ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 17:40
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
މަގޭ ރިޕޯޓް
ރައީސްގެ ކިބައިގައި ހުރި ސިފަތަކެއް ތަގުރީރުގައި ލިޔެގެން ކިޔުއްވީ ހެއްޔެވެ؟
ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކަށް ގިނަ ބައެއްގެ ފާޑު ކިއުންތަން ވަނީ އަމާޒުވެފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ވާހަަކަފުޅަކީ އަޑުފުޅަށް ބާރު ލައްވާފައި ގަދައަޑުފުޅުން ވިދާޅުވަމުން ގެންދެވި ދޮގު ހެދުމުގެ ނުބައިކަމުގެ ވާހަކައަށެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ބަލަން އިށީނީ ޝައުގުވެރިކަމާ އުފަލާ އެކު އެވެ. ނަމަވެސް އެ ޝައުގުވެރިކަމާ އުފާވެރިކަން ބަދަލުވީ ރައީސް ޖަލްސާގައި ތަގުރީރު ކުރައްވަން ފެއްޓެވުމާއި އެކުއެވެ. ކޮންމެހެން ރައީސް ތަގުރީރު ކުރަން ފެއްޓެވީމައެއް ނޫނެއެވެ. ރައީސް ކުރެއްވި ތަގުރީރުގައި ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބަކުންނެއް ވެސް ނޫނެއެވެ. އަދި ރައީސްގެ ތަބީޢަތާ ނުގުޅޭ ގަދަ އަޑުފުޅުގެ ސަބަބަކުންނެއް ވެސް ނޫނެއެވެ. ނަމަވެސް ޖަލްސާގައި ރައީސް ކުރެއްވި ތަގުރީރުގައި ދެއްކެވި ވާހަކަފުޅުތަކާއި އެމަނިކުފާނުގެ އަމަލުފުޅުތަކާ ދިމާނުވާކަން ހިތްމައްޗަށް ވެރިވެގަތުމުގެ ސަބަބުންނެވެ. ހިތައް އެރިއެވެ. މީހުން ބުނަނީ ރަނގަޅަށެވެ. ދެފުށް ދެ ގޮތްކަމާ ބަހާ އަމަލާ ދިމާނުވުމާ މުނާފިގުކަން ވެސް މީހެއްގެ ކިބައިގައި ފަހަރުގައި ހުރެދާނެ އެވެ. އެކަމަކު މި ދަރަޖައަށް މިކަންކަން ހުންނާނެ ކަމަކަށް ހިތަކަށް ވެސް ނާރައެވެ.

އަޑުފުޅަށް ބާރު ލައްވާފައި ގަދައަޑުފުޅުން ވިދާޅުވަމުން ގެންދެވީ ދޮގު ހެދުމުގެ ނުބައިކަމުގެ ވާހަކައެވެ. ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމުގެ ވާހަކަ އެވެ. މަކަރާ ހީލަތުން އަމިއްލަ ފައިދާއަށް ކަންކަން ކުރުމުގެ ނުރައްކާތެރިކަމުގެ ވާހަކަ އެވެ. ދޮގު ހަދައިގެން ގައުމުގައި އުފައްދާ ފިތުނައިގެ އަލިފާނުން ގައުމު އަންދާ އަޅިއަށް ހަދާ ވާހަކަ އެވެ. ފިތުނަވެރި ވާހަކަތަކުން ގައުމަށް ޒަހަރުލާ ވާހަކަ އެވެ. މިކަން ކަމާ އިސްލާމްދީނާ ހުރި ބީރައްޓެހި ކަމުގެ ވާހަކަ އެވެ. ބައެއް ފަހަރު މިވާހަކަތަކާ ގުޅުން ހުރި ޅެން ބައިތުތައް ވިދާޅުވެ އެވެ. ބައެއްފަހަރު މިކަންކަމާ ގުޅޭ އާޔަތްތަކާ ހަދީސްތައް ވިދާޅުވެ އެވެ. ގައުމު އޮތް ހާލަތާ ގައުމުގައި މި ނުބައި ވިހަ ފެތުރިފާ އޮތްލެއް ބޮޑު ކަމުގެ ވާހަކަ އަޑަށް ބާރުލައްވާފައި ދައްކަވާތި އިވެ އެވެ. 

ވިސްނާލަން ޖެހުނީ މިހާ ހިސާބުންނެވެ. ވިސްނުމުގެ ކެމެރާގެ ލެންސް މާދުރަށް އަޅުވާލާކަށް ނުޖެހުނެ އެވެ. ދާދި މިދާކަށް ދުވަހުގެ ކަމެކެވެ. ހާވާލަން ޖެހުނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ސުރުހީ ތަކެވެ. ބަލާލަން ޖެހުނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިއަދާ ހަމައަށް ހުރި ވީޑިއޯ އާކައިވް އެވެ. ފެންނަމުން ދިއައީ އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކައި ކެންޑިޑޭޓަކު ކުރައްވަމުން ގެންދެވި ކެމްޕެއިނެވެ. ރައީސް އެ ވިދާޅުވާ ފަދަ ދޮގާ މަކަރާ ފިތުނައިން ފުރިފައިވި ތަގުރީރުތަކެވެ. ކެމްޕެއިން ކުރައްވަމުން ގެންދެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އޭރުގެ ޕީއެންސީގެ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު އެވެ. އޭރު އޮތް ސަރުކާރާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ހައްދަވަމުން ގެންދެވިހާ ދޮގުތަކާ ފަތުރައްވަމުން ގެންދެވިހާ ފިތުނައިން ރޯވި އަލިފާނުން އަދާ އަޅިއަށްވި ގައުމުގެ އިޖްތިމާޢީ ފޭރާމުގެ އަޅިތައް މިހާރުވެސް އެހުރީ ދިމާއަށް ފެންނާށެވެ.

ރާއްޖޭގައި ހާހުން އިންޑިއާ ސިފައިން ގާއިމުވެ ތިބި ކަމަށް ވިދާޅުވެ ހެއްދެވިހާ ދޮގެވެ. ރާއްޖޭގެ މިނިވަންކަން ގެއްލިއްޖެ ކަމަށާއި ރާއްޖެ އޮތީ އަޅުވެތިވެފައި ކަމަށް ވިދާޅު އުފެއްދެވި ފިތުނަ އެވެ. ދިވެހި ސަރުކާރު އޮތީ އިންޑިއާގެ އުނގަށް ވެއްޓިފައި ކަމަށާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ތަނެއްގައި އިށީނދެވެނީވެސް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވާ ގޮތަށް ކަމަށް ވިދާޅު ދައްކަވަމުން ގެންދެވި ނުބައި ވާހަކަ ތަކެވެ. އޭރު އޮތް ސަރުކާރުން ވައްކަން ކޮށް ކޮށް ގައުމު ހުސްކޮށްފި ކަމަށާއި، ވައްކަމާ ފަސާދަ އާއްމުވެ ގައުމު ހަލާކުވެއްޖެ ކަމަށާއި، ރާއްޖެއިން އިސްލާމްދީން ނެތިގެން ހިގައްޖެ ކަމަށާއި، އެހެން ދީންތަކަށް މިތަނުން ޖާގަ ދޭން އުޅޭ ކަމަށް ވިދާޅުވެ އުފަން ކުރައްވަމުން ގެންދެވި ބޮޑެތި ފިތުނަތަކެވެ. އޭރުގެ ރައީސަށް އަމާޒުކޮށް ނުދައްކާކަށް ހުތުރު ވާހަކަ އެއް ނެތެވެ. ނުގޮވާ ހުތުރު އެއްޗެއް ނެތެވެ. އެތަކަތި ގޮވި މީހުން އިއްޒަތްތެރިންނަށް ހަދާ ޖަލްސާގައި މާ "މާތް" މީހުންގެ ސިފައިގައި ޖަލްސާގައި ތިބިތަން ފެނުމުން އަދި ވަކިން ބޮޑަށް އެ ވާހަކަތަކަކީ މުނާފިގު ސިފަ ޖެހިފައިވާ ވާހަކަތަކެއް ކަމަށް ހިތައް އަރަމުން ދިޔައެވެ.

އަމިއްލަފުޅު ކޮންޓްރޯލް އޮންނަ މީޑިއާތަކާ ނޫސްތައް މެދުވެރިކޮށް މީހުންގެ އަބުރު ކަތިލުމާ މީހުން ބަދުނާމް ކުރުމާ ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކަތައް ފެތުރުން އޮތީ މެކުހަށް ޖަހާފައެވެ. އެކަން ކަމަށް ބާރު ދެއްވަމުން ތަރުހީބު ދެއްވަމުން އަތްޖައްސަވަމުން ކެމްޕެއިން ކުރައްވަމުން ގެންދެވި މަންޒަރު އެހެރީ ދިމާއަށް ފެންނާށެވެ. ވަޒީރުކަމުގައި ހުންނަވައިގެން ކުރެއްވިހާ ވައްކަމުގެ ވާހަކަ ޖަލްސާތަކުގައި މީހުން މިއަދު ދައްކަމުންދާއިރު، ނޫމަޑި މައްސަލައިގައި މަޖިލީހަށް ހާޒިރުވެވަޑައިގެން ދެއްވި ހެކިބަހުގައި ހެއްދެވިހާ ދޮގުތައްވެސް އެހުރީ ދިމާއަށް ފެންނާށެވެ. މާލޭ ސިޓީ މޭޔަރުކަމުގައި ހުންނަވައިގެން ހިންގެވިހާ ޖަރީމާތަކާ އަމިއްލަފުޅު ޖީބަށް ފައިދާވާގޮތަށް ވިއްކެވިހާ ޕާކިން ސްލޮޓާ ނާޖާއިޒް މަންފާ ލިބޭގޮތަށް ކުއްޔަށް ދެއްވިހާ ތަންތަނުގެ ވާހަކަ އަރިހުގާ އުޅުއްވި މީހުން މިއަދު ވެސް އެދަނީ ދައްކަމުންނެވެ. 

ދެން އޮތީ ޖަލްސާގައި ރައީސް ކިޔުއްވި ޅެންބައިތުގެ ވާހަކަ އެވެ. ތަރުހީބު ދެނީ އޮތް ލައުނަތަކަށް، މަރުދީ ބަލަނީ އޮތް ބިދުޢަތަކަށް، ކަރުމަރު ހިފަނީ ނަމަ ރިޝްވަތަކަށް، ދެން ވެސް ކިޔަނީ އިސްލާމުންނޭ" ބައިތު ވިދާޅުވުމަށްފަހު އެ ބައިތު ޝަރަހަކޮށްދެއްވާތީ އިވުނެވެ. ﷲ ނުރުއްސަފާ އެތައް ކަމެއް މުޖުތަމައުގައި އާއްމުވެފައި އޮތް ވާހަކަ އެވެ. ހިތްތަކުން ނަޒާހަތްތެރިކަން ގެއްލިފައި އޮތްވާހަކަ އެވެ. ރިޝްވަތެއް ހޯދެން އޮތް ކަމެއްގައި ކަރުމަރު ހިފައިގެން ވެސް އެކަން ކުރަން މީހުން ފޫގަޅައިގެން އުޅޭ ވާހަކަ އެވެ. އެކަމުގެ ހުރި ނުބައި ކަމާ މުޖުތަމަޢު އަށް އޮތް ގެއްލުމުގެ ވާހަކަ އެވެ. މިހާ ހިސްބުން ހަނދާނަށް އައީ އެއްމެ ފަހުން އޮތް ރިޔާސީ ކެމްޕެއިންގައި މިހާރުގެ ރައީސް ޕީއެންސީ ކެންޑިޑޭޓަކަށް ހުންނަވައިގެން ރިޝަވަތުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ރަށްރަށަށް ބަހަމުން ގެންދިއަ ފައިސާގެ ވާހަކަތަކެވެ. ފައިސާ ލިބުނު މީހުންނާއި، ފައިސާ ބެހި މީހުންނާ މަންޒަރު ދުށް މީހުން ކިޔައިދިން ވާހަކަތަކެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށްޓަކައި ރިޝްވަތު ދެމުންދިއައީ ހައްދެއް ހުދޫދެއްނެތި ކަމަށް މީހުން ކިޔައިދިން ވާހަކަތަކެވެ. ނުހައްގުން ވަޒީފާ ދިނުމާއި ޕްރޮމޯޝަން ދިނުން އޮތީ ހައްދުން ނެއްޓިފައެވެ. ނުފޫޒް އާއި ބާރު ނާޖާއިޒްކޮށް ބޭނުން ކުރަމުން ދިޔައީ ތިޔަހެނެއް ނޫނެވެ. ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބި މީހުން ރަށްރަށަށް ފޮނުވާ "ކޭމްޕް ޖަހައިގެން" އިންތިޚާބު ފޭރިގަތުމަށް ނުކުރާކަށް ނުބައިކަމެއް ނެތެވެ. ތިމާއަށް މޮޅު ގޮތް ވީމާ ހަމަ އިސްލާމް ދީނުގައި މަނާ ހަމަ އެއްކަމެއްވެސް ނޯވެއެވެ. އެއަށްފަހު މަޖިލީހުގެ ސަރުކާރުގެ މެމްބަރުންނަށް މަހުން މަހަށް ރިޝަވަތުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ގެ ކޮޅުން ފައިސާ ބަހަމުންދާ ކަމަށް މީޑިއާތަކުން ހެއްކާއެކު ގެނެސްދެމުން ދިއަ ޚަބަރުތަކެވެ. ސަރުކާރުގެ ކުންފުނިތަކުގައި ވައްކަން އާއްމުވެ ރިޝްވަތާ ކޮރަޕްޝަން އިންތިހާ އަށް ގޮސް އޭގެ ތެރެއިން ނަގާ ފައިސާ ސަރުކާރަށް ދެމުންދާ ކަމަށް ހެއްކާއެކު މީޑިއާ ތަކުން ގެނެސްދޭ ޚަބަރުތަކެވެ. 

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ވައްކަމުގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ އެތައް ބޭފުޅުންނެއް އަރިސް ބޭފުޅުންގެ ގޮތުގައި ލައްވައިގެން ހުންނަވާ ރާއްޖެ އިސްލާމްވި ދުވަހު ކަރުން ހަންދާވަރުގެ ގަދަ އަޑުފުޅުން ކުރެއްވި ތަގުރީރުގައި ދޮގާ މަކަރާ ހީލަތާ ވައްކަމާ ރިޝްވަތުގެ ނުބައިކަމުގެ ވާހަކަ ދައްކަވަމުން ގެންދިއަ އިރު އެ ދުވަހު އެކަންކަން ކުރެއްވި އިރު ރާއްޖޭގައި އިސްލާމްދީން ނެތީތޯ؟ ދީނުގައި މިކަންކަމުގެ ނުބައިކަމުގެ ވާހަކަ އާއި އެކަން ކަން ކުރާ މީހުން ބިރު ނުގަންނަނީތޯ ވިދާޅުވެ ސުވާލު ކުރެއްވި އިރު، އޭރު ރައީސަށް ހުންނެވުނީ މުސްލިމެއްގެ ގޮތުގައި ނޫންތޯއެވެ. ކެމްޕެއިންގެ ތެރޭގައި ވަޒީފާތަކުން މީހުން ނުކަނޑާނެ ކަމަށާއި، ގޯއްޗާއި ފްލެޓް ލިބުނު ބަޔަކަށް ދީފަ އޮތްތަނަކުން ދެއްވާނެ ކަމަށާއި، މަހުގެ އަގު ވިހި ރުފިޔާ އަށް ހައްދަވާ ޑޮލަރުން 48 ގަޑީއިރުގެ ތެރޭގައި ދެއްވާނެ ކަމަށް ވިދާޅުވެ ކުރެއްވި ވައުދުފުޅުތަކާއި އަދި މި ނޫނަސް ކުރެއްވި އެތައް ސަތޭކަ ވައުދަކާ މިހާރު ވެސް ޚިލާފުވެވަޑައިގެންފާވާއިރު، އެއީ ދޮގު ހެދުން ކަމަށް ނުވަނީތޯއެވެ. 

ވާހަކަފުޅު އަޑުއަހަން އިން އިރު ހިތަށް އެރިއެވެ. އެއްގޮތަކީ ހަމަ ހަގީގަތުގައި ވެސް ރައީސް އަކީ ބަހާ އަމަލާ ދިމާނުވާ އިތުރުފުޅު ހައްދަވާ ބޭފުޅެކެވެ. ނޫނީ ތަގުރީރު ލިޔެދިން މީހުން ރައީސްގެ ކިބައިގަ ހުރި ސިފަތަކެއްގެ ވާހަކަ ތަގުރީރުގައި ލިޔެގެން ރައީސް ލައްވާ ހަމަ ގަސްތުގައި ކިޔުއްވީއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް