ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ ހާލަތު ދަށްވަމުންދާތީ އާއި އަދީބާމެދު ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން އިހުމާލު ވަމުންދާކަމަށް އަދީބުގެ ގާނޫނީ ވަކީލުންނާއި އާއިލާއިން ބުނަމުންދާތީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮެމެޓީ އަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރު އަދި ސަރުކާރުން ހިންގާ މައި ޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދަށް އެޑްރެސްކޮށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު، އެކޮމެޓިއަށް ހުށަހަޅުއްވާފައިވާ މައްސަލައިގަ ބުނަނީ ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނަށް ބޭސްފަރުވާ ކޮށްދިނުމަކީ ގާނޫނު އަސާސީން ފޯރުކޮށްދޭންޖެހޭ ހައްގަކަށްވާއިރު، ދިވެހިރާއްޖޭގެ ނާއިބު ރައީސްކަން ކޮށްފައިވާ އަދީބަށް ދިމާވެފައިވާ ބޭސްފަރުވާގެ މައްސަލައިގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ އިހުމާލުވާ ކަމަށް އަދީބުގެ ގާނޫނީ ވަކީލުންނާއި އަދީބުގެ އާއިލާއިން ބުނަމުންދާ ކަމަށެވެ.
އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާދީފައި ވާއިރު، އަދީބުގެ ބޭސްފަރުވާ ކުރުމަށް ރާއްޖޭން ބޭރަށް ފޮނުވައިދިނުމަށް އަދީބުގެ ގާނޫނީ ވަކީލުންނާއި އާއިލާއިން އެދުނު ނަމަވެސް އަދީބު ރާއްޖޭން ބޭރަށް ފޮނުވުމުގެ ހުއްދަ ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި އެދުމުން އަދީބު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެ މުއައްސާސައިން ވަނީ ބުނެފަ އެވެ. ފުލުހުންގެ އިދާރާގައި ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަށް އެދުމުން އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދައަށް އެދެންޖެހެނީ ކަރެކްޝަންސްއަށް ކަމަށް ފުލުހުންގެ އިދާއިރާއިން ބުނެފައިވާ ކަމަށް އަދީބުގެ ގާނޫނީ ވަކީލުންނާއި އާއިލާއިން ބުނެ އެވެ.
"އަދީބުގެ ސިއްހީ މައްސަލައިގައި ސަރުކާރުގެ އެކި މުއައްސަސާތަކުން އެކަށީގެންވާގޮތެއްގައި ޖަވާބުދާރީވަމުން ނުގެންދާތީ، މިމައްސަލައިގައި ޒިންމާ އުފުލަންޖެހޭ ހުރިހާ މުއައްސަސާތަކުގެ މަސްއޫލުވެރިން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ހާޒިރު ކޮށްގެން މައުލޫމާތު ސާފުކުރެއްވުމަށާއި އަދީބަށް ބޭސްފަރުވާ ކުރުމުގެ ހައްގު ލިބިދޭކަން ކަރަވަރުކުރުމުގައި މުއައްސަސާތަކުގެ ޒިންމާއަދާ ކުރުވުމަކީ މަޖިލީހުގެ ތިޔަ ކޮމެޓީގެ ޒިންމާއެއްކަމަށް ދެކޭހިނދު، މިމައްސަލަ ބައްލަވައިދެއްވުން އެދެމެވެ،" ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ފޮނުއްވި ސިޓީގައި ވެއެވެ.
އަދީބުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ގިނަ ބަޔަކު ކަންބޮޑުވަމުން ދާއިރު، އަދީބުގެ އާއިލާގެ ފަރާތުން ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕާއި އެ އާއިލާއިން ބައްދަލު ކުރުމަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ. ހަމަ މިމައްސަލާއިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެމްޑީޕީގެ ލީޑަރޝީޕްގެ ބޭފުޅުން ވަނީ އަދީބުގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން އަދީބާއި ބައްދަލު ކުރެއްވުމަށް ކަމާބެހޭ މުއައްސަސާތަކުގައި އެދިފަ އެވެ.
އަދީބުގެ އާއިލާއިން ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އޮކްޓޯބަރު 24، 2015 ގައި އަދީބު ހައްޔަރުކުރި ފަހުން މިއަދާ ހަމައަށް އައިއިރު އެމަނިކުފާނަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް ހުރުމާއި ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން، ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއްކަމުގައިވާ ގްލޮކޮމާޖެހިފައިވާ ކަމަށް ލޮލުގެ ހާއްސަ ޑޮކްޓަރުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށް އަދީބުގެ މަންމަގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
"މިކަމާ ގުޅިގެން އާއިލާއިން މިހާރު ވާނީ އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ބޭސްފަރުވާގައި ޒިންމާ ނަގަންޖެހޭ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް މިހުރިހާ ކަމެއް ގެނެސްފަ އެވެ. އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ޒިންމާ އެއްވެސް މުއައްސަސާއަކުން އުފުލާނޭ ކަމަށް އަންގަވާފައެއް ނުވެ އެވެ،" އަދީބުގެ މަންމަގެ ސިޓީގައިވެ އެވެ.
އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަކީ ދިވެހިރާއްޖެއިން ފަރުވާ ކުރެވޭ ކަންތައްތަކެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށާއި ވީހާ ވެސް އަވަހަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ލަފާ ދެއްވާފައިވާ ކަމަށް އަދީބުގެ މަންމަ ވިދާޅުވެފައިވެ އެވެ. ޑޮކްޓަރުން މިގޮތަށް ލަފާދެއްވާފައިވާ ކަން އެނގޭނެ ލިޔުންތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ހުރި ނަމަވެސް އެއްވެސް ލިޔުމެއް އާއިލާއަށް ދޫކޮށްފައި ނެތް ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.
އަދީބު 33 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދަވާއިރު، އެ މަނިކުފާނަށް މިހާރު މެދުވެރިވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުން ލަސްކޮށްފި ނަމަ ޖަލުގެ ގޮޅިތެރޭގައި އަދީބު މަރުވާނެ ކަމަށް، އޭނާގެ ވަކީލް މޫސާ ސިރާޖު ވަނީ ވިދާޅުވެފަ އެވެ.