ފުރަތަމަ ބުރުގައި ދޫކޮށްލަން އެއްބަސްވި ހުރިހާ ރަހީނުން ހަމާސް އިން ދޫކޮށް ނިންމައިފި
ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި އިސްރާއީލުން އެ ޤައުމުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި 602 ފަލަސްތީނު މީހުން ދޫކޮށްލާނެ ކަމަށް ވަނީ ބެލެވިފައެވެ.

ރަހީނުކޮށްފައިވާ އޮމަރ ޝެމް ޓޯވް ދޫކޮށްލި ވަގުތު
ޣައްޒާ ގައި ހިފަހައްޓާފައި ތިބި 6 އިސްރާއީލު މީހުން ހަމާސް އިން ދޫކޮށްލައިފިއެވެ.
މިއީ ފަލަސްތީނުގެ ހަމާސް އާއި އިސްރާއީލާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ފުރަތަމަ މަރުހަލާ ގައި ދޫކޮށްލަން ހަމަޖެހިފައިވާ އެންމެ ފަހު މީހުންނެވެ.
ހޮނިހިރު ދުވަހު ފުރަތަމަ ދޫކޮށްލެވުނު ދެމީހުން ރެޑް ކްރޮސްގެ ހަވާލުގައި ދޫކޮށްލެވުނީ ޣައްޒާ ގެ ދެކުނުގައިވާ ރަފަހް ގައެވެ. މި ދެމީހުން ދޫކޮށްލެވުނީ ހަމާސްގެ ހަތިޔާރު އެޅި ހަނގުރާމަވެރިންނާއެކު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އޭގެ ފަހުން އިތުރު ތިން މީހުން ދޫކޮށްލެވުނީ ޣައްޒާގެ މެދުތެރޭ ސަރަހައްދެއް ކަމަށްވާ ނުސީރާތުގައި ވަކިން ބޭއްވުނު ރަސްމިއްޔާތެއްގައި ރެޑް ކްރޮސްގެ އޮފިޝަލުންގެ ހަވާލުގައެވެ.
ހިޝާމް އަލް-ސައީދަކީ ހޮނިހިރު ދުވަހު ރެޑް ކްރޮސްގެ ހަވާލުގައި އެންމެ ފަހުން ދޫކޮށްލެވުނު މީހާއެވެ. 37 އަހަރުގެ އިސްރާއީލުގެ މި މީހާ ހިފެހެއްޓީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހު އޭނާ ޣައްޒާ އަށް ގަވައިދާ ޚިލާފަށް ވަނުމުގެ ސަބަބުންނެވެ.
މި 6 މީހުންނަކީ ޖެނުއަރީ 19 ވަނަ ދުވަހު ހުއްޓުމަކަށް އައި ހަނގުރާމައިގެ ފުރަތަމަ މަރުހަލާގައި ދޫކޮށްލެވުނު 33 މީހުންގެ ތެރެއިން އެންމެ ފަހު މީހުންނެވެ.
ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި އިސްރާއީލުން އެ ޤައުމުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި 602 ފަލަސްތީނު މީހުން ދޫކޮށްލާނެ ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި ހިމެނެނީ އިސްރާއީލުން ޣައްޒާ ގައި ކުރި ހަނގުރާމައިގައި ހައްޔަރުކުރި 445 މީހުންނާއި، ދިގު މުއްދަތަކަށް ނުވަތަ އުމުރަށް ޖަލަށް ލާފައިވާ އެތައް ބަޔެކެވެ.


