ހުޅުމާލެއަކީ މާލެއަތޮޅު ހުޅުލެއާއި ފަރުކޮޅުފުށްޓާއި ދެމެދު އޮންނަ ބިޔަ ފަޅު ހިއްކައިގެން އަލަށް ގާއިމުކޮށްފައިވާ ރަށެކެވެ. މިރަށް ވުޖޫދުކުރީ މާލެއާއި މާލެ ސަރަހައްދަށް ދިމާވެފައިވާ ބިމުގެ ތާށިކަމާއި ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް ސިނާއީ އެކި މަސައްކަތްތަކާއި ގެދޮރުވެރިކުރުމުގެ އެކި މަޝްރޫއުތައް ހިންގުންވެސް ހިމެނޭގޮތަށް ޕްލޭން ކުރެވިގެންނެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވެދާނެ ކާރިސާތަކަށް ވެސް ވިސްނުން ބަހައްޓައިގެންނެވެ. ހުޅުމާލޭގައި މީހުން ދިރިއުޅެން ފުރުސަތު ދިނުމަށްފަހު އެކަމަށް އިޖާބަދިން މީހުން ބައިވެރިކޮށްގެން އެންމެ ފުރަތަމަ އާބާދީ އިފްތިތާހުކުރީ ރައީސް މައުމޫނުގެ ދައުރުގައި 2004 ވަނަ އަހަރުގެ މެއި މަހު ބާރަ ވަނަ ދުވަހުއެވެ. ހުޅުމާލޭގެ އެންމެހައި ކަންކަން ރާވައި އިންތިޒާމުކޮށް ތަރުތީބު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ. މިއީ އެންމެ ފުރަތަމަ ހުޅުމާލޭ ޑިވޮލޮޕްމަންޓް ޔުނިޓެވެ. ނުވަތަ ކޯޕަރޭޝަނެވެ. މިކުންފުނި ވުޖޫދު ކުރެވުނީ 23 މާރޗް 2005 ގައެވެ.
ހުޅުމާލޭގެ މަޝްރޫއުގެ ބިން ހިއްކުން އެންމެ ފުރަތަމަ ފެށިފައިވަނީ 16 އޮކްޓޫބަރު 1997 ގައެވެ. އެގޮތުން ފުރަތަމަ ހިއްކުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސެވެ. އެއީ މިހާރު ފެންނާން އެއޮތް ހުޅުމާލޭގެ މުޅި ބިމުގެ ގާތްގަޑަކަށް 45 އިންސައްތައެވެ. ފުރަތަމަ ފިޔަވަހި ހިއްކުމަށްފަހު އަލުން ދެވަނަ ފިޔަވައްސެއްގެ މަޝްރޫއު ފަށައިގެން ނިންމާލާފައިވަނީ 2015 ގައެވެ. ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ހިމަނައިގެން ހުޅުމާލެއަކީ މިހާރު ދިވެހިރާއްޖޭގެ އެންމެ ބިޔަ ހަތަރުވަނަ ރަށެވެ. މިހާރު ހުޅުމާލޭގައި އެއްލައްކަޔާއި ބައިލައްކަޔާ ދޭތެރޭގެ އަދަދަކަށް މީހުން ދިރިއެބައުޅެއެވެ. އެއީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ މީހުންނެވެ. މާލޭ މީހުންނާއި އަތޮޅުތަކުގެ މީހުންނެވެ. ކުރިއަށްއޮތް އަހަރުތަކުގައި މިއަދަދު އަވަސްކަމާއެކު ދާނީ އިތުރުވަމުންނެވެ. އަންދާޒާކުރެވޭގޮތުގައި އަދި ފަސްއަހަރެއްހާ ދުވަސްފަހުން ހުޅުމާލޭގެ އާބާދީ ތިންލައްކަޔާ ގާތްކުރާނެއެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ހުޅުމާލެއަށް ޖަމާވާނެއެވެ. އެއީ ބައެއް ސަރުކާރުތަކުން އެކަން ޕްލޭންވެސް ކުރިގޮތެވެ.
ހުޅުލޭ ފަޅުތެރެއިން ވުޖޫދުކުރެވުނު މިރަށަށް ހުޅުމާލެއޭ ކިޔާތީ އަދި އިދާރީގޮތުން އެއީ މާލޭގެ ބައެއްކަމަށް ހިމަނާފައިވާތީ އެއީ މާލެއެވެ. އެކަމަކު އެރަށް ނިސްބަތްވަނީ އަދި ނިސްބަތް ކުރެވޭނީވެސް ހަމައެކަނި މާލޭ ރައްޔިތުންނަށް ބާވައެވެ. އަދި އެރަށުގެ މައްޗަށް އޮތީ މާލޭ ރައްޔިތުންގެ ހައްގު އެކަނިބާވައެވެ. މިއީ މިވަގުތު ވަރަށް ގިނަބަޔަކު ކުރަމުންދާ ސުވާލެކެވެ. އެ ސުވާލުކުރަނީ ސަބަބުތަކެއްވެސް ހުރެގެންނެވެ. އަދި ގެދޮރުވެރި ކުރުމުގެ ކަންކަން ކުރިއަށްގެންދާ ގޮތުގެ އުސޫލުތަކަށް ދޭތެރެ ދޭތެރެއިން ގެނެވޭ ބަދަލުތަކާވެސް ގުޅިގެންނެވެ. އަޅުގަނޑުގެ ނަޒަރުގައި ހުޅުމާލެއަކީ ވަކި ބައެއްގެ ތަނެއް ނޫނެވެ. އެތަނުގެ މައްޗަށް އިސްވަނީ އަދި ވާންޖެހެނީވެސް ވަކި ރަށެއްގެ ރައްޔިތުންގެ ހައްގުތަކެއް ނޫނެވެ. އެއީ އެންމެހައި ދިވެހީންގެ ރަށެކެވެ. އެރަށުގެ މައްޗަށް އެންމެހައި ދިވެހީންގެ ހައްގުވެސް އެބައޮތެވެ. މިގޮތަށް އަޅުގަނޑު ގަބޫލުކުރާ ސަަބުތަކެއްވެސް އެބަހުއްޓެވެ. އެއްސަބަބު ދެސަބަބެއް ނޫނެވެ. ބައިވަރު ސަބަބުތަކެވެ.
ހުޅުމާލެ ވުޖޫދުކުރެވުނީ މާލޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ މައްސަލަޔަށް ހައްލެއް ހޯދައިދިނުމުގެ ނަމުގައެވެ. އެ ޝިއާރުގެ ދަށުންނެވެ. އެކަން އަޅުގަނޑު ހަނދާނެއް ނުނެތެއެވެ. ސަރުކާރުން އެންމެ ފުރަތަމަވެސް ބުނަމުން އައީ އެވާހަކައެވެ. އަދި މިހާރުވެސް ބުނަމުން އަންނަނީ ހަމަ އެޒާތުގެ ވާހަކައެކެވެ. އެކަމަކު މާލެއަކީ ކޮންތަނެއް ބާވައެވެ. މާލެއަކީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށެވެ. ގައުމީ ވެރިރަށެވެ. އެކަން އެގޮތަށް ހަމަޖެހިފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން މާލެއަކީ އެންމެ އިހުޒަމާނުން ފެށިގެން އެންމެހައި ދިވެހީންގެ ރަށެކެވެ. އެންމެންގެ ހައްގުވެސް އެރަށެއްގެ މައްޗަށް އޮންނަ ރަށެކެވެ. އަތޮޅުތެރެއިން މާލެއަށް ހިޖުރަކުރާ މީހުންނަށް މާލެއިން ބިން ލިބުނީ އަދި ލިބެނީވެސް އެގޮތުންނެވެ. މާލޭ ރަށްވެހީންގެ ގޮތުގައި އަތޮޅުތެރޭގެ މީހުން ހަމަޖެހެމުންދަނީ އެގޮތުންނެވެ. އަދި ބައެއް ރަށްރަށް ފަޅުކޮށްފައި އައި މީހުން މާލޭގައި ވަޒަންވެރި ކުރެވުނީވެސް އެގޮތުންނެވެ. މީގެ އެއް މިސާލަކީ މާލެއަތޮޅު ގިރާވަރެވެ.
މާލޭގެ އާބާދީ އިތުރުވެ ބިންފުރި ތޮއްޖެހުނީ ހަމައެކަނި މާލެއަށް ނިސްބަތްވާ މާލޭގެ ރަށްވެހިންގެ އާބާދީ ބޮޑުވެގެނެއް ނޫނެވެ. އަތޮޅުތެރެއިން މާލޭގައި ވަޒަންވެރިވާ މީހުންވެސް ހިމަނައިގެންނެވެ. އެހެންވީމާ ހުޅުމާލެ މި އުސޫލުން އިސްތިސްނާވެ މާލޭގައި ދަފްތަރުކުރެވިފައިވާ މީހުން ނޫން ބަޔަކަށް ހުޅުމާލެއިން ބިން ނުލިބެންވީ ސަބަބެއް ނެތެވެ. ބިން ނުގަނެވެންވީ ސަބަބެއްވެސް ނެތެވެ. ގައުމީ ވެރިރަށަކީ ގައުމުގެ އެންމެންގެ ހައްގެކެވެ. އެ ހައްގުން ވަކި ބަޔަކު އިސްތިސްނާ ކުރެވޭތަން އައުމަކީ އިހުޒަމާނުގެ އިސްތިއުމާރީ ވިސްނުމަށް ފެތޭ ބޯދާ ކަންކަމުގެ ތެރެއިން ކަމަކަށް ނޫނީ ނުވާނެއެވެ. މިސާލަކަށް އިންޑިޔާއަކީ އިނގިރޭސީންގެ ވެރިކަމުގެ ދަށުގައިވާ ބަޔަކަށް ވިޔަސް އިންޑިޔާ މީހުންނަށް ލަންޑަނުން ބިން ލިބެން ނުޖެހޭ ކަމުގެ ވިސްނުމެވެ. ވަޒަންވެރި ނުވެވޭނެ ކަމުގެ ވިސްނުމެވެ. މިއީ ރާއްޖޭގައި މިހާތަނަށް އެއްވެސް ސަރުކާރަކުން ގެންގުޅެފައިވާ ސިޔާސަތެއް ނޫނެވެ. އެހެންވީމާ އެކަހަލަ ކަމެއް އަލުން ފަށާކަށް ފުރުސަތު އޮވެގެން ނުވާނެއެވެ.
ދިވެހިރާއްޖޭގެ ރަށްރަށަކީ ދައުލަތުގެ މިލްކެކެވެ. މީސްމީހުންގެ އަމިއްލަ ރަށްރަށެއް ނުހުރެއެވެ. ވާރުތަކުރެވޭ ރަށްރަށެއް ނުހުރެއެވެ. ބަޔަކު ދިރިއުޅެންވިޔަސް އަދި އެނޫން ކަމަކަށްވެސް ރަށްރަށް ދޫކުރަނީ ދައުލަތުގެ ނަމުގައި ސަރުކާރުންނެވެ. އެދުވަސްވަރެއްގައި ކުރިމަތިވާ ކަންކަމުގެ ސަބަބުން އެކި ހިސާބުތަކުން މީހުން ގެންގޮސް އެހެން ރަށްރަށުގައި ސަރުކާރުން ވަޒަންވެރި ކުރުވައެވެ. އަދި ސަރުކާރުން ބޭނުންވީމާ ފަޅުވެސް ކުރެއެވެ. މީގެ މިސާލުތައް ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުން ނެގިދާނެއެވެ. އަރިއަތޮޅު މާމިގިއްޔާއި ނިލަންދެއަތޮޅު ކުޑަހުވަދޫންނެވެ. މާޅޮސްމަޑުލު ދުވާފަރުންނާއި ތިލަދުންމަތީ ނޮޅިވަރަންފަރުންނެވެ. އެހެންވީމާ ހުޅުމާލޭގެ ކަންކަމުގައިވެސް ސިޔާސަތު އެކަށައަޅައި އެވަގުތަކު އިސްކަންދޭނެ ކަންކަމާއި ފަސްކޮށްލަންވީ ކަންކަން ތަރުތީބުކޮށް އެކަން އެމަގުން ހިންގުމަކީ ސަރުކާރަށް ކުރެވިދާނޭ ކަމެކެވެ. ހުޅުމާލެއިން ބިން ވިއްކުމުގައި މިވަގުތަކަށް ވަކި ބަޔަކަށް އިސްކަން ދޭން ނިންމިދާނެއެވެ. އެއީ ކޮންމެހެން ހުޅުމާލެ ވަކި ބައެއްގެ ރަށަކަށްވެގެން ކުރާ ކަމެއް ނޫނެވެ.