އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވައިޓް ހައުސް ގައި ބައްދަލު ކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ބައްދަލު ކުރެއްވުމުން ބޮޑުވަޒީރު ވެވަޑައިގެންފައިވަނީ ދެވަނަ ދައުރު ފެށުނު ފަހުން ވައިޓް ހައުސްގައި ޓްރަމްޕް އާ ބައްދަލުކުރެއްވި ހަތަރުވަނަ ދުނިޔޭގެ ލީޑަރު ކަމުގައެވެ.
ޓްރަމްޕާއި މޯދީގެ ގުޅުމަކީ ވަރަށް ގާތް ގުޅުމެއް ކަމަށް މީޑިއާ ތަކުން ސިފަކޮށްފައިވެއެވެ - އަދި އެ ގާތްކަން މި ދެބޭފުޅުންގެ އެންމެ ފަހުގެ މި ބައްދަލުވުމުގައި ވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެން ދިޔައެވެ.
ދެ ލީޑަރުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދެއްކެވި އިރު، އުނދަގޫ މައުޟޫތަކާ ދެބޭފުޅުންވެސް ދުރަށް ޖެހިވަޑައިގެންނެވިކަން ނޫސްވެރިންނަށް ފާހަގަ ކުރެވުނެވެ.
އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ޓްރަމްޕް އިޢުލާން ކުރައްވާފައިވާ ރައްދުގައި އިޕްމޯޓް ޑިއުޓީ ބޮޑު ކުރުމުގެ މައްސަލައެވެ. މިއީ ބޭރު ޤައުމުތަކުން އެމެރިކާގެ މުދަލަށް ނަގާ އިމްޕޯޓް ޓެކްސްތަކަށް ޖަވާބުގައި އެ ޤައުމުތަކުން ނަގާ ރޭޓާ އެއްވަރުގެ ރޭޓެއް އެމެރިކާ އިން ނެގުމަށް އެމެރިކާ އިން ކަނޑައަޅާފައިވާ ސިޔާސަތެކެވެ.
ޓްރަމްޕް ވަނީ ބޭރު ގައުމުތަކުގެ މުދަލަށް އިންޑިއާ އިން ނަގާ މަތީ ޓެރިފް ރޭޓްތަކާ މެދު ކުރިންވެސް ފާޑު ވިދާޅުވެފައެވެ. އަދި މޯދީއަށް "ޓެރިފްގެ ރަސްގެފާނު" އޭ ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް ވެސް ރިޕޯޓު ކުރެވިފައިވެއެވެ.
ނަމަވެސް ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި، ދެ ލީޑަރުން އިޢުލާނު ކުރެއްވީ ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ "އޮނިގަނޑެއް" ގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ވިޔަފާރީގެ ގުޅުމަށް އިޝާރާތް ކުރައްވާ ޓްރަމްޕް ވިދާޅުވީ ދިގު މުއްދަތަކަށް ދެމިގެން ގޮސްފައިވާ ތަފާތު ތަކަށް ހައްލެއް ހޯދުމަށް ދެ ފަރާތުގެ މަޝްވަރާތައް ކުރިއަށް ގެންދަން ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވި ކަމަށެވެ.
ޓްރަމްޕް އިޢުލާނު ކުރެއްވި އައު އޮނިގަނޑު އިމްޕޯޓް ޓެކްސްތަކަށް ވުރެ ފުޅާވެގެން ދާނެ އެވެ. އޭގެ ތެރޭގައި ބައިނަލްއަޤްވާމީ ސަލާމަތާއި، ހަކަތައިގެ ވިޔަފާރި އަދި ޖައްވަށް ދަތުރުކުރުމުގެ ދާއިރާގައި އެއްބާރުލުން ހިމެނެއެވެ.
ދެ ބޭފުޅުންގެ ބައްދަލުވުމުން ފާހަގަކުރެވުނު މައިގަނޑު 3 ކަމެއް ތިރީގައި މިވަނީއެވެ
ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގެ ބޮޑު ބައެއް ދެބޭފުޅުން ހޭދަ ކުރެއްވީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އޮތް އިތުބާރު ހާމަ ކުރެއްވުމަށާއި ތައުރީފް ކުރެއްވުމުގައެވެ. ޓްރަމްޕް މޯދީއަށް "މަތިވެރި ލީޑަރެއް" ކަމަށް ވިދާޅުވެ ތަޢުރީފުކުރެއްވިއެވެ. އަދި މޯދީ ޓްރަމްޕަށް "ރަޙްމަތްތެރި އެއް" ކަމަށް ވިދާޅުވިއެވެ.
އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ތަޢުރީފު ކުރައްވަމުން، މޯދީ ޓްރަމްޕް ގެ ކެޕްމޭން ޝިޢާރު "މޭކް އެމެރިކާ ގްރޭޓް އަގެއިން" ނުވަތަ މެގާ (MAGA) އަށް އިޝާރާތް ކުރައްވައި، އެ ޝިޢާރުގެ އިންޑިއާ ވަރޝަނެއް ވިދާޅުވިއެވެ.
"އެމެރިކާގެ ރައްޔިތުންނަށް ރައީސް ޓްރަމްޕްގެ ޝިޢާރު، 'މޭކް އެމެރިކާ ގްރޭޓް އަގެއިން' ނުވަތަ މެގާ (MAGA) އެނގޭނެ،" މޯދީ ތަރުޖަމާނެއް މެދުވެރި ކުރައްވާ ވިދާޅުވިއެވެ.
"އެމެރިކާ އިން ބޭނުންކުރާ އެ ޢިބާރާތެއް އަޅުގަނޑުމެން ބޭނުންކޮށްފިއްޔާ، ތަރައްޤީވެފައިވާ އިންޑިއާ އަކަށް ވުމަށް އަޅުގަނޑުމެންގެ ވިޝަން އަކީ 'މޭކް އިންޑިއާ ގްރޭޓް އަގެއިން' ނުވަތަ މީގާ (MIGA) އެވެ. އެމެރިކާ އާއި އިންޑިއާ އެކުގައި މަސައްކަތް ކުރާއިރު، މެގާ (MAGA) އާއި މީގާ (MIGA) އެކުވެގެން މެގާ (MEGA) އަށް ވެގެންދާނެ - މިއީ ކުރިއެރުމަށްޓަކައި އޮންނަ މެގާ ޕާޓްނަރޝިޕެކެވެ."
ބަހަރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ މެންބަރެއްގެ ހައިސިއްޔަތުން، މޯދީ އޭނާގެ ހިންދޫ މެޖޯރިޓީ ޕްލެޓްފޯމް ޓްރަމްޕްގެ "އެމެރިކާ ފަސްޓް" އެޖެންޑާ އާ އަޅާކިޔުއްވިއެވެ. އޭނާވެސް އެންމެ އިސްކަމެއް ދެއްވަނީ އޭނާގެ ގައުމުގެ މަސްލަހަތައް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަ ކުރާ އެއް ކަމަކީ އަދި ރައީސް ޓްރަމްޕްގެ ކިބައިން ދަސްވެފައިވާ އެއް ކަމަކީ އެމަނިކުފާނު ޤައުމީ މަޞްލަޙަތު އެންމެ އުހުގައި ބަހައްޓަވާކަމެވެ،" މޯދީ ތަރުޖަމާނެއް މެދުވެރިކޮށް ވިދާޅުވިއެވެ. "އަދި އެމަނިކުފާނު ފަދައިން، އަޅުގަނޑުވެސް އިންޑިއާގެ ޤައުމީ މަޞްލަޙަތު އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް އިސްކަން ދެމެވެ."
އިޤްތިޞާދަށް ގެއްލުން ލިބިދާނެ ޓެރިފްތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރަށް، ދުނިޔޭގެ ލީޑަރުން ޓްރަމްޕަށް އެކި ގޮތްގޮތުން ވަނީ ދޫދީފައެވެ.
އެގޮތުން ބުރާސްފަތި ދުވަހު، މޯދީވެސް ވަޑައިގަތީ އިންޑިއާ އާ ދެކޮޅަށް ޓްރަމްޕް އަޅުއްވަފާނެ އިޤްތިޞާދީ ފިޔަވަޅުތައް މަޑުޖައްސާލެވިދާނެ އަމިއްލަ ހުށަހެޅުއްވުން ތަކަކާ އެކުގައެވެ.
ދެ ލީޑަރުން ނޫސްވެރިންނާ ބައްދަލު ކުރެއްވުމުގެ ކުރިން ވަކިން ބައްދަލު ކުރައްވާ އިގްތިސާދީ ގޮތުން ދެ ގައުމުގެ ވިޔަފާރި އިތުރު ކުރުމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
މީގެ ތެރޭގައި ޖައްވަށް ދަތުރުކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް އާއި ހަކަތަ އުފެއްދުމުގެ ދާއިރާގައި ޕާޓްނަރޝިޕްތައް ޤާއިމުކުރުން ހިމެނެއެވެ.
"އަޅުގަނޑުމެން ވަނީ 2030 ވަނަ އަހަރާ ހަމައަށް އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި ދެގުނަ އަށް ވުރެ އިތުރުކޮށް 500 ބިލިއަން ޑޮލަރަށް އިތުރު ކުރުމުގެ ލަނޑުދަނޑި ވެސް ކަނޑައަޅާފައި،" ކަމަށް މޯދީ ވިދާޅުވިއެވެ.
އެމެރިކާ ސަރުކާރުގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރާ ހަމަ އަށް، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ މުޅި ވިޔަފާރީގެ ޖުމްލަ އަދަދަކީ އަންދާޒާ ކުރެވޭ ގޮތުގައި 129.2 ބިލިއަން ޑޮލަރެވެ.
މިހާރު އެމެރިކާ އިން އިންޑިއާ އާ އެކު ކުރާ ވިޔަފާރީގެ ޑިފިސިޓް 45.7 ބިލިއަން ޑޮލަރަށް އަރައެވެ. އިންޑިއާ އިން އެމެރިކާ އަށް 87.4 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓް ކުރެއެވެ. ނަމަވެސް ޓްރަމްޕް ވަނީ މިފަދަ ފަރަގު ތަކާމެދު ހިތްޕުޅު ހަމަ ނުޖެހޭކަން ޢާންމުކޮށް ފާޅުކުރައްވާފައެވެ. އަދި މި ފަރަގު ކުޑަކޮށް އެމެރިކާގެ އެކްސްޕޯޓު އިތުރުކުރުމަށް ވަނީ ވަޢުދުވެވަޑައިގެންފަ އެވެ.
އޭނާ ވަނީ މި ތަފާތުގެ އެއް ސަބަބެއްގެ ގޮތުގައި އެމެރިކާގެ މުދަލަށް ބޭރު ޤައުމުތަކުން ނަގާ ޓެރިފް ހިމެނޭ ކަމަށް ވިދާޅުވެފައެވެ.
"ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާގެ ހަމަނުޖެހޭ، ވަރަށް މަތީ ޓެރިފްތައް ކުޑަކުރައްވާނެ ކަމަށް އިޢުލާނު ކުރައްވާފައެވެ. މި ޓެރިފްތަކުން އިންޑިއާގެ މާކެޓަށް އެމެރިކާ އަށް ވަނުމަށް ވަރަށް ބޮޑަށް ހުރަސްއެޅެއެވެ. އަދި ޙަޤީޤަތުގައި މިއީ ވަރަށް ބޮޑު މައްސަލައެކެވެ،" ޓްރަމްޕް ބުރާސްފަތި ދުވަހު ތަކުރާރުކޮށް ވިދާޅުވިއެވެ.
ނަމަވެސް ޓްރަމްޕް ވިދާޅުވީ، އިންޑިއާ އާއި އެމެރިކާގެ ގުޅުމަކީ "އެންމެ ވަރުގަދަ ގުޅުމެއް" ކަމަށް އޭނާ ޤަބޫލުކުރައްވާ ކަމަށެވެ. އަދި އިންޑިއާ އިން އެމެރިކާގެ ހަކަތައިގެ އުފެއްދުންތައް ގަތުން އިތުރު ކޮށް، މި ފަރަގު ކުޑަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އިޝާރާތް ކުރެއްވިއެވެ.
"ބޮޑުވަޒީރާއި އަޅުގަނޑު ވަނީ ހަކަތައިގެ ދާއިރާގައި މުހިންމު އެއްބަސްވުމަކަށް ވާސިލުވެފައި. މި އެއްބަސްވުމުން އެމެރިކާ އިންޑިއާ އަށް ތެލާއި ގޭސް ސަޕްލައި ކުރާ އެންމެ އިސް ފަރާތުގެ ގޮތުގައި އަލުން ވެގެންދާނެ، އުއްމީދު ކުރަނީ އެމެރިކާ އިންޑިއާގެ އެއް ނަންބަރު ސަޕްލަޔަރަށް ވެގެންދާނެ ކަމަށެވެ،" ޓްރަމްޕް ވިދާޅުވިއެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ފަދަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެމެރިކާގެ އެކުވެރި ގައުމުތައް ގުޅުވާލާ ބައިނަލްއަޤްވާމީ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓެއްގެ ވާހަކަވެސް ޓްރަމްޕް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެއްބަސްވެއްޖައިން ތާރީޚު ނުދެކޭފަދަ އެންމެ ބޮޑު ވިޔަފާރީގެ މަގުތަކުގެ ތެރެއިން މަގެއް އުފެއްދުމަށް އެކުގައި މަސައްކަތްކުރުމަށް. މި މަގު ދެމިގެންދާނީ އިންޑިއާ އިން އިސްރާއީލަށް، އަދި އިޓަލީއަށް، އަދި އެމެރިކާއަށް. މި މަގުން އަޅުގަނޑުމެންގެ ޕާޓްނަރުން ގުޅުވާލެވޭނީ ބަނދަރުތަކާއި، ރޭލްވޭ ތަކާއި އަދި ކަނޑުއަޑީގެ ކޭބަލް ތަކުން" ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ވިދާޅުވީ މި ކޮރިޑޯއިން "އެމެރިކާ ލީޑަރެއްގެ ގޮތުގައި ދެމި އޮތުމަށް" މަގުފަހިވާނެ ކަމަށެވެ. މިއީ ޗައިނާ އާއެކު އުފެދިފައިވާ އިޤްތިޞާދީ ވާދަވެރިކަމަށް ކުރެއްވި އިޝާރާތެއް ކަމަށް ބެލެވެއެވެ.
މި ބައްދަލުވުމުގައި ޗައިނާގެ ބައިނަލްއަޤްވާމީ ނުފޫޒު ކުޑަކުރުމަށް އިސްކަންދޭނެ ކަމަށް ބެލެވުނު ނަމަވެސް، ދެ އެލައިންސްގެ މެދުގައި އުފެދުނު އެހެން ސަލާމަތީ މައްސަލައެއް ފާހަގަކުރެވުނެވެ: އެއީ "ޓެރަރިޒަމްގެ" ނުރައްކަލެވެ.
މި ދާއިރާގައި އެންމެ ބޮޑަށް އަލިއަޅުވާލެވުނީ ޗިކާގޯގެ ވިޔަފާރިވެރި އެއް ކަމަށްވާ ތަހައްވުރު ރާނާ އިންޑިއާ އަށް ޑީޕޯޓު ކުރުމަށް ޓްރަމްޕް ވެވަޑައިގެންނެވި ވަޢުދުގެ މައްޗަށެވެ.
2013 ވަނަ އަހަރު އެމެރިކާގެ ފެޑެރަލް ކޯޓަކުން ރާނާ އަށް 14 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ "ޑެންމާކުގެ ނޫސް އިދާރާއަކާ ދެކޮޅަށް ހިންގި ޓެރަރިސްޓް ޙަމަލާއަކަށް މެޓީރިއަލް ސަޕޯޓް ދިނުމުގެ ކުށުގެ ދަޢުވާ އަށް އިޢުތިރާފުވުމުން"ނެވެ.
އޭނާ އަށް އޭގެ އިތުރުން ތުހުމަތު ކުރެވިފައި ވަނީ 2008 ވަނަ އަހަރު މުމްބާއީގައި ދިން ޙަމަލާތަކަށް މެޓީރިއަލް ސަޕޯޓް ދިނުމުގެ ކުށެވެ. މި ޙަމަލާތަކުގައި 175 މީހުން މަރުވެފައިވެއެވެ. ނަމަވެސް މި މައްސަލައިގައި އޭނާގެ މައްޗަށް އަދި ކުށް ސާބިތުވެފައެއް ނުވެއެވެ.
ރާނާ ވަނީ އޭނާ އިންޑިއާ އަށް ފޮނުވާލުމާ ދެކޮޅަށް އިސްތިއުނާފު ކޮށްފައެވެ. އިންޑިއާ އަށް ފޮނުވައިފި ނަމަ އޭނާ އަށް މަރުގެ އަދަބު ކަނޑައެޅުމުގެ ފުރުޞަތު އޮތް ކަމަށް ބެލެވެއެވެ. ނަމަވެސް ފާއިތުވި މަހު އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ އޭނާ ފޮނުވުމުގެ މަސައްކަތް ހުއްޓުވުމަށް އިންކާރުކޮށްފައެވެ. އަދި ބުރާސްފަތި ދުވަހު ޓްރަމްޕްގެ ހުއްދައާއެކު، އޭނާ ފޮނުވާލުމުގެ މަސައްކަތް ކުރިއަށް ދާނެކަން ޔަޤީންވެފައިވެއެވެ.
ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މޯދީ ވަނީ މި ނިންމުމަށްޓަކައި ޓްރަމްޕަށް ތަޢުރީފު ކުރައްވާފައެވެ. މުމްބާއީގެ ޙަމަލާތަކަކީ "ޖެނޮސައިޑެއް" ކަމަށް މޯދީ ސިފަކުރެއްވިއެވެ. އަދި އިންޑިއާގެ ކޯޓުތަކުން ރާނާ އާމެދު "އެކަށީގެންވާ ފިޔަވަޅު" އަޅާާނެ ކަމަށް ވިދާޅުވިއެވެ.
"ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި އިންޑިއާ އާއި އެމެރިކާ ވަރުގަދަ އަށް އެކުގައި ތެދުވެ ތިބޭނެ،" މޯދީ ވިދާޅުވިއެވެ.
ޓްރަމްޕް، ވިދާޅުވީ އެމެރިކާ އިން އިންޑިއާ އަށް ކުރާ ހަތިޔާރުގެ ވިޔަފާރި "އެތައް ބިލިއަން ޑޮލަރު" އިތުރު ކުރައްވާނެ ކަމަށެވެ.
"މީގެ އިތުރުން، އެމެރިކާ އާއި އިންޑިއާ މިހާރު ކުރިއަށްވުރެ ބޮޑަށް އެކުގައި މަސައްކަތް ކުރާނީ ހަރުކަށި އިސްލާމީ ޓެރަރިޒަމްގެ ނުރައްކަލާ ކުރިމަތިލުމަށް - މިއީ ޙަޤީޤަތުގައި މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ނުރައްކަލެއް."
މިމޭރުމުން ދެ ބޭފުޅުން ވާހަކަ ދެއްކެވި އިރު މޯދީ އަށް ތުހުމަތު ކުރެވިފައި ވަނީ މުސްލިމުންނާ ދެކޮޅަށް ހިންގޭ އަނިޔާވެރި ޢަމަލުތައް ފެނިވަޑައިނުގަންނަވާ ކަމަށް ހެއްދެވުމުގެ އިތުރުން، މުސްލިމުންނާ ދެކޮޅު ނަފްރަތުގެ ވާހަކަތައް ފެތުރުމަށް މަގުފަހިކޮށްދެއްވާ ކަމަށެވެ.