ކ. މާލެ
|
14 ނޮވެންބަރ 2017 | އަންގާރަ 17:32
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ
ބީބީސީ
އިނގިރޭސި ބޮޑުވަޒީރު
ރަޝިޔާ ހިނގަމުންދާ މަގު ބަދަލުކުރަން ޖެހޭ: ތެރީސާ މޭ
 
ރަޝިޔާއަށް އިނގިރޭސީން ބަހުގެ ހަމަލާތަކެއް ދިން އިރު، އިނގިރޭސި ޚާރިޖީ ވަޒީރު ވަރަށް އަވަހަށް މޮސްކޯއަށް ވަޑައިގަންނަވާނެ
 
އީޔޫއިން ވަކިވަމުންދާއިރު، އިނގިރޭސިވިލާތުން ގެންދަނީ ދުނިޔޭގެ މަސްރަހުގައި އެޤައުމުގެ ނުފޫޒު އަނެއްކާވެސް ގަދަކުރުމަށް މަސައްކަތްކުރަމުން
 
ތެރީސާ މޭ ރަޝިޔާއަށް އިންޒާރު ދެއްވިއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަސްމަގު މިމައްސަލައިގައި ތަފާތު

އިންތިޚާބުތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ރަޝިޔާގެ ބޮލުގައި އިނގިރޭސިވިލާތުން ވެސް އަޅުވައިފިއެވެ.

އިނގިރޭސިވިލާތުގެ ބައެއް ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވީ މިނިވަން މުޖުތަމައުތަކުގެ ހަމަޖެހުން ނަގާލަން ވްލަޑިމިއަރ ޕުޓިންގެ ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އަދި ހުޅަނގުގައި ހަމަނުޖެހުން އުފެއްދުމަށް ދޮގު ޚަބަރު ފެތުރުމަށް ރަޝިޔާއިން މަސައްކަތް ކުރާކަމަށް އެކަމަނާ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި މޭ ވިދާޅުވީ ރަޝިޔާއާއި ކުރިމަތިލާން އިނގިރޭސިވިލާތުން ބޭނުން ނުވާކަމަށާއި، އެހެން ނަމަވެސް އިނގިރޭސީންގެ ސިޔާދަތު އެޤައުމުން އަމިއްލައަށް ދިފާޢުކުރާނެ ކަމަށެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއަށް އަށް އިންޒާރު ދެއްވަމުން ތެރީސާ މޭ ވިދާޅުވީ ރަޝިޔާއިން މިހާރު ހިނގާ މަގު ނޫން އެހެން މަގަކުން ހިނގަން ޖެހޭ ކަމަށެވެ. ރަޝިޔާ މިހާރު ހިނގާ މަގު ކަމަށް މޭ އިޝާރާތް ކުރެއްވީ ރަޝިޔާއިން ކްރައިމިއާ އަށް އަރައިގަތުމާއި، ޔޫކްރެއިންގެ މަސްރަހު ހަލަބޮލި ކުރުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތުގެ އިތުރުން އެޤައުމުން ޔޫރަޕްގެ ޤައުމުތަކަށް ދެމުންދާ ސައިބަރ ޙަމަލާ ތަކަށެވެ. ދާދި ފަހުންވެސް ރަޝިޔާއިން ވަނީ ޔޫރަޕްގެ ގިނަ ޤައުމުތަކެއްގެ ވައިގެ ސަރަޙައްދަށް ޤާނޫނާއި ޚިލާފަށް ވަދެފައެވެ. އަދި ޔޫރަޕްގެ ބައެއް ޤައުމުތަކުގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ތުހުމަތު ރަޝިޔާގެ މައްޗަށް ކުރެވޭއިރު، ޖަރުމަންވިލާތުގެ ޤާނޫން ހަދާ މަޖިލީހާއި ޑެންމާކުގެ ދިފާޢީ ވުޒާރާގެ ނެޓްވޯކްތައް ހެކްކުރުމަށް ރަޝިޔާއިން މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރެވެއެވެ. ތެރީސާ މޭ ވިދާޅުވީ ހުޅަނގުގެ ޤައުމުތަކާއި ގުޅުން ބާއްވައިގެން ކުރިއަށް ދިޔުމުގެ ފުރުސަތު ރަޝިޔާއަށް އެބައޮތްކަމަށާއި، އެހެން ނަމަވެސް އެގުޅުން ބޭއްވޭނީ ރަޝިޔާއިން ޤާނޫނީ އިމުގެ އެތެރޭގައި އުޅެގެން ކަމަށެވެ.

އިންތިޚާބުތަކަށް ރަޝިޔާއިން ނުފޫޒު ފޯރުވާކަމަށް އިނގިރޭސިވިލާތުން ތުހުމަތުކުރާއިރު 2016ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ވެސް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރެވެއެވެ. އެހެން ނަމަވެސް އިންތިޚާބަށް ނުފޫޒު ނުފޯރުވާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވާ ވިދާޅުވުން ޤަބޫލު ކުރައްވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވިދާޅުވިއެވެ.

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭގެ ބަހުގެ ހަމަލާތަކެއް ރަޝިޔާއަށާއި ރައީސް ވްލަޑިމިއަރ ޕުޓިންއަށް އަމާޒުވެފައިމިވަނީ އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން މަޤާމުގެ ހައިސިއްޔަތުން ރަޝިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ވަރަށް ގާތްވެފައިވަނިކޮށެވެ. ޖޯންސަން ވިދާޅުވީ އިނގިރޭސިވިލާތުން ރަޝިޔާއާއި ގާތްކަން ބޭއްވިނަމަވެސް އެގުޅުން ބާއްވާނީ ވަރަށް ވިސްނައިގެންކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް