ކ. މާލެ
|
29 ސެޕްޓެންބަރ 2022 | ބުރާސްފަތި 15:01
ހާޓް އެޓޭކް ޖެހުން
ހާޓް އެޓޭކް ޖެހުން
ހިންދުސްތާނީ ޓައިމްސް
ވަރލްޑް ހާޓް ޑޭ 2022
ދުނިޔޭގެ ހިތުގެ ދުވަސް 2022، އަމިއްލަ ހިތް އޯކޭތަ؟
 
ކޮވިޑް 19 އަށް ފަހު ހާޓް އެޓޭކް ޖެހޭ މީހުން އިތުރުވެފައިވޭ

29 ސެޕްޓެމްބަރު 2022 ބުރާސްފަތި ދުވަހަކީ ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. ހިތުގެ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު ބޭނުމަކީ ހިތަށް ކުރިމަތިވާ މައްސަލަތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް ވީހާވެސް ގިނަ ބަޔެއްގެ ހިތުގެ ހާލަތު ރަނގަޅު ކުރުމެވެ.

ދުނިޔެއަށް ކުރިމަތިވި ކޮވިޑް 19 އާ ގުޅިގެން ހިތުގެ މައްސަލަތައް ޖެހި އަދި ހާޓް އެޓޭކުގައި މަރުވާ މީހުން އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މަދުނޫން އަދަދަކަށް ޒުވާނުންވެސް މިހާރު ހާޓް އެޓޭކް ޖެހި މަރުވަމުން ދާކަން ދަނީ ސިއްހީ ފަރާތްތަކުން ފާހަގަ ކުރަމުންނެވެ.

ރާއްޖޭގައިވެސް މިހާރު މިވަނީ އެއްލައްކަ އަށްޑިހަފަސް ހާސް މީހުންނަށް ކޮވިޑް ޖެހިފައެވެ. މީގެ ތެރެއިން ގިނަ ބަޔަކު އަދިވެސް އުޅެމުން ދަނީ ލޯންގ ކޮވިޑް މިކިޔާ ހާލަތުގައެވެ. ކުރިން ނުވާ ތަފާތު ސިއްހީ އުނދަގޫތަކެއް ދަނީ ތަހައްމަލު ކުރަމުންނެވެ. މީގެ ތެރެއިން މޭތެޅުމާއި ބޮލަށް ގޮތްވުން، މެޔަށް ތަދުވުން ނޭވާ ކުރުވުން ފަދަ ކަންކަމަކީ ހިތް ރަނގަޅަށް މަސައްކަތް ނުކުރާތީ ދިމާވާ ކަންކަން ކަމަށްވުން އެކަށީގެންވާ ކަމަށް ހިތުގެ ޑޮކްޓަރުން ވިދާޅުވެފައި ވެއެވެ. މިގޮތުން އާންމުކޮން މީހުން ކޮށްފާނެ ސުވާލުތަކަކަށް ހިތުގެ ޚާއްސަ ދެ ޑޮކްޓަރުން ޖަވާބު ދެއްވާފައިވެއެވެ.

ކޮވިޑް 19 ޖެހުމުން ހިތަށް ގެއްލުން ލިބޭތަ؟

އާއެކެވެ. ކޮވިޑް 19 އަކީ މައިގަނޑު ގޮތެއްގައި ނޭވާލާ ނިޒާމަށާއި ފުއްޕާމެޔަށް ޖެހޭ ބައްޔެއް ނަމަވެސް އެބަލީގެ ސަބަބުން ހިތަށް ވެސް ގެއްލުންތަކެއް ލިބެއެވެ. މިހެން ދިމާވާ ސަބަބުތަކުގެ ތެރޭގައި:

* ފުދޭވަރަށް އޮކްސިޖަން ނުލިބުން

ކޮރޯނާ ވައިރަސްގެ ސަބަބުން ފުއްޕާމޭގެ ކުދިކުދި އެއާރ ސެކްތައް އިންފްލޭމްވެ، ނޭވާލާވައި ވަންނަން ލިބޭ ޖާގަ ކުޑަވެއެވެ. ނަތީޖާއެއްގެ ގޮތުން ލޭދައުރުވާ ނިޒާމަށް ވަންނަ އޮކްސިޖަންގެ މިންވަރު މަދުވެއެވެ. އަދި އެތެރޭގެ ގުނަވަންތަކަށް އޮކްސިޖަން ފޮނުވުމަށް ހިތަށް ކުރަންޖެހޭ މަސައްކަތް ބުރަވެއެވެ.

* ސީދާ ހިތަށް ލިބޭ ގެއްލުން

ކޮރޯނާ ވައިރަސްގެ ސަބަބުން ހިތުގެ މަސްތަކާއި ޓިޝޫތަކަށް ވެސް ސީދާ ގެއްލުން ލިބެއެވެ. ސީދާ ހިތަށް ވެސް އިންފްލެމޭޝަން ކުރިމަތިވެ، ވަގުތީ އަދި ދާއިމީ ގެއްލުންތަކެއް ހިތަށް ލިބޭކަން ވަނީ ތަހުލީލުތަކުން ހޯދިފައެވެ.

ވައިރަލް އިންފެކްޝަނެއް ޖެހުމުން ހިތް މަސައްކަތް ކުރާ ނިޒާމު ބަލިކޮށްލާ ޑިސްއޯޑަރއެއް ޖެހެއެވެ. އަދި އިންފެކްޝަން ރަނގަޅުވުމުން މިހާލަތު ވަރަށް ބޮޑަށް ރަނގަޅު ވެއެވެ.

ހާޓް ރޭޓް އާއި ކޮވިޑް 19

ކޮވިޑް 19 ޖެހި ރަނގަޅުވުމަށް ފަހު ވެސް ހިތުގެ ހިނގުން އަވަސް ވެފައި، މޭތެޅޭ ފަދަ އިހުސާސެއް ކުރެވޭ ނަމަ ޑޮކްޓަރަށް ދައްކާލުން ބުއްދި ވެރިކަމަށް މާހިރުން ލަފާ ދެއްވައެވެ. ހިތް ހިނގާ ރޭޓު އަވަސް ވެދާނެ ތަފާތު ސަބަބުތައް ހުރެއެވެ. މިގޮތުން ފުދޭވަރަށް ދިޔާއެއްޗެތި ބޭނުން ނުކުރުން އެއީ މިހެން ދިމާވާ އެއް ސަބަބެވެ. ފުދޭވަރަށް އަބަދުވެސް ފެނާއި ދިޔާ އެއްޗެތި ބޯން އާދަކުރުމަށް ޑޮކްޓަރުން ލަފާ ދެއްވައެއެވެ. ޚާއްސަކޮށް ހަށިގަނޑުގައި ހުން ހުންނަ ނަމަ ދިޔާ އެއްޗެތި ގިނައިން ބޯން ޖެހެއެވެ.

ހިތް ހިނގުން ރަނގަޅު ނޫންނަމަ ފާހަގަ ވާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި މެޔަށް ބާރުވެފައި ހުރުމާއެކު، ހިތް ހިނގުން މާ އަވަސްކަމުގެ އިހުސާސް ކުރެވި، ބޮލަށް ލުއިވާ ގޮތްވެ، ޚާއްސަކޮށް ކޮޅަށް ތެދުވުމުން ވެއްޓެން އުޅޭ ކަހަލަ އިހުސާސް ކުރެވުން ހިމެނެއެވެ.

ކޮވިޑް ޖެހުމާއި ގުޅިގެން ހިތުގެ މައްސަލަ ކުރިމަތިވެއްޖެ ކަން ދެނެގަންނާނީ ކިހިނެއް؟

ކޮވިޑް 19 ޖެހުމަށް ފަހު ފެންނަ އެއްވެސް އަލާމާތެއް، ޚައްސަކޮށް ނޭވާ ކުރުވުން ވަރަށް ބޮޑަށް ފެންނަ ނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން ވާނެއެވެ.

ނޭވާ ކުރުވުމަކީ ބައެއް ފަހަރު އޭގެ ޒާތުގައި ސީރިއަސް މައްސަލަޔަކަށް ނުވެދާނެއެވެ. ނަމަވެސް ނޭވާ ކުރުވުމާ އެކު އޮކްސިޖަން ލެވެލް 92 އިންސައްތަޔަށް ވުރެ ދަށް ވާނަމަ އެއީ ސީރިއަސް މައްސަލަ އެކެވެ.

ކޮވިޑް ޖެހުމަށް ފަހު ދާއިމީ ގޮތަކަށް މެޔަށް ތަދުވެފައި ހުންނަނަމަ ހަދާނީ ކިހިނެއް؟

ކުޑަކޮށް މެޔަށް ތަދުވާގޮތްވެފައި ހުރުން އެއީ އަދި މައްސަލަޔަކަށް ނުވެދާނެ އެވެ. އެކަމަކު މިކަމަށް ވެސް ޑަކްޓަރުންގެ ލަފަޔާއެކު ފަރުވާ ލިބިގަންނަންޖެހެއެވެ. ވަރަށް ބޮޑަށް މެޔަށް ތަދުވެފައި، ހޮޑުލަވާގޮތްވެފައި، ނޭވާ ކުރުވެފަ އަދި ބޮލަށް ލުއިވާގޮތް ވެފައި ހުންނަ ނަމަ އަވަހަށް ޑޮކްޓަރަކަށް ދައްކަން ޖެހޭނެއެވެ.

ހާޓް އެޓޭކްއަކާއި ޕެނިކް އެޓޭކްއެއް ވަކި ކުރާނީ ކިހިނެއް؟

ޕެނިކް އެޓޭކްއެއްގައި ވެސް ބައެއް ހާލަތްތަކުގައި ހާޓް އެޓޭކްއަކާއި އެއް ސިފަތަކެއް ހުރެދާނެއެވެ. ނަމަވެސް ދެކަންތައް ވަކި ކުރާނެ ގޮތް ޑޮކްޓަރުން ކިޔާދެއްވާފަ ވެއެވެ.

ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި ކޮވިޑް19 އަށް ފަހު ހާޓް އެޓޭކާއި އަދި ޕެނިކް އެޓޭކް ޖެހުން ވެސް މިހާރު ވަނީ އިތުރު ވެފައެވެ. ހާޓް އެޓޭކް އާއި އަދި ޕެނިކް އެޓޭކްގައި ވެސް ވަރަށް ގިނަ ފަހަރު އެއް ގޮތް އަލާމަތްތަކެއް ހުރުމާ އެކު މިއީ ހާޓް އެޓޭކެއް ނޫނޭ ބުނެ ފަރުވާ ކުޑަ ނުކުރުމަށް ވެސް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.

ހާޓް ޓްރާންސްޕްލާންޓް ޑޮކްޓަރެއް ކަމަށްވާ ޑރ ދަވާލް ނައިކް ވިދާޅުވާ ގޮތުގައި ޕެނިކް އެޓޭކެއް ޖެހެނީ ކަމަކާއި ބިރުގަނެ ހާސްވާ ވަގުތު، ހޯމޯނަށް އަންނަ ބަދަލެއްގެ ސަބަބުން ހަށިގަނޑަށް ގެނުވާ ބަދަލަކުންނެވެ. މިގޮތުން ހިތް ހިނގުން އަވަސްވެ، މެޔަށް ބާރުވެ، މެޔަށް ތަދުވެ އަދި ނޭވާ ކުރުވާ ގޮތް ވެއެވެ.

ހާޓް އެޓޭކެއް ކުރިމަތިވަނީ ލޭހިގާ ހޮޅިއެއްގައި ބްލޮކެއް އުޅުމުންނެވެ. ހިތް ހިންގާދިނުމަށް ފުދޭވަރަށް ލޭ ނުލިބުމުގެ ސަބަބުން ވެސް މެޔަށް ތަދުވެ، ހިތް އަވަސްވެ، ނޭވާކުރުވެ މި އަލާމާތްތައް ފެންނާނެ ކަމަށް ޑރ ނައިކް ވިދާޅުވެފައިވެއެވެ.

ޕެނިކް އެޓޭކް ޖެހޭ މީހުންނަށް އެކަން ކުރިމަތިވަނީ އާއިލާ ތެރެއިން ނުވަތަ ވަޒީފާގެ މާހައުލުން ކުރިމަތިވާ ކަމަކުން "އެންގްޒަޔަޓީ" ނުވަތަ ސްޓްރެސްގެ ސަބަބުންނެވެ. ޚިޔާލީ ގޮތުން އަންނަ ބަދަލަކުންވެސް ޕެނިކް އެޓޭކް ޖެހެއެވެ.  ނަމަވެސް ހާޓް އެޓޭކް ޖެހޭ މީހާއަށް މިއިން ކަމެއް ކުރިމަތި ނުވެ ވެސް ހާޓް އެޓޭކް ޖެހިދާނެ ކަމަށް މެކްސް ހޮސްޕިޓަލްގެ އިސް ކާޑިއޮލޮޖިސްޓް ޑރ ސުނިލް ކުމާރު ވަދްވާ ވިދާޅުވެފައިވެއެވެ.

ޑރ އަތުލް މާތޫރު ވިދާޅުވާ ގޮތުގައި ހާޓް އެޓޭކެއް ކުއްލިއަކަށް އަދި ވަރަށް "އިންޓެންސް" ކޮންވެސް ޖެހިދާނެއެވެ. އެހެން ނަމަވެސް އާންމު ގޮތެއްގައި ހާޓް އެޓޭކެއް ޖެހޭއިރު މެޔަށް ތަދުވާން ފަށަނީ ކުޑަކޮށެވެ. އަދި މަދު މިނެޓު ކޮޅެއްގެ ތެރޭގެގައި ތަދު ބޮޑުވެ ސީރިއަސްވެއެވެ. މިފަދަ "އެޕިސޯޑް" ތަކެއް އައުމަށް ފަހުވެސް އަސްލު ހާޓް އެޓޭކް ޖެހިދާނެ ކަމަށް ޑރ މާތޫރު ވިދާޅުވެފައިވެއެވެ.

ހާޓް އެޓޭކެއް ޖެހެނީ ހިތަށް ބޭނުންވާ ވަރަށް ލޭ ނުލިބުމުންނެވެ. މައިގަނޑު އަލާމާތްތަކަކީ މެޔަށް ތަދުވުމާއި، ކަނދުރާޔާއި، ދަތްދޮޅި މައްޗަށް އަދި ނޫނީ އަތުގެ ފަލަ ހިސާބަށް ތަދެއް އަރައިގެން ދިއުމާއެކު ބޮލަށް ލުއިވެ، އަނބުރާގޮތްވެ، ހޮޑުލަވާގޮތްވެ މާޔޫސްކަމުގެ އިހުސާސާ އެކު ގަދަޔަށް ދާ ހިއްލުމެވެ. ހާޓް އެޓޭކް ޖެހެން އާންމުކޮށް ދިމާވާ ސަބަބުތަކުގެ ތެރޭގައި ހަކުރުބަލި ކޮންޓްރޯލް ނުކުރެވި ސީރިއަސްވުން، ޕްރެޝަރު މައްޗަށް ދިއުން ކޮލެސްޓްރޯލް މައްޗަށް ދިއުން އަދި ހަރަކާތް މަދު ލައިފް ސްޓައިލެއް އުޅުން ހިމެނެއެވެ.

ޕެނިކް އެޓޭކް އަކީ ކޮބާ؟

ޑރ. މާތޫރު ވިދާޅުވާ ގޮތުގައި ހެދޭ ޓެސްޓުތަކުން ތިމާގެ ހިތުގައި މާބޮޑު މައްސަލަތަކެއް ނެތްކަމަށް ދައްކާފައި ވަނިކޮން މަތީގައިވާ އަލާމާތްތައް ފެނިއްޖެ ނަމަ ޖެހުނީ ޕެނިކް އެޓޭކްއަކަށް ވުން އެކަށީގެން ވެއެވެ. ޚާއްސަކޮށް މިކަން ކުރިމަތީވީ ކަމަކާ ބިރު ގަތުމަށް ފަހު ކަމަށް ވާ ނަމައެވެ.

ޕެނިކް އެޓޭކެއްގައި އާންމުކޮށް ފެންނަ އަލާމާތްތަކާއި ހިތް އަވަސްވުން، މޭތެޅުން މެޔަށް ތަދުވުން، ކަރުގަ އެއްޗެއް ތާށިވާފަދަ އިހުސާސެއްކުރެވުން، ހޮޑުލަވާގޮތް ވުން، ހޫނުވާ ކަމުގެ އިހުސާސް ކުރެވުން، ފިނިވާ ކަމުގެ އިހުސާސް ކުރެވުން، ބޮލަށް ގޮތްވުން، އަތްފައި އައްސިވާ ގޮތްވުން، އަދި މާޔޫސްވެ ހިތް ނުތަނަވަސްވުން ކަމަށް ކާޑިއޮލޮޖިސްޓް ވިދާޅުވެފައިވެއެވެ.

ހާޓް އެޓޭކެއްގައި އަރާ ތަދު މޭދަށުން ފެށި، ކަނދުރާޔަށާ ދަތްދޮޅި މައްޗަށް އަދި ވައަތަށް ފެތުރިދާނެއެވެ. ނަމަވެސް ސީދާ އިނގިލި ޖައްސާފަ ތަދުވަނީ މިތަނަށޭ ބުނަން އުނދަގޫ ވެދާނެ ކަމަށް ޑޮކްޓަރުން ފާހަގަ ކުރައްވައެވެ. ހުންނާނީ "ޑަލް" ތަދެކެވެ.

އޭގެ ބަދަލުގައި ޕެނިކް އެޓޭކެއްގައި އަރާ ތަދު ވަރަށް ތޫނު ވެފައި، އިގިލި ޖައްސާފަ ތަދުވާތަން ދެއްކޭނެއެވެ. ޕެނިކް އެޓޭކް ޖެހޭ މީހުން ތަފާތުވާ އަނެއް އަލާމާތަކީ ކަރުގައި އެއްޗެއް ތާށިވާފަދަ އިހުސާސެއް ކުރެވުމެވެ.

ހާޓް އެޓޭކް ޖެހޭ މީހުންވެސް ޕެނިކް އެޓޭކް ޖެހޭ މީހުންނަށްވެސް ނޭވާލާން އުނދަގޫ ވާއިރު، ޕެނިކް އެޓޭކް ޖެހޭ މީހުން އަވަސް އަވަހަށް ބާރަށް ނޭވާލައެވެ. ނަމަވެސް ހާޓް އެޓޭކް ޖެހޭ މީހުންގެ ފުށުން މިސިފަ ނުފެންނަ ކަމަށް ޑޮކްޓަރުން ފާހަގަ ކުރައްވައެވެ.

ޕެނިކް އެޓޭކް ޖެހޭ މީހުންގެ އަތްފައިން ދާހިއްލާ އިރު ހާޓް އެޓޭކް ޖެހޭ މީހުންނަށް އާންމުކޮށް މިހެން ނުވެއެވެ.

ފާހަގަ ކުރަން ޖެހޭ އެންމެ ބޮޑު ތަފާތަކީ ހާޓްއެޓޭކެއް އާންމުކޮށް ޖެހެނީ ހަށިގަނޑަށް ބުރަވާ ހާލަތެއްގައެވެ. އެއާ ޚިލާފަށް މީހާ އަރާމު ކުރާ ވަގުތުވެސް ޕެނިކް އެޓޭކެއް ޖެހިދާނެއެވެ.

ހާޓް އެޓޭކް އާންމުކޮށް ޖެހެނީ ކަސްރަތު ނުވަތަ އެފަދަ ކަމަކުން ހިތަށް ބުރަ ބޮޑުވުމުންނެވެ. ޚާއްސަކޮށް ކުރިން އެފަދަ ކަންކަމުގައި ނޫޅޭ ފަރާތްތަކުން ޖިމް ކަސްރަތުތައްފަދަ ކަންކަން ކުރުމުގައި ވަރަށް ފަރުވާތެރިވާން ވާނެއެވެ.

އެއާ ޚިލާފަށް އަރާމުގެ ވަގުތުގައި، ނަފްސާނީ ގޮތުން އަންނަ ބަދަލެއްގެ ސަބަބުން، އަދި ތަފާތު ކުއްލި ކަމެއް ކުރުން، މިސާލަކަށް އުސްތަނަކަށް އަރާތިރި ބަލާލުން ފަދަ ކަމަކުންވެސް ޕެނިކް އެޓޭކް ޖެހޭކަން ޑރ ނައިކް ފާހަގަކުރައްވާފައިވެއެވެ.

ހަންދާން ބަހައްޓަންވީ ކަމަކީ ބުރަމަސައްކަތާއެކު ކުއްލިއަކަށް މެޔަށް ތަދު އަރައިފިނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމެވެ.

ހާޓް އެޓޭކް ޖެހޭ މީހުންނާ ޚިލާފަށް ޕެނިކް އެޓޭކް ޖެހޭ މީހުންގެ މެޔަށް ވާ ތަދު، ދިހަވަރަކަށް މިނެޓު ތެރޭ ޕީކްއަށް އެރުމަށް ފަހު ބައިގަޑިއެއްހާއިރު ތެރޭ އާންމު ގޮތެއްގައި ފިލާދެއެވެ.

މައުލޫމާތު ހިންދުސްތާން ޓައިމްސް/ލައިފް ސްޓައިލް   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް