ކ. މާލެ
|
14 ފެބްރުއަރީ 2024 | ބުދަ 13:02
ދަރުމައަށް މަސައްކަތް ކުރާ ބަޔަކު ދަނީ ޣައްޒާގެ ކުދިންނަކީ ތަޢުލީމުގެ ޙައްޤުން މުޅިން މަޚްރޫމު ވެގެން ނުދާނެ ބައެއްކަން ކަށަވަރު ކުރުމަށް، އެމީހުންނަށް ކުރެވުނު ކަމެއް ކޮށްދެމުން
ފަލަސްތީނު އިސްރާއީލް ހަނގުރާމަ
އަގު ނުކުރެވޭ ޚަޒާނާއެއް ރައްކާކުރަން އަސްމާ ވަމުންދާ ޤުރުބާނީ: އެތައް ބަޔަކަށް ޢިބުރަތްތެރި ފިލާވަޅެއް!
 
އަސްމާ، ކުލާސްތައް ނަގައިދެނީ މިޞްރާ ޣައްޒާ ހިއްސާކުރާ ބޯޑަރާ ވަރަށް ކައިރީގައި އޮތް ކޭމްޕެއްގައި
 
ސުންނާފަތި ނުކޮށް ހުރި ސްކޫލު ޢިމާރާތްތަކަކީ މިއަދު އެތައް ސަތޭކަ ހާސް ޢާއިލާއެއްގެ ވަގުތީ ހިޔާވައްސެއް

ނިރުބަވެރި އިޒްރޭލުން، ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި ގެއްލިދަނީ ހަމަ އެކަނި ފުރާނަތަކެއް ނޫނެވެ. ސުންނާފަތި ވަނީ އެތައް އަހަރެއްގެ ބުރަ މަސައްކަތުން ކޮޅަށް ޖެހި ޢިމާރާތްތައް އެކަންޏެއް ނޫނެވެ. އިޒްރޭލުން ދަނީ ޣައްޒާގެ ފިކުރީ ތަނަވަސްކަންވެސް ނިގުޅައިގަންނަމުންނެވެ. އެއީ ފައިސާގެ ނޫޓަކުން، ނުވަތަ ޝަރީޢަތުގެ މަޖިލީހަކުންވެސް ދެވޭނެ ބަދަލެއް ނެތް ގެއްލުމެވެ.

އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤާއި، ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤުތަކުން ޣައްޒާ މަޚްރޫމު ކޮށްފައި އޮތުމުން، ބައިނަލްއަޤުވާމީ އެހީވެސް މައިގަނޑު ގޮތެއްގައި ޢަމާޒު ކޮށްފައި ވަނީ އެ ދާއިރާތަކަށެވެ. ފިކުރީ ތަނަވަސްކަން ދެމެހެއްޓުމަށް އަދި މާ ބޮޑު މަސައްކަތްތަކެއް ކުރެވެމުން ނުދެއެވެ. ދައްކަން މި އުޅެނީ ޣައްޒާގެ ޅަ ދަރިންނާއި ޒުވާނުންގެ ޖީލެއް، ތަޢުލީމުން މަޚްރޫމު ކޮށްފައި އޮތް ވާހަކައެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހު ޙަމާސް ޖަމާޢަތުން އިޒްރޭލަށް ދިން ކަމަށް ބުނާ ކުއްލި ޙަމަލާގެ ރައްދުގައި އިޒްރޭލުން ހިންގަން ޤަތުލުޢާންމަކީ، މި ދުނިޔެއިން ޙަމާސް ޖަމާއަތުގެ ވަސްވެސް ނައްތާލާނެ ކަމަށް ވަޢުދުވެ، ހިންގަން ފެށި ޖަރީމާއެކެވެ. 4 މަހަށް ވުރެ ދިގުލައި ގޮސްފައި ވާ އެ ޤަތުލުޢާންމުގައި، ޣައްޒާގެ ތަޢުލީމީ ނިޒާމު އޮތީ އެފުށް މި ފުށަށް ޖެހިފައެވެ. އެތައް ސްކޫލެއް ވަނީ ސުންނާފަތިކޮށްފައެވެ. އެތައް ސަތޭކަ ހާސް ކުދިންނެއް ވަނީ ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތުން މަޚްރޫމު ކޮށްފައެވެ.

ސުންނާފަތި ނުކޮށް ހުރި ސްކޫލު ޢިމާރާތްތަކަކީ މިއަދު އެތައް ސަތޭކަ ހާސް ޢާއިލާއެއްގެ ވަގުތީ ހިޔާވައްސެވެ. އެވަރުން އަދި ނިމުނީއެއް ނޫނެވެ. ޣައްޒާއަށް ބޭނުންވާ ތެލާއިގެ ހަކަތައިގެ ސަޕްލައިވެސް އިޒްރޭލުން ހުއްޓުވާފައި ވާ އިރު، ފަދަ ފިނިން ސަލާމަތް ވުމަށް އަލިފާންގަނޑު ޖެހުމާއި، ކާއެތިކޮޅު ރޯފިލުވާލުމަށް އުނދުނަށް ލާ ދަރަޖަށް ވެފައި މިއަދު އޮތީވެސް ސްކޫލުތަކުގައި ހުރި ގޮނޑިމޭޒެވެ.

ޅަ ދަރިންނާއި ޒުވާނުންގެ ކިބައިން ޢިލްމު ހާސިލު ކުރުމުގެ ޙައްޤު ނިގުޅައިގަނެ، ޣައްޒާގެ މުސްތަޤުބަލުން ފިކުރީ ތަނަވަސްކަން ފޭރިގަންނަމުން ދިއުމަކީ ކޮންމެކޮންމެ މީހަކަށް ޤަބޫލު ކުރަން ދަތި ކަމެކެވެ. އެފަދަ އެކަކީ ޣައްޒާގެ ޓީޗަރެއް ކަމަށް ވާ އަސްމާ މުސްޠަފާއެވެ. ބައެއްގެ އެހީއަށް އެދި ސަލާންޖަހާ، އެ އެހީއެއް ލިބޭނެ ކަމަށް މަޑުކޮށް ނުކޮށް، އަސްމާ މަސައްކަތް ފެށީ ޢަމަލީ ގޮތުންނެވެ.

އަސްމާ ދަނީ، ޣައްޒާގެ މުޅި ޢާބާދީހެން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދާ ދެކުނުގެ ރަފަޙު ބޯޑަރު ސަރަޙައްދުގައި ކިޔަވައިދިނުމުގެ މަޝްރޫޢެއް ފަށާ، ހިންގަމުންނެވެ.

ޤަތުލުޢާންމުގެ ތެރޭގައި ފާއިތުވެދާ ކޮންމެ ދުވަހަކީ ދިރިއުޅުން ހެޔޮފާލަކަށް އެޅިދާނެ ކަމުގެ އުންމީދު ފަނޑުވެދާ ދުވަހެކެވެ. ދަރިންނަށް އަލުން އަނބުރާ ސްކޫލަށް ދެވޭނެ ދުވަހެއްވެސް ނޭނގެއެވެ. ހަމަ ޔަޤީނުންވެސް އެތައް މަހެއް ހޭދަވާނެއެވެ. އެތައް ކުދިންނެއް މިއަދު އެ ވަނީ އެތައް ގޮތަކުން މަގުމަތިވެފައެވެ.

އަސްމާއާއި، އޭނާ ފަދައިން ދަރުމައަށް މަސައްކަތް ކުރާ ބަޔަކު ދަނީ ޣައްޒާގެ ކުދިންނަކީ ތަޢުލީމުގެ ޙައްޤުން މުޅިން މަޚްރޫމު ވެގެން ނުދާނެ ބައެއްކަން ކަށަވަރު ކުރުމަށް، އެމީހުންނަށް ކުރެވުނު ކަމެއް ކޮށްދެމުންނެވެ.

އަސްމާ، ކުލާސްތައް ނަގައިދެނީ މިޞްރާ ޣައްޒާ ހިއްސާކުރާ ބޯޑަރާ ވަރަށް ކައިރީގައި އޮތް ކޭމްޕެއްގައެވެ. ކޮންމެ ދުވަހެއްގެ ހެނދުނުގެ ވަގުތަކީ، އަސްމާ ކުލާސް ނަގައިދޭ ވަގުތެވެ. ޢަރަބި، ހިސާބު އަދި އިނގިރޭސި ކިޔަވާ ދަރިވަރުން، އަސްމާ ވަށާލައިގެން ތިބޭ  މަންޒަރަކީ، ޤަތުލުޢާންމުގެ ތެރެއިން ލިބޭ އުންމީދުގެ ކުޑަކުޑަ އަލިކަމަކޭވެސް ބުނެވިދާނެއެވެ.

ޓީޗަރެއްގެ ހައިސިއްޔަތުން، އަހަންނަށް މި ކުދިން ސިފަވަނީ ޚަޒާނާއެއްގެ ގޮތަށް. މި ކުދިންނަކީ އަހަރެމެންގެ މުސްތަޤުބަލުގެ އުންމީދު. ޢިލްމު ހާސިލުކުރުމަށް އެކުދިންނަށް އޮތް ޙައްޤު ނިގުޅައިގަތީމަ، އެކަމުގެ ނުރައްކާ މި އޮންނަނީ ފަލަސްޠީނުގެ މުސްތަޤުބަލަށް. އެހެންވެ، ޓީޗަރަކަށް ވެ ހުރެ، އަހަރެން މި ދަނީ، މި ދަރިވަރުންނަށް އަހަރެން އަދާކޮށްދޭން ޖެހޭ ޒިންމާތައް އަދާކޮށްދެމުން. ގެދޮރު ގެއްލި، ކޭމްޕުގަ މިހާ ދަތިކޮށް އުޅެން މަޖުބޫރިވއަސް، ކިޔެވުން ހުއްޓާ ނުލާ، ކުރިއަށް ދެވޭނެ ގޮތް ހަދައިދެމުން.
އަސްމާ މުސްޠަފާ؛ ގެދޮރު ގެއްލިފައިވާ ފަލަސްޠީނު ޓީޗަރެއް

އަސްމާ ގާތުން ޤަވައިދުން ކުލާސް ނަގާ އެއް ދަރިވަރަކީ ޢުމުރުން 14 އަހަރުގެ ލަމާ ކިޝްކޯއެވެ. 6 މެންބަރުންގެ ޢާއިލާއާއެކު ލަމާ ދިރިއުޅެމުން ދަނީ ފޭލިގެއެއްގައެވެ. އަސްމާގެ ކުލާސްތަކަށް ހާޒިރުވެގެން ކިޔެވުމުގެ ކޮންމެވެސް މިންވަރެއް ހާސިލު ކުރެވުނު ކަމުގައިއި ވީ ނަމަވެސް، ޢާންމު އުސޫލުން، ކުރިންވެސް ދިޔަ ގޮތަށް ސްކޫލަކަށް ގޮސްގެން ކިޔެވުމުގެ ކަންކަން ކުރެވޭނެ ދުވަހަކަށް ލަމާ އިންތިޒާރު ކުރެއެވެ.

ކުރީގަ އުޅުނު އާދައިގެ ދިރިއުޅުމަށް ދެވޭނެ ކަމަށް އުންމީދު ކުރަން. ސްކޫލު މަތިން ވަރަށް ހަނދާންވޭ. ސްކޫލަށް ދިއުމަށް އިޒްރޭލުން ހުރަސް އަޅާތާ މިވީ 4 މަސް. ޓީޗަރުންނާއި، އެކުވެރިންނާއި، ޢާންމުކޮށް ސްކޫލަށް ގޮސް ހަދާ ގަޑިތައް ވަރަށް ހަނދާންވޭ، ވަރަށް މިސްވޭ. ސްކޫލަށް ނުގޮސް 4 މަސް ކޮށްފަ، މި ކޭމްޕުގަ މި ހިންގާ ކުލާހުގަ ބައިވެރިވީ.
ލަމާ ކިޝްކޯ؛ ގެދޮރު ގެއްލިފައިވާ ފަލަސްޠީނު ކުއްޖެއް

ފަލަސްޠީނުގެ ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަ ކޮށްފައި ވާ ގޮތުގައި، އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމުގައި ޣައްޒާއިން 4800 ދަރިވަރެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. 8400 އަށް ވުރެ ގިނަ ކުދިން ޒަޚަމްވެފައި ވާ އިރު، ބައެއް ކުދިންނަކީ، ޢުމުރުގެ ބާކީ ދުވަސްތައް، ނުކުޅެދޭ ޙާލުގައި ގުނަން މަޖުބޫރުވެފައި ވާ ޖުދިންނެވެ. އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމުގައި މަރާލި ޓީޗަރުންނާއި، ލެކްޗަރަރުންނާއި ޕްރޮފެސަރުންގެ ޢަދަދު، 240 އަށް އަރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް