އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުޅުއްވަނީ "ދޮގު މައުލޫމާތުގެ ބޮތްކެއްގެ ތެރޭގައި" ކަމަށް ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވިދާޅުވުމުން، ޒެލެންސްކީ އަކީ 'ޑިކްޓޭޓަރެއް' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ދެ ލީޑަރުންގެ މެދުގައި ބަހުގެ ހަމަލާތައް ހޫނުވެގެން ދިޔައީ ހަގީގަތާ ޚިލާފަށް، ޔުކްރެއިން-ރަޝިޔާ ހަނގުރާމަ ފެށީ ޔުކްރެއިން އިން ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އެކަމަށް ޒެލެންސްކީ ރައްދު ދެއްވުމާ ގުޅިގެންނެވެ.
ޓްރަމްޕްގެ ބަހުގެ ހަމަލާތައް އޭނާގެ ސޯޝަލް މީޑިއާ ނެޓްވަރކް ޓްރޫތް ސޯޝަލްގައި ޕޯސްޓް ކުރައްވާފައިވަނީ، ޓްރަމްޕް، ރަޝިޔާ އިން ދޭ ދޮގު މައުލޫމާތު ތަކުރާރު ކުރައްވަނީ ކަމަށް ޒެލެންސްކީ ވިދާޅުވިތާ މަދު ގަޑިއިރެއްގެ ތެރޭގައެވެ.
ކީވް ގައި ނޫސްވެރިންނާ ވާހަކަދައްކަމުން، ޒެލެންސްކީ ވަނީ އެމެރިކާގެ ރައީސް އަންގާރަ ދުވަހު ދެއްކެވި އަސާސެއް ނެތް އެތައް، އެތައް ވާހަކަތަކަކަށް ރައްދު ދެއްވާފައެވެ. އަދި ހަނގުރާމަ ނިންމުމަށް ކުރެވޭ މަޝްވަރާ ތަކުގައި ޔުކްރެއިން ބައިވެރިވާން ޖެހޭނެ ކަމަށް ވިދާޅުވެ އޭނާ ދައްކަވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.
"ދެރަ ކަމަކީ ރައީސް ޓްރަމްޕް - އަޅުގަނޑު އޭނާ އަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރަން، އަޅުގަނޑުމެން ވަރަށް ބޮޑަށް އިޙްތިރާމް ކުރާ ގައުމެއްގެ ލީޑަރެއްގެ ގޮތުގައި، އަދި އަޅުގަނޑުމެންނަށް އަބަދުވެސް އެހީތެރި ވަމުންދާ އެމެރިކާގެ ރައްޔިތުންނަށް – ހިތާމަ އަކީ، އެމަނިކުފާނު ދޮގު މަޢުލޫމާތުގެ ބޮތްކެއްގެ ތެރޭގައި އުޅުއްވާކަން،" ޒެލެންސްކީ ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ ޔުކްރެއިންގެ އިތުރު ސަރަޙައްދުތަކެއް ގެއްލުނު ކަމުގައި ވިޔަސް ހަނގުރާމަ ވީހާވެސް އަވަހަކަށް ނިންމަން ބޭނުންފުޅު ވާކަން ސާފުކޮށް ހާމަ ކުރައްވާފައެވެ. އޭގެ އިތުރުން ޔުކްރެއިން އާއި އެ ގައުމުގެ ބައިވެރިންގެ ކަންބޮޑުވުމާ އެކު ވެސް، ޓްރަމްޕް ވަނީ ރަޝިޔާ އިން ދައްކަމުން އަންނަ ވާހަކަތައް ތަކުރާރު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ހަނގުރާމައިގެ ޒިންމާ ޔުކްރެއިން އާއި ނޭޓޯގެ ބޮލުގައި އަޅުވައި، އަދި "ޔުކްރެއިން އަކީ މާދަމާ ރަޝިޔާ ގެ ބައެއް ކަމުގައި ވެދާނެ" ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އަނެއްކޮޅުން އަންގާރަ ދުވަހު، އެމެރިކާ އާއި ރަޝިޔާ ގެ އިސް އޮފިޝަލުން ވަނީ ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟް ގައި ޔުކްރެއިންގެ ހަނގުރާމަ ނިންމުމާ ގުޅޭ ގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވާފައެވެ. މި މަޝްވަރާތަކުން ވެސް ޔުކްރެއިން ވަނީ އެކަހެރި ކޮށްފައެވެ.
ޕުޓިން ވަނީ އޭނާގެ ގައުމާ ދޭތެރޭ އެމެރިކާގެ އައު ސަރުކާރުން ކަންތައްތައް ކުރަމުން ގެންދާ ގޮތަށް ތަޢުރީފު ކުރައްވާފައެވެ. ރިޔާޟު ގައި ބޭއްވުނު މަޝްވަރާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން، ޕުޓިން ވިދާޅުވީ އޭނާ އަށް އެނގިވަޑައިގެންފައިވާ ގޮތުގައި މަޝްވަރާ ތަކުގައި އޮތީ "ރަޙްމަތްތެރި" ކަމުގެ މާހައުލެކެވެ.
ޒެލެންސްކީ އަންގާރަ ދުވަހު ތަކުރާރުކޮށް ވިދާޅުވީ ޔުކްރެއިން މަޝްވަރާތަކުން އެކަހެރިކުރުމާމެދު ހިތްޕުޅު ހަމަނުޖެހޭ ކަމަށެވެ. އަދި ދެ ގައުމަށް ވެސް ދެފަރާތުގެ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ ޙައްޤު އޮތް ނަމަވެސް، އެމެރިކާ އިން ރަޝިޔާ އާއެކު ސީދާ މަޝްވަރާތައް ބޭއްވުމުން "ޕުޓިން އެކަހެރިކަމުން ނުކުތުމަށް އެހީތެރިވެދިން" ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް އާ ޚިލާފަށް ބައިޑެން ސަރުކާރުގެ ދުވަސްވަރު އެމެރިކާ އަކީ ޔުކްރެއިންގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނުނު ގައުމެކެވެ. ބައިޑްން ވަނީ ޔުކްރެއިން އަށް އެތައް ބިލިއަން ގެ އަސްކަރީ އެހީ ފޯރުކޮށްދެއްވާފައެވެ. ނަމަވެސް ޓްރަމްޕް ވަނީ، އެމެރިކާ އިން ދިން އެހީގެ ބަދަލު އެއްވެސް އެއްޗެއް ނުލިބޭ ކަމަށް ވިދާޅުވެ، ޔުކްރެއިން އަށް އެހީ ފޯރުކޮށްދިނުން ހުއްޓާލަންޖެހޭ ކަމަށް ސާފުކޮށް ވިދާޅުވެފައެވެ.
އަންގާރަ ދުވަހުގެ ވަގުތެއްގައި ވާހަކަދައްކަމުން، ޓްރަމްޕް ވިދާޅުވިއެވެ: "މިއަދު އަޅުގަނޑަށް އިވުނީ، 'އޯ، އަޅުގަނޑުމެންނަށް ދަޢުވަތެއް ނުދެއްވާ.' އެމީހުންނަށް ތިން އަހަރު ލިބުނު. އެމީހުން ތިން އަހަރު ތެރޭ އެކަން ނިންމަންވީ ނޫންތޯ. އެމީހުން ފުރަތަމަ [ހަނގުރާމަ] ފަށައިގެން ވެސް ނުވާނެ."
ޔުކްރެއިން އިން ކޮންމެވެސް ގޮތަކުން ހަނގުރާމަ ފެށި ކަމުގެ މި ދޮގު ތުހުމަތަކީ ރަޝިޔާ އާއި ރަޝިޔާ ގެ އެކުވެރިން ދިގު މުއްދަތެއް ވަންދެން ތަކުރާރުކޮށް ފަތުރާފައިވާ ވާހަކަ އެކެވެ. ހަގީގަތަކީ، މި ހަނގުރާމަ ފެށުނީ 2014 ގައި، ރަޝިޔާ އިން ޔުކްރެއިންގެ ދެކުނުގެ ރަށެއް ކަމުގައިވާ ކްރިމިއާ އަށް އަރާ ޣައިރު ޤާނޫނީ ގޮތުން އެތަން ހިފައި، އަދި ޔުކްރެއިން ގެ އިރުމަތީ ސަރަހައްދު ޔުކްރެއިން އާ ވަކި ކޮށްލުމަށް، އެސަރަހައްދުގައި ހިނގަމުން ދިޔަ ރަޝިޔާ އަށް ތާއީދުކުރާ ހަރަކާތްތަކަށް އެހީތެރިވާން ފެށުމުންނެވެ.
2022 ގެ ފެބްރުއަރީ މަހު މޮސްކޯ އިން ޔުކްރެއިން އަށް ފުލް-ސްކޭލް ހަމަލާއެއް ދީ، ރަޝިޔާ ގެ އަވައްޓެރި މި ކުޑަ ގައުމަށް ރޭގަނޑު ހަމަލާދީ، ބޯޑަރު ހުރަސްކޮށް ޓޭންކުތައް ވަދެ، ޔުކްރެއިން ގެ ސިޓީތަކަށް ބޮންއަޅައި، އަދި ޒެލެންސްކީ އަވަހާރަ ކޮށްލުމަށް ޚާއްޞަ ބާރުތައް ކީވް އަށް ފޮނުވާފައިވެއެވެ.
މިކަންކަން މިހެން ހުއްޓާ، ޓްރަމްޕް ގެ ވާހަކަފުޅުން ސުވާލު އުފެދެނީ ހަމަ އެކަނި ހަނގުރާމަ އަށް އިސްނެގި ފަރާތާ މެދު އެކަންޏެއް ނޫނެވެ. ކްރެމްލިން އިން އަބަދުވެސް ދައްކަމުން އައި އެހެން ވާހަކަ އެއްވެސް ޓްރަމްޕް ވަނީ ތަކުރާރު ކުރައްވާފައެވެ. އެ ގޮތުން، ޒެލެންސްކީގެ ގާނޫނީ ހައްސިއްޔަތާ މެދުގައި ވެސް ޓްރަމްޕް ވަނީ ސުވާލު އުފައްދަވާފައެވެ.
ޓްރަމްޕް ވިދާޅުވީ، ޔުކްރެއިން އަށް ކުރިމަތިވެފައިވަނީ އިންތިޚާބެއް ބާއްވާފައި ނުވާ ހާލަތެއް ކަމަށާއި، އެ ތަނަކީ މާޝަލް ލޯ ހިންގާފައިވާ ތަނެއް ކަމަށާއި، އަދި ޒެލެންސްކީ ގެ ތާއީދު އޮތީ އެންމެ 4 އިންސައްތަ އަށް ދަށްވެފައި ކަމަށެވެ.
ޓްރަމްޕް މިހެން ވިދާޅުވިއިރު ޒެލެންސްކީ ވަނީ 2019 ގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 73 އިންސައްތަ މަތިން ވޯޓު ހޯދާފައިވެއެވެ. އޭނާގެ ދައުރުގެ މުއްދަތު ނިމެން އޮތީ މިދިޔަ މެއި މަހުގައި ނަމަވެސް، ރަޝިޔާ އިން އެ ގައުމަށް ހަމަލާދިނުމާ ގުޅިގެން ޔުކްރެއިން މާޝަލް ލޯގެ ދަށަށް ގޮސްފައިވާތީ އައު އިންތިޚާބެއް ބޭއްވޭ ގޮތް ވަނީ ނުވެފައެވެ. މާޝަލް ލޯ އިން އިންތިޚާބު ބޭއްވުން މަނާކުރެއެވެ.
ބުދަ ދުވަހު ވާހަކަދައްކަމުން، ޒެލެންސްކީ ވިދާޅުވީ އޭނާގެ ތާއީދު އޮތީ 4 އިންސައްތައިގައި ކަމަށް ބުނާ ވާހަކަ އަކީ ރަޝިޔާ އިން ފަތުރާ ވާހަކަ އެއް ކަމަށެވެ. އަދި މި އަދަދުތަކާ ބެހޭ ގޮތުން އެމެރިކާ އާއި ރަޝިޔާ އާ ދެމެދު މަޝްވަރާ ކުރެވިފައިވާ ކަމުގެ ބައެއް ހެކި ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މަހުގެ ކުރީކޮޅު ކީވް އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ސޮސިއޮލޮޖީ (ކޭއައިއައިއެސް) އިން ހެދި ސާރވޭ އަކުން ދައްކާ ގޮތުގައި ހަނގުރާމައިގެ ފުރަތަމަ ދުވަސްތަކާ އަޅާބަލާއިރު އޭނާގެ މަޤްބޫލުކަން ވަރަށް ބޮޑަށް ދަށްވެފައިވީ ނަމަވެސް، އޭނާގެ ތާއީދު އެއްވެސް އިރެއްގައި 50 އިންސައްތަ އަށްވުރެ ދަށަށް ގޮސްފައެއް ނުވާ ކަމަށް ވެއެވެ. އަދި މިހާރު އެ އަދަދު ހުރީ 57 އިންސައްތައިގަ އެވެ.
ޔުކްރެއިންގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މިނިސްޓަރު މިޚައިލޯ ފެޑޮރޮވް ޓެލެގްރާމްގައި ވިދާޅުވީ، ޒެލެންސްކީގެ މިހާރުގެ ތާއީދު ޓްރަމްޕް ގެ ތާއީދަށް ވުރެ މަތީގައި ހުރި ކަމަށެވެ.