ކ. މާލެ
|
20 ޖުލައި 2022 | ބުދަ 10:43
ތަރީޚާއި ފަލްސަފާގެ ރޮނގުން އަންޑަގުރެޖުއޭޓް ޑިގްރީ ހާސިލު ކުރުމަށް ޔުނިވާސިޓީ އޮފް ޕަލޭރްމޯއަށް ޕަތޭރްނޯ ވަނީ، އޭނާގެ އުމުރުން 90 އަހަރުވެސް ވީ ފަހުން
އިޓަލީވިލާތުގެ އެންމެ ދޮށީ ދަސްވެނިޔާ ޕަތޭރްނޯ
އިޓަލީވިލާތުގެ އެންމެ ދޮށީ ދަސްވެނި އޭނާގެ ރެކޯޑް އައުކޮށްފި
 
މިފަހަރުވެސް ޕަތޭރްނޯ ސަނަދު ހާސިލު ކުރީ އެންމެ މަތީ މާކުހާ އެކީ
 
މިފަހަރު ހާސިލު ކުރީ މާސްޓާޒް ޑިގްރީ ސަނަދު
 
އެންމެ ފުރަތަމަ ދޮށީ ދަސްވެނީގެ ރެކޯޑް އޭނާ ހޯދީ އުމުރުން 96 އަހަރުގައި، އެ ފަހަރު އޭނާ ދަސްވެނިވީ ތާރީހާއި ފަލްސަފާގެ ޑިގްރީ ސަނަދާއެކު

އުމުރުން 98 އަހަރުގެ ޖޫޒެއްޕެ ޕަތޭރްނޯ، އިޓަލީވިލާތުގެ އެންމެ އުމުރުން ދުވަސްވީ ދަސްވެނީގެ ރެކޯޑް، އަނެއްކާވެސް ހޯދައިފިއެވެ.

އިޓަލީވިލާތުގެ އެންމެ ދޮށީ ދަސްވެނީގެ ރެކޯޑް، ޕަތޭރްނޯ އެންމެ ފުރަތަމަ ހޯދީ އޭނާގެ އުމުރުން 96 އަހަރުގައެވެ. އެއީ ޖުލައި 2020 ގައެވެ. ޔުނިވާސިޓީ އޮފް ޕަލޭރްމޯއިން އެ ފަހަރު އޭނާ ދަސްވެނިވީ ތާރީހާއި ފަލްސަފާގެ ޑިގްރީ ސަނަދާއެކުގައެވެ.

ލިޔުންތެރިކަމަށް އޮތް ހާއްސަ ލޯތްބެއްގެ ބޮޑުކަމުން، ދަސްވެނިވުމަށްފަހު ޕަތޭރްނޯ އަނެއްކާވެސް ފެށީ ކިޔަވާށެވެ. ހަމަ އެ މާއްދާތަކުން މިފަހަރު ހާސިލު ކުރީ މާސްޓާޒް ޑިގްރީ ސަނަދެވެ. ޖުލައި 18 ވަނަ ދުވަހު ދަސްވެނިވެ ސަނަދު ހާސިލުކޮށް، އިޓަލީވިލާތުގެ އެންމެ ދޮށީ ދަސްވެނީގެ ރެކޯޑް އަނެއްކާވެސް މުގުރާލިއެވެ.

މިފަހަރުވެސް ޕަތޭރްނޯ ސަނަދު ހާސިލު ކުރީ އެންމެ މަތީ މާކުހާ އެކީގައެވެ.  

1923 ވަނަ އަހަރު އުފަންވި ޕަތޭރްނޯ އުޅެ ބޮޑުވީ، ސިސިލީގެ ފަޤީރު އާއިލާއެއްގައެވެ. ފޮތްތެރިކަމާއި ކިޔެވުމަށް އޭނާގެ ހިތުގައި ކިތަންމެ ބޮޑު ޝައުގެއް ދެވިފައި އޮތް ކަމުގައި ވީ ނަމަވެސް، ޒުވާން ދުވަސްވަރު ޔުނިވާސިޓީއަށް ގޮސް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު، ޕަތޭރްނޯއަކަށް ނުލިބުނެވެ. އުމުރުން އެންމެ 20 އަހަރުން ފަށައިގެން އޭނާ ޚިދުމަތް ކުރަމުން ދިޔައީ ކަނޑުގެ އަސްކަރިއްޔާއަށެވެ. އެއީ 2 ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. އެއަށްފަހު އޭނާގެ ދެން އުޅުނީ ރޭލްވޭ ޚިދުމަތުގައެވެ.

ހަނގުރާމައަށްފަހު ޕަތޭރްނޯ އަމާޒު ހިފީ އުނގެނުމަށެވެ. ހައި ސްކޫލް ނިންމާލީ އުމުރުން 31 އަހަރުގައެވެ. އެއީވެސް ރެކޯޑެއް ކަމަށް ބެލި ދާނެއެވެ.

އުމުރަކީ ޕަތޭރްނޯއަކަށް ހުރަހެއް ނޫނެވެ. "މިހާރު ނުވިއްޔާ ފަހަކުން ނުވާނޭ" ބުނެ، ތަރީޚާއި ފަލްސަފާގެ ރޮނގުން އަންޑަގުރެޖުއޭޓް ޑިގްރީ ހާސިލު ކުރުމަށް ޔުނިވާސިޓީ އޮފް ޕަލޭރްމޯއަށް ޕަތޭރްނޯ ވަނީ، އޭނާގެ އުމުރުން 90 އަހަރުވެސް ވީ ފަހުންނެވެ.

3 އަހަރު ދުވަސް ވަންދެން ކުރި ބުރަ މަސައްކަތާއި، މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑްގެ ބަލިމަޑުކަމަށްފަހު، އިޓަލީވިލާތުގެ ޔުނިވާސިޓީއަކުން ދަސްވެނިވި އެންމެ ދޮށީ އުމުރުގެ ދަރިވަރުގެ ޝަރަފާއެކު، ޕަތޭރްނޯ އެންމެ ފުރަތަމަ ގުރެޖުއޭޓް ވީ ޖުލައި 2020 ގައެވެ.

ތާރީޚާއި ފަލްސަފާގެ ރޮނގުން މިހާރު މާސްޓާޒް ޑިގްރީ ހާސިލުކޮށް އަނެއްކާވެސް ތާރީޚުގައި އޭނާގެ ނަން ފަވާލި ޕަތޭރްނޯ އަމާޒު ހިފާފައި ހުރީ، އޭނާގެ ޓައިޕްރައިޓަރު ބޭނުން ކޮށްގެން، ވާހަކަފޮތެއް ލިޔުމަށެވެ. އެ ޓައިޕް ރައިޓަރަކީ އުމުރުން ގާތްގަނޑަކަށް 100 އަހަރު ވަންދެން ދުނިޔޭގައި ހުރި ޕަތޭރްނޯގެ މަންމަ، ރެއިލްވޭ މަސައްކަތުން ޕަތޭރްނޯ ރިޓާޔާ ކުރުމުން، ހަދިޔާއެއްގެ ގޮތުގައި، 1984 ވަނަ އަހަރު ދިން ޓައިޕްރައިޓަރެކެވެ.

ސެޕްޓެމްބަރު 2022 ގައި 99 އަހަރު ފުރޭ ޕަތޭރްނޯ، ޒަވާޖީ ހަޔާތެއް ފެށީ އޭނާގެ އުމުރުން 23 އަހަރުގައެވެ. ޕަތޭރްނޯއަށް ބައްޕަ ކިއާ 2 ދަރިން ތިބިއިރު، ކާފަ ކިއާ 4 ދަރިންގެ ތެރެއިން 3 ކުދިންނަކީވެސް ޔުނިވަސިޓީ އޮފް ޕަލޭރްމޯގެ ދަސްވެނިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް