ކ. މާލެ
|
28 އޮކްޓޯބަރ 2023 | ހޮނިހިރު 19:30
އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުއިއްޒު އަދި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު
އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުއިއްޒު އަދި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
ނަޝީދު މި ވިދާޅުވާ ގޮތުންނަމަ، އިންތިޚާބީ ރައީސް ވެސް ހުވާ ކުރެއްވިޔަ ނުދީ ވެސް ހިފަހައްޓާލެވިދާނެތަ؟
މަޖިލިސް ފަދަ ދައުލަތުގެ މުހިންމު ބާރެއް ހުއްޓުވާފައި ބޭއްވުމަކީ މަޖިލީހުގެ ޤަވާއިދުގެ އަދި ޤާނޫނު އަސާސީގެ ވެސް މަޤްސަދެއް ނޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ހުށަހެޅުމާއެކު އެ މައްސަލަ ކުރިއަށް ނުގެންގޮސްވާނެ ހުރިހާ މަގަކުން ރައީސް ނަޝީދު ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އެންމެ ފުރަތަމަ ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ފަހަރާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ މައްސަލައާ ގުޅުވައިގެން ރައީސް ނަޝީދާއި އެމަނިކުފާނުގެ މެމްބަރުން ވަނީ މުޅި މަޖިލިސް ބޮޑު ތަޅު އަޅުވާ، ހިސޯރުކޮށްފަ އެވެ. ނަތީޖާއަކަށް ވެގެންދިޔައީ، ސުޕަ މެޖޯރިޓީގައި އޮތް އެމްޑީޕީން ހުށަހެޅި އެ މައްސަލަ އަނބުރާ ގެންދިޔުމަށް އެ ޕާޓީ އަށް ވެސް މަޖުބޫރުވުމެވެ.

އެއާއެކު މި ހިނގާ އޮކްޓޫބަރު މަހު އެމްޑީޕީން ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކަނި ހުށަހަޅައިފަ އެވެ. އަންނަ އާދިއްތަ ދުވަހު އެ މައްސަލަ އެޖެންޑާކޮށްފައިވާއިރު، ފެނުނުހާ ވެސް މަންޒަރަކީ ރައީސް ނަޝީދާއި، އެމަނިކުފާނުގެ މެމްބަރުން އެ މައްސަލަ ކުރިއަށް ނުގެންގޮސްވާނެ ހުރިހާ މަގަކުން މަސައްކަތް ކުރެއްވި މަންޒަރެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ "ބ"ގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަން ވަނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. މިއީ ރައީސް ނަޝީދާއި، އެމަނިކުފާނުގެ ސަޕޯޓަރުން މި މައްސަލަ ކުރިއަށް ނުގެންގޮސް، ހުއްޓުވުމަށް ދައްކަމުން އަންނަ ބަހަނާއެކެވެ. އެގޮތުން ނައިބު ރައީސަށް ވަޑައިނުގެންނެވޭ ދުވަހެއްގައި، ރިޔާސަތު ބަލައްޓާނެ އެހެން ގޮތެެއް ޤަވާއިދުގައި ބުނެފައި ނެތް ކަމަށް ބުނެ އުޒުރު ދައްކަވަ އެވެ. އެހެން ނަމަވެސް، މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ގޮތް، ވަރަށް ސާފުކޮށް، މަޖިލީހުގެ ޤަވާއިދުގައި ކަޅާއި ހުދުން އެ އޮތީ ލިޔެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 43 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގައި މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާއެއް ނުވަތަ ޖަލްސާއެއްގެ ބައެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހިނދެއްގައި، އެ ޖަލްސާއެއްގެ ނުވަތަ އެ ޖަލްސާއެއްގެ ބައެއްގެ ރިޔާސަތު ބެލެހެއްޓުން މަޖިލީހުގެ ނައިބު ރައީސާ ހަވާލުކުރެވިދާނެ އެވެ. އެއާ ވިދިގެން 44 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެމްބަރުން ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށެވެ. މިގޮތުން ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތްކުރި މެމްބަރުންގެ ތެރެއިން ޖުމުލަ ފަސް މެމްބަރުންނެވެ. އަދި އެއިން މެމްބަރަަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދި ވިދިގެން ތިން ޖަލްސާގެ މުއްދަތަކަށް ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

މިހެން މަޖިލީހުގެ ޤަވާއިދުގައި އޮތުމުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް މަޖިލީހުގެ ޖަލްސާތަކަށް އުޒުރުވެރިވެ ވަޑައިގަންނަވާ ވަގުތުގައި، އެ ޖަލްސާގެ ރިޔާސަތުގައި މަޖީލިހުގެ ރައީސާއި ނައިބު ރައީސް އެ ޕާޓީ އަކަށް ނިސްބަތްވެ ވަޑައިގަންނަވާ، ދަ ޑިމޮކްރަޓްސްގެ މެމްބަރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފް އިންނަވަ އެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިން އެޖެންޑާ ކުރިއިރު، އެ މައްސަލަ ކުރިއަށް ނުގެންގޮސް ނައިބު ރައީސް އިވާ ހާޒިރުނުވުމުން، މަޖިލީހުގެ ރިޔާސަތުގައި އިންނެވީ އެ ދެ ބޭފުޅުންނަށް ވަފާތެރި، ހަމަ މި އިއްޒަތްތެރި މެމްބަރު އަފީފް އެވެ. އަފީފް ވެސް ޖަލްސާތަކުގެ ރިޔާސަތުގައި އިންނެވުމުގެ އެންމެ ބޮޑު ބޭނުމަކީ މަޖިލީހުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ދިޔުމެވެ. އެހެން ނަމަވެސް، މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ "ރ"ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރެވޭނީ، ރައީސް އިތުބާރު ނެތްކަމުގެ މައްސަލަ އަށް ގޮތެއް ނިންމުމަށްފަހު އެވެ. އެހެންކަމަށްވާ ނަމަ، ވަކި އަފީފް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ކުރައްވަން އޮތީ އެ މަސައްކަތް ނޫން އެހެން ކޮން މަސައްކަތެއް ހެއްޔެވެ؟

ރަނގަޅެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ނައިބު ރައިސްކަމަށް، މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެހެން ނަމަވެސް، މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ އިތުރު ފަސް މެމްބަރަކު މަޖިލީހުގެ ރައީސްކަމަށް އައްޔަން ކުރެވުނީ ވެސް، މަޖިލިސް ނުހުއްޓި ކުރިއަށް ގެންދިޔުމުގެ މަޤްސަދުގަ އެވެ. އޭގެ މިސާލަކަށް އަފީފް ފުދެ އެވެ. އެހެންކަމަށްވާ ނަމަ، އަދި ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވި ނަމަވެސް، މިހާރު ދަންނަވާނަމަ މަޖިލީހުގެ ރައީސާ އާއިލީ ގޮތުން ގާތް ގުޅުން އޮންނަ ނައިބު ރައީސް އީވާ ޢަބްދުﷲ މަޖިލީހަށް ޙާޟިރުނުވި ނަމަވެސް، އުސޫލެއްގެ ގޮތުން މަޖިލިސް ހިނގާނެ އިތުރު ގޮތެެއް މަޖިލީހުގައި ސީދާ ނޫން ގޮތަކަށް ނަމަވެސް ބަޔާންކޮށްފައި އެބަ އޮތްތާ އެވެ.

ކަންމިހެން ހުރިއިރު، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަންވާނީ ނައިބު ރައީސް ކަމަށް ބުނެފައިވާ ބުނުމުގައި ހިފައިގެން ތިބެ، މުޅި މަޖިލިސް ހުއްޓުވާލެވިފައި ބޭއްވިދާނެތޯ އެވެ؟ މިމޭރުމުން ޤާނޫނު މާނަކުރާނަމަ، އޭގެއިން ނުބައި މެސެޖުތަކެއް އެބަ ދެވެ އެވެ. ހަމަ ޔަގީނުން ވެސް، މަޖިލިސް ފަދަ ދައުލަތުގެ މުހިންމު ބާރެއް ހުއްޓުވާފައި ބޭއްވުމަކީ މަޖިލީހުގެ ޤަވާއިދުގެ އަދި ޤާނޫނު އަސާސީގެ ވެސް މަޤްސަދެއް ނޫނެވެ.

އެހެން ދަންނަވާނަމަ، ޤަނޫނު އަސާސީގެ 114 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވާ މީހަކު، އެމީހެއްގެ މަގާމަށް ހަވާލުވުމުގެ ކުރިން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ޤާނޫނު އަސާސީގެ ޖަދުވަލު އެކެއްގައިވާ އެމީހެއްގެ މަގާމުގެ ހުވައިކޮށް އެހުވައިގެ އިޤުރާރުގައި ސޮއިކުރަންވާނެ ކަމަށެވެ. ނަމަވެސް، އުފެދޭ ސުވާލަކީ އެ ބުނާ ހުވާ ކުރުމުގެ ޖަލްސާއަށް އުއްތަމަ ފަނޑިޔާރު ވަޑައިނުގެން އަދި އެ ހުވާ ލައިދިނުމަށް އުއްތަމަ ފަނޑިޔާރު އެހެން ފަނޑިޔާރަކު ކަނޑަނާޅައިފި ނަމަ، ދެން ވާނީ ކިހިނެއްތޯ އެވެ؟ ޤާނޫނުގައި އެބުނާ މާއްދާއެއްގައި ހިފާދަމައިގެން، އިންތިޚާބީ ރައީސް ހުވާ ކުރެއްވިޔަނުދީ ބަހެއްޓިދާނެތޯ އެވެ؟ ހަމަ ގައިމު ވެސް މިއީ ޤާނޫނު އަސާސީގެ މަޤްސަދެއް ނޫނެވެ.

- ކޮމެންޓް