށެވެ. 141 ބާވަތެއްގެ އަގުތައް މި ރޯދަ މަހު އެއްހަމަހެއްގައި ހިފަހައްޓާނެކަމަށް ވިދާޅުވި އިރު، ރޯދަ ފަށައިގެން ހަފްތާއެއް ނުވަނީސް އަގުތައް އިންތިހާއަށް މައްޗަށް ގޮސްފިއެވެ.
ސައީދެވެ. މިއަދު ބާޒާރުގައި ކާއްޓެއްގެ އަގު ހުރީ 40 ރުފިޔާ އަށެވެ. ލުނބޯ ކިލޯ އެއް ހުރީ 45 ރުފިޔާ އިން މަތީގައެވެ. މިރުހުގެ އަގު 350 ރުފިޔާ އިން މައްޗަށް ކިލޯ އެއް އަރައިފިއެވެ. ލޮނުމެދު ލިބެނީ ބޮލަކަށް ކިލޯއެކެވެ. ފިހާރަތަކުން ކާޑުގެ ބާވަތްތައް ލިބުން ދަތިވެއްޖެއެވެ. ހަނޑުލާއި ފުށް ލިބެނީ ބޮލަކަށް 2 ކިލޯއެވެ. އިގްތިސާދީ މާމޮޅު މީހަކަށް ދެއްކެވިގެން ދެއްކެވި ވާހަކަ ވަނީ ވަލަށް ތޯއެވެ. ރޯދަ މަސް ފަށައި ހަފްތާއެއް ނުވަނީސް ތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އުފުލިއްޖެއެވެ. ސައީދެވެ. 141 ބާވަތަށްވީ ކިހިނެއް ހެއްޔެވެ.
ދުރާލާ މި ކަންކަން އިންތިޒާމް ނުކުރެވުނީ ކީއްވެގެން ހެއްޔެވެ. ވާހަކަދައްކަވަން ލިބޭ ކޮންމެ ޕޯޑިއަމްއެއްގައި ރައީސްގެ އިރުޝާދާއި ލަފާފުޅުގެ ދަށުން ކަންކަން ކުރައްވާ ކަމާއި، ރޯދައަށް ރައްޔިތުންނަށް ތަކުލީފެއް ނުޖެހޭނެކަމަށް ވިދާޅުވެ ފިނިފެންމަލުގެ ހާރުތައް އަމުނަމުން ވަޑައިގެންނެވި ވަޑައިގެންނެވުން މާތައް މޯޅިވެ ދިޔައީމަ ނިމުނީހެއްޔެވެ. އިގްތިސާދީ ވަޒީރުގެ ޒިންމާއެއް އަދާކުރާތަނެއް ނުފެނުނެވެ. ފެނިވަޑައިގަންނަވަނީ މަގާމުގެ ޖާހަތުގައި ރައްޔިތުން ގުނބޯ ހައްދާތަނެވެ.
ދެން އޮތީ ރާއްޖެއަށް ވަންނަ އާމްދަނީ ދަށްވި ދަށްވުމެވެ. އިންފްލޭޝަން ބޮޑުވުމެވެ. އަދިވެސް ހަމަ ކުރީ ސަރުކާރޭ ކިޔާލަ ކިޔާލާ ތިބެންވީހެއްޔެވެ. ސައީދެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޗާއިނާއެކު ހަދައި ސޮއިކުރީ ކޮނޑަށް މެޑަލް ޖަހާށެވެ. ތިމަންނާގެ ވަޒީރުކަމުގައި މިކަން ކުރީމޭ ބުނުމަށެވެ. މިއިންވި ފައިދާއެއް ދައްކާލަބަލާށެވެ. މިއިން ވަތް އާމްދަނީއެއް ދައްކާލަބަލާށެވެ. އާމްދަނީ އެތައް 100 މިލިއަނަކުން ދަށަށް ދިޔަ އިރު އެކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ތިޔަ ވިދާޅުވާ ފްރީޓްރޭޑް އެގްރީމެންޓާއެކީ ޗައިނާގެ އެކްސްޕޯޓް އިމްޕޯޓުން ލިބޭ އާމްދަނީ ދަށްވެގެން ދިއުމެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާލުމުން ސައީދުގެ ގާބިލިއްޔަތުކަމާއި ލަޔާގަތާއި އެ ހުނަރާއި އެ ވިސްނުމާއި އެ ފެންވަރު ނެތްކަން އެނގެއެވެ. ދިވެހި ރާއްޖެ އާއި ޗައިނާ އާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށް ދެ ގައުމުން އެއްގައުމުން އަނެއް ގައުމަށް އެތެރެ ކުރާ ގިނަ ބާވަތްތަކުން މުޅިން ޑިއުޓީ ކަނޑާލާފައިވާއިރު، ދެ ގައުމުގެ ދެމެދުގައި އޮތް އިންތިހާ ބޮޑު ވިޔަފާރީގެ ފަރަގަށް އެއްވެސް ހެޔޮ ބަދަލެއް އައިސްފައި ނުވާކަން ފާހަގަ ކުރެވެއެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު މި އަހަރުގެ ޖެނުއަރީމަހު އިމްޕޯޓް އެކްސްޕޯޓްއިން އާމްދަނީގެ ގޮތުގައި 287 މިލިޔަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ ޖެނުއަރީމަހު 373 މިލިޔަން ރުފިޔާގެ އާމްދަނީއެއް ކަސްޓަމްސްއަށް ލިބިފައިވެއެވެ. ރޯދައަށް ތައްޔާރުވުމުގެ ގޮތުން އިމްޕޯޓް ކުރާ ގިނަ އަދަދެއްގެ މުދަލާއެކު އާންމުގޮތެއްގައި ރޯދައިގެ ކުރިއަށް އަންނަ ދެމަހެއް ވަރު އިމްޕޯޓް އާމްދަނީ އިތުރުުވެގެންދެއެވެ. ނަމަވެސް ސައީދުގެ ހިސާބުތައް ދިމާނުވެ މިއަހަރުގެ ޖެނުއަރީ މަހު 86 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ދަށްވެފައެވެ. ނަމަވެސް މިކަން މިނިސްޓަރަށް އެނިވަޑައިގަންނަވާނަމަ ކޮންފަދައީ ހެއްޔެވެ.
ޗައިނާއެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ބަލާއިރު، ރާއްޖެއިން ޗައިނާއަށް މި އަހަރުގެ ޖެނުއަރީ މަހު އެއްވެސް އެއްވެއް އެކްސްޕޯޓްކޮށްފައި ނުވެއެވެ. ނަމަވެސް ރާއްޖެއަށް އިމްޕޯޓްކުރި އަދަދު ވަނީ އިތުރުވެފައެވެ. ޗައިނާއިން 1043 މިލިއަން ރުފިޔާގެ ސާމާނު އިމްޕޯޓްކުރި އިރު މިއީ ގާތްގަނޑަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ސާމާނެވެ. ނަމަވެސް މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓް ކުރި އެއްޗެއް ނެތެވެ. ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތަކެވެ. ނަމަވެސް ޗައިނާއަކީ އަމިއްލަ މަސްވެރިކަމެއް ކުރާ ބައެކެވެ. އަދި ނުވިތާކަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޗައިނާއިން މަހުގެ ބާވަތްތައް އިމްޕޯޓް ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޖަޕާން، އޮސްޓްރޭލިއާ، ސްޕެއިން، އިންޑޮނޭޝިއާ އަދި ނިއުޒީލެންޑް ހިމެނެއެވެ. މި ލިސްޓަކު ރާއްޖެ ނެތެވެ.
މީގެ އިތުރުން އާމްދަނީ ބޮޑުތަނުން ދަށަށް ގޮސްފައިވާއިރު އެކަންވީ ކިހިނެއް ކަމެއް ސައީދަކަށް އެނގިވަޑައި ނުގަންނަވައެވެ. ޒިންމާތައް އެނގިވަޑައިނުގަނަންވާ މިންވަރު މިއިންވެސް ސާފުވެއެއެވެ. އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.4 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ އާމްދަނީ އަކީ 4.8 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން މި މުއްދަތުގައި ލިބުނު އާމްދަނީ މި ދިޔަ އަހަރާ އަޅާ ބަލާއިރު 358 މިލިއަން ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. މިހެން މެދުވެރިވާންވީ ސަބަބެއް ސައީދަކަށް ހަމަ އެނގިވަޑައިނުގަތެެވެ.
ސައީދުގެ ޒިންމާއަކީ ރާއްޖޭގެ އިގްތިސާދު ދެމެހެއްޓެނެވިގޮތެއްގައި ކުރިއެރުވުމަށް މަސައްކަތް ކުރުމާއި، އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމާއި، އިންފްލޭޝަނާއި، ކާބޯތަކެތީގެ އަގުތަކާއި، މިހެން ގޮސް އިގްތިސާދީ އަދި މާލީ ކަންކަމުގައި ޒިންމާ ނަންގަވާ ކަންކަން ރަނގަޅުކުރުމެވެ. ނަމަވެސް ރައީސްގެ އިރުޝާދުފުޅުގެ ދަށުން ނޫން ގޮތަކަށް ކަން ނުކުރައްވާ ސައީދު ބޮޑުތަނުން ވަނީ ފެއިލްވެފައެވެ.
ގޮތް ދޫނުކުރެއްވުމުގެ ސިޔާސަތެއް ގެންގުޅުއްވާ ހުރިހާކަމެއް ދަންނަކަމަށް ހައްދަވައިގެން އުޅުއްވާ އިކޮނަމިކް މިނިސްޓަރު ސައީދުވަނީ ދާދިފަހުން އިގްތިސާދު ރަނގަޅުކަމަށް ވިދާޅުވެ އިތުރުފުޅުވެސް ހައްދަވާފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު މީރާއިން ބަލައިގަތް އާމްދަނީއަށްވުރެ މިއަހަރުގެ ޖެނުއަރީމަހު މީރާއިން ބަލައިގަތް އާމްދަނީ 7.7 އިންސައްތަ ދަށަށް ވަނީ ގޮސްފައެވެ. ޖަނަވަރީ 2025 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 3.34 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 7.7 އިންސައްތަ ދަށް އަދަދެކެވެ.
ނަމަވެސް ތަކުރާރުކޮށް ސުވާލުކުރުމުންވެސް މިކަންވިގޮތެއް ސައީދަކަށް އެނގިވަޑައިނުގަތެވެ. ހަމައެކަނި ކުރިން ވިދާޅުވި ބަހުގައި ހިފަހައްޓަވަން ވިދާޅުވީ 7.7 އިންސައްތަ އާމްދަނީ ދަށްވީމަވެސް އިގްތިސާދު ކުރިއަރާނެކަމަށެވެ. ފެހި ސިގްނަލް ދެއްވަމުން ވަޑައިގެންނެވި ސައީދުގެ ރަތްބޮކި ދިއްލިއްޖެއެވެ. މާނައަކީ މަގާމަށް އެކަށީގެން ނުވެއެވެ. މަގާމުގައި ހުންނަވައިގެން ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ހަރަދަނާކުރުމުގެ ބަދަލުގައި ފެނިގެންދަނީ އެވެނިކަމެއް މިވެނިކަމެއް ކުރިކަމަށް ދައްކަން ފައިދާއެއްނެތް ކަންކަން ކުރައްވާތަނެވެ. ދެން ހައްދަވަނީ ރޯ ބުހުތާނު ބޮޑު ދޮގެވެ. އިގްތިސާދީ މާ މޮޅު މާހިރަކަށް ހެދިވަޑައިގެން ރޯދަ މަހުވެސް ދިވެހިންނަށް ނޭވާލެވޭނެ ޖާގަވެސް ނުދެއްވިއެވެ.
ސައީދުގެ ނާގާބިލުކަން ހާމަވާ އެއް ހެއްކަކީ އައިއެމްއެފްގެ ރިޕޯޓެވެ. ދެން ބަންކަރިންއަށް ގެނައި ބާޖު ތިލަފުށީގައި ދަބަރު ޖަހަން ބޭއްވުމާއި، ބަންކަރިންގެ ހިދުމަތުން ތެޔޮއެޅި ބޯޓެއް ނެތުމެވެ. އަދި ޗައިނާއެކުވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު އިމްޕޯޓް އެކްސްޕޯޓް ބޮޑުތަކުން ދަށްވެގެންދިއުންވެސް ފުދެއެވެ. ނަމަވެސް ސައީދަށް މިކަން ވިސްނޭނަމައޭ ހިތަށް އަރައެވެ. މިއަދު ކާއްޓެއް ހުރީ 40 ރުފިޔާއަށެވެ. ލޮނުމެދު ގަންނަން ލިބެނީ ބޮލަކަށް ކިލޯއެކެވެ. ސައީދު ވިދާޅުވާގޮތުން ނަމަ މިއީވެސް ރައިސްގެ އިރުޝާދާއި ލަފާފުޅެވެ.