އޯވަރޑްރޯ ކުރުމުގެ މުއްދަތު އިތުރު އެއްއަހަރަށްދީ، ލިމިޓް 2.5 ބިލިއަނަށް ކުޑަ ކުރުމަށް މާލިއްޔާތު ކޮމިޓީން ނިންމައިފިއެވެ.
އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދަ ނުވަތަ ފައިސާ ޗާޕްކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 މާއްދާގެ (ހ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލްތަކާއި ހަމަތަކުން އިސްތިސްނާވުމަށް އޮތްއޮތުން އިތުރު އެއް އަހަރުގެ މުއްދަތަށް އިތުރުކުރުމުގެ ހުއްދައަށް ފިނޭންސް މިނިސްޓަރ މަޖިލީހުގައި އެދިވަޑައިގެންފައިވާ މައްސަލާގައި ބުދަ ދުވަހު މާލިއްޔަތު ކޮމިޓީންވަނީ، ފިނޭންސް މިނިސްޓަރާއި، ގަވަރުނަރ އަދި އޭޖީއޯ ބައްދަލުކުރައްވާފައެވެ. އެއަށްފަހު މާލިއްޔަތު ކޮމިޓީންވަނީ އޯޑީ ލިމިޓް 2.5 ބިލިއަށް ކުޑަކުރުމަށްފަހު އިތުރު އެއްއަހަރު ދިނުމަށް ނިންމައި، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން އޮތަސް ފާސްކޮށްފައެވެ.
މަޖިލީހަށް ފިނޭންސް މިނިސްޓަރ ފޮނުއްވެވީ އޯވަރޑްރޯ ކުރެވޭނެ ލިމިޓް 3.5 ބިލިއަން ރުފިޔާކަމަށް ކަނޑައެޅުމަށެވެ. ނަމަވެސް އެ އަދަދު 2.5 ބިލިއަން ރުފިޔާއަށް ކުޑަކުރުމަށް ހުށައެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. އަދި އެ ހުށައެޅުމަށް ތާއީދުކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފްއެވެ.
ފައިސާ ޗާޕްކުރެވޭ ޢަދަދު 2.5 ބިލިއަން ރުފިޔާއަށް ކުޑަކުރީ ފިނޭންސުން ހުށަހެޅި ގޮތަށް 2022 ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން 2023 އެޕްރީލް 26ވަނަ ދުވަހާ ހަމައަށް އޯވަރޑްރޯ ވެފައި ހުންނަ ކޮންމެ ދުވަހަކު އޯވަރޑްރޯ ވެފައިވާ ބެލެންސް އަހަރަކަށް 0.1 އިންސައްތަ ރޭޓުންނެވެ.
އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމާއި ގުޅޭގޮތުން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، އޯވަޑްރޯ ނުކޮށްފިނަމަ އެންމެ ގިނަވެގެންވެސް ބަޖެޓުގެ ޢަދަދުކަމަށް ކަނޑައެޅޭނީ 26 ބިލިއަން ރުފިޔާކަމަށެވެ. އަދި ބަޖެޓް ކުޑަކޮށްފިނަމަ މިހާރު ސަރުކާރުން ކުރުމަށް ރާއްވަވާފައިވާ ގިނަ މަޝްރޫއުތައް މަދުކުރަންޖެހި، އަލަށް ކުރަންރާވާފައިވާ ކަަންކަން މަޑު ޖައްސާލަން ޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފޫބެއްދޭނީ ބަޖެޓުގައި މިހާރު ކުރަން ރާވާފައިވާ ކަންކަން ކޮށްގެންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އޯވަޑްރޯ ކުރުމުން ރިސްކުތައް ހުރިނަމަވެސް، ފާއިތުވި 18 ވަރަކަށް މަސްދުވަހު މެނޭޖުކުރިގޮތަށް އެކަން ކުރެވޭނެކަމަށެވެ. އަދި އޯވަޑްރޯކޮށްގެން އިގްތިސާދު ބެލެންސްކުރުން މުހިންމުކަމަށެވެ. އައްނަ އަހަރު ފަތުރުވެރިކަން ރަނގަޅުވެ އިގްސާދު ރަނގަޅުވާން ފެށުމުން ރިސްކު ކުޑަވެގެންދާނެ ކަމަށެވެ.
ކޮވިޑްގެ ހާލަތު މިހާރު ކޮންމެވެސްވަރަކަށް ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އިގްތިސާދީ ގޮތުން ހުރި ގޮންޖެހުންތައް ގިނަކަމަށާއި، އަދި ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު އެހާބޮޑަށް ދަށަށް ނުދިޔައީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ.
މިއީ ދައއުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް އަމަލުކުރުން ހުއްޓާލާފައި އޮތްއޮތުން އިތުރުކުރުމަށް އެދުނު 3 ވަނަ ފަހަރެވެ. މީގެ ކުރިން 2 ފަހަރެއްގެ މަތިން މަޖިލީހުން ވަނީ މިމުއްދަތު އިތުރުކޮށްފައެވެ. އެންމެފަހުން އޯވަރޑްރޯކުރާ ލިމިޓް އިތުރުކުރަން އެދުމުން އެ ލިމިތް 4.4 ބިލިއަން ރުފިޔާއަށް މަޖިލީހުން ވަނީ އިތުރުވެސް ކޮށްދީފައެވެ.