މުލީއާގެއިން ފެންނަކަމަށް ބުނެވޭ ރޫހުތަކާއި ނާމާންކަމުގެ ވާހަކަ!

މި އޮގަސްޓް މަހުގެ ފަހެއްވީ ބުރާސްފަތި ދުވަހު ރާއްޖެއެމްވީގައި އަޅުގަނޑުގެ އަޚު މުހައްމަދު ޝާތިރު ލިޔުއްވި ކޮލަމް ނިންމާލައްވާފައިވަނީ ވަރަށް މުހިއްމު ސުވާލަކުންނެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ދެ ރައީސުން ކަމަށްވާ މުހައްމަދު އަމީނާއި އިބްރާހިމް ނާސިރު، މަގާމުގެ ހައިސިއްޔަތުން މުލީއާގޭގައި ނޫޅުއްވައި އަމިއްލަފުޅު ގޭގައި ދިރިއުޅުއްވުމުގެ ސިއްރަކީ ކޮބައިތޯއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ވަރަށްވެސް މުހިއްމު ސުވާލެކެވެ.

ތަބީއީ މަރު ނޫން ގޮތުގައި މީހުން މެރުމަކީ ދިވެހިރާއްޖޭގައި ކުރިން އާއްމުކަމެއް ނޫނެވެ. އެހެންނަމަވެސް އެފަދަ މަރުތައް ކޮންމެވެސް ވަރަކަށް ހުރެއެވެ. އެގޮތަށް މީހުން މަރާލެވޭ ތަންތަނުގައި ރޫހު އުޅޭކަމަށް ވަރަށް ކުރީއްސުރެ ދިވެހިންގެ ތެރޭގައި ކިޔައެވެ. ޖިންނި މޮޔަވުމާއި އާދަޔާ ޚިލާފު ބޮޑެތި ބޮޑެތި ހާދިސާތައް ހިނގާފައިވާ ތަންތަނުގައިވެސް ރޫހު އުޅޭކަމަށް މުސްކުޅިން ކިޔައިއުޅެއެވެ. މިއަދު ރިޔާސީ ގަނޑުވަރުގެ ގޮތުގައި އެފެންނަ މުލީއާގެއަކީ އެގޭގެ ތާރީޚު ހާވައިބަލައިފިއްޔާ ހުރިހާ ބާވަތެއްގެ ހާދިސާތައްވެސް ހިނގާފައިވާ ގެއެކެވެ. ޚާއްސަ ގޮތެއްގައި އެންމެ ފަހުގެ ވާރިސުގެ ގޮތުގައި އެގޭގައި ނުވަތަ ގަނޑުވަރުގައި އުޅުއްވި ޕްރިންސް ހަސަން އިއްޒުއްދީނުގެ ދައުރުގައި އެއީ ނިކަން ހަލަބޮލި ގަނޑުވަރެކެވެ.

މުލީއާގެއަކީ ކުރީގެ މުލީގެއެވެ. ހެންވޭރުގަނޑުވަރޭވެސް ކިޔައި އުޅުނެވެ. ދޮންބަންޑާރައިންގެ ޒަމާނުގައި އެއީ މުލީގެއެވެ. ދޮންބަންޑާރައިންނަކީ މުލީގޭ ދޮން ހަސަން މަނިކުފާނެވެ. ދޮންބަންޑާރައިންނަށްފަހު އެ އައުލާދުގެ ތެރޭގައި މިގޭގެ މިލްކުވެރިކަން ނަގުލުވަމުން އައިސް މީލާދީން 1890ގެ އަހަރުތަކުގައި މިގޭގެ މިލްކުވެރިޔަކީ ސުލްތާން އިބްރާހިމް ނޫރައްދީނެވެ. އެރަދުން މިގެ ދެއްވީ އެރަދުންގެ ދޮށީ ދަރިކަލުން މުލީގޭ މަނިއްޕުޅަށެވެ. ފަހުން އެއީ ސުލްތާން މުހައްމަދު ޝަމްސުއްދީނު ތިންވަނައެވެ. ޝަމްސުއްދީނު ރަދުން މިގޭގައި ބެހެއްޓެވީ އެރަދުންގެ ދަރިކަލުން އަދި ވަލީއަހުދު ޕްރިންސް ހަސަން އިއްޒުއްދީނެވެ.

ސިލޯނުން ފަންނުވެރިން ގެންނަވައިގެން ސިލޯނުގެ ފަރުމާޔަކަށް މީގެ ގާތްގަޑަކަށް ސަތޭކައެއްހައި އަހަރު ކުރިން 1920 ހިސާބުގައި މުލީއާގެ ފައްކާކުރެއްވީ ދަރިކަލުންނަށްޓަކައި ޝަމްސުއްދީނު ރަދުންނެވެ. ވަރަށް ބޮޑު ޚަރަދަކުން ފައްކާކުރެވުނު ނަމޫނާ ގަނޑުވަރެކެވެ. މުލީގޭގެ ނަން ހެންވޭރުގަނޑުވަރަކަށް ބަދަލުވީ ބައުގެ ހުރިތާގައި ގަނޑުވަރެއް އާރާސްތު ކުރެވުމުންނެވެ. އެގެޔާއި ޖެހިގެންއޮތް ދެތިން ގޯއްޗަކާއި އިރުމަތިން ޖެހިގެންއޮތް ހުސް ބިންވެސް މި ގޭގެތެރެއަށް ލެވިގެން އައު ގަނޑުވަރުގެ ބިންގާ އަޅުއްވައިދެއްވީ އިރުވަރު ބައްލަވައިފައި ސައްޔިދު މޫސާ ފާށަނާކިލެގެފާނެވެ. މިއީ ސައްޔިދު ދަރިކޮޅުގެ ބޭކަލެކެވެ. އާއްމު ނަންފުޅަކީ ސައްޔިދު ކިލެގެފާނެވެ.

ސައްޔިދު ކިލެގެފާނު މިކަން ކުރެއްވިއިރު ވިދާޅުވި ސަލަވާތެއް ފާތިހާއެއް، އިސްމެއް އަޒީމެއް އެހެން ބަޔަކަށް ނޭނގެއެވެ. އެނގޭ އެއްޗަކީ އެކުރެއްވި ކަމެއް ކުރެއްވީމާ މުލީއާގޭގެ ތެރޭގައި ނުބައިކަންތައްތަކެއް ހަމައެކަކަށްވެސް މާގިނަ ދުވަހަކަށް ނުހިންގޭނެ ކަމަށް ބަޔަކު ގަބޫލުކޮށް އެވާހަކަ ދައްކާން ފެށުނު ކަމެވެ. ކަންތައްވީވެސް އަދި ވަމުންދަނީވެސް އެހެންނެވެ. އެގަނޑުވަރުގައި މިދެންނެވި ޕްރިންސަށް ވެސް މާގިނަދުވަހު ހިފަހައްޓައެއް ނުލެވުނެވެ. ނުބައިވެގެން ޕްރިންސް ނުކުރައްވާކަށް ވަކިކަމެއް ނުބާއްވަވައެވެ. ދުވާލު އަވަހާރަފުޅު ލައްޕަވައިފައި ރޭގަނޑު އޮންނަނީ މުޖުރާ ޒާތުގެ ނާޗަރަންގީއެވެ. ބައެއް ރޭރޭ ބައެއް ޒުވާނުން ޕްރިންސްގެ ކިބައިން ސަލާމަތްކުރުމަށްޓަކައި ހަގުބޭކަލުންގެ ފައުޖަކާއެކު ސިފައިންގެ ވެރިޔާވެސް މުލީއާގެއަށް ވަޑައިގަންނަވަން ޖެހެއެވެ.

މުލީއާގޭގެ ފުރަތަމަ ބާބު ނިމުނީ އަދި އެގޭގައި ފިރިހެނުން އަންހެން ހެދުން އަޅައިގެން ނެށުން ފަދަ ހަރަކާތްތަކަށް ނިމުން އައީ 1934 ގައި ރަސްކަމުން ޝަމްސުއްދީނު އަޒުލުކޮށް ރަދުންގެ ދެބަފައިކަލުން ފުވައްމުލަކަށް އަރުވާލެވުނު ހިސާބުންނެވެ. ޝަމްސުއްދީނު ރަދުން ރަސްކަމުން ވަކިކުރުމަށްފަހު އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނާއި އެކިލެގެފާނުގެ ދެ ބޭފުޅުންކަމަށްވާ މުހައްމަދު ފަރީދާއި ހަސަން ފަރީދާއި އަތިރީގޭ އަހުމަދު ދޮށިމޭނާކިލެގެފާނުގެ ދަރިކަލުން މުހައްމަދު އަމީނު އިސްވެ ތިއްބަވައިގެން ކުރެއްވި ކަމަކީ މުލީއާގެ ދައުލަތަށް ނެންގެވުމެވެ. އެގޭގެ ވާރިސުންނަށް އެއްވެސް ކަހަލަ ބަދަލެއް ދެއްވުމެއް ނެތިއެވެ. މިގޮތުން މުލިއާގެއަކީ ގަދަބާރުން ސަރުކާރަށް ހިފާފައިވާ ގެއަކާއި ގޯއްޗެކެވެ. ހެންވޭރުގަނޑުވަރުގެ ނަން މުލީއާގެއަކަށް ބަދަލުކުރެއްވީ ދައުލަތަށް ނެންގެވުމަށްފަހު ހަސަން ފަރީދެވެ.

މިޒާތަކުން މުލީއާގެ ދައުލަތަށް ނެންގެވުމަށްފަހު މުހައްމަދު އަމީނު ވަނީ އެއީ ރިޔާސަތުގެ މައި ކިއްލާކަމަށް ހައްދަވައިފައެވެ. އެކަމަކު މުހައްމަދު އަމީނުވެސް އެތާކު އުޅުއްވާކަށް ނުހައްދަވައެވެ. އެދުވަސްވަރުން ފެށިގެން މިހާތަނަށްވެސް ދެކެވޭ ވާހަކައެއް އޮވެއެވެ. މުލީއާގޭގައި ޒާތެއްގެ ކަމެއް އުޅެޔޯލައެވެ. ރޫހު ފެންނަނީޔޯލައެވެ. ގޮތްނޭގޭ ގޮތްގޮތަށް ދޮރުތައް ލެއްޕި ތަޅުވެސް ލެވެނީޔޯލައެވެ. ނިދާން އުޅެފިއްޔާ އެނދުންވެސް ވައްޓައިލައި ގޯނާކުރަނީޔޯލައެވެ. މިހެންގޮސް ލައްކަ ވާހަކައެވެ. މުހައްމަދު އަމީނު އެގޭގައި ނޫޅުއްވުމުގެ ސަބަބަކީ މިއީކަމަށް އެދުވަސްވަރު ވަރަށް ގިނަބަޔަކު ކިޔައި އުޅުނެވެ. ފަހުން އިބްރާހިމް ނާސިރުވެސް އެގޭގައި އުޅުއްވުމުގެ ޚިޔާލު ދޫކޮށްލެއްވީ މިހެންވެގެންނޭ ކިޔައި އުޅުނެވެ.

ނާސިރުގެ ދައުރުގައި މުލީއާގޭގައި ހިނގި ކަމެއްގެ ގޮތުގައި ރަހުމަތްތެރި ހަރުމީހަކު ކިޔައިދިން ވާހަކައެކެވެ. އެއްރެޔަކު ކުއްލިއަކަށް ކޮޓަރިއެއްގެ ދޮރު މާބާރަކަށް ލެއްޕުނީއެވެ. އެގޮތަށް ލެއްޕެންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މަންޒަރު ބަލަން ހުރީ ރައީސް އޮފީހުގެ ޕިޔޯނެކެވެ. އޭނާ ކިޔައިދިން ގޮތުން ދޮރު ހުޅުވަން އުޅެއުޅެ ތަޅުަދަނޑީންވެސް އެކަމެއް ނުވިއެވެ. ދެން ނާސިރަށް ދަންނަވައިގެން އެމަނިކުފާނު ވަޑައިގެން ފައިންޕުޅުން ޖެއްސެވި ޖެއްސެވީނުން ދޮރު ވައްޓައިލެއްވީއެވެ. ނާސިރު ވިދާޅުވިޔޯލައެވެ. ރޭގަނޑު އާދަޔާޚިލާފު ކަމެއް ފެނުނަސް އަޅާނުލާށެވެ. ކޮންމެއަކަސް މިލެއްޕުމަކާއި ޗަރުކޭހެއް ބޮޑަށް ހިނގަނީ މުލީއާގޭ ހުޅަނގުދެކުނު ބިތުން މަލިންގެއާވީ ފަރާތުގައެވެ.

މުލީއާގޭގައި ބޭފުޅަކު އަވަހާރަފުޅުލައްޕަވައިފިނަމަ ދޭތެރެދޭތެރެއިން ހޭފުޅުލެއްވެވި އުނދަގޫފުޅުތަކެއްވާ ކަމަށް ބުނެވެއެވެ. މިކަމާހެދި ފަންޑިތަ ހަދައިގެން ތަން އަމާންކުރެވޭތޯވެސް ބައެއް ބޭފުޅުން އުޅުއްވިކަމަށް ކިޔައެވެ. ކުރީގެ އާސާރީ ގަޑިތައް ނަގައި ފަހުގެ ގަޑިތަކެއް ބެހެއްޓީވެސް މިކަމުގެ ތެރޭގައޭ ބުނެވެއެވެ. މީހުން ދިރިއުޅެ ނިދައިހެދުމާއި ހިނައި ތާހިރުވުމާއި ކެއިންބުއިމަށް އަމާންތަނެއް ނޫނޭ ކިޔައެވެ. މިއީ މުހައްމަދު އަމީނާއި ނާސިރު މުލީއާގޭގައި އަވަހާރަފުޅު ނުލެއްޕެވުމުގެ ސަބަބުކަމަށް ވެދާނެއެވެ.

ތަންކޮޅެއް ފަހުން ރައީސްކަން ކުރެއްވި ބައެއް ބޭފުޅުން މުލީއާގޭގައި ދިރިއުޅެވޭތޯ ގަދައެޅުއްވިއެވެ. ރައީސް މައުމޫނުވެސް އެކަން ކުރެއްވޭތޯ އުޅުއްވިއެވެ. އެކަމަކު މުލީއާގެ ދޫކުރައްވައި ފަހުން އުޅުއްވީ ތީމުގޭގައެވެ. ރައީސް ވަހީދާއި ރައީސް ޔާމީނުވެސް މުލީއާގޭގައި އަވަހާރަފުޅު ލައްޕަވައި ނޫޅުއްވައެވެ. ޑރ ވަހީދުގެ ރައީސް ކަމުގައި މުލީއާގޭގައި ދިރިނޫޅުއްވީވެސް ކުރީގެ ރައީސެއްގެ ލަފާފުޅަކާއި އެއްގޮތަށް ކަމަށް ބުނެވެއެވެ. ރައީސް ޔާމީނު އެތާގައި ދިރިނޫޅުއްވީވެސް މިބާވަތުގެ ސަބަބަކުން ކަމަށް ބުނެވެއެވެ.

ދިވެހިރާއްޖޭގައި ހުންނެވި އިނގިރޭސި ސަފީރު އާތިންގްޓަން ޑޭވީއަކީ މުލީއާގޭގައި ދުވަސްކޮޅަކަށް ބިރުވެރި ތަޖުރިބާތަކެއް ކުރެއްވިކަމަށް ބުނެވޭ ބިދޭސީއެކެވެ. އޭނާ އެތަނުގައި ހުންނެވީ 1960ގެ ތެރޭގައެވެ. ގޭގެތެރޭގަޔާއި ގޯތިތެރޭގައި ނުފެންނަ މީހުން އުޅޭކަމަށް އިހުސާސްވުމާއި ދޭތެރެ އަވަސްކޮށް ފުރާޅަށް ގާއުކާ އަޑު އިވުމާއި ދާންމަތީގައި ނިދާފައި ހޭލެވޭއިރު ބިންމަތީގައި އޮންނާންޖެހުން ކަހަލަ ކަންކަން ކުރިމަތިވީމާ އެވާހަކަ ސަރުކާރުގައި ދަންނަވައިގެން އޭނާ ދެން ބަދަލުވެވަޑައިގަތީ ދޫނިދޫއަށެވެ.

ވާހަކައިގެ މިހިސާބުން ބައެއް ބޭފުޅުން ސުވާލު ކުރެއްވުން އެކަށީގެންވެއެވެ. ރައީސް ސާލިހުގެ ދެކަނބަލުން މުލީއާގޭގައި އެ އުޅުއްވަނީ ނޫންތޯއެވެ. ތިޔަކަހަލަ ވާހަކައެއްގެ އަޑެއް ނީވެއެވެ. ތެދު ވާހަކައެކެވެ. ރައީސްގެ ދެކަނބަލުން އެތިއްބެވީ މުލީއާގޭގައެވެ. ނުބައިކަންކަން ނުކުރައްވާތީ އާއި އެފަދަ ކަންކަމާއި ދުރުހެލިވެގެން އުޅުއްވާތީ އެދެކަނބަލުންނަށް އެގޭގައި ދައްޗެއްނެތި އުޅުއްވެނީ ކަމަށް ވެސް ވެދާނެއެވެ. މިހެން ދެންނެވުން ފިޔަވައި މިސުވާލުގެ އެހެން ޖަވާބެއް އަޅުގަނޑުގެ ކިބަޔަކު ނުވެއެވެ.

53%
14%
1%
12%
12%
8%
19 އޯގަސްޓް 2021 | ބުރާސްފަތި 13:20
ޢަބޫ
އަންނިގެ ވާހަކަ ދައްކަން ބިރުގަތީ ދެއްތޯ. ޙެހެހެހެހެ. މިވަރުންވެސް އެއްޗިހި ލިޔަންވާނެ.
16 އޯގަސްޓް 2021 | ހޯމަ 01:18
ާއަންވަރު
ޜައީސް ނަޝީދު އުލުއްވި ތަނެއް ހޯދަ ހޯދާ މި މަޒުމޫނު ލިޔުނު މީ ހާއަށް ނުފެނުނު. ޢަޅެ މީ ބޮޑުވަރު ދޯ!!!!!!
8 އޯގަސްޓް 2021 | އާދީއްތަ 10:27
ބިންބި
މުޅި އާޓިކަލް ގެ މުހިއްމު ޕޮއިންޓް ރައީސް ސޯލިހުނުބައިކަމެއްނުކުރެޔޯލަ!
8 އޯގަސްޓް 2021 | އާދީއްތަ 09:59
ސަރުކާރުގެ ސަނާ
ސޯލިހު ސޯލިހުކަމުން ޖިންނިވެސް ސޯލިހުވެފަ ހެެހެހެހެ
8 އޯގަސްޓް 2021 | އާދީއްތަ 07:26
އނ
ހެހެހެހެ. ދެން ބެނާ ޖަހައިގެން ނިކުމޭ 5 އަހަރުގެ ދައުރުގަ މުލިޔާގޭގަ އުޅުނު ހަމަ އެކަނި ރައީސޭ. ޢެހެން ކިޔަން ތިއުޅެނީ. ސާލިހް އުޅެނީ އާރަށުގަ