ފާއިތުވި 24 ގަޑިއިރު ތެރޭ ޣައްޒާ އަށް ނުރައްކާތެރި ހަމަލާތަކެއް އިސްރާއީލުން ދީ 70 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ.
ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރާތު ރެފިއުޖީ ކޭމްޕްގައި އާންމުން ދިރިއުޅޭ ގެއަކަށް އިސްރާއީލުން ހުކުރު ވިލޭރެ ދިން ހަމަލާއެއްގައި މަދުވެގެން ފަސް މީހުން ޝަހީދުވި ކަމަށް އަލްޖަޒީރާގެ ނޫސްވެރިން ރިޕޯޓުކޮށްފިއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން "ވަރަށް ބިރުވެރި ޖަރީމާތަކެއް" ހިންގައިފައިވާ ކަމަށާއި، 34 ވައިގެ ހަމަލާދީ ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި 71 އާންމު ރައްޔިތުން ޝަހީދުވެފައިވާ ކަމަށެވެ.
ފަލަސްތީނުގެ އިންސާނީ ހައްގުތަކުގެ ޖަމާއަތެއް ކަމަށްވާ އަލް-ހައްގު އިން ބުނެފައިވަނީ ޣައްޒާގައި އިސްރާއީލުން ނެރެފައިވާ މަޖުބޫރުން ފަލަސްތީނު މީހުން އެމީހުންގެ ގެދޮރުން ނުކުމެގެން ދިއުމުގެ އަމުރުތަކަކީ އެ ސަރަހައްދުގެ އާބާދީ އަށް ހަމަލާދިނުމަށް ފަސޭހަކުރުމަށް ރޭވިފައިވާ ކަމެއް ކަމަށެވެ. މީހުން ނުކުމެގެން ދިއުމަށް އަމުރު ނެރެފައިވާ ސަރަހައްދުތަކުގެ ތެރޭގައި އިންސާނީ އެހީގެ "ރައްކާތެރި ސަރަހައްދުތައް" ވެސް ހިމެނެއެވެ.
އިސްރާއީލުން ތަކުރާރު ކޮށް ޣައްޒާގެ ހޮސްޕިޓަލު ތަކަށް ދެމުންދާ ހަމަލާތައް އދ އިން ކުށްވެރިކޮށްފިއެވެ. އދ އިން ބުނެފައިވަނީ މެޑިކަލް ފެސިލިޓީތަކަކީ "ހަނގުރާމައިގެ ހަމަލާތަކުން އެއްކިބާވެފައިވާ" ތަންތަން ކަމުގައި ވާންޖެހޭނެ ކަމަށެވެ.
ފާއިތުވި 14 މަސް ދުވަހުގެ ތެރޭގައި މަދުވެގެން އެއްހާސް ސިއްހީ ޚިދުމަތްތެރިން އިސްރާއީލުގެ ހަމަލާތަކުގައި ވަނީ މަރުވެފައެވެ.
އިސްރާއީލުން ޣައްޒާއަށް ކުރަމުންދާ ހަނގުރާމައިގައި 7 އޮކްޓޯބަރު 2023 އިން ފެށިގެން މަދުވެގެން 45,581 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދު ވެފައެވެ. އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 108,438 ށް ވަނީ އަރާފައެވެ.