ކ. މާލެ
|
8 އޮކްޓޯބަރ 2024 | އަންގާރަ 23:13
ކެންޔާގެ ނައިބު ރައީސް ގަޗަގުއާ، އޭނާގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އާ ބެހޭ ގޮތުން ހޯމަ ދުވަހު ވާހަކަ ދައްކަވަނީ
ކެންޔާގެ ނައިބު ރައީސް ގަޗަގުއާ، އޭނާގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އާ ބެހޭ ގޮތުން ހޯމަ ދުވަހު ވާހަކަ ދައްކަވަނީ
ރޮއިޓާސް
ކެންޔާ
ކެންޔާގެ ނައިބު ރައީސްގެ މައްޗަށް ކަރަޕްޝަންގެ ތުހުމަތު ކޮށް އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދައިފި
މިހާރު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ނައިބު ރައީސް ކަމުގައި ހޭދަ ކުރެއްވި ދެ އަހަރުގެ ތެރޭގައި 5.2 ބިލިއަން ޝިލިންގް (40 މިލިއަން ޑޮލަރު) އެއްކުރެއްވި ކަމަށެވެ. މިއީ އޭނާގެ އަހަރީ މުސާރަ ކަމަށް ބުނެވޭ 93,000 ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ

ކެންޔާގެ ނައިބު ރައީސް ރިގަތި ގަޗަގުއާ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ. 

ގަޗަގުއާ ގެ މައްޗަށް އިތުރުބާރު ނެތް ކަމަށް ހުށަހެޅީ ކަރަޕްޝަންގެ ތުހުމަތުތަކާއި، ސަރުކާރު ބަލިކަށިކުރުމަށް މަސައްކަތް ކުރުމާއި، އަދި ނަފްރަތު އުފެއްދުން ފަދަ ގިނަ ތުހުމަތުތަކެއްގެ މައްޗަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކެންޔާގެ ނައިބު ރައީސް މި ތުހުމަތުތަކަށް އިންކާރު ކުރައްވަމުން ވިދާޅުވީ "އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް" މި ހުށަހަޅުމާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މި ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރަން، އަހަންނަކީ ކުށެއް ނެތް މީހެއް،" އޭނާ ހޯމަ ދުވަހުގެ ރޭ ޓީވީން ދެއްކި ވާހަކަފުޅެއްގައި ވިދާޅުވިއެވެ. އަދި އޭނާގެ މައްޗަށް ކުރެވިފައިވާ ނުހައްގު މުއްސަނދިކަން ހޯއްދެވުމުގެ ތުހުމަތު ތަކަށް ރައްދު ދެއްވާ އޭނާ އަށް ގިނަ އަދަދެއްގެ މުދާ ލިބިވަޑައިގެންނެވި ގޮތުގެ ތަފްސީލްވެސް ވަނީ ޓީވީ ގައި ވިދާޅުވެފައެވެ.

"މަގާމުން އިސްތިއުފާދޭކަށް އެއްވެސް ގަސްދެއް ނެތް. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ތުހުމަތުތަކާ ދެކޮޅަށް މަސައްކަތް ކުރާނަން،" ގަޗަގުއާ އިތުރަށް ވިދާޅުވިއެވެ.

ކެންޔާގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ އިޖުރާއުތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ފެށީ އޮކްޓޯބަރު 1 ވަނަ ދުވަހުއެވެ. 291 މެންބަރުން މި ހުށަހެޅުމުގައި ސޮއިކުރައްވާފައިވާއިރު، މިއީ އިމްޕީޗް ކުރަން އެންމެ މަދުވެގެން ބޭނުންވާ 117 މެންބަރުންގެ އަދަދަށްވުރެ މާ ގިނަ އަދަދެއްކަން ފާހަގަ ކުރެވެއެވެ.

ކެންޔާގައި އަމަލު ކުރާ އުސޫލު އޮންނަ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމުގައިވާ ނެޝަނަލް އެސެމްބްލީން ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން އިމްޕީޗްކުރަން ވޯޓުދީފިނަމަ، މަޖިލިހުގެ މަތިގެ ކަމުގައިވާ ސެނެޓުން ވެސް ހަމަ އެ ނިސްބަތުން މި ހުށަހެޅުން ފާސްކުރަން އެދޭނެއެވެ.

އިމްޕީޗްކުރުމަށް 11 ސަބަބެއް މެންބަރުން ލިސްޓުކޮށްފައިވީ ނަމަވެސް، ޕްރޮސިކިއުޓަރުން ރަސްމީކޮށް ގަޗަގުއާގެ މައްޗަށް ދަޢުވާއެއް އުފުލާފައެއް ނުވެއެވެ. އަދި އޭނާއާ ދެކޮޅަށް ޝަރުޢީ ތަޙުޤީޤެއް ވެސް ފަށާފައެއް ނުވެއެވެ.

ގަޗަގުއާ ވަނީ 2022 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް ވިލިއަމް ރުޓޯއަށް ތާއީދުކުރައްވާ، އާބާދީ ބޮޑު މައުންޓް ކެންޔާ ސަރަޙައްދުން ގިނަ އަދަދެއްގެ ވޯޓު ހޯއްދަވައިދެއްވާފައެވެ.

ނައިބު ރައީސް ވިދާޅުވެފައިވަނީ އޭގެ ފަހުން އޭނާ އެއްފަރަރާތްކޮށްފައިވާ ކަމަށެވެ.

ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުނު އިރު ރައީސް ރުޓޯއާ އޭނާއާ ދެމެދު ގުޅުން ގޯސްވެފައިވާ ކަމަށް ލޯކަލް މީޑިއާތަކުން ފުޅާ ދާއިރާއެއްގައި ރިޕޯޓުކުރަމުން ގޮސްފައިވެއެވެ.

ޖޫން އަދި ޖުލައި މަހު ކެންޔާގައި ޓެކްސް އިތުރުކުރުމާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރިއަށް ދިޔަ އިހުތިޖާޖުތަކުގައި 50 އަށްވުރެ ގިނަ މީހުން މަރުވެ، ގައުމުގެ ހާލަތު ގޯސްވުމާ ގުޅިގެން، ރުޓޯ ވަނީ އޭނާގެ ކެބިނެޓުގެ ގިނަ މެންބަރުން ވަކިކުރައްވާ، އިދިކޮޅު ފަރާތްތައް ކެބިނެޓަށް ގެންނަވާފައެވެ.

ގަޗަގުއާގެ މައްޗަށް 2021 ގައި 7.3 ބިލިއަން ކެނިޔާ ޝިލިންގް (57 މިލިއަން ޑޮލަރު) އަށްވުރެ ގިނަ އަދަދެއްގެ މުދާ ހޯދި ގޮތް ސާފު ނުވާތީ ދައުވާވެސް ވަނީ އުފުލިފައެވެ.

އެހެން ނަމަވެސް އޭނާ އާއި ރުޓޯ ވެރިކަމަށް ވަޑައިގަތުމާއެކު އެ މައްސަލަ ވަނީ އަނބުރާ ގެނެސްފައެވެ. ނަމަވެސް މިހާރު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ނައިބު ރައީސް ކަމުގައި ހޭދަ ކުރެއްވި ދެ އަހަރުގެ ތެރޭގައި 5.2 ބިލިއަން ޝިލިންގް (40 މިލިއަން ޑޮލަރު) އެއްކުރެއްވި ކަމަށެވެ. މިއީ އޭނާގެ އަހަރީ މުސާރަ ކަމަށް ބުނެވޭ 93,000 ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.

އޭނާ ވިދާޅުވަނީ އޭނާގެ މުއްސަނދިކަން އަންނަނީ އޭނާގެ ޢާއިލާގެ ރިއަލް އެސްޓޭޓް، ފަތުރުވެރިކަން އަދި އިމާރާތްކުރުމުގެ ވިޔަފާރިތަކުން ކަމަށެވެ.

މިދަނޑިވަޅުގައި ގަޗަގުއާ ވަނީ ރުޓޯގެ އިއްތިހާދުގެ ގިނަ ބަޔަކު ރުޅިއަރުވާލައްވާފައެވެ. އެއީ ސަރުކާރު މަސައްކަތް ކުރަންޖެހޭނީ ކުންފުންޏެއްގެ ގޮތުގައި ސިފަކުރައްވައި، އިއްތިހާދަށް ވޯޓުދިން މީހުންނަށް ސަރުކާރުގެ ވަޒީފާތަކާއި ތަރައްޤީގެ މަޝްރޫޢުތަކުގައި އިސްކަންދޭންޖެހޭނެ ކަމަށް ހުށަހެޅުއްވުމުންނެވެ.

އިތުބާރުނެތް ކަމުގެ މައްސަލަ ފާސްވެއްޖެ ނަމަ އޭނާ ވެވަޑައިގަންނަވާނީ މިފަދަ ގޮތަކަށް މަގާމުން ވަކި ކުރެވުނު ކެންޔާގެ ފުރަތަމަ ނައިބު ރައީސް ކަމުގައެވެ.

- ކޮމެންޓް