ނިންމުން 2026
މިއީ ލޯކަލް ކައުންސިލްގެ އިންތިޚާބާާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު

ނިންމުން 2026
ވޯޓުލުމުގެ ހައްގަކީ ކޮންމެ މީހަކު ވެސް އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް އަދި ވާޖިބެއް: ރައީސް ނަޝީދު
ވޯޓުލުމުގެ ހައްގަކީ ކޮންމެ މީހަކު ވެސް އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް އަދި ވާޖިބެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
ވޯޓުލެއްވުމަށް ފަހު ނޫސްވރިންނަށް މައުލޫމާތުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ވަރަށް އޮމާންކަމާއި އެކު އިންތިޚާބު ދިއުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. މި މަންޒަރުތަކުން ލިބެނީ އުފާވެރިކަން ކަމަށާއި ޑިމޮކްރަސީ ހިނގާ މަންޒަރު ފެނުމަކީ އުފަލެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަމާން އޮމާންކޮށް އިންތިޚާބު ދިއުމަކީ ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ގާނޫނީ ދައުލަތެއް ހިފެހެއްޓި ރައްޔިތުންގެ ތަނަވަސްކަން ދެމެހެއްޓޭނީ ހިންގުމުގެ ނިޒާމް ފައްކާކޮށް ބެލެހެއްޓިގެން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ވޯޓުގެ ބޭނުން ހިފުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފި
މިއަދު ކުރިއަށް ދާ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފި އެވެ. ކައުންސިލް އިންތިޚާބާއި، ޑަބްލިއުޑީސީ އަދި ރިޔާސީ އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި އެ މަނިކުފާނު ވޯޓުލައްވާފައި ވަނީ އިސްކަންދަރު ސްކޫލްގައި ބަހައްޓާފައިވާ ވޯޓުފޮށްޓަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފި
މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބު އަދި ފެންނަ ނުފެންނަ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްދު ސޯލިހު ވޯޓުލައްވައިފި އެވެ. އެ މަނިކުފާނު ވޯޓުލައްވާފައި ވަނީ ޅ.ހިންނަވަރު ވޯޓު ފޮށްޓަށެވެ. އެ ވޯޓު ފޮށި ބަހައްޓާފައި ވަނީ ޖަމާލުއްދީން ސްކޫލްގަ އެވެ.
ވޯޓުލެއްވުމަށް ފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން، އިންތިޚާބުތައް އެއްކޮށްލުމާއި މެދު ނަގާ ވޯޓުގެ އިންތިޒާމްތައް އެންމެ ރަނގަޅު ނޫން ކަމަށް ކުރީގެ ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ރޯދަމަސް ހިމެނޭހެން ފާއިތުވި 2 މަސް ދުވަހު ވަރަށް ބުރަ ކެމްޕެއިން އެއް ކުރެވިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެ ކެމްޕެއިން ކުރީ ދަތިތަކާއި އެކުގައި ނަމަވެސް އެއީ ރަނގަޅު ކެމްޕެއިން އެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ވޯޓް ފޮށިތައް އޮބްޒާވްކުރުމަށް 78 މުވައްޒަފުން ހަރަކާތްތެރިވާނެ: އެޗްއާރްސީއެމް
މިއަދު ކުރިއަށްދާ ތިން އިންތިޚާބުގެ ވޯޓް ފޮށިތައް އޮބްޒާވް ކުރުމަށް އެމްއާރްސީއެމްގެ 78 މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށް އެކޮމިޝަނުން ބުނޭ.
އެޗްއާރްސީއެމުން ބުނީ، އެ ކޮމިޝަންގެ ފަރާތުން މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި ކޮމިޝަންގެ 78 މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށް.
ވޯޓުފޮށި އޮބްޒާވްކުރުމުގެ މަސައްކަތް ކޮމިޝަންގެ މުވައްޒަފުން ހެނދުނު 6:30 ން ފެށިގެން ވޯޓުލާ ނިމުމާ ހަމަޔަށް ކުރިއަށް ގެންދާނެ ކަމަށް.
އެގޮތުން، މާލެ ސަރަހައްދުގައި އެކި ގަޑިތަކުގައި 208 ފޮށްޓެއް އޮބްޒާވްކުރުމުގެ އިތުރުން، އަތޮޅުތެރޭގެ 21 ރަށެއްގައި ޖުމްލަ 104 ފޮށްޓެއް އޮބްޒާވް ކުރާނެ. އަދި ކ. މާފުށި ޖަލުގައި އޮބްޒާވަރުން ހަރަކާތްތެރިވަމުންދާ ކަމަށް އެޗްއާރްސީއެމުން ބުނޭ.
ވޯޓުލުން ނުފެށިހުރި މަރުކަޒުތަކަކީ، އެ މަރުކަޒަކަށް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެމީހުން ހާޒިރުނުވާ ތަންތަން: އީސީ
އީސީން ބުނީ މިހާތަނަށް ޖުމްލަ 588 ފޮށީގެ ތެރެއިން 585 ފޮށީގެ ވޯޓުލުން ފެށިފައިވާ ކަމަށް. އަދި ވޯޓުލުން ނުފެށިހުރި މަރުކަޒުތަކަކީ، އެ މަރުކަޒަކަށް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެމީހުން ހާޒިރުނުވާ ތަންތަން ކަމަށް.
ރައީސް މުއިއްޒު ވޯޓު ލައްވައިފި
މިއަދު ކުރިއަށް ގެންދާ ތިން އިންތިޚާބުގެ ވޯޓު ރައީސް ޑރ.މުހައްމަދު މުއިއްޒު ލައްވައިފި.
އެމަނިކުފާނު ވޯޓު ލެއްވީ މާފަންނު ދެކެނު ދާއިރާގެ މީހުން ވޯޓްލުމަށް ކަނޑައެޅިފައިވާ ވޯޓު ފޮއްޓަށް.
މިވޯޓު ފޮށި ބެހެއްޓިފައިވަނީ ތާޖުއްދީން ސުކޫލުގަ.
ވޯޓުލުމަށްފަހު ރައީސް މުއިއްޒު ވަނީ ވޯޓުލުމުގެ ހައްގު ކޮންމެ މީހަކު ވެސް އަދާ ކުރުމަށް އިލްތިމާސް ކުރައްވާފައި. އަދި ވޯޓުލުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ގާނޫނީ ހައްގެއްކަން ކަމަށް އެމަނިކުފާނު ވިދާޅުވި.
28 ވޯޓު ފޮއްޓެއްގެ ވޯޓުލުން ނުފެށޭ- އީސީ
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، މިހާތަނަށް ޖުމްލަ 588 ފޮށީގެ ތެރެއިން 560 ފޮށީގެ ވޯޓުލުން ފެށިފައިވާ ކަމަށް އީސީން ބުނޭ.

ފީއަލީގެ ފެނަކައިގެ މުވައްޒަފަކު އައިޑީކާޑު ދިނުމަށް ދެކޮޅު ހެދުމުން ވަޒީފާއިން ކަނޑާލާނެ ކަމުގެ އިންޒާރު ދީފި
އިންތިޚާބުގެ ހުރިހާ ކަމެއް އަދިކުރިއަށް ދަނީ ވަރަށް އަމާންކަމާއެކު
މިއަދު ކުރިއަށް ގެންދާ ތިން އިންތިޚާބާ ގުޅިގެން މުޅި ރާއްޖޭގައި ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައި. އިންތިޚާބުގެ ހުރިހާ ކަމެއް އަމަންކަމާ ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ފުލުހުން ހަރަކާތްތެރިވާނެ. އެގޮތުން މާލޭގެ މަގުތަކާއި، ވޯޓުލާ މަރުކަޒުތަކުގައި ވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުން.
ވޯޓުލާން ދިއުމުގެ ކުރިން ވޯޓުލާން ޖެހޭ ފޮށި ޔަގީން ކުރުން މުހިންމު
މިއަދު ތިން އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދާނެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިފަރެންޑަމް އިންތިޚާބު. އަދި ވޯޓު ލާން ދިއުމުގެ ކުރިން އެމީހަކު ވޯޓުލާ ވޯޓު ފޮށި ޔަގީން ކުރުމަށްފަހު ދިއުން މުހިންމު.
އެ މީހަކު ވޯޓްލާން ދާންވީ ތަން ބެލުމަށް އެސްއެމްއެސް ކުރާނީ
VR (ID NUMBER) to 1414
ވޯޓު ފޮށިތައް ހަވީރު 4:00 ގައި ބަންދުކުރާއިރު، ވީހާވެސް އަވަހަށް ވޯޓުލާން އައުމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސްކޮށްފައިވޭ.

8 ޖެހުމާއެކު ވޯޓުލުމުގެ މަސައްކަތް ފަށައިފި
8 ޖެހުމާއެކު ވޯޓުލުމުގެ މަސައްކަތް ބައެއް މަރުކަޒުތަކުގައި ފަށައިފި. ބައެއް މަރުކަޒުތަކުގައި 8:00 ގައި ވޯޓުލާން ނުފެށުނު ނަމަވެސް ވަރަށް އަވަހަށް ވޯޓުލުމުގެ މަސައްކަތް ފެށޭނެ ކަމަށް މައުލޫމާތު ލިބޭ.

















