ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ މިމަހުގެ 21 ވީ ހޯމަ ދުވަހެވެ.
ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަށްފަހު، ރާއްޖެއިން ބޭރަށް ގޮސް ފިލި މައްސަލައިގައި އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ކުރިއަށްދަނިކޮށް ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ 20 އޮކްޓޯބަރު 2021 ގައެވެ.
އެކަން ދައުލަތުން އިސްތިއުނާފު ކުރުމުން 16 ނޮވެމްބަރު 2021 ގައި ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ އައްމަޓީ ދޫކޮށްލައިފިނަމަ ފިލައިގެން ދިޔުމުގެ ބިރު އެބައޮތް ކަމަށާއި، އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލު ކަމަށެވެ. ހައިކޯޓުން އޭރު ވަނީ އައްމަޓީ އަލުން ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލައިގެ އަޑުއެހުންތައް އަނެއްކާވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އާދިއްތަ ދުވަހުގެ އަޑުއެހުމުގައި އޭނާގެ ބަންދާއި ގުޅޭގޮތުން ވަނީ ދެފަރާތުން ވާހަކަ ދައްކާފައެވެ. އެގޮތުން ދައުލަތުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި ހުރުމަށް ބަދަލެއް ގެންނަންޖެހޭ ޙާލަތެއް ނެތްކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިފައެވެ. އެއީ 21 މާރޗް 2022 ގައި ކުރިއަށް ގެންދިޔަ އަޑު އެހުމުގައެވެ.
އެކަމުގެ ސަބަބެއްގެ ގޮތުގައި ދައުލަތުން ފާހަގަކޮށްފައިވަނީ އޭނާ ޝަރީއަތަށް ފިލައިގެން ގޮސްދާނެތީ ކަމަށެވެ. އެގޮތުން މާޒީގައި ކަން ހިނގާފައިވާ ގޮތަށް އަލިއަޅުވާލައްވައި ދައުލަތުގެ ވަކީލު ވަނީ މައްސަލައިގެ ތަހުގީގަށް އައްމަޓީ ހާޒިރުވެފައި ނުވުމާއި، އިންޓަރޕޯލް ރެޑް ނޯޓިސް ނެރެގެންވެސް ހާޒިރު ކުރެވިފައިނުވާކަން ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު، މިހާރުވެސް ހާޒިރު ކުރެވިފައިވަނީ އޭނާ ޑީޕޯޓު ކޮށްލާފައިވާތީކަން ފާހަގަކޮށް ދައުލަތުން ވަނީ އެއީ އަމިއްލަ އިޙުތިޔާރުގައި ހާޒިރުވުން ނޫންކަމަށް ބުނެފައެވެ. ވުމާއެކު އަދިވެސް އޭނާ ފިލައިގެން ދިޔުމުގެ ފުރުސަތު އޮތްކަން ދައުލަތުން ފާހަގަކުރެއެވެ.
އައްމަޓީގެ ފަރާތުން ބުނެފައިވަނީ އޭނާ ފިލައިގެން ދިޔަ ނުދިނުމަށްޓަކައި ދައުލަތަށް ފިޔަވަޅުތަކެއް އެޅިދާނެ ކަމަށެވެ. އެގޮތުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، އިތުރު ޕާސްޕޯޓެއް ހައްދަން ބޭނުންވާކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި އޭނާ ފިލައިގެން ދިޔަ ނުދިނުމަށްޓަކައި ދައުލަތުން ކަނޑައަޅާ އެންމެހައި ޝަރުތުތަކަށްވެސް އޭނާ ރުހޭކަމަށް ބުނެފައިވެއެވެ.
މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މި މައްސަލަ ބައްލަވާ ގާޒީ ޙަސަން ސައީދު ވަނީ އޭނާ ޝަރީއަތަށް ނުފިލާނެކަން ކަށަވަރު ކުރެވޭވަރަށް އިތުރު ހަރުދަނާ ފިޔަވަޅު އެޅުމަށްފަހު އޭނާގެ ބަންދަށް ބަދަލު ގެންނަންޖެހޭ ޙާލަތު އޮޮތްކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިތަކަށް ކޯޓަށް ހާޒިރުވުމާއި، ކޯޓުގެ ހުއްދަނެތި މާލެއިން ފުރައިގެން ނުދިޔުމާއި، ގެއްލުން ލިބުނު އަދި ހެކިބަސް ދޭނެ ފަދަ މީހުންނާއި މުއާމަލާތު ނުކުރުމަށާއި، އެމީހުންނާއި ބައްދަލު ނުކުރުމަށާއި، ކޯޓުގެ ހުއްދަނެތި ޕާސްޕޯޓު އައު ކުރަން ހުށަނޭޅުން ފަަދަ ކަންކަމަށް ޝަރުތު ކޮށްފައެވެ.
ގާޒީ ވިދާޅުވި ގޮތުގައި މި ޝަރުތުތަކަކީ އޭނާ ބަންދުގައި ހުރި ޙާލަތު ބަދަލުވާނެ ފަދަ ޝަރުތުތަކެކެވެ. އެގޮތުން ހައިކޯޓުގެ ޙުކުމުގައިވެސް އޮންނަނީ"ޕާސްޕޯޓު ހިފެހެއްޓުމުގެ އިތުރުން ކަފާލާތުގެ ދަށުން ނުވަތަ ކަނޑައެޅޭ ވަކި ތަނަކަށް ޤަވާއިދުން ހާޒިރުވުމަށް އެންގުން ފަދަ ޝަރީއަތަށް ނުފިލާނެކަން ކަށަވަރު ކުރެވޭ ފަދަ އިތުރު ހަރުދަނާ ފިޔަވަޅުތައް އެޅުމަށްފަހު މެނުވީ އަހުމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްލެވިގެން ވާނެކަމަށް ނުދެކެމެވެ"މި ގޮތަށް ކަމަށެވެ.
ޝަރީއަތުން ވަނީ އޭނާ ޕާސްޕޯޓު އައު ކުރުމަށް އިމިގްރޭޝަނަށް ހުށައަޅައިފިނަމަ އެކަން ކޯޓަށް އެންގުމަށް އިމިގްރޭޝަންގައި ސިޓީއަކުން އެދުމަށްވެސް ނިންމާފައެވެ.
އައްމަޓީ މީގެ ކުރިން ދޫކޮށްލުމުން އެ މައްސަލަ ހައިކޯޓުގައި ކުރިއަށްދިޔައިރު، މި މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ދައުލަތުން ވަނީ އައްމަޓީއަކީ މީގެ ކުރިން ވެސް ފިލުމުގެ ރިކޯޑް އޮތް މީހެއްކަން ފާހަގަކޮށް، އޭނާއަކީ މީގެ ކުރިން އިންޓަނޭޝަނަލް އެރީނާގެ ތެރޭގައި ފިލައިގެން އުޅެފައިވާ ފަރާތެއްކަމަށް ވެސް ބުނެފައެވެ. އެގޮތުން އައްމަޓީގެ ޕާސްޕޯޓް ހިފަހައްޓައި އަދި ފުރުން މަނާކުރުމުގެ އަމުރެއް ނެރެފައި އޮތްކަމުގައި ވީނަމަވެސް، އާންމު އުސޫލުން ބޭރުން، ދައުލަތުގެ ނިޒާމަށް ނޭނގި ފިލައިގެން ދިޔުމުގެ ރިކޯޑް އޮތްކަމުގައި ހައިކޯޓުގައި ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.