ކ. މާލެ
|
25 އޭޕްރިލް 2023 | އަންގާރަ 22:27
އައި.ސީ.ޖޭގެ 2019 ވަނަ އަހަރުގެ ނިންމުމުގައި ވަނީ، ޗާގޯސްގައި އިނގިރޭސިވިލާތުން ހިންގަމުންދާ އިސްތިއުމާރީ ވެރިކަން ގާނޫނީގޮތުން ނުނިންމާކަމަށް
އައި.ސީ.ޖޭގެ 2019 ވަނަ އަހަރުގެ ނިންމުމުގައި ވަނީ، ޗާގޯސްގައި އިނގިރޭސިވިލާތުން ހިންގަމުންދާ އިސްތިއުމާރީ ވެރިކަން ގާނޫނީގޮތުން ނުނިންމާކަމަށް
ރާއްޖެއެމްވީ
ޗާގޯސް މައްސަލަ
އައި.ސީ.ޖޭއާއި އިޓްލޯސްގެ ނިންމުންތަކަށް ރާއްޖެއިން ބޯލަނބަން ޖެހޭތަ؟
 
ޗާގޯސް މައްސަލާގައި އައި.ސީ.ޖޭއިން ނެރެފައިވާ ގާނޫނީ ލަފާ، އ.ދ.ގެ އާއްމު މަޖިލީހުން ވަނީ 116 ވޯޓާއެކު ބަލައިގެންފައި
 
ޗާގޯސްގެ ރަށްތަކުގައި މޮރިޝަސްގެ ރައްޔިތުން އަލުން ވަޒަންވެރިކުރުމަށް މޮރިޝަސްއަށް އެއްބާރުލުން ދިނުމަށް އ.ދ.ގެ އާންމު މަޖިލީހުގެ ގަރާރަކުން ނިންމާފައިވޭ

އަދުލާބެހޭ ބައިނަލްއަގުވާމީ ކޯޓު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) އާއި އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޯސް) ގިނަ ދިވެހިންގެ ސަމާލުކަމަށް އައީ 1965ވަނަ އަހަރު މޮރިޝަސްއިން ޗާގޯސް ވަކިކުރުމުގެ ސަބަބުން އުފެދިފައިވާ ގާނޫނީ މައްސަލަތަކާ ގުޅޭގޮތުން އައި.ސީ.ޖޭ.އިން ނެރުނު ގާނޫނީ ލަފަޔާ ގުޅިގެންނެވެ. އަދި އެ ނިންމުމާ ވިއްދައި، މޮރިޝަސްގެ ސަރުކާރުން އެ ގައުމުގެ ކަނޑުގެ އިން ވަކިކުރުމަށް އިޓްލޯސްއަށް މައްސަލަ ވައްދައި، އެ މައްސަލާގައި ރާއްޖެއިންވެސް ހަރަކާތްތެރިވާން ފެށުމުންނެވެ.

މިމައްސަލާގައި އައި.ސީ.ޖޭގެ ނިންމުމަކީ ކޮބާ؟

އައި.ސީ.ޖޭގެ 2019 ވަނަ އަހަރުގެ ނިންމުމުގައި ވަނީ، ޗާގޯސްގައި އިނގިރޭސިވިލާތުން ހިންގަމުންދާ އިސްތިއުމާރީ ވެރިކަން ވަނީ ގާނޫނީގޮތުން ނުނިންމާކަމަށެވެ. އެއީ އިސްތިއުމާރީ ވެރިކަން ނިންމައި މޮރިޝަސްއަށް އިނގިރޭސިވިލާތުން މިނިވަންކަން ދިންއިރު، މޮރިޝަސްގެ ބައެއްގެ ގޮތުގައި އިނގިރޭސިން ވެރިކަންކުރި ޗާގޯސް ސަރަހައްދު އަލަށް މިނިވަންވި މޮރިޝަސްއާ ހަވާލުނުކޮށް އޮތުމުންނެވެ.

މި އިޝްތިރާރީ ލަފައަށް (އެޑްވައިޒަރީ އޮޕިނިއަން) އެދިފައިވަނީ އ.ދ.ގެ އާންމު މަޖިލީހުގެ ގަރާރަކުންނެވެ. އަދި އެ ލަފާ ގަބޫލުކޮށް، އޭގެ މައްޗަށް ގަރާރެއް ފާސްކޮށް، މި ނިންމުން ބަލައިގަނެ، އެއްވެސް އިތުރު ޝަރުތަކާނުލައި ހަ މަސްދުވަހުގެ ތެރޭގައި އެ ސަރަހައްދު މޮރިޝަސްއަށް ހަވާލުކޮށް، ޗާގޯސްގެ ރަށްތަކުގައި މޮރިޝަސްގެ ރައްޔިތުން އަލުން ވަޒަންވެރިކުރުމަށް މޮރިޝަސްއަށް އެއްބާރުލުން ދިނުމަށްވެސް ނިންމާފައިވަނީވެސް އ.ދ.ގެ އާންމު މަޖިލީހުގެ ގަރާރަކުންނެވެ.

މިއާއެކު އުފެދޭ ސުވާލަކީ، އެ ކޯޓުގެ ނިންމުންތަކަށް އަމަލުކުރުމަކީ ކިހާ ލާޒިމު ކަމެއްތޯ މިސުވާލެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަކީ ބައިނަލްއަގުވާމީ އަދުލުގެ ނިޒާމުގެ ދިގު ތާރީޚުގެތެރެއިން އުފަންވެފައިވާ ގުނަވަނެކެވެ. އ.ދ.ގެ އަސާސީ ގުނަވަންތަކެކޭ އެއް ހަމައެއްގައި ހިމެނޭ މިކޯޓަކީ ގައުމުތަކުގެ މެދުގައި އުފެދޭ ގާނޫނީ ދެބަސްވުންތަކަށް ހައްލު ހޯދައިދޭ، އަދި ބައިނަލްއަގުވާމީ ގާނޫނީ ސުވާލުތަކަށް ޖަވާބު ދޭ، އެންމެ އިސް ބައިނަލްއަގުވާމީ ގާނޫނީ ގުނަވަނެވެ. އެގޮތުން އައި.ސީ.ޖޭއަށް މައްސަލަ ހުށަހެޅޭ ދެގޮތެއް އޮވެއެވެ. ފުރަތަމަ ގޮތަކީ ދެ ގައުމެއްގެ މެދުގައި އުފެދިފައިވާ ގާނޫނީ ދެބަސްވުން ހައްލުކުރުމަށްޓަކައި ދެ ގައުމުންކުރެ ގައުމަކުން އެމައްސަލަ އައި.ސީ.ޖޭއަށް ހުށަހެޅުމެވެ. މިބާވަތުގެ މައްސަލައަށް ކިޔަނީ ކޮންޓެންޝަސް ކޭސްއެވެ. އައި.ސީ.ޖޭއަށް މައްސަލަ ހުށަހެޅޭ ދެވަނަ ގޮތަކީ، އ.ދ.ގެ ގުނަވަންތަކާއި ޚާއްސަ އޭޖެންސީތަކުން ގާނޫނީގޮތުން އުފެދޭ ސުވާލުތަކަށް ލަފާ ހޯދުމަށް އެޑްވައިޒަރީ އޮޕީނިއަންއަކަށް އެދުމެވެ. މިފަދައިން އެދެވޭނީ ހަމައެކަނި އ.ދ.ގެ އަސާސީ ފަސް ގުނަވަނަށާއި އ.ދ.ގެ ޚާއްސަ 16 އޭޖެންސީއަށާއި އެއެޖެންސީތަކާ ގުޅިފައިވާ ޖަމިއްޔާތަކަށެވެ.

ބައެއް އިސްތިސްނާއީ ހާލަތްތައް ފިޔަވައި އައި.ސީ.ޖޭގެ ނިންމުންތަކާއި ލަފާތަކަކީ ގާނޫނީގޮތުން އަމަލުކުރުން ލާޒިމު ކަންކަމެއް ނޫނެވެ. މާނައަކީ އެނިންމުންތަކާއި ލަފާތަކަށް އަމަލުކުރުމާއި ނުކުރުމުގެ އިޚްތިޔާރު، އެނިންމުންތަކާއި ލަފާތައް ރައްދުވާ ފަރާތްތަކުގެ އަތްމައްޗަށް ދޫކޮށްލާފައިވުމެވެ. އެހެންނަމަވެސް، އައި.ސީ.ޖޭގެ ލަފާތަކަކީ އެކޯޓުގެ ހުކޫމަތާއި ހައިބަތާ ގުޅިފައިވާ ކަންކަމަށް ވެފައި، ކޯޓުގެ ލަފަޔަށް އެދޭ އ.ދ.ގެ ގުނަވަން ނުވަތަ އޭޖެންސީން އެ ލަފާ ބަލައިގަތުމަށް ނިންމުމާ ހަމައިން، އެ ލަފާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކެކޭ އެއްފަދަ ބާރުތަކެއް ލިބިގެންދާ އެއްޗިއްސަށް ވެއެވެ.

ޗާގޮސްގެ މައްސަލާގައި ކަން ހިނގާފައިވަނީ މިހެންނެވެ. އައި.ސީ.ޖޭއިން ނެރެފައިވާ ގާނޫނީ ލަފާ، އ.ދ.ގެ އާއްމު މަޖިލީހުން ވަނީ 116 ވޯޓާއެކު ބަލައިގެންފައެވެ. އަދި އެ ކޯޓުގެ ލަފާގެ މައްޗަށް ބިނާކޮށް، ވަކި ކަންތައްތަކެއް ކުރުމަށް ގޮވާލާފައެވެ. އެ ގަރާރު ފާސްކޮށްފައިވަނީ އ.ދ.ގެ މެންބަރު ގައުމުގެ ތެރެއިން 116 ގައުމެއްގެ ތާއީދާއެކުގައެވެ.

އިޓްލޯސްއަކީ ކޮބާ؟

ދެންއޮތީ އިޓްލޯސްގެ ވާހަކައެވެ. އިޓްލޯސްއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޯސް)ގެ ދަށުން އުފައްދާފައިވާ، ކަނޑުގެ ސަރަހައްދާއި ކަނޑުގެ ބޭނުންތަކާއި ވަސީލަތްތަކާ ގުޅޭގޮތުން އުފެދޭ ތަފާތުތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ޑިސްޕިއުޓް ރިޒޮލިއުޝަން މެކޭނިޒަމެކެވެ. އަންކްލޯސް ރާއްޖެއިން ތަސްދީގުކޮށްފައިވަނީ 7 ސެޕްޓެމްބަރު 200ގައެވެ. މީގެ މާނައަކީ މި ކޮންވެންޝަނާގުޅޭ އެންމެހައި ކަންތައްތައް ގަބޫލުކުރުމެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ކަނޑުގެ ގާނޫނުގައިވެސް، ބައިނަލްއަގުވާމީ މިފަދަ އެއްބަސްވުންތަކަށް ތަބާވެ ބޯލެނބުން އެއީ ލާޒިމުކުރާކަމެވެ. އިޓްލޯސްއަށް މައްސަލަ ހުށަހަޅަނީ އެކަމަށް އެދި ހުށަހެޅުމުންނެވެ. އިޓްލޯސްގެ ނިންމުންތަކަކީ މައްސަލާގައި ހިމެނޭ ބައިވެރިންގެ މައްޗަށް އަމަލުކުރުން ލާޒިމް ނިންމުންތަކެކެވެ. އަދި އެ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންތަކެވެ.

ރާއްޖެއިން އެ ނިންމުންތަކަށް ތަބާވާންޖެހޭތަ؟

ޗާގޯސްގެ މައްސަލައާ ގުޅޭގޮތުން 19ވަނަ ރައްޔިތުންގެ މަޖިލީހުގެ 2023ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 34ވަނަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާގޮތުގައި "ކޮންމެ ކޯޓަކުން ކޮންމެ ތަނަކުން ކޮންމެ ގޮތަކަށް، ކޮންމެ ކަމެއް ނިންމި ކަމުގައި ވީނަމަވެސް" ރާއްޖޭގެ ސަރަހައްދު ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުނިންމަވާހާ ހިނދަކު، އެމަނިކުފާނު ރިޔާސަތުގައި އިންނަވައިގެން "މި ދިވެހިރާއްޖޭގެ ސަރަހައްދުން އެންމެ ތަންފުކެއް ވެސް" ގެއްލުނަނުދެއްވާނެއެވެ. ސުވާލަކީ، މިއީ މިކަން ހިނގާނެގޮތްތޯއެވެ؟ ނޫނީ ހިންގުން އެންމެ ރަނގަޅުގޮތްތޯއެވެ؟

ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ގައުމަކަށްވެފައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތައް ނަގަހައްޓައި، ދެމެހެއްޓުމަށް ރާއްޖެއިން ނުހަނު އިސްކަން ދޭއިރު، ބައިނަލްއަގުވާމީ ގާނޫނީ އެންމެ މަތީ ކޯޓުން ނެރެފައިވާ ލަފާތަކަށް އަމަލުކުރުމަކީ ރާއްޖެއިން ކުރަންނުޖެހޭނެ ކަމެއްތޯއެވެ؟

ޒަމާނުއްސުރެ ދިވެހިރާއްޖެއަކީ އިސްތިއުމާރީ އަމަލުތަކާ ދެކޮޅަށް ވަކާލާތުކުރާ ގައުމަކަށް ވުމާއެކު، އިސްތިއުމާރީ އަމަލުތައް ނިމުމަކަށް ގެނައުމަށްޓަކައި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ކުރެވޭ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުންދާއިރު، ޗާގޯސް މައްސަލާގައި އައި.ސީ.ޖޭއިން ނެރެފައިވާ ގާނޫނީ ލަފަޔާ އެއްގޮތަށް އަމަލުކުރުމަކީ، އަދި އެ ނިންމުމަށް ދުނިޔޭގެ އަޣުލަބިއްޔަތު ލިބިފައިވާއިރު، ދިވެހިރާއްޖެއިންވެސް އެކަމަށް ތާއީދުކުރަން ނުޖެހޭނެތޯއެވެ؟

ދިވެހިރާއްޖެ މިނިވަންވުމަށްފަހު އެންމެ ފުރަތަމަ ނިންމި ނިންމުމަކީ އ.ދ.ގެ މެންބަރު ގައުމުކަން ހޯދުންކަމުގައި ވީހިނދު، އެ ޖަމްއިއްޔާގެ ޗާޓަރުގައި ވާ ކަންތައްތަކަށް ބޯލަނބަން ގަބޫލުވެފައިވާ ހާލު، އެ ޖަމްއިއްޔާއިންނާއި އެ ޖަމްއިއްޔާގެ އިޚްތިސާސްގެތެރޭގައި ހިމެނޭ ގުނަވަންތަކުން ނިންމާ ނިންމުންތަކަށާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކަށް ބޯލެނބުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ނޫންތޯއެވެ؟ 

ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެފަދަ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ލިބެނީ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ސަބަބުންނެވެ. ހަމަހަމަކަމާއެކު ބޮޑެތި ގައުމުތަކާއެކު ފައިތިލަ ސާބިތުކޮށް ހަރަކާތްތެރިވުމަށް ފުރުސަތު ލިބެނީ މިފަދަ ގާނޫނާއި ގަވާއިދުންނެވެ. އެހެންނޫންނަމަ ހިނގާނީ ޖަންގަލީގެ އުސޫލެވެ. އަޑުގަދަ މީހާގެ ރުއް ގިނަވާ އުސޫލެވެ.

މިނިވަން، މުސްތަގިއްލު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ލިބޭ އެންމެހައި މަންފާއާއި ދޭދޭ ގައުމުތަކުން ރާއްޖެއަށް ލިބޭ އެހީވެސް ބިނާވެފައިވަނީ މި ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރޭގައެވެ. އެހެންކަމުން، ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަކީ ދިވެހިރާއްޖެއަށްވެސް އެކަމުގެ މަންފާއާއި ލާބަ ލިބޭނޭ ގޮތްކަން ޔަގީނެވެ.

ރަނގަޅު ވާހަކައެކެވެ. ދިވެހިރާއްޖެއިން ގޮތް ނިންމަން ޖެހޭނީ ދިވެހިންގެ އެންމެ މަތީ މަސްލަހަތު ހިމެނޭގޮތަށެވެ. ދިވެހިރާއްޖެއަށް އެންމެ ފައިދާވާ ގޮތަށެވެ. މިއާއެކު ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ދިވެހިރާއްޖެއަކީ ވަކިން އޮތް ގައުމެއް ނޫންކަމެވެ. ވަކިން އޮވެ ކާމިޔާބުވެސް ނުވާނެކަމެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ނިންމުންތައް ބޮލާލައި ޖެހީމާ ވާ ގެއްލުން ފެނިއްޖެއެވެ. އޮތީ އެކަހެރިވެފައެވެ. ބައިވެރިވާނެ ބަޔަކު ނުވެއެވެ. މިއީ ދިވެހިންނަށް ފުދޭ މިންވަރުތޯއެވެ؟

މިހުރިހާކަމަކަށް ރިއާއަތްކޮށް، ޗާގޯސް މައްސަލާގައިވެސް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން، އައި.ސީ.ޖޭގެ ލަފަޔަށާއި އިޓްލޯސްގެ ނިންމުމަށް އަމަލުކުރުމަކީ ރާއްޖެއަށްވެސް އެކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ފައިދާ ކުރުވަނިވި ކަމަކަށް ވެގެން ނޫނީ ނުދާނެކަން ޔަގީނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
60%
0%
0%
0%
20%
20%
ކޮމެންޓް