ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކުރަނީ އެރަށެއްގައި ތިއްބަވާ އިލްމުވެރިންނާ މަޝްވަރާކުރުމަށްފަހު: މިނިސްޓަރު
2 ޖޫން 2021 | ބުދަ 03:22މިހާލަތުގައި ރަށްރަށުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުން


ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވާހަކަދައްކަވަނީ
ކޮވިޑް-19އާ ގުޅިގެން އަތޮޅުތެރޭގެ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކުރަނީ ހާލަތަށް ރިޔާއަތްކޮށް އެރަށެއްގައި ތިއްބަވާ އިލްމުވެރިންނާއި މަޝްވަރާ ކުރުމަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން 70 ށްވުރެ ގިނަ ރަށްތައް މިހާރު އޮތީ މޮނިޓަރިންގއަށް ލާފައިވާ ކަމަށާއި، މިހާލަތު ރަށްރަށުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ފިޔަވަޅުތައް އަޅަމުންދާއިރު، އަތޮޅުތެރޭގެ ރަށްތަކުގައި ތިބި އިލްމުވެރިންނާއި މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ފުވައްމުލައް އަދި އައްޑޫ ސިޓީގައި މިސްކިތުގައި ނަމާދު ކުރުމާ މެދު ގޮތް ނިންމާފައިވަނީ އިލްމުވެރިންގެ މަޝްވަރާގެ ދަށުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިލްމުވެރިން ދިރިނޫޅޭ ރަށްތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ފިޔަވަޅު އެޅުމުގެ ކުރިން އެރަށްރަށުގެ ކައުންސިލްތަކާއި، ޓާސްކްފޯސްގެ އިސްބޭފުޅުންނާ މަޝްވަރާކުރާ ކަމަށެވެ. އެގޮތުން އެރަށެއްގެ ހާލަތަށް ވަރަށް ބޮޑަށް ބަލާ ކަމަށާއި، އެރަށެއްގައި ކާފިއު އިއުލާން ކުރެވި، ފިހާރަތަކާއި، ސައި/ހޮޓާތައް ބަންދުކޮށް ރަށުގެ ހާލަތު ގޯސްނަމަ ޖަމާއަތުގައި ނަމާދުކުރުން މަނާ ކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ރަށްރަށް މޮނިޓަރިންގެ ހާލަތުގައި އޮތް ނަމަވެސް ޖަމާއަތް މެދުކަނޑާނުލައި ގައިދުރުކަމާއެކު ނަމާދުކުރުމަށް ބޭނުންވާ ކަމަށް ގިނަ ރައްޔިތުން ހުށަހެޅުމާއެކު ހާލަތަށް ބެލުމަށްފަހު ގައިދުރުކަމާއެކު ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި ހުރިހާ ނިންމުންތަކެއް ނިންމަނީ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މިސްކިތްތަކުގައި މިފަދަ ނިންމުންތައް ނިންމުމުގައި އިލްމުވެރިންގެ ބަސް އިސްކުރާނެ ކަމަށާއި، ހާލަތަށް ލުއި އަންނަ ވަރަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތައް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.







