ކ. މާލެ
|
13 ފެބްރުއަރީ 2025 | ބުރާސްފަތި 07:53
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އީޕީއޭ
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
ޕުޓިން އާއެކު ފޯނު ކޯލަކަށް ފަހު ޔޫކްރެއިން ގެ ހަނގުރާމަ ހުއްޓާލުމާ ބެހޭ މަޝްވަރާ ތައް ވަގުތުން ފެށޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ސުލްހަ އާ ބެހޭ ގޮތުން ރަޝިއާ އާއި ޔޫކްރެއިންގެ ވެރިންނާ ޓްރަމްޕް މަޝްވަރާ ކުރެއްވި ވާހަކަތައް ހާމަވިއިރު، ޔޫކްރެއިން އަށް ނޭޓޯ ގައި ބައިވެރިވުމަކީ ވާނެ ކަމެއް ނޫން ކަމަށް ޓްރަމްޕް އާއި އެމެރިކާގެ ދިފާއީ ވަޒީރު ވަނީ ވިދާޅުވެފައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ބުދަ ދުވަހު ވުލެޑިމިއަރ ޕުޓިން އަށް "ދިގު އަދި ވަރަށް ފައިދާހުރި" ފޯނު ކޯލެއް ކުރެއްވި ކަމަށާއި، އެ ކޯލުގައި ދެ ލީޑަރުން އެއްބަސްވެވަޑައިގެންފައި ވަނީ ޔޫކްރެއިންގެ ހަނގުރާމަ ނިންމުމަށް މަޝްވަރާތައް ވަގުތުން ފެށުމަށް ކަމަށެވެ.

ޓްރުތް ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި، ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާ އާއި ރަޝިއާގެ ރައީސް "އެއްބަސްވެވަޑައިގެންފައި ވަނީ.. ޓީމުތަކުން ވަގުތުން މަޝްވަރާތައް ފެށުމަށް" ކަމަށާއި، ދެ ލީޑަރުން، އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ވެރިރަށަށް ޒިޔާރަތް ކުރެއްވުމަށް ދަޢުވަތު ދެއްވާފައިވާ ކަމަށެވެ.

އޭގެ ފަހުން، ޔޫކްރެއިންގެ ރައީސް ވުލޮޑިމިރް ޒެލެންސްކީ ވިދާޅުވެފައިވަނީ އޭނާ ވެސް ޓްރަމްޕް އާ އެކު ފޯނުން މަޝްވަރާ ކުރެއްވި ކަމަށާއި، ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވީ "ދާއިމީ، އިތުބާރު ހުރި ސުލްހަ އެއް" ގެނައުމާ ބެހޭ ގޮތުން ކަމަށެވެ.

ހަނގުރާމައިގައި ހިމެނޭ ދެފަރާތާ އެކު ކުރެވުނު މި ކޯލުތަކުގެ ވާހަކަ ތައް މި ހާމަވީ، ޔޫކްރެއިންނަށް ނޭޓޯ ގައި ބައިވެރިވުމަކީ ވާނެ ކަމެއް ނޫން ކަމަށް ޓްރަމްޕް އާއި އެމެރިކާގެ ދިފާއީ ވަޒީރު ވިދާޅުވެފައި ވަނިކޮށްނެވެ. މިއީ ޔޫކްރެއިން އަށް ވަރަށް ދެރަ ޚަބަރެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޒެލެންސްކީ ވިދާޅުވެފައިވަނީ ހުކުރު ދުވަހު މިއުނިކްގައި ބޭއްވޭ ޔޫކްރެއިންގެ ދިފާޢީ ސަމިޓެއްގައި ނައިބު ރައީސް ޖޭޑީ ވޭންސް އާއި ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވަނީ: "މި ބޭކާރު ހަނގުރާމަ ހުއްޓާލަން މިހާރު ވަގުތު އައިސް ޖެހިއްޖެ، މީގައި ވަރަށް ގިނަ، އަދި އެއްގޮތަކަށްވެސް ބޭނުމެއް ނެތް އެތައް މަރާއި ފަނާވުން ވަނީ ހިނގާފައި."

ޓްރަމްޕް، ޕުޓިން އާ ބައްދަލު ކުރައްވާނެ ތާރީޚެއް ކަނޑައަޅުއްވާފަ އެއް ނުވެއެވެ. ނަމަވެސް ފަހުން ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރެސް ސެކްރެޓަރީ ވިދާޅުވީ އެ ބައްދަލުވުން އޮންނާނީ ސައުދީ އަރަބިއްޔާގައި ކަމަށެވެ.

ކްރެމްލިންގެ ތަރުޖަމާނު ދިމިޓްރީ ޕެސްކޮވް ވިދާޅުވެފައިވަނީ ޓްރަމްޕްގެ ޚިޔާލަށް ޕުޓިން ތާއީދުކުރައްވާ ކަމަށާއި އެކުގައި މަސައްކަތް ކުރުމުގެ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ.

ޕުޓިން އާއި ޓްރަމްޕާ ދެމެދު ކުރެވުނު ފޯނު ކޯލު ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ދެމިގެން ދިޔަ ކަމަށް ރަޝިއާ އިން ބުނެފައިވެއެވެ. މި ކޯލުގައި އެމެރިކާގެ ރައީސް މޮސްކޯ އަށް ޒިޔާރަތް ކުރެއްވުމަށް ޕުޓިން ދަޢުވަތު ދެއްވި ކަމަށް ޕެސްކޮވް ވިދާޅުވިއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނަށް ޓްރަމްޕް އިތުރަށް ވިދާޅުވެފައި ވަނީ ޔޫކްރެއިން އަށް 2014 ގެ ކުރީގެ ކުރިން އޮތް އެ ގައުމުގެ ބޯޑަރަށް އަނބުރާ ވާސިލުވެވިދާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް ބީބީސީގެ ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވެފައިވަނީ "އެ ބިންތަކުގެ ތެރެއިން ބައެއް އަނބުރާ ލިބޭނެ" ކަމަށެވެ.

އަނެއްކޮޅުން އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވަނީ ރަޝިއާ އާ ދެކޮޅަށް ޔޫކްރެއިންގެ ދިފާޢަށް އެގައުމުން އެހީތެރިވުން ކުރިއަށް ގެންދާނެ ކަމަށެވެ.

ބޮޑުވަޒީރުގެ ނައިބު އެންޖެލާ ރޭނަރ އައިޓީވީ އަށް ވިދާޅުވެފައި ވަނީ ކީވް އަށް ލަންޑަނުން ދޭ އެހީތެރިކަން "ދެމި އޮންނާނެ" ކަމަށެވެ.

ޒެލެންސްކީ މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވަނީ "ޔޫކްރެއިން ނުހިމަނައި ޔޫކްރެއިނާ ބެހޭ އެއްވެސް މަޝްވަރާ އެއް ނުކުރެވޭނެ" ކަމަށެވެ. ނަމަވެސް ޓްރަމްޕް އާ ޕުޓިން ފޯނު ކޯލު ކުރިއަށް ގެންގޮސްފައި ވަނީ އޭނާ ނުހިމަނައެވެ.

ޒެލެންސްކީ ވިދާޅުވެފައި ވަނީ ޓްރަމްޕް އާއެކު ކުރެއްވި ކޯލަކީ "ރަނގަޅު އަދި ތަފްސީލީ މަޝްވަރާ އެއް" ކަމަށެވެ. އަދި ތަފާތު މައްސަލަތަކާ ބެހޭ ގޮތުން ވާހަކަދެކެވުނު ކަމަށާއި، ކީވް އަށް ވަޑައިގެންނެވި އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓާ ވެސް އޭނާ ބައްދަލު ކުރެއްވި ކަމަށެވެ.

"ޔުކްރެއިނަށް ވުރެ ބޮޑަށް ސުލްހަ ބޭނުންވާ އެހެން ފަރާތެއް ނެތް. އެމެރިކާ އާއެކު، އަޅުގަނޑުމެން ރަޝިއާގެ އުދުވާން ހުއްޓުވުމަށާއި ދާއިމީ، އިތުބާރު ހުރި ސުލްހަ އެއް ޤާއިމު ކުރުމަށް ކުރިއަށް ހުރި ފިޔަވަޅުތައް ރާވަމުން މި ގެންދަނީ،" ޒެލެންސްކީ ވިދާޅުވިއެވެ.

ޔުކްރެއިންގެ ލީޑަރު އިތުރަށް ވިދާޅުވެފައިވަނީ: "އަޅުގަނޑުމެން އެއްބަސްވީ އިތުރަށް ގުޅުން ބާއްވައި، އަދި ކުރިއަށް ހުރި ބައްދަލުވުންތައް ރޭވުމަށް."

އެމެރިކާ އާއި ޔޫކްރެއިންގެ ލީޑަރުންނާ ދެމެދު ކުރެވުނު ކޯލު ގަޑިއެއްގެ އިރަށް ދެމިގެން ދިޔަ ކަމަށް އޭއެފްޕީ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

އަންގާރަ ދުވަހު ދަ ގާޑިއަން އަށް ދެއްވި އިންޓަވިއު އެއްގައި، ޒެލެންސްކީ ހުށަހަޅުއްވާފައި ވަނީ ސުލްހައިގެ އެއްބަސްވުމެއްގެ ބައެއްގެ ގޮތުގައި ރަޝިއާގެ ބާރުގެ ދަށުގައިވާ ޔޫކްރެއިންގެ ސަރަހައްދުތަކާއި ހުޅަނގު ކާސްކް ސަރަހައްދުގައިވާ ޔޫކްރެއިންގެ ބާރުގެ ދަށުގައިވާ ރަޝިއާގެ ސަރަހައްދުތައް ބަދަލު ކުރެވިދާނެ ކަމަށެވެ.

މޮސްކޯގެ ތަރުޖަމާނު ޕެސްކޮވް ވިދާޅުވެފައިވަނީ މިއީ "ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.

"ރަޝިއާ އިން އެއްވެސް އިރެއްގައި ގައުމުގެ ސަރަހައްދުތައް ބަދަލުކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެއް ނުވޭ އަދި މަޝްވަރާ އެއް ނުވެސް ކުރާނެ. ޔޫކްރެއިންގެ ޔުނިޓްތައް މި ސަރަހައްދުން ބޭރު ކުރެވޭނެ."

ޒެލެންސްކީ ބާރުއަޅުއްވާފައިވަނީ އޭނާގެ ޤައުމަށް ސެކިއުރިޓީ ޕެކޭޖެއް ދިނުމުގައި ޔޫރަޕުގެ ޤައުމުތަކުގެ އިތުރުން އެމެރިކާ ވެސް ހިމެނެން ޖެހޭނެ ކަމަށެވެ.

"އެމެރިކާ ނުހިމެނޭ ސެކިއުރިޓީ ގެރެންޓީ ތަކަކީ ޙަޤީޤީ ސެކިއުރިޓީ ގެރެންޓީ ތަކެއް ނޫން،" އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް