ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު އަމީނުގެ ދައުވާތައް ހައިކޯޓުން ބާތިލުކުރީ ރަނގަޅަށް ނޫންކަމަށާއި އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލަމުންދިޔަ ހިސާބުން ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމް ކުރެއްވުމާއި ގުޅިގެން، އެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ. ނަމަވެސް ގާޒީ ޝަކީލް ޗުއްޓީގައި ހުންނެވުމުން މައްސަލަ ކުރިއަށް ގެންދެވީ ގާޒީ އަލީ އާދަމްއެވެ.
އަމީނުގެ ދައުވާތައް ބާތިލުކުރުމަށް ހައިކޯޓުން ނިންމާފައިވާގޮތާމެދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހިތްހަމަ ނުޖެހޭތީ އެ ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްގެން، އެ ދައުވާތައް ބާތިލުކުރީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ދާދި ފަހުން ވަނީ ހުކުމް ކޮށްފައެވެ. އަދި އަމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި އޭރު ބަލަމުން ދިޔަ ހިސާބުން ކުރިއަށް ގެންދިއުމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ. އެއާއެކު މި މައްސަލައިގެ އަޑުއެހުންތައް އައު ގަޒިއްޔާ ނަންބަރަކާއެކު އަނެއްކާވެސް ކޯޓުގައި މިވަނީ ފަށާފައެވެ.
އާދިއްތަ ދުވަހުގެ އަޑުއެހުން:
އާދިއްތަ ދުވަހުގެ އަޑުއެހުމަކީ އަމީންގެ ބަންދާއިމެދު ގޮތެއް ނިންމުމަށްޓަކައި ބާއްވާފައިވާ އަޑުއެހުމެކެވެ. އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ކުރިންވެސް އޮތްގޮތަށް އަމީން، ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް އެދޭ ކަމަށެވެ.
އަމީނުގެ މައްޗަށް 1 މަސް ދުވަހުގެ މޮނިކޮން އަމުރެއްވެސް މިހާރު ވަނީ ނެރެފައެވެ. އަމީނުގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައިވަނީ ހައިކޯޓުންނެވެ. މި އަމުރު ނެރެފައިވަނީ 1 މަސް ދުވަހަށެވެ. އަމީނުގެ މައްޗަށް ނެރެފައިވާ މޮނިކޮން އަމުރުގައި ވަނީ އޭނާއަށް، އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައެވެ. މާލެއިން ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށް މި އަމުރުގައިވެއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ހައިކޯޓުން ނިންމި ގޮތް ސުޕްރީމް ކޯޓުން ބެލުމަށްފަހު ފާހަގަކޮށްފައިވާ ކަންކަމަަށް ބަލާއިރު، މި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށައަޅާފައިވާ ހުށައެޅުންތަކާމެދު ނިންމި ގޮތް ރަނގަޅު ކަމަށާއި، މައްސަލަ ހައިކޯޓުން ބަލަމުން ދިޔަ ހިސާބުން ކުރިއަށް ގެންދިއުމަށް ޙުކުމް ކުރައްވާފައިވާ ކަމަށެވެ. ވީއިރު، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް 15 ޑިސެމްބަރު 2019 ގައި ނެރެފައިވާ އަމުރު އެގޮތުގެ މަތީގައި ބޭއްވުމަށް ވަކީލު ވަނީ އެދިވަޑައިގެންފައެވެ.
އެކަމާ ގުޅޭގޮތުން ދިފާއީ ވަކީލު ވިދާޅުވީ، 15 ޑިސެމްބަރު 2019 ގައި އެ އަމުރު ނެރުނުއިރު އޮތް ހާލަތު މިހާރުވެސް ވުޖޫދުގައި އޮތްކަން ނުވަތަ ނޫންކަން ދައުލަތުން ސާފު ކޮށްދޭން ޖެހޭ ކަމަށެވެ.
ދިފާއީ ވަކީލު ވިދާޅުވީ، ހައިކޯޓުގެ 3 ފަނޑިޔާރުން ސޮއިކޮށް ނެރެފައިވާ މޮނިކޮމް އަމުރެއްގައި ވަކި ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްފައި ބެހެއްޓުމަށް އަމުރު ކޮށްފައިވާއިރު، ދައުލަތުން ހަމައެކަނި ޝަރީއަތް ނިމެންދެން އަމީނު ބަންދު ކުރުމަށް ދައްކާ ސަބަބަކީ މައްސަލައިގެ ބާވަތް ކަމަށެވެ. އަދި 2007 ވަނަ އަހަރު ސަލްޓަން ޕާކުގެ ބޮމުގެ ޙަމަލާއާ އަމީންއާ ގުޅުވާއިރު، އަމީން މާލޭގައި ހުންނަތާވެސް 7 އަހަރުވެފައިވާކަން ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ.
ދިފާއީ ވަކީލު ވިދާޅުވީ، 12 އަހަރަށްފަހު 2019 ވަނަ އަހަރު އަނެއްކާވެސް އަމީން ހައްޔަރުކުރީ އެމެރިކާއިން ނެރުނު ރިޕޯޓެއްގެ މައްޗަށް ބަލައިގެން އެކަނި ކަމަށެވެ. ވަކީލު އެހެން ވިދާޅުވެފައިވާއިރު، އަމީނަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައިވެއެވެ.
ވަކީލު އިތުރަށް ވިދާޅުވީ، އަމީން ބަރާބަރަށް ފުލުހަށްވެސް ހާޒިރުވެ މައްސަލައަށް އެއްބާރުލުން ދެމުންދާ ކަމަށެވެ. އަދި 15 ޑިސެމްބަރު 2019 ގެ ހާލަތު މިއަދު ނެތްކަންވެސް ވަކީލު ފާހަގަ ކުރެއްވިއެވެ.
ދަރިންގެ ހައްގުތަކަށް ރިއާޔަތްކުރަން އެދުނު:
ވަކީލު ވިދާޅުވީ، އަމީންގެ ސިއްހީ ހާލަތަށްވެސް ރިއާޔަތް ކުރެއްވުން އެދޭ ކަމަށެވެ. އަދި އޭނާއަކީ 3 ކުދިންގެ ބައްޕައެއް ކަމަށާއި، އޭގެ ތެރެއިން 5 އަހަރުގެ ކުއްޖާ ސައިކޭޓްރިއަސްޓަކަށް ދެއްކިއިރުގައި، ނަން ބުނުމަށްފަހު، ބައްޕަގެ ނަމުގެ ކުރީގައި "ޓެރަރިސްޓު އަމީން" އޭ ބުނިކަން ވަކީލު ފާހަގަ ކުރެއްވިއެވެ. ވަކީލު ވަނީ 2007ން ފަށައިގެން މިހާތަނަށް އަމީނުގެ ދަރިން ތަހައްމަލު ކުރަމުން ދިޔަ ކަންކަމަށް އަލިއަޅުވާލައްވާފައެވެ.
އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އަމީންގެ 3 ކުދިންގެ ސައިކޭޓްރިކަލް ރިޕޯޓު ލިބިފައިވާ ކަމަށާއި، އެ ރިޕޯޓު ކަމާބެހޭ ފަރާތަކަށް ދެއްކުމުން އޭގައި މިނިވަން ފަރާތެއްގެ ބަހެއް އޮންނަންޖެހޭކަން ސައިކޮލޮޖިސްޓުން ފާހަގަ ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭގައި އޮތީ ހަމައެކަނި އަމީންގެ ދަރިންނާއި އެކުދިންގެ މަންމަގެ ބަސްކަންވެސް ވަކީލު ފާހަގަ ކުރެއްވިއެވެ. އަދި އެކުދިން ހޯމް ސްކޫލިންގ ހަދާކަމަށް ބުނެފައިވާއިރު، އެއީ ކުރެވޭނެ ކަމެއް ނޫންކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ. އަދި ކުދިން ސުކޫލަށް ފޮނުވުން ގާނޫނަކުން ލާޒިމުކުރާކަންވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އޭގެ އިތުރުން، އަމީންގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ވަކީލު ވިދާޅުވީ، ލިއެކިއުންތަކަށް ބަލާއިރު، އޭނާ ބަންދުން ދޫކޮށްލަން ޖެހޭ އެކަށީގެންވާ ހާލަތެއް އޮތްކަމަށް ނުފެންނަ ކަމަށެވެ. އަދި އޭރު އޭނާ ބަންދު ކުރުމަށް ނެރުނު އަމުރުގެ ބާރު އަދިވެސް އެބައޮތްކަން ވަކީލު ފާހަގަ ކުރެއްވިއެވެ.
އަމީންގެ ދޮށީ ދަރިފުޅު އޮސްޓްރޭލިއާގެ ގްރޭޑް 10 ގެ ފެންވަރުގެ އިމްތިޙާނެއްގައި ބައިވެރިވެ ހޯމް ސްކޫލިންގެ ދަށުން ކިޔަވަމުންދާތީ ދައުލަތުގެ ވަކީލު ވަނީ ކުއްޖާގެ "އިމޯޝަނަލް ކެޕެބިލިޓީ"އަށް ބަލައި، އެއީ ކުރެވިދާނެ ކަމެއްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދިފާއީ ވަކީލު ވިދާޅުވީ، ހޯމް ސްކޫލިންގ އަކީ ގާނޫނުން މަނާ ކަމެއް ނޫން ކަމަށާއި، އޭނާ އެ އިމްތިހާނުގެ 2 މާއްދާއަކުންވެސް އޭ ސްޓަރ ހޯދާފައިވާ ކަމަށެވެ. އަދި އަމީންގެ ކުދިން މިހާރު ސުކޫލުތަކަށް އެންރޯލް ކޮށްފައިވާ ކަމަށާއި، އެކުދިން ސުކޫލަށް ނުފޮނުވާކަމަށް ބުނުމަކީ ގާނޫނީ ދޮގެއްކަމަށް ވިދާޅުވިއެވެ.
ދިފާއީ ވަކީލު ވިދާޅުވީ، އަމީންގެ ކުށުގެ ރެކޯޑެއްވެސް ނޯންނާނެ ކަމަށެވެ. އެގޮތުން 2012 ވަނަ އަހަރު އޭނާ ހައްޔަރުކޮށް، 30 ދުވަސް ފަހުން ދޫކޮށްލީކަމަށާއި، އޭގެ ފަހުން އެތައް އަހަރެއްވެގެން ދިޔައިރުވެސް އަމީންގެ މައްސަލައެއް ފެންމަތިވެފައިނުވާކަމަށް ވިދާޅުވިއެވެ. ވަކީލު ވިދާޅުވީ، ހަމައެކަނި އަމީން ހައްޔަރުކުރީ އެމެރިކާގެ ރިޕޯޓަަށް ބަލާފައި ކަމަށެވެ.
ޝަރީއަތުން ފާހަގަކުރި ކަންކަން:
ޝަރީއަތުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ދައުލަތުން އެދިފައިވަނީ ކުރިން ބާތިލުކޮށްފައި އޮތް އަމުރެއް ދެމެހެއްޓުމަށް ކަމަށެވެ. އެގޮތުން އެ އަމުރުގައި އޮތީ ގަޒިއްޔާ ނިމެންދެން ނުވަތަ ޝަރީއަތުން ޙުކުމެއް އަންނަންދެން ބަންދުގައި ބެހެއްޓުމަށްކަން ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ، އެ ގަޒިއްޔާތައް މިހާރު ނިމި، މައްސަލަ މިހާރު ކުރިއަށްދަނީ އައު ގަޒިއްޔާއެއްގެ ގޮތުގައި ކަމަށެވެ. އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އައު ގަޒިއްޔާގެ ދަށުންވެސް ދައުލަތުން ބޭނުންވަނީ ޝަރީއަތް ނިމެންދެން އަމީން ބަންދުގައި ބެހެއްޓުމަށް ކަމަށެވެ.
މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ، މި މައްސަލައަކީ ޖިނާއީ ބޮޑު މައްސަލައެއް ކަމަށާއި، މި މައްސަލައިގައި ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ދައުލަތުން ހުށައަޅާފައިވާ ކަމަށެވެ. ގާޒީ ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 30 ދުވަހުގެ މުއްދަތަށް އަމީން ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުުރު ކުރައްވާފައެވެ.
މި މައްސަލައިގައި އަމީން ޝަރީއަތް ނިމެންދެން ބަންދު ކުރުމާމެދު ގޮތެއް ނިންމަވާނީ އިސްގާޒީ ޝަކީލެވެ.