Raajje.mv

އިސްރާއީލް-އީރާން ހަނގުރާމަ

އިސްރާއީލު-އީރާން ހަނގުރާމަ - އެންމެ ފަހުގެ މައުލޫމާތު

14 ޖޫން 2025
277520
އިސްރާއީލް-އީރާން ހަނގުރާމަ

އިސްރާއީލް-އީރާން ހަނގުރާމަ

20 ޖޫން 2025 | 10:17

އީރާނުގެ ޚާރިޖީ ވަޒީރު އާ ހުޅަނގު ގައުމުތަކުގެ ޚާރިޖީ ވަޒީރުން ބައްދަލު ކުރައްވަނީ

އިސްރާއީލާއި އީރާނުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގެ ހާލަތު ފިނިކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ޔޫކޭ، ފްރާންސް އަދި ޖަރުމަނުގެ ޚާރިޖީ ވަޒީރުން މިއަދު ޖެނީވާގައި އީރާނުގެ ޚާރިޖީ ވަޒީރު އާ ބައްދަލުކުރައްވާނެއެވެ.

މި ބައްދަލުވުމުގެ ކުރިން، ޔޫކޭގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ ވިދާޅުވެފައިވަނީ "ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ފުރުޞަތެއް މިހާރު އެބައޮތް" ކަމަށެވެ.

މި ޚަބަރު މިހެން އައިސްފައިވާއިރު ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި ޑޮނަލްޑް ޓްރަމްޕް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެމެރިކާއިން ހަނގުރާމައިގައި ސީދާ ބައިވެރިވުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

20 ޖޫން 2025 | 09:57

އިރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުން ފަހަތަށް ޖެހުމަށް ޓްރަމްޕަށް އިނގިރޭސި ބޮޑުވަޒީރު ގޮވާލައްވައިފި

ޔޫކޭގެ ބޮޑުވަޒީރު ކީރ ސްޓާމަރ އިރާނާ ދެކޮޅަށް ހަނގުރާމައިގެ ފިޔަވަޅުތައް އެޅުމުން ފަހަތަށް ޖެހުމަށް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައްވައިފިއެވެ.

ބޮޑުވަޒީރު ވިދާޅުވެފައިވަނީ މި ހަނގުރާމަ އިތުރަށް ގޯސްވެގެން ދިއުމުގެ "ޙަޤީޤީ ނުރައްކަލެއް" އޮތްކަމަށާއި، ހުރިހާ ފަރާތްތަކަކުންވެސް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ އީރާނުން "އެމެރިކާ އާއެކު އެތައް ބުރެއްގެ މަޝްވަރާތަކެއް" ކުރިން ކުރެވިފައިވާ ކަމަށާއި "އަޅުގަނޑަށް ފެންނަ ގޮތުގައި މިއީ މި މައްސަލަ ހައްލުކުރާނެ ގޮތް" ކަމަށެވެ.

19 ޖޫން 2025 | 15:08

އީރާނުގެ ބެލިސްޓިކް މިސައިލުގައި 'ކްލަސްޓަރ ބޮން ވޯހެޑް'

އިސްރާއީލުގެ މިލިޓަރީގެ ހޯމް ފްރަންޓް ކޮމާންޑަށް ހަވާލާދީ ދަ ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓުކުރާ ގޮތުގައި އީރާނުން މިއަދު އިސްރާއީލަށް ދިން ހަމަލާގައި ދޫކުރި 20 ބެލިސްޓިކް މިސައިލުގެ ތެރެއިން މަދުވެގެން އެއް މިސައިލުގައި "ކްލަސްޓަރ ބޮން ވޯހެޑް" އެއް ހަރުކޮށްފައިވެއެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިފަދަ ވޯހެޑްތައް ވެއްޓޭއިރު ފަޅައިގެން ގޮސް ކުދި ހަތިޔާރުތަކެއް ބިމަށް ފެތުރިގެންދެއެވެ. މިއަދުގެ ހަމަލާގައި މިފަދަ އެއް ހަތިޔާރު އަޒޯރުގައި ހުރި ގެއަކަށް ވެއްޓި ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުގައި އިތުރަށް ބުނެފައިވެއެވެ.

19 ޖޫން 2025 | 15:07

އީރާނާއެކު ހިނގާ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގައި 5،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިއްޖެ: ރިޕޯޓު

އިސްރާއީލުގެ ނޫސް ޔެދިއޮތު އެހެރޮނޮތް އިން ރިޕޯޓުކުރާ ގޮތުގައި އީރާނުން ބަދަލު ހިފުމުގެ ގޮތުން ދިން މިސައިލް ހަމަލާތަކުގެ ސަބަބުން އިސްރާއީލުގައި ހާސްތަކެއް މީހުން ގެދޮރު ގެއްލިފައިވެއެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިސްރާއީލުގެ އެތެރޭގެ ކަންކަމާ ބެހޭ މިނިސްޓްރީން 5،110 މީހުން ގެދޮރު ގެއްލުނު މީހުންގެ ގޮތުގައި ކްލެސިފައިކޮށްފައިވެއެވެ. މީގެ ތެރޭގައި ތެލް އަވީވުން 907 މީހުން ހިމެނެއެވެ.

19 ޖޫން 2025 | 15:01

ނަތަންޔާހޫ މިރޭ ސަލާމަތާ ބެހޭ ބައްދަލުވުމެއް ބާއްވާނީ: ރިޕޯޓު

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ބޮޑު ވަޒީރު ރޭގަނޑު 10:00 ޖަހާއިރު (ގްރީންވިޗް މީން ޓައިމުން 19:00 ގައި) ސަލާމަތީ ބައްދަލުވުމެއް ބާއްވާނެއެވެ.

19 ޖޫން 2025 | 06:18

އީރާނުގެ ވަރުގަދަ ހަމަލާ އެއްގައި އިސްރާއީލުގެ ހަތަރު ތަނަކަށް ބޮޑެތި ގެއްލުންތަކެއް

ބުރާސްފަތި ދުވަހު ހެނދުނު އީރާނުގެ މިސައިލްތަކުން އިސްރާއީލުގެ މެދު އަދި ދެކުނު ސަރަޙައްދުގައި ހުރި ހަތަރު ތަނަކަށް، އޭގެ ތެރޭގައި ސޮރޯކާ ހޮސްޕިޓަލްވެސް ހިމެނޭ ގޮތަށް، ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.

19 ޖޫން 2025 | 06:17

އިސްރާއީލުން އީރާނުގެ ޚޮންދާބުގެ ހެވީ ވޯޓަރ ފެސިލިޓީ ކައިރިއަށް ބޮން އަޅައިފި: އީރާނުގެ މީޑިއާ

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގެ ބައެއް ކަމުގައިވާ ޚޮންދާބުގައި ހުރި ހެވީ-ވޯޓަރ ރިސާރޗް ރިއެކްޓަރ ކައިރި ސަރަޙައްދަކަށް އިސްރާއީލުން ހަމަލާ ދީފައިވާ ކަމަށް އީރާނުގެ ސްޓޫޑެންޓް ނިއުސް އެޖެންސީ (އައި.އެސް.އެން.އޭ) އިން ރިޕޯޓުކޮށްފައިވެއެވެ.

18 ޖޫން 2025 | 21:29

އީރާނުގެ ދައުލަތުގެ ޓީވީ 'ހެކް' ކޮށްފި

އީރާނުގެ ދައުލަތުގެ ޓީވީން ވަނީ ސެޓެލައިޓް މެދުވެރިކޮށް އެ ޗެނަލްތައް ބަލަމުންދާ ފަރާތްތަކަށް ސަރުކާރާ ދެކޮޅަށް "ތެދުވުމަށް" ގޮވާލާ "ގުޅުމެއްނެތް" ކްލިޕެއް ފެނިފައިވާ ކަމަށް ބުނެ ބަލާ މީހުންނަށް އިންޒާރު ދީފައެވެ.

"ޓީވީ ބަލަމުންދަނިކޮށް ގުޅުމެއް ނެތް މެސެޖުތަކެއް ފެނިއްޖެނަމަ، އެއީ ދުޝްމަނުން ސެޓެލައިޓް ސިގްނަލްތަކަށް ހުރަސްއެޅުމުގެ ސަބަބުންނެވެ،" ދައުލަތުގެ ޓީވީން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން މިހާރު ޙިއްސާކޮށްފައިވާ މި ވީޑިއޯގައި، އީރާނުގެ ވެރިކަމުގެ ފަރާތުން އެމީހުންގެ އަމިއްލަ ރައްޔިތުންނަށް "ފެއިލްވެފައިވާ" ކަމަށް ތުހުމަތުކޮށް، ބަލާ މީހުންނަށް "ތިބާގެ މުސްތަޤުބަލު ތިބާގެ އަތްމައްޗަށް ނަގަން" ގޮވާލާފައިވެއެވެ.

18 ޖޫން 2025 | 21:25

އިސްރާއީލުގެ ސިފައިން ބުނެފައިވަނީ އިރާނުން އިތުރު މިސައިލްތަކެއް ދޫކޮށްފައިވާ ކަމަށް

މިސައިލްތައް އިންޓަރސެޕްޓް ކުރުމަށް ދިފާއީ ނިޒާމުތަކުން މަސައްކަތް ކުރަމުންދާއިރު، އިސްރާއީލުގައި ތިބި މީހުން ރައްކާތެރި ތަންތަނަށް ދިއުމަށް ސިފައިން ގޮވާލައިފިއެވެ.

ދާދި ދެންމެއަކު، އިރާނުގެ ފާރްސް ނިއުސް އޭޖެންސީން ރިޕޯޓު ކޮށްފައި ވަނީ އިސްރާއީލަށް އަމާޒުކޮށް ބަންކަރ ބަސްޓިންގ ޑްރޯންތައް ބޭނުން ކޮށްފައިވާ ކަމަށެވެ.

18 ޖޫން 2025 | 20:53

އިސްރާއީލުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 'މައިގަނޑު 3 ބުރެއްގެ ޙަމަލާތައް' ދީފި - އައިޑީއެފް

އައިޑީއެފްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އިސްރާއީލުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އީރާނަށް "މައިގަނޑު 3 ބުރެއްގެ ޙަމަލާތައް" ދީފައިވެއެވެ.

ފުރަތަމަ ބުރުގެ ޙަމަލާތައް ދީފައިވަނީ ރޭގަނޑުގެ ވަގުތެއްގައި ކަމަށާއި، މި ޙަމަލާތަކުގައި އިސްރާއީލުގެ ޖެޓު މަތިންދާބޯޓުތަކުން "ތެހެރާން ސަރަޙައްދުގައި ގާތްގަނޑަކަށް 40 އަމާޒަކަށް" ޙަމަލާދީފައިވާ ކަމަށް އައިޑީއެފްއިން ބުނެފައިވެއެވެ. މި އަމާޒުތަކުގެ ތެރޭގައި "ސެންޓްރިފިއުޖް އުފައްދާ ތަނެއް" ހިމެނެއެވެ.

ދެވަނަ ބުރުގެ ޙަމަލާތައް "ބުދަ ދުވަހު މެންދުރުފަހު ފެށި" ކަމަށާއި، މި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ "ތެހެރާން ސަރަޙައްދުގައި ހުރި 20 އަސްކަރީ އަދި ސަލާމަތީ އަމާޒުތަކަށް" ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ތިންވަނަ ބުރުގެ ޙަމަލާތައް "ދާދި ދެންމެއަކު ފެށިފައިވާ" ކަމަށާއި، މި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާނުގެ ހުޅަނގު ސަރަޙައްދަށް ކަމަށް ބުނެފައިވެއެވެ.

18 ޖޫން 2025 | 19:46

އިސްރާއީލުގެ ސިފައިން ބުނަނީ ގޯލަން ހައިޓްސްގައި އިތުރު ޑްރޯނެއް އިންޓަރސެޕްޓް ކުރެވިއްޖެކަމަށް

ކުރު ބަޔާނެއްގައި، ސިފައިން ބުނެފައިވަނީ އިސްރާއީލުން ހިފާފައިވާ ސީރިއާގެ ސަރަޙައްދުގެ ދެކުނުގައި އެ ޑްރޯން އިންޓަރސެޕްޓް ކުރެވުނު ކަމަށެވެ.

އިސްރާއީލުން ވަނީ ސީރިއާގެ ދެކުނު-ހުޅަނގު ކަންމަތީގައި އޮންނަ ގޯލަން ހައިޓްސް 1967 އިން ފެށިގެން ހިފާފައެވެ.

18 ޖޫން 2025 | 13:37

އިސްރާއީލުގައި ތިބި ޖަރުމަނު ރައްޔިތުން ގެންދަނީ

އިސްރާއީލުން ފުރުމަށް ބޭނުންވާ ޖަރުމަނު ރައްޔިތުންނަށް ޚާއްޞަ ފްލައިޓްތައް ކުރިއަށް ގެންދާނެ ކަމަށް ޖަރުމަނުން ބުނެފިއެވެ.

އުރުދުން ގެ ތެރެއިން އިސްރާއީލުން ފުރުމަށް ބޭނުންވާ ޖަރުމަނު ރައްޔިތުންނަށް ޚާއްޞަ ވިޔަފާރި ފްލައިޓްތައް އިންތިޒާމުކުރުން، އެކަމަށް ބޭނުންވާހާ ހިނދަކު އަދި ޙާލަތު ތަންދޭހާ ހިނދަކު ކުރިއަށް ގެންދާނެ ކަމަށް ބަރލިންގ ގައި ހުންނަ ފޮރިން އޮފީހުގެ ތަރުޖަމާނެއް ބުނެފިއެވެ.

18 ޖޫން 2025 | 13:32

އީރާނުގެ ކަރަޖްގެ ވައިގެ ބަނދަރު ކައިރީގައި ގޮވުންތަކެއް

ވީޑިއޯއިން ކަރަޖްގެ ވައިގެ ބަނދަރު ކައިރީގައި ހިނގި ގޮވުންތަކެއް ހާމަ ވެއްޖެއެވެ.

އަލްޖަޒީރާ އިން ޞައްޙަކަން ކަށަވަރުކޮށްފައިވާ ސޯޝަލް މީޑިއާގެ ވީޑިއޯއަކުން ދައްކުވައިދެނީ އީރާނުގެ ވެރިރަށް ތެހްރާނުގެ ހުޅަނގުގައިވާ ކަރަޖްގެ ޕަޔާމް ވައިގެ ބަނދަރު ކައިރީގައި ހިނގި ބޮން ގޮވުމެކެވެ.

އިސްރާއީލުން ދެންމެއަކު ބުނެފައި ވަނީ އެ ޤައުމުން އަނެއްކާ ވެސް ތެހެރާނަށް ހަމަލާ ދެމުން ދާކަމަށެވެ.

18 ޖޫން 2025 | 11:09

އީރާނުގެ 40 ތަނަކަށް މިއަދު ހަމަލާދީފައިވާ ކަމަށް އިސްރާއީލުން ބުނެފި

މިއަދު ހެނދުނު، އެއަރ ފޯސްގެ ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުތަކުން އިންޓެލިޖެންސް ޔުނިޓުގެ އިރުޝާދުގެ ދަށުން އީރާނުގެ ހުޅަނގު ސަރަޙައްދުގައި ހުރި އަސްކަރީ އަމާޒުތަކަށް ހަމަލާދިނުމުގެ ދަތުރެއް ނިންމާލައިފި ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލު ސިފައިންގެ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، "ގާތްގަނޑަކަށް 25 ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުން އިސްރާއީލު ދައުލަތަށް އަމާޒުކޮށްފައިވާ 40 އަށްވުރެ ގިނަ މިސައިލް އިންފްރާސްޓްރަކްޗަރ އަދި މިސައިލް ރައްކާކުރާ ތަންތަނާއި އީރާނު ވެރިކަމުގެ އަސްކަރީ އޮޕަރޭޓަރުންނަށް ހަމަލާދީފައިވެއެވެ.

18 ޖޫން 2025 | 10:51

އީރާނުން 'މަޖުބޫރުކުރެވޭ ހަނގުރާމައާއި ސުލްހައަށް' ސާބިތުކަމާއެކު ކުރިމަތިލާނެ، ބޯނުލަނބާނެ: ޚާމަނާއީ

ޓަސްނިމް ނިއުސް އޭޖެންސީ މެދުވެރިކޮށް ދިން ޓީވީ މެސެޖެއްގައި، އީރާނުގެ އުއްތަމަ ވެރިޔާ އަލީ ޚާމަނާއީ ވިދާޅުވެފައިވަނީ، "އީރާނުން މަޖުބޫރުކުރެވޭ ހަނގުރާމައަކާ ދެކޮޅަށް ސާބިތުކަމާއެކު ކުރިމަތިލާނެ، ހަމަ އެފަދައިން މަޖުބޫރުކުރެވޭ ސުލްހައަކާ ދެކޮޅަށްވެސް ސާބިތުކަމާއެކު ކުރިމަތިލާނެ" ކަމަށެވެ.

"މި ޤައުމުން އެއްވެސް މީހަކަށް މަޖުބޫރުކުރުމުގެ ކުރިމަތީގައި ބޯނުލަނބާނެ." ޚާމަނާއީ ވިދާޅުވިއެވެ.

އީރާނުގެ އިސްވެރިޔާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި ވިދާޅުވެފައިވަނީ، އީރާނާއި އޭގެ ތާރީޚު އެނގޭ މީހުންނަށް "އެނގޭނެ އީރާނުގެ ރައްޔިތުން ބިރުދެއްކުމުގެ ބަހުރުވައަށް ރަނގަޅަކަށް ޖަވާބެއް ނުދޭކަން" އެވެ.

"އަދި އަމެރިކާގެ މީހުންނަށް އެނގެންވާނެ އެއްވެސް އެމެރިކާގެ ސިފައިންގެ އަސްކަރީ މެދުވެރިވުމަކާއެކު ޔަޤީނުންވެސް އިޞްލާޙު ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެކަން."

18 ޖޫން 2025 | 10:46

ޚާމަނައީ: އިސްރާއީލުން ކުރި ކުށުގެ އަދަބު ލިބޭނެ

އީރާނުގެ މެހަރު ނިއުސް އެޖެންސީގެ ރިޕޯޓުގައިވާ ގޮތުން، އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީގެ ތަޤްރީރެއް މިވަގުތު ދަނީ ބްރޯޑްކާސްޓްކުރަމުންނެވެ.

18 ޖޫން 2025 | 10:25

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަލްޖަޒީރާއަށް ދެއްވި ބަޔާނުން ފާހަގަ ކުރެވުނު މުހިއްމު ނުކުތާތައް

އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ތިންވަނަ ޤައުމަކުން ސީދާ ބައިވެރިވުމަކީ "މުޅި ސަރަޙައްދަށް އަދި އޭގެ ބޭރަށްވެސް ފެތުރިގެންދާނެ" ފުޅާ ދާއިރާއެއްގެ ހަނގުރާމައަކަށް ދަޢުވަތު ދިނުމެކެވެ.

އީރާނުން "މިވަގުތަށް" އަމާޒުކުރަނީ ހަމައެކަނި އިސްރާއީލުގެ ސަރަޙައްދަށް އެކަންޏެވެ. އަދި އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް އެ ޤައުމުގެ އަވައްޓެރި ޤައުމުތަކުގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭނެކަމަށް އީރާނުން ޔަޤީންކުރެއެވެ.

އެމެރިކާއާއެކު މަޝްވަރާކުރުމަށް އީރާނުން ތައްޔާރަށް ހުރިތޯ އެހުމުން، އޭނާ ވިދާޅުވީ، "ޑިޕްލޮމަސީ ދުވަހަކުވެސް ނިމުމަކަށް ނާދެއެވެ،" ނަމަވެސް ތެހެރާނުން މިހާރު ވޮޝިންގްޓަނަށް އިތުބާރު ނުކުރާ ކަމަށެވެ.

އީރާނުން ވަނީ ހުރިހާ ޤައުމުތަކަކާއެކު، އޭގެ ތެރޭގައި ރަޝިޔާވެސް ހިމެނޭގޮތަށް، ގުޅުމުގައެވެ. އެއީ އެ ޤައުމުތަކަކީ ސެކިއުރިޓީ ކައުންސިލުގެ ދާއިމީ މެންބަރުން ކަމަށްވާތީއެވެ. އަދި "އަހަރުމެން އުންމީދުކުރަނީ ޔޫއެން ސެކިއުރިޓީ ކައުންސިލުގެ ދަށުން މެންޑޭޓެއް އޮތް، ނުވަތަ ފުރުޞަތެއް އޮތް ކޮންމެ ފަރާތަކުންވެސް މި ހަމަލާ ކުށްވެރިކުރާ ޤަރާރެއް ފާސްކުރުމަށް އެހީތެރިވެދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ."

18 ޖޫން 2025 | 10:16

ޔޫކޭ އިން އިޒްރޭލުގައި ހުރި ފޮރިންގ އޮފީހުގެ މުވައްޒަފުންގެ ޢާއިލާ މެންބަރުން އަނބުރާ ގެންދަނީ

އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ބޮޑެތި ނުރައްކާތަކަށް ރިޢާޔަތްކޮށް، އެ ޤައުމުގައި ހުރި އެމްބަސީއާއި ކޮންސިއުލޭޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢާއިލާ މެންބަރުން ވަގުތީގޮތުން އަނބުރާ ގެންދާ ކަމަށް ބްރިޓެއިން އިން ބުނެފިއެވެ.

"ތެލްއަވީވްގައި ހުރި ބްރިޓިޝް އެމްބަސީއާއި ޖެރޫސަލަމްގައި ހުރި ބްރިޓިޝް ކޮންސިއުލޭޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢާއިލާ މެންބަރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީގޮތުން އަނބުރާ ގެންގޮސްފައެވެ،" ފޮރިންގ އޮފީހުން އިޒްރޭލަށް ދަތުރުކުރުމާ ބެހޭ ލަފާގައި ބުނެފައިވެއެވެ.

"އެމްބަސީއާއި ކޮންސިއުލޭޓުން ކުރަންޖެހޭ މުހިންމު މަސައްކަތްތައް، އޭގެ ތެރޭގައި ބްރިޓިޝް ރައްޔިތުންނަށް ދޭ ޚިދުމަތްތައްވެސް ހިމެނޭގޮތަށް، ކުރިއަށް ގެންދެއެވެ،" އެ އޮފީހުން އިތުރަށް ބުނެފައިވެއެވެ.

18 ޖޫން 2025 | 10:13

އިސްރާއީލުގެ ސިފައިން ބުނާ ގޮތުގައި 5 ދުވަހުގެ ތެރޭގައި އީރާނުގައި 1,100 އަމާޒަކަށް ހަމަލާދީފި

އިސްރާއީލުގެ ސިފައިން ބުނާ ގޮތުގައި 5 ދުވަހުގެ ތެރޭގައި އީރާނުގައި 1,100 އަމާޒަކަށް ޙަމަލާދީފި އެވެ.

ޓައިމްސް އޮފް އިސްރާއީލް ނޫހުގައި ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ސިފައިންގެ ޚަބަރު ފަތުރާ ފަރާތް ކަމުގައިވާ އެފީ ޑެފްރިން މި އަދަދު ހާމަކުރީ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އޭނާ ބުނި ގޮތުގައި މި ޙަމަލާތަކުން ދައްކުވައިދެނީ އިސްރާއީލުން "ނިއުކްލިއަރ ބިރުވެރިކަން ނައްތާލުމަށް ނިޒާމެއްގެ ދަށުން މަސައްކަތްކުރަމުންދާކަން" ކަމަށެއެވެ.

"އެއަރ ފޯސްއިން އީރާނުގައި މިނިވަންކަމާއެކު ޢަމަލުކުރަމުންދޭ - މިއީ މީގެ ކުރިން ދުވަހަކުވެސް ވެފައިނުވާ ކަމެއް،" ޑެފްރިން ވިދާޅުވެފައިވެއެވެ. މިއީ އީރާނުގެ އެތެރޭގައި ދޭ ޖައްވީ ޙަމަލާއެއްގެ މަންޒަރު ކަމަށް ބެލެވޭ ވީޑިއޯ ފުޓޭޖެއް ހިމެނޭ ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތެވެ.

18 ޖޫން 2025 | 10:10

އީރާނުގެ ޚާމަނާއީގެ މެސެޖެއް ޓީވީ މެދުވެރިކޮށް ދާދި އަވަހަށް ފޮނުވާލެވޭނެ: އީރާނުގެ މީޑިއާ

އިީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ޓީވީ މެދުވެރިކޮށް ވާހަކަފުޅު ދައްކަވާނެކަމަށް، އިރާނުގެ ސެމީ-އޮފިޝަލް ތަސްނީމް ނިއުސް އެޖެންސީން ބުނެފިއެވެ.

ޚާމަނާއީ އެންމެ ފަހުން ފެނިވަޑައިގެންނެވީ ހުކުރު ދުވަހު، އިސްރާއީލުން އީރާނަށް ހަމަލާދިނުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

18 ޖޫން 2025 | 10:07

މިއީ އިސްތިބްދާދީ ވެރިކަންތައް ވެއްޓޭ ގޮތް ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު ވިދާޅުވެއްޖެ

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ އީރާނުގެ ސަރުކާރު ވެއްޓެން ކައިރިވެފައިވާ ކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި، ކަޓްޒް ވިދާޅުވެފައިވަނީ އީރާނުގެ "ބާރުގެ ނިޝާންތައް ބޮންއަޅައި ވައްޓާލަމުންދާ ކަމަށާއި، ބްރޯޑްކާސްޓިންގ އޮތޯރިޓީ އަދި ވަރަށް އަވަހަށް އެހެން ތަންތަނަށްވެސް، ގިނަ އަދަދެއްގެ ރައްޔިތުން ފިލަމުންދާ" ކަމަށެވެ.

"މިއީ އިސްތިބްދާދީ ވެރިކަންތައް ވެއްޓޭ ގޮތް،" އޭނާ ވިދާޅުވެފައި ވެއެވެ.

އަންގާރަ ދުވަހު، ކަޓްޒް ވަނީ އީރާނުގެ އުއްތަމަ އިމާމު އަލީ ޚާމަނާއީ އަށް އިރާޤުގެ ޞައްދާމް ޙުސައިން އާއި އެއްފަދަ ނިމުމެއް ކުރިމަތިވެދާނެ ކަމަށް އިންޒާރުދެއްވާފައެވެ. "ޚާމަނައީ އަށް އިރާނާ އިންވެގެންވާ ޤައުމުގެ އިސްތިބްދާދީ ވެރިޔާ އިސްރާއީލް ދައުލަތާ ދެކޮޅަށް މި މަގު ޚިޔާރުކުރުމުން ދިމާވި ނިމުން ހަނދާންކޮށްލުން ރަނގަޅުވާނެ،" ކަޓްޒް ވިދާޅުވިއެވެ.

18 ޖޫން 2025 | 09:13

އދ ގައި ހުންނަ އީރާނުގެ ޑިޕްލޮމެޓު އިސްރާއީލުގެ ހަމަލާތަކަށް ގަދަ ބަދަލެއް ދޭނެކަމަށް ވަޢުދުވެއްޖެ

އިސްރާއީލުގެ ހަމަލާތަކަށް އީރާނުން "ގަދައަށް" އަދި "ހިފެހެއްޓުމެއް ނެތި" ޖަވާބުދޭނެ ކަމަށް ޖެނީވާގައި ހުންނަ އދ އަށް އީރާނުން ކަނޑައަޅާފައިވާ ސަފީރު ވިދާޅުވެއްޖެއެވެ.

"އަޅުގަނޑުމެންގެ ރައްޔިތުންނާއި، ސަލާމަތާއި އަދި ބިން ދިފާޢުކުރުމުގައި އެއްވެސް ފަސްޖެހުމެއް ނުދައްކާނަމެވެ. އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް އަދި ގަދައަށް، އެއްވެސް ހިފެހެއްޓުމެއް ނެތި ޖަވާބުދޭނަމެވެ،" އަލީ ބަހްރެއިނީ ނޫސްވެރިންނަށް ވިދާޅުވިއެވެ.

18 ޖޫން 2025 | 07:05

އިސްރާއީލާއި އީރާނުގެ ހަމަލާތައް ދަނީ ކުރިއަށް

އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ 6 ވަނަ ދުވަހުވެސް ތެލް އަވީވްއާއި ތެހެރާންގައި ގޮވުންތަކެއް އިވިގެން ދިޔައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ "މިހާރު އަހަރުމެންނަށް އީރާނުގެ އުޑުގެ މައްޗަށް ފުރިހަމަ އަދި މުޅި ކޮންޓްރޯލް ލިބިފައިވާ" ކަމަށެވެ. އަދި އީރާނުން "ޝަރުތަކާ ނުލައި އަތްދިއްކުރުމަށް" އެދިވަޑައިގަތެވެ. ރިޕޯޓުތަކުގައިވާ ގޮތުން އެމެރިކާއިން މެދުއިރުމަތީގެ ސަރަޙައްދަށް އިތުރު ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުތަކެއް ފޮނުވާފައިވެއެވެ.

އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 240 އަށްވުރެ އިތުރުވެއްޖެއެވެ. އޭގެ ތެރޭގައި 70 އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގައި 24 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

18 ޖޫން 2025 | 03:23

ވަޓްސްއެޕް ފޯނުން ފުހެލުމަށް އީރާނުން އެގައުމުގެ ރައްޔިތުންނަށް އެންގުމާ ގުޅިގެން ވަޓްސްއެޕް އިން ކަންބޮޑުވެއްޖެ

އީރާނުގެ ދައުލަތުގެ ޓެލެވިޜަނުން ރައްޔިތުންނަށް ގޮވާލާފައިވަނީ އެމީހުންގެ ސްމާޓްފޯނުތަކުން ވަޓްސްއެޕް ފުހެލުމަށެވެ. އެއީ އެ މެސެޖިންގ އެޕްއިން ބޭނުންކުރާ މީހުންގެ މަޢުލޫމާތު އިސްރާއީލަށް ފޮނުވާ ކަމަށް ތުހުމަތު ކޮށްފައެވެ.

މިކަމާ ގުޅިގެން ވަޓްސްއެޕްއިން ބަޔާނެއް ނެރެފައިވެއެވެ.

މެޓާގެ ދަށުން ހިންގާ އެ އެޕްއިން ބުނެފައި ވަނީ "މި ދޮގު ރިޕޯޓުތަކަކީ މީހުންނަށް އެންމެ ބޭނުންވާ ވަގުތު އަޅުގަނޑުމެންގެ ޚިދުމަތްތައް ބްލޮކް ކުރުމަށް ބޭނުން ކުރާނެ އުޒުރެއްގެ ގޮތުގައި ވެދާނެތީ ކަންބޮޑުވެއެވެ."

"އަހަރެމެން އެއްވެސް މީހަކު ހުންނަ ތަން ޓްރެކެއް ނުކުރަމެވެ، ކޮންމެ މީހަކު މެސެޖު ކުރަމުންދާ ގޮތުގެ ލޮގްތަކެއް ނުބަހައްޓަމެވެ، އަދި މީހުން އެކަކު އަނެކަކަށް ފޮނުވާ އަމިއްލަ މެސެޖުތައް ޓްރެކެއް ނުކުރަމެވެ،" އެ ކުންފުނިން ބުނެފައިވެއެވެ.

"އަޅުގަނޑުމެން އެއްވެސް ސަރުކާރަކަށް ގަނޑުކޮށް މަޢުލޫމާތު ނުދެމެވެ،" އެ ކުންފުނިން އިތުރަށް ބުނެފައިވެއެވެ.

ވަޓްސްއެޕްއިން ބޭނުންކުރަނީ އެންޑް-ޓު-އެންޑް އެންކްރިޕްޝަނެވެ. އޭގެ މާނައަކީ އިތުރު ފަރާތަކަށް މެސެޖު ފެންނާނެ ގޮތް ނުވުން ކަމަށް އެ ކުންފުނިން ބުނެއެވެ.

18 ޖޫން 2025 | 03:14

ގިނަ އެމެރިކާ މީހުން އިސްރާއީލް-އީރާން ހަނގުރާމައިގައި އެމެރިކާގެ ސިފައިން ބައިވެރިވުމާ ދެކޮޅު

ޔޫގޮވް އިން ހެދި ސަރވޭއަކުން ދައްކާ ގޮތުގައި، ސަރވޭގައި ބައިވެރިވި އެމެރިކާގެ 60 އިންސައްތަ މީހުން ދެކޭ ގޮތުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާގެ ސިފައިން ބައިވެރިވެގެން ނުވާނެއެވެ.

އެންމެ 16 އިންސައްތަ މީހުން އެމެރިކާގެ ސިފައިން ބައިވެރިވުމަށް ތާއީދުކުރިއެވެ. އަ. އަދި 24 އިންސައްތަ މީހުން ބުނީ އެކަމާ މެދު ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

ޑިމޮކްރެޓުންގެ ތެރެއިން 65 އިންސައްތަ މީހުން އެމެރިކާގެ ސިފައިން ބައިވެރިވުމާ ދެކޮޅެވެ. އަދި ރިޕަބްލިކަނުންގެ ތެރެއިން 53 އިންސައްތަ މީހުން ދެކޮޅެވެ. މިނިވަން މީހުންގެ ތެރެއިން 61 އިންސައްތަ މީހުން މިކަމާ ދެކޮޅު ކަމަށް ބުނެފައިވެއެވެ.

މި ސަރވޭއިން އިތުރަށް ދައްކާ ގޮތުގައި، އެމެރިކާގެ ދެބައިކުޅަ އެއްބައި މީހުން ދެކޭ ގޮތުގައި އީރާނަކީ އެމެރިކާގެ ދުޝްމަނެކެވެ. އަދި 25 އިންސައްތަ މީހުން ބުނީ އީރާނަކީ އެމެރިކާއާ ރަހުމަތްތެރި ޤައުމެއް ނޫން ކަމަށެވެ.

18 ޖޫން 2025 | 02:01

އީރާނުން ވައިގެ ސަރަޙައްދު ބަންދު ވަގުތު އިތުރުކޮށްފި

ސަރުކާރުގެ ބްރޯޑްކާސްޓަރުން ބުނެފައިވަނީ އީރާނުގެ ވައިގެ ސަރަޙައްދު މިއަދު މެންދުރުފަހު އެތަނުގެ ގަޑިން 2:00 އާ ހަމައަށް ބަންދުކޮށްފައި ބާއްވާނެ ކަމަށެވެ.

18 ޖޫން 2025 | 01:59

އިރުމަތީ ތެހުރާނުގައި ގޮވުމެއް: ރިޕޯޓު

އީރާނުގެ ނޫރު ނިއުސް އައުޓްލެޓުން ބުނެފައިވަނީ އިރުމަތީ ތެހުރާނުގައި، ހިކްމިއްޔާ-ތެހުރާން ޕާރސް ސަރަޙައްދުގައި ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށެވެ.

17 ޖޫން 2025 | 20:59

ޓްރަމްޕް ނެޝަނަލް ސެކިއުރިޓީ ޓީމާއެކު ބައްދަލު ކުރައްވަނީ

އެމެރިކާގެ މީޑިއާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އެމެރިކާގެ ރައީސް ޓްރަމްޕް އަންގާރަ ދުވަހު މެންދުރުފަހު ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި އޭނާގެ ނެޝަނަލް ސެކިއުރިޓީ ޓީމާއެކު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވެނީ އިރާނާއި އިސްރާއީލާ ދެމެދު އިތުރަށް ގޯސްވަމުންދާ ހަނގުރާމައިގައި އެމެރިކާގެ ބައިވެރިވުން އިތުރުކުރުމާމެދު ޓްރަމްޕް ވިސްނަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އޭނާ ވޮޝިންގްޓަނަށް އެނބުރި ވަޑައިގެންނެވީ އިއްޔެ، ކެނެޑާގައި ބޭއްވުނު ޖީ7 ސަމިޓްގައި ބައިވެރިވުން އެއް ދުވަހަށް ކުރުކުރައްވާފައެވެ.

އަންގާރަ ދުވަހުގެ ކުރީކޮޅު، ޓްރަމްޕް ވަނީ އޭނާގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި އެތައް ބަޔާނެއް ނެރުއްވާފައެވެ. އޭގެ ތެރޭގައި އިރާނުގެ ވެރިންނަށް އަމާޒުކޮށް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިރާނުގެ އެންމެ މަތީ ވެރިޔާ "ފޮރުވިފައި ހުރި" ތަން އެމެރިކާއަށް "ސީދާ" އެނގޭ ކަމަށެވެ.

17 ޖޫން 2025 | 20:57

އިރާނުގެ ފަރޫޣު ފެސިލިޓީ އަށް ގެއްލުން ނުދީ ހަނގުރާމަ ނުނިމޭނެ: އިސްރާއީލުގެ އޮފިޝަލެއް

އީރާނުގެ ޔުރޭނިއަމް އެންރިޗްކުރާ މައިގަނޑު ސައިޓް ކަމުގައިވާ ފަރޫޣަށް ގެއްލުން ނުދީ އިރާނާ ދެކޮޅަށް ކުރެވޭ އަސްކަރީ އޮޕަރޭޝަން ނިމުމަކަށް ނާންނާނެ ކަމަށް އިސްރާއީލުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޒަޗީ ހަނެގްބީ ޗެނަލް 12 އާ ވާހަކަ ދައްކަމުން ބުނެފިއެވެ.

މާހިރުން ބުނާ ގޮތުގައި ފަރޫޣު ގެ ދިފާޢީ ނިޒާމް ފޫއަޅުވާލެވޭނީ އެމެރިކާގެ އެހީތެރިކަމާއެކު - ބޮޑެތި ބޮންތަކާއި ހަތިޔާރުތަކާއެކުގައެވެ.

ޤޮމް ސިޓީ ކައިރީގައިވާ މި ފެސިލިޓީ ވަނީ ފަރުބަދައެއްގެ އެތެރޭގައި ފުންކޮށް ބިނާކޮށްފައެވެ.

17 ޖޫން 2025 | 20:48

މަތިންދާ ބޯޓާ އެކު ވެއްޓުނު އިސްރާއީލުގެ ޕައިލެޓަކު އީރާނުން ހޯދަނީ

އީރާނުގެ މެހަރް ނިއުސް އެޖެންސީ އިން ރިޕޯޓު ކުރަނީ އިސްރާއީލުގެ ޕައިލެޓަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އީރާނުން ބުނަނީ އޭނާ ވަނީ ބޯޓާ އެކު އީރާނުގެ ސަރަހައްދަށް ވެއްޓިފައެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ދުޝްމަނުންގެ މަތިންދާބޯޓަކަށް ދިން ހަމަލާގައި އީރާނުގެ ދެކުނު ހުޅަނގުގައިވާ ޗަހާރްމަހާލް އަދި ބަޚްތިޔާރީ ޕްރޮވިންސް އަށް ވެއްޓިފައިވާ ކަމަށާއި، އަދި ބޯޓުގެ ޕައިލެޓު ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

17 ޖޫން 2025 | 20:43

ހައިފާ އަދި ތެލް އަވީވުގެ ރައްޔިތުންނަށް ވަގުތުން އެތަންތަނުން ނުކުތުމަށް އީރާނުގެ ސިފައިންގެ އިސްވެރިޔާ ގޮވާލައިފި

އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ޗީފް އޮފް ސްޓާފް އަބްދުލްރަހީމް މޫސަވީ އިސްރާއީލުގެ ބޮޑެތި ދެ ސިޓީ ކަމުގައިވާ ހައިފާ އަދި ތެލް އަވީވުގެ ރައްޔިތުންނަށް އެ ސަރަހައްދުތައް ހުސްކުރުމަށް ގޮވާލައިފިއެވެ. އޭނާގެ މެސެޖު ގައި ކުއްލި "އަދަބުދިނުމުގެ" ހަމަލާތަކެއް އަންނާނެ ކަމަށް އިންޒާރު ދީފައިވެއެވެ.

އިސްރާއީލަށް އިޝާރާތްކޮށް މޫސަވީ ބުނެފައިވަނީ "އޮކިއުޕައިޑް ޓެރިޓަރީތަކުގެ ރައްޔިތުން، ޚާއްޞަކޮށް ތެލް އަވީވު އަދި ހައިފާގެ ރައްޔިތުންނަށް އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި މި ސަރަހައްދުތައް ދޫކޮށް ދިއުމަށް ވަރަށް ބޮޑަށް ގޮވާލަމެވެ" މިފަދައިންނެވެ.

17 ޖޫން 2025 | 20:40

އިސްރާއީލުގެ މިސައިލް ދިފާއީ ނިޒާމު އޯވަރލޯޑް ވެއްޖެ

ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކުރާ ގޮތުގައި، ނަން ހާމަނުކުރާ މަސްދަރަކަށް ހަވާލާދީ ބުނެފައިވަނީ، އެމެރިކާ އިން އިތުރު އިންޓަރސެޕްޓަރުތައް ނުލިބޭނަމަ އިސްރާއީލަށް އެ ގައުމުގެ މިސައިލް ދިފާއީ ނިޒާމު ދެމެހެއްޓޭނީ 10 ދުވަސް ނުވަތަ ގިނަ ވެގެން 20 ދުވަހަށް އެކަނި ކަމަށެވެ.

"އެމީހުން އިންޓަރސެޕްޓް ކުރަނާނެ އެއްޗެހި އިޚްތިޔާރު ކުރަން ޖެހޭނެ،" އެ މަސްދަރު ބުނެފައިވެއެވެ. "ސިސްޓަމް މިހާރުވެސް ވަނީ އޯވަރލޯޑް ވެފައި.

17 ޖޫން 2025 | 20:35

އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައް ރަޝިޔާ އިން ކުށްވެރިކޮށްފި

އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައް ރަޝިޔާ އިން ކުށްވެރިކޮށް، އެއީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ، ތެހެރާންގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ގޮތުން ކަންބޮޑުވުންތައް ހުރި ނަމަ ޑިޕްލޮމެޓިކް ގޮތުން ހައްލުކުރުމަށް ގޮވާލައިފިއެވެ.

ޓެލެގްރާމްގައި ޕޯސްޓްކޮށްފައިވާ ބަޔާނެއްގައި، ރަޝިޔާގެ ފޮރިން މިނިސްޓްރީން ފާހަގަކޮށްފައިވަނީ އީރާނުން "ސާފުކޮށް ބަޔާންކޮށްފައިވާ" ގޮތުގައި ނިއުކްލިއަރ ހަތިޔާރު ނުފެތުރުމުގެ މުޢާހަދާ (އެން.ޕީ.ޓީ) އަށް އެ ޤައުމުން ޢަމަލުކުރުމަށް އެއްބަސްވެފައިވާ ކަމާއި، އެމެރިކާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަމަށެވެ.

މޮސްކޯއިން ބުނެފައިވަނީ އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައި.އޭ.އީ.އޭ) އިން "ސާފުކޮށް ދޭހަވާ ދިރާސާ އެއް ގެ" ގެ އިންތިޒާރުގައި ތިބިކަމަށެވެ. އެއީ އިސްރާއީލުގެ ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ގެއްލުން ލިބިފައިވޭތޯ ބެލުމަށް ކަމަށް ބުނެފައިވެއެވެ.

އީރާނަކީ އެން.ޕީ.ޓީގައި ސޮއިކޮށްފައިވާ ޤައުމެއް ކަމާއި، އެ ޤައުމުގެ ނިއުކްލިއަރ ތަންތަން އައި.އޭ.އީ.އޭ އިން ބަލައި ފާސްކުރުމަށް ހުއްދަދީފައި ވާއިރު، އިސްރާއީލުން އެ މުޢާހަދާގައި ދުވަހަކުވެސް ސޮއިކޮށްފައި ނުވާކަމާއި، އެ ޤައުމުގައި ނިއުކްލިއަރ ހަތިޔާރު ހުރިކަމަށް ފުޅާ ދާއިރާއެއްގައި ޤަބޫލުކުރެވޭ ކަމަށް ވެސް ރަޝިޔާ އިން ބުނެފައިވެއެވެ.

17 ޖޫން 2025 | 08:51

ޚާތަމް-އަލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރސްގެ އިސްވެރިޔާ، އަލީ ޝަދްމާނީ، ތެހެރާންގައި ދިން ހަމަލާއެއްގައި މަރާލައިފި ކަމަށް އިސްރާއީލުން ބުނެފި

އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ޚާތަމް-އަލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރސްގެ އިސްވެރިޔާ، އަލީ ޝަދްމާނީ، ތެހެރާންގައި ދިން ހަމަލާއެއްގައި މަރާލައިފިކަމަށެވެ.

އެމީހުން ޝަދްމާނީ ސިފަކޮށްފައިވަނީ އިރާނުގެ "އެންމެ އިސް ސިފައިންގެ ކޮމާންޑަރު" އަދި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުއްﷲ އަލީ ޚާމަނާއީ "އެންމެ ގާތް މީހާ" ގެ ގޮތުގައެވެ.

ޝަދްމާނީ މި މަޤާމަށް އައްޔަންކުރެވިފައިވަނީ ހުކުރު ދުވަހު އިސްރާއީލުން ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރުގެ ކުރީގެ ކޮމާންޑަރު ޣުލާމް އަލީ ރަޝީދު މަރާލުމަށްފަހުގައެވެ.

17 ޖޫން 2025 | 03:15

އިސްރާއީލާއި އީރާނުން ހަމަލާތައް ބަދަލު ކުރަނީ

ތެހެރާނުގައި ގޮވުންތަކެއް އިވި، އަދި ތެލް އަވީވްގައި އެއަރ ރެއިޑް ސައިރަންތަކުގެ އަޑު ދަނީ އިވެމުންނެވެ.

އީރާނުގެ ސަރުކާރުގެ ޓެލެވިޜަނަށް އިސްރާއީލުން ދިން ހަމަލާ އަކަށްފަހު، އީރާނުން ބުނެފައި ވަނީ އިސްރާއީލުގެ ބިމަށް އެ ޤައުމުގެ ތާރީޚުގައި ދޭނެ އެންމެ ބޮޑު އަދި އެންމެ ގަދަފަދަ މިސައިލް ހަމަލާ ދިނުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމަކުން ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަކަށް ނުބެލެވޭ ކަމަށާއި، އޭގެ ބަދަލުގައި އެކަމުން "މި ހަނގުރާމަ ނިމުމަކަށް އަންނާނެ" ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި ތެހެރާނުގެ ހުރިހާ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަމުރު ކުރައްވާފައެވެ. އަދި އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދެވޭނެ ކަމަށްވެސް ތަކުރާރު ކޮށް ވިދާޅުވެފައިވެއެވެ.

އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 220 އަށްވުރެ އިތުރުވެފައިވެއެވެ. އޭގެ ތެރޭގައި 70 އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގައި 20 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

17 ޖޫން 2025 | 03:05

ތެލް އަވީވު ގައި ގޮވުންތަކެއްގެ އަޑު އިވިއްޖެ

ތެލް އަވީވު ގައި ގޮވުންތަކެއްގެ އަޑު އިވިއްޖެ ކަމަށާއި އިސްރާއީލުގެ މެދުތެރޭގައި އެއަރ ރެއިޑް ސައިރަންތައް އަޑުގަދަ ވަމުން ދާ ކަމަށް ރޮއިޓަރސް އިން ބުނެފިއެވެ.

ރޮއިޓަރސް ނިއުސް އޭޖެންސީއިން ރިޕޯޓުކުރާ ގޮތުގައި، އިސްރާއީލުގެ ސިފައިން އީރާނުން ފޮނުވާލި މިސައިލްތައް އިންޓަރސެޕްޓް ކުރަން މަސައްކަތް ކުރަމުންދާ ވަގުތު، ތެލް އަވީވު ގެ އުޑުމަތީގައި ގޮވުންތަކެއް ގެ އަޑު ވަނީ އިވިފައެވެ.

ޓައިމްސް އޮފް އިސްރާއީލުން ބުނާ ގޮތުގައި އިސްރާއީލުގެ މެދުތެރޭގައި އެއަރ ރެއިޑް ސައިރަންތަކުގެ އަޑުގަދަވަމުންދެއެވެ.

17 ޖޫން 2025 | 02:57

"އެމެރިކާ އަށް ހަނގުރާމަ ހުއްޓުވޭނަމަ އެއީ 'ރަނގަޅު ކަމެއް' - މެކްރޯން

ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯން ވާހަކަދައްކަވަމުން ދިޔައީ ޖީ7 ސަމިޓުގައި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެވަގުތު އައި ޚަބަރަކީ ރައީސް ޓްރަމްޕް މެދުއިރުމަތީގައި ކުރިމަތިވެފައިވާ ހަލަބޮލިކަން ހައްލު ކުރައްވަން އަވަހަށް ފުރާވަޑައިގަންނަވާ ކަމުގެ ޚަބަރެވެ.

މެކްރޯން ވިދާޅުވި ގޮތުގައި ޓްރަމްޕް ވިދާޅުވެފައިވަނީ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

"އެމެރިކާ އަށް ހަނގުރާމަ ހުއްޓުވޭނަމަ، އެއީ ވަރަށް ރަނގަޅު ކަމެކެވެ،" އޭނާ ވިދާޅުވިއެވެ. "ފަރަންސޭސިވިލާތުން އެކަމަށް ތާއީދުކުރާނެއެވެ."

ޓްރަމްޕް އަވަހަށް ފުރާވަޑައިގަތުމާ މެދު މެކްރޯން ދެކެވަޑައިގަންނަވާ ގޮތެއް އެހުމުން، ފަރަންސޭސި އިސްވެރިޔާ ވިދާޅުވީ އެމެރިކާއިން ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރެވިދާނެ ކަމަށެވެ.

"އަހުރެން ހިތުން އެއީ ރަނގަޅު ކަމެކެވެ.""

16 ޖޫން 2025 | 20:51

އީރާނުގެ ހަމަލާއަކާ ގުޅިގެން ހައިފާގެ ތެޔޮ ސާފުކުރާ ކާރުޚާނާ ގައި ރޯވެ ބަންދުކޮށްފި

ހައިފާގައި ހުންނަ ބަޒަން ގްރޫޕުން ބުނެފައިވަނީ ކަރަންޓު އުފައްދާ ބޮއިލަރު ސްޓޭޝަނަށް އީރާނުގެ ހަމަލާއިން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އަދި އެ ހަމަލާގައި 3 މީހުން މަރުވެފައިވާ ކަމަށާއި، އެ ހަމަލާއާ ގުޅިގެން ތެޔޮ ސާފުކުރާ ހުރިހާ ތަނެއް ބަންދުކޮށްފައިވާ ކަމަށް އެ ކުންފުނިން އިތުރަށް ބުނެފައިވެއެވެ.

16 ޖޫން 2025 | 20:20

އިސްރާއީލަށް ވަރުގަދަ ސައިބަރ އެޓޭކެއް ދީފި

އިސްރާއީލަށް ވަރުގަދަ ސައިބަރ އެޓޭކެއް ދީފި ކަމަށް އިސްރާއީލުގެ މީޑިއާ އިން ރިޕޯޓު ކޮށްފިއެވެ. ހަމަލާ އަމާޒު ކޮށްފައިވަނީ މޯބައިލް ފޯނު ނެޓްވޯކަށެވެ.

ހަމަލާ ދިނީ ކޮން ފަރާތަކުން ކަމެއް ބުނެފައެއް ނުވެއެވެެ.

16 ޖޫން 2025 | 19:48

އީރާނުގެ ދައުލަތުގެ ޓީވީން އިސްރާއީލުގެ ރައްޔިތުންނަށް "ދިރިތިބުމަށްޓަކައި ސަރަޙައްދު ދޫކޮށް ދިއުމަށް" އަންގައިފި

އީރާނުގެ ދައުލަތުގެ ޓީވީން، ބުނެފައިވާ ގޮތުގައި، އިސްލާމީ ޖުމްހޫރިއްޔާއިން "އޮކިއުޕައިޑް ޓެރިޓަރީސް" - ގައި އުޅޭ އިސްރާއީލު ގެ ރައްޔިތުންނަށް އިންޒާރެއް ދީފައިވެއެވެ. އެ އިންޒާރުގައި ބުނެފައިވަނީ "އެ މީހުން ދިރިތިބުމަށްޓަކއި ބޭނުންވާނަމަ" އެ ސަރަޙައްދު ދޫކޮށް ދިއުމަށެވެ.

ދައުލަތުގެ ޓީވީން ބުނެފައިވާ ގޮތުގައި އީރާނުން "އިންފްރާސްޓްރަކްޗަރއަށް ހަމަލާދޭނެ" އެވެ.

އަދި އެ ބްރޯޑްކާސްޓަރުން އިތުރަށް ބުނެފައިވާ ގޮތުގައި، ކުރިން އީރާނުގެ ދައުލަތުގެ ޓީވީގެ މައި މަރުކަޒަށް ދެވުނު ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން، އިސްރާއީލުގެ ޓީވީ ސްޓޭޝަން ޗެނަލް 12 އާއި ޗެނަލް 14 ގެ މައި މަރުކަޒުތައް ހުސްކުރުމަށް ސިފައިންގެ ފަރާތުން އަމުރުކޮށްފައިވެއެވެ.

2 / 3