Raajje.mv

އިސްރާއީލް-އީރާން ހަނގުރާމަ

އިސްރާއީލު-އީރާން ހަނގުރާމަ - އެންމެ ފަހުގެ މައުލޫމާތު

14 ޖޫން 2025
277520
އިސްރާއީލް-އީރާން ހަނގުރާމަ

އިސްރާއީލް-އީރާން ހަނގުރާމަ

16 ޖޫން 2025 | 18:54

އިސްރާއީލުން ބުނަނީ އީރާނުގެ ހުޅަނގު ސަރަޙައްދުގައި ހުރި މިސައިލް އިންފްރާސްޓްރަކްޗަރއަށް ޙަމަލާދީފި ކަމަށް

އިސްރާއީލުގެ ޑިފެންސް ފޯސްއިން ބުނާ ގޮތުގައި އިސްރާއީލުގެ އެއަރ ފޯސްއިން "މިވަގުތު ގެންދަނީ އީރާނުގެ ހުޅަނގު ސަރަޙައްދުގައި ހުރި ބިމުން ބިމަށް ދަތުރުކުރާ މިސައިލްތަކުގެ އިންފްރާސްޓްރަކްޗަރއަށް ޙަމަލާދެމުންދެއެވެ."

16 ޖޫން 2025 | 18:46

އިސްރާއީލުގެ އެފް-35 އިތުރު ބޯޓެއް އީރާނުން ވައްޓާލައިފި

އީރާނުގެ ސަރުކާރުގެ ނޫރު ނިއުސް އިން ރިޕޯޓުކުރާ ގޮތުގައި އެފް-35 ސްޓެލްތު ފައިޓަރ ޖެޓެއް ވަނީ ތަބްރީޒުގައި އީރާނުގެ ވައިގެ ދިފާޢީ ބާރުތަކުން ވައްޓާލާފައެވެ.

16 ޖޫން 2025 | 18:38

އެމެރިކާގެ މަތިންދާ ބޯޓު އުފުލާ އުޅަނދެއް އިސްރާއީލާ ކައިރި އަށް ގެނެސްފި

އެމެރިކާ އިން ވަނީ ދެކުނު ޗައިނާ ކަނޑުގައި އޮތް އެ ޤައުމުގެ މަތިންދާބޯޓު އުފުލާ އުޅަނދެއް މެދުއިރުމަތީ ސަރަޙައްދަށް ބަދަލުކޮށްފައެވެ. އަދި މީގެ އިތުރުން ވައިގެ މަގުން ތެޔޮ އެޅުމަށް ބޭނުންކުރާ އުޅަނދުތަކެއް ޔޫރަޕަށް ފޮނުވާފައިވާ ކަމަށް އެމެރިކާގެ އިސް ފަރާތްތަކުން އަލް އަރަބިއްޔާ އަށް ހޯމަ ދުވަހު މަޢުލޫމާތު ދީފައިވެއެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހޫނު ވަމުން ދާ ދަނޑިވަޅެއްގައެވެ.

16 ޖޫން 2025 | 15:46

އީރާނުގެ ދައުލަތުގެ ޓީވީ އަށް އިސްރާއީލުން ހަމަލާ ދީފި

އީރާނުގެ ދައުލަތުގެ ޓީވީން ބުނެފައިވަނީ އިސްރާއީލުން އެ ސްޓޭޝަނަށް ހަމަލާ ދެމުންދާ ކަމަށެވެ. މިއީ އިސްރާއީލުގެ ދިފާޢީ ވަޒީރު އީރާނުގެ ދައުލަތުގެ ޓީވީ އާއި ރޭޑިއޯ "ނެތިދާން ކައިރިވެފައިވާ" ކަމަށް އިންޒާރު ދިނުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ދީފައިވާ ހަމަލާ އެކެވެ.

16 ޖޫން 2025 | 11:47

ހޯމޫޒް ކަނޑުއޮޅީގައި ދުއްވާ އުޅަނދުތަކަށް 'އިލެކްޓްރޯނިކް އިންޓަރފިއަރެންސް' އިތުރުވެއްޖެ

ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނަނީ ޕާޝިއަން ގަލްފާއި ހޯމޫޒް ކަނޑުއޮޅީގައި ވިޔަފާރި އުޅަނދުތަކަށް ކުރިމަތިވާ "އިލެކްޓްރޯނިކް އިންޓަރފިއަރެންސް" އިތުރުވަމުން ދާކަމަށެވެ.

ޔޫކޭ މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގާ މި އޭޖެންސީ އަކީ ވިޔަފާރި އުޅަނދުފަހަރާއި ސިފައިންނާ ދެމެދު ގުުޅުން ބަދަހިކޮށްދޭ ފަރާތެކެވެ.

އެ ފަރާތުން ބުނާ ގޮތުގައި އުޅަނދުފަހަރުގެ މަޢުލޫމާތު ދެނެގަތުމަށް ބޭނުން ކުރާ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް) އާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ލިބިފައިވެއެވެ. މި ނިޒާމަކީ އުޅަނދުތަކުގެ މަޢުލޫމާތު ފާހަގަ ކުރުމަށް ފަރުމާ ކޮށްފައިވާ ނިޒާމެކެވެ.

ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދަތުރުކުރަނީ ހޯމޫޒް ކަނޑުއޮޅިންނެވެ.

އެ އޭޖެންސީ އިން އުޅަނދުތަކަށް އިލްތިމާސް ކުރަނީ އެ ސަރަޙައްދުގައި ދަތުރުކުރާ އިރު އިތުރު ސަމާލު ކަމެއް ދިނުމަށެވެ.

އިތުރުވަމުންދާ އިންޓަރފިއަރެންސް އަންނަނީ ކޮން ބައެއްގެ ފުށުން ކަމެއް ބަޔާންކޮށްފައެއް ނުވެއެވެ.

16 ޖޫން 2025 | 11:38

އިސްރާއީލުގެ ހަމަލާތަކުގައި އެތައް އަންހެނުންނާއި ކުޑަކުދިން މަރުވެފައިވާ ކަމަށް އީރާނުން ބުނެފި

އީރާނު ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ ވަނީ އެ ޤައުމުގައި އިސްރާއީލުން ދީފައިވާ ހަމަލާތަކާ ގުޅޭ ތަފްސީލެއް ދެއްވާފައެވެ.

އެގޮތުން ފަހުގެ ހަމަލާތަކުގައި 45 އަންހެނުންނާއި ކުޑަކުދިން މަރުވެފައިވާ ކަމަށާއި، އަދި އިތުރު 75 އަންހެނުންނާއި ކުޑަކުދިން ޒަޚަމްވެފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަންހެނުންނާއި ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދިނުމުން ސާބިތުވަނީ ހަމައެކަނި އަސްކަރީ ތަންތަނަށް ހަމަލާދޭ ކަމަށް އިސްރާއީލުން ބުނާ ބުނުމަކީ ދޮގެއްކަމެވެ.

ފާތިމާ މުހާޖިރާނީ ވިދާޅުވީ، ކަރްމާންޝާގައި ހުރި ފަރާބީ ހޮސްޕިޓަލަށް ދިން ހަމަލާއަކީ އެ ރެޖީމްގެ އަނިޔާވެރި ސިފަ ދައްކުވައިދޭ ކަމެއް ކަމަށެވެ.

16 ޖޫން 2025 | 11:34

އިސްރާއީލަށް ޖާސޫސް ކުރި މީހަކަށް އީރާނުން މަރުގެ އަދަބު ދީފި

އިސްރާއީލުގެ އިންޓެލިޖެންސް އޭޖެންސީ ކަމުގައިވާ މޮސާޑަށް ޖާސޫސް ކުރި މީހަކަށް އަދަބު ތަންފީޒު ކޮށްފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

2023 ވަނަ އަހަރު ހައްޔަރު ކުރެވުނު އިސްމާއިލް ފިކުރީ، ފައިސާ އަށް ސިއްރު މަޢުލޫމާތު ފޮނުވަން މަސައްކަތްކުރި ކަމަށް އޮފިޝަލުން ބުނެއެވެ. މިއީ ފަހަކަށް އައިސް މިފަދަ ތިންވަނަ އަދަބު ތަންފީޒު ކުރުން ކަމަށް ބެލެވެއެވެ.

އީރާނުގެ ސަރުކާރުގެ މީޑިއާތަކުން ބުނާ ގޮތުގައި ހުކުރު ދުވަހުން ފެށިގެން އިތުރު އެތައް ބަޔަކު އިސްރާއީލަށް ޖާސޫސް ކުރާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރެވިފައިވެއެވެ.

އެ ޤައުމުގެ އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި މިހާރުގެ ހަނގުރާމައިގެ ހާލަތަށް ބަލާއިރު، އިސްރާއީލާ އެއްބާރުލުން ދޭ ކަމަށް ތުހުމަތުކުރެވޭ މީހުންގެ ޝަރީޢަތްތައް އަވަހަށް ކުރިއަށް ގެންދަންވާނެއެވެ.

އަދި މީގެ އިތުރުން، އީރާނަށް ޖާސޫސް ކުރި ކަމަށް ތުހުމަތުކުރެވިގެން އާދީއްތަ ދުވަހު އިސްރާއީލު ދެ މީހަކު ހައްޔަރުކުރެވުނެވެ. އަދި މިފަދަ ތުހުމަތުތަކެއްގެ ދަށުން ފާއިތުވި ހަފްތާގައި ތެލްއަވީވު ގައި 13 އަހަރުގެ ކުއްޖަކުވެސް ހައްޔަރުކުރެވުނެވެ.

16 ޖޫން 2025 | 11:15

އީރާން އައިރަން ޑޯމް ފަޅާލުމާއެކު އިސްރާއީލުގައި 8 މަރު

އީރާނާއި އިސްރާއީލު ވަނީ ހަތަރުވަނަ ރެއަށްވެސް ހަމަލާތައް ބަދަލުކޮށްފައެވެ. އީރާނުގެ ރޮކެޓްތަކުން އިސްރާއީލުގައި މަދުވެގެން 8 މީހުން މަރުވެފައިވާއިރު، ތެހެރާނުގައި ގޮވުންތަކެއް އިވުނު ކަމަށް ރިޕޯޓުކުރެވެއެވެ.

16 ޖޫން 2025 | 10:29

އިސްރާއީލުން އިރާނުގެ ހުޅަނގު ސަރަޙައްދަށް އައު ޙަމަލާއެއް ދީފި - މީޑިއާ ރިޕޯޓުތައް

އިރާނުގެ މީޑިއާ އިން ބުނެފައި ވަނީ އިސްރާއީލުން އީރާނުގެ ހުޅަނގު ސަރަޙައްދަށް ޙަމަލާ ދީފައިވާ ކަމަށެވެ.

އިރާނުގެ ރިވޮޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ގުޅުންހުރި ތަސްނީމް ނިއުސް އޭޖެންސީން ބުނެފައިވަނީ އިސްރާއީލުން "އީލާމް ޕްރޮވިންސްގައި - އިރާޤުގެ ބޯޑަރާ ކައިރީގައިވާ - މުސިޔާން މުނިސިޕަލިޓީގެ ފަޔަރ ޑިޕާޓްމަންޓުގެ އިމާރާތަށް އަނިޔާވެރިކަމާއެކު ޙަމަލާ ދީފައިވާ" ކަމަށެވެ ކަމަށެވެ.

ޑްރޯންތަކެއް ވައްޓާލެވުނު ކަމަށްވެސް އެ އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ.

އަދި ހަމައެއާއެކު، އައި.އާރު.ޖީ.ސީ އާ ގުޅުންހުރި އަނެއް ނިއުސް އޭޖެންސީ ކަމަށްވާ ފާރސް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވަނީ އިސްރާއީލުން ހޮސްޕިޓަލަކަށް ވެސް ޙަމަލާ ދީފައިވާ ކަމަށެވެ.

15 ޖޫން 2025 | 18:38

ހައިފާ އަށް ހަމަލާތައް އަރާފައިވާ ކަމަށް އިސްރާއީލު ފުލުހުން ކަށަވަރުކޮށްދީފި، ދުން އަރަމުންދާ މަންޒަރު ފެންނަމުންދޭ

އިސްރާއީލު ފުލުހުން ބުނެފައިވަނީ، އުތުރުގެ ބަނދަރު ސިޓީ ހައިފާގައި ހުރި "އާބާދީތަކުގެ ތެރެއިން އެއް އާބާދީއަކަށް" މިސައިލެއް އަމާޒުވި ކަމުގެ ރިޕޯޓުތައް ކުއްލި ނުރައްކަލުގެ ޚިދުމަތްތަކަށް ލިބިފައިވާ ކަމަށެވެ.

"މި ވަގުތު، އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވޭ، އެހެން ނަމަވެސް މުދަލަށް ގެއްލުން ލިބިފައިވޭ،" އޮފިޝަލުން ބުނެފައިވެއެވެ.

ހައިފާއިން ނެގިފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ދައްކައިދެނީ ސިޓީން ބޯ ދުން އަރަމުންދާ މަންޒަރެވެ.

"އާންމުންގެ ކިބައިން އެދެނީ ހާދިސާ ހިނގި ސަރަހައްދުތަކާ ދުރުގައި ތިބެ، އެ ސަރަހައްދުތަކުގައި ތިބި ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް،" އިސްރާއީލު ފުލުހުން އިތުރަށް ބުނެފައިވެއެވެ.

އިސްރާއީލުގެ އެމްބިއުލާންސް ޚިދުމަތުން ބުނެފައިވަނީ ދެ މީހަކު ހަތިޔާރުގެ ބައިތަކުން ޖެހިގެން ލިބުނު އަނިޔާތަކާ ގުޅިގެން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.

15 ޖޫން 2025 | 18:33

އީރާނުގެ ދައުލަތުގެ ޓީވީން މިސައިލްތަކާއި ޑްރޯންތަކުން އައު ހަމަލާތަކެއް ދީފިކަމަށް އިޢުލާނުކޮށްފި

އީރާނުގެ ދައުލަތުގެ ޓީވީން ބުނެފައިވަނީ އެ ޤައުމުން ތެލްއަވީވް، ހައިފާ އަދި އެހެނިހެން ސިޓީތަކަށް ގިނަ އަދަދެއްގެ މިސައިލްތަކާއި ޑްރޯންތަކުން" ހަމަލާދީފައިވާ ކަމަށެވެ.

އަދި ޓީވީން ރިޕޯޓު ކޮށްފައި ވަނީ މިސައިލްތައް "އިސްރާއީލުގެ ދިފާޢީ ނިޒާމުގެ ފަށަލަތައް" ފަހަނައަޅާ ގޮސްފައިވާ ކަމަށެވެ.

15 ޖޫން 2025 | 10:25

އިސްރާއީލުގެ ސިފައިން އިސްފަހާނުގައި ހުރި ނިއުކްލިއަރ ފެސިލިޓީއަކަށް ހަމަލާދީފި

އިސްރާއީލު ސިފައިންގެ އަރަބި ބަހުގެ ތަރުޖަމާނު އަވިޗައި އަދްރައީ ވިދާޅުވެފައިވަނީ އިސްރާއީލުގެ ސިފައިން އީރާނުގެ މެދުތެރޭގައިވާ އިސްފަހާން ސިޓީގައި ހުރި ނިއުކްލިއަރ ފެސިލިޓީއަކަށް ބޮން އަޅާފައިވާ ކަމަށެވެ.

އެގޮތުން އިސްރާއީލުން ވަނީ ޔުރޭނިއަމް އުފެއްދުމާއި ބަދަލުކުރުމާ ގުޅުންހުރި އިންފްރާސްޓްރަކްޗަރ ހަލާކުކޮށްލާފައެވެ. އަދި އީރާނުގެ ސަރުކާރުން ނިއުކްލިއަރ ހަތިޔާރު ހޯދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އީރާނުން މިކަމާ ގުޅޭގޮތުން އެއްވެސް އިތުރު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ސެމީ-އޮފިޝަލް އައި.އެސް.އެން.އޭ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މީގެ ކުރިން، އީރާނުގެ ތެލުގެ މިނިސްޓްރީން ބުނެފައިވަނީ އިސްފަހާނުގައި ހުރި ތެޔޮ ސާފުކުރާ ފެސިލިޓީތައް ފުރިހަމައަށް ހިނގަމުންދާ ކަމަށާއި މަސައްކަތްކުރަމުންދާ ކަމަށެވެ.

15 ޖޫން 2025 | 08:13

އީރާނުން އިސްރާއީލް އަށް ދިން މިސައިލް ހަމަލާއެއްގައި 10 މީހުން މަރުވެއްޖެ

އީރާނުން އިސްރާއީލުގެ ހައިފާ އަދި ތެލް އަވީވްގެ ކައިރިއަށް މިސައިލް ދޫކޮށްލައިފިއެވެ.

މެޑިކަލް އަދި މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މި ހަމަލާގައި މަދުވެގެން 10 މީހުން މަރުވެފައިވެއެވެ.

މި ހަމަލާތައް އައީ އިސްރާއީލުގެ ބާރުތަކުން އިރާނުގެ އެކި ސަރަޙައްދުތަކުގައި ހުރި މަދަނީ އަދި ހަކަތައިގެ ވަސީލަތްތަކަށް ބޮން އެޅުމަށްފަހުގައެވެ. މީގެ ތެރޭގައި ތެހެރާނުގައި ހުރި ޝަހުރާން ތެޔޮ ފެސިލިޓީގައި އަލިފާން ރޯވެފައިވެއެވެ. އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އެމީހުން ހަމަލާދިނީ "އީރާނުގެ ވެރިކަމުގެ ނިއުކްލިއަރ ހަތިޔާރުގެ މަޝްރޫޢުއާ ގުޅުންހުރި" ތަންތަނަށް ކަމަށެވެ.

15 ޖޫން 2025 | 08:01

އިސްރާއީލުން ބުނާ ގޮތުގައި ބަތް ޔަމްގައި ސަލާމަތްކުރުމުގެ މަސައްކަތަށް މަދުވެގެން އެއް ދުވަސް ނަގާނެ

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ބަތް ޔަމްގައި އީރާނުގެ ބެލިސްޓިކް މިސައިލް ޙަމަލާ އަމާޒުވި ސަރަޙައްދުން ދިރިހުރި މީހަކު ހޯދުމަށް މަދުވެގެން 24 ގަޑީއިރު ނަގާނެ ކަމަށް އިސްރާއީލު ސިފައިންގެ ހޯމް ފްރަންޓް ކޮމާންޑުން ލަފާކުރެއެވެ.

ތެލް އަވީވުގެ ދެކުނުގައިވާ މި ސިޓީގައި ރޭގަނޑު މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް ދިން މި ޙަމަލާގައި މަދުވެގެން 6 މީހުން މަރުވެ، 200 އާ ގާތްކުރާ އަދަދެއްގެ މީހުން ޒަޚަމްވެ، އަދި 7 މީހުން ގެއްލިފައިވެއެވެ.

15 ޖޫން 2025 | 07:55

އެމެެރިކާ އީރާން ނިއުކްލިއަރ އެއްބަސްވުމަކަށް ވާސިލްވުމަކަށް އިސްރާއީލުން ބޭނުމެއް ނުވޭ: އަރަޤްޗީ

އެމެެރިކާ އީރާން ނިއުކްލިއަރ އެއްބަސްވުމަކަށް ވާސިލްވުމަކަށް އިސްރާއީލުން ބޭނުން ނުވާ ކަމަށް އަރަޤްޗީ ވިދާޅުވެއްޖެއެވެ.

އަރަޤްޗީ ވަނީ ނިއުކްލިއަރ ހަތިޔާރާ ގުޅޭގޮތުން އެ ޤައުމުގެ ސިޔާސަތު އަލުން ދަމަހައްޓަވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ "ނިއުކްލިއަރ ހަތިޔާރިޔާރެއް ނުގެންގުޅުމަކީ އަޅުގަނޑުމެންގެ ވަރުގަދަ ޤަބޫލުކުރުމެކެވެ."

"އެހެންނަމަވެސް، އަޅުގަނޑުމެންގެ ސުލްޙަވެރި ބޭނުންތަކަށް ނިއުކްލިއަރ ޕްރޮގްރާމެއް ގެންގުޅުމުގެ ޙައްޤުން އީރާން މަޙްރޫމްކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގެ ޙައްޤެއް ނެތެވެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

އަރަޤްޗީ އިތުރަށް ވިދާޅުވީ، މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާއާއެކު ކުރިއަށްގެންދާ މަޝްވަރާތަކުގެ ހަވަނަ ބުރުގައި، އެ ބުރު މިހާރު ކެންސަލް ކުރެވިފައިވީ ނަމަވެސް، "އެމެރިކާއަށް ބޭނުންވާ ޔަޤީންކަން ދިނުމަށް އީރާން ތައްޔާރަށް ތިބި ކަމަށެވެ."

"ކުރީގެ މަޝްވަރާގެ ބުރުގައި، އެމެރިކާއިން ހުށަހެޅި ބައެއް ހުށަހެޅުންތައް އަޅުގަނޑުމެންނަށް މުޅިން ޤަބޫލުކުރެވޭ ގޮތަކަށް ނެތެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ޖަވާބާއި ވިސްނުން ހުށަހެޅީމެވެ. އަޅުގަނޑުމެންގެ ހުށަހެޅުމުން އެމެރިކާއާއެކު ފުރިހަމަ އެއްބަސްވުމަކަށް ވާސިލުވުމުގެ ދޮރު ހުޅުވިދާނެއެވެ،" އޭނާ ވިދާޅުވިއެވެ.

އަރަޤްޗީގެ ވާހަކަފުޅުގައި، އިސްރާއީލުން އީރާނާއި އެމެރިކާއާ ދެމެދު ޑިޕްލޮމެޓިކް ކުރިއެރުމަކަށް ދެކޮޅުހަދާ ކަމަށް ވިދާޅުވިއެވެ.

"މިއީ ވަރަށް ސާފު ކަމެކެވެ. ޒިއޯނިސްޓު ޖަމާޢަތުން ބޭނުމެއް ނުވޭ އަޅުގަނޑުމެން އެމެރިކާއާއެކު އެއްބަސްވުމަކަށް ނުވަތަ ޑިޕްލޮމެޓިކް ޙައްލަކަށް ވާސިލުވާތަން ދެކޭކަށް،" އޭނާ ވިދާޅުވިއެވެ.

15 ޖޫން 2025 | 07:29

އިސްރާއީލުން އީރާނުގެ ރައްޔިތުންނަށް އިންޒާރެއް ދީފި

އީރާނުގެ ރައްޔިތުން އެ ޤައުމުގެ ހަތިޔާރު އުފައްދާ ތަންތަނާއި "އެހީތެރިވެދޭ މުއައްސަސާތަކުން" ދުރުހެލިވުމަށް އިންޒާރު ދީފިއެވެ.

އިސްރާއީލުގެ ސިފައިންގެ ފަރާތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ، "މިހާރު ނުވަތަ ކައިރި މުސްތަޤުބަލެއްގައި ހަނގުރާމަވެރި ހަތިޔާރު އުފައްދާ ފެކްޓަރީތަކާއި އެތަންތަނަށް އެހީތެރިވެދޭ މުއައްސަސާތަކުގައި ނުވަތަ އެތަންތަނުގެ ވަށައިގެން ތިބި އެންމެހައި ފަރާތްތަކުން، ވަގުތުން އެތަންތަނުން ދުރަށް ދިއުމަށާއި، އިތުރު އެންގުމަކާނުލާ އެތަންތަނަށް ނުދިއުމަށް އަންގަމެވެ،" މިހެން ބުނެފައިވެއެވެ.

15 ޖޫން 2025 | 07:26

އިސްރާއީލާ ދެކޮޅަށް އީރާނުން ދިން ހަމަލާތައް ބިނާވެފައިވަނީ 'ދިފާއުވުމުގެ' މައްޗަށް

އިސްރާއީލާއެކު އޮތް ހަނގުރާމަ އަވައްޓެރި ޤައުމުތަކަށް ފެތުރުމަކީ އީރާނުގެ އެދުމެއް ނޫނެވެ. ނަމަވެސް އެފަދަ ހާލަތަކަށް މަޖުބޫރުކުރުވައިފިނަމަ އެކަން އެހެން ވެދާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވެއްޖެއެވެ.

އިސްރާއީލާ ދެކޮޅަށް އީރާނުން ދިން ސިފައިންގެ ޖަވާބު ބިނާވެފައިވަނީ އަމިއްލަ ދިފާއުގެ މައްޗަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާދީއްތަ ދުވަހު ވެސް އިސްރާއީލުން ވަނީ އީރާނުގެ އެކި ސަރަޙައްދުތަކަށް ވައިގެ ހަމަލާތައް ދީފައެވެ. މިއީ ވިދިވިދިގެން ތިންވަނަ ދުވަހަށް އިސްރާއީލުން ދިން ހަމަލާތަކެވެ. އަދި މީގެ އިތުރުން އެއަށްވުރެ ބޮޑެތި ހަމަލާތައް ދޭނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ. އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކުން ސަލާމަތްވެގެން އީރާނުގެ ބައެއް މިސައިލްތައް ވަނީ އިސްރާއީލުގެ މައި ސަރަޙައްދުތަކުގައި ހުރި އިމާރާތްތަކަށް ގެއްލުން ދީފައެވެ.

15 ޖޫން 2025 | 07:23

އީރާނުގެ ހަމަލާތަކުން އިސްރާއީލުގެ ޔުނިވަރސިޓީއަކަށް ގެއްލުންވެއްޖެ: ރިޕޯޓު

އިސްރާއީލުގެ މެދުތެރޭގައި ހުންނަ ރެހޮވޮޓްގައި ހުރި ރިސަރޗް ޔުނިވަރސިޓީއެއް ކަމުގައިވާ ވައިޒްމަން އިންސްޓިޓިއުޓް އޮފް ސައިންސްއިން ބުނެފައިވަނީ އެތަނުގެ ވަސީލަތްތަކަށް އީރާނުގެ ހަމަލާތަކުން ގެއްލުން ލިބިފައިވާ ކަމަށެވެ.

ޔްނެޓް ނިއުސް އައުޓްލެޓުން ބުނެފައިވާ ގޮތުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. "ކެމްޕަހުގައި ހުރި އިމާރާތްތަކަށް އެތައް ހަމަލާއެއް އަމާޒުވެފައިވެއެވެ" އެ އިންސްޓިޓިއުޓުން ބުނެފައިވެއެވެ.

15 ޖޫން 2025 | 07:21

އިސްރާއީލުގެ ހަމަލާތައް ހުއްޓިއްޖެނަމަ، "އަޅުގަނޑުމެންގެ ޖަވާބުތައްވެސް ހުއްޓޭނެ": އީރާން

ތެހެރާނުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ ވިދާޅުވެފައިވަނީ އިސްރާއީލުން އެ ޤައުމަށް ދޭ ހަމަލާތައް ހުއްޓައިފިނަމަ، "އަޅުގަނޑުމެންގެ ޖަވާބުތައްވެސް ހުއްޓޭނެ" ކަމަށެވެ.

އަރާޤްޗީ މި ވާހަކަ ދެއްކެވީ ތެހެރާނުގައި ތިއްބެވި ޑިޕްލޮމެޓުންގެ ކުރިމަތީގައެވެ. މިއީ ހުކުރު ދުވަހު އިސްރާއީލުގެ ހަމަލާތައް ފެށުނު ފަހުން އެމަނިކުފާނު އާންމުކޮށް ފެނިވަޑައިގަތް ފުރަތަމަ ފަހަރެވެ.

"އަނިޔާވެރިކަން ހުއްޓިއްޖެނަމަ، އަޅުގަނޑުމެންގެ ޖަވާބުތައްވެސް ހުއްޓޭނެ،" އަރާޤްޗީ ވިދާޅުވިއެވެ.

15 ޖޫން 2025 | 05:12

އިސްރާއީލުން ބުނަނީ އިރާނުގެ ހުޅަނގު ސަރަޙައްދުގައި އިތުރު ޙަމަލާތަކެއް ދީފައިވާ ކަމަށް

އިސްރާއީލުގެ ސިފައިން ބުނެފައިވަނީ، ވޭތުވެދިޔަ އެއް ގަޑިއިރުގެ ތެރޭގައި "އިރާނުގެ ހުޅަނގު ސަރަޙައްދުގައި އިތުރު ޙަމަލާތަކެއްގެ ބުރެއް ނިންމާލާފައިވާ" ކަމަށެވެ. މި ޙަމަލާތައް އަމާޒުކޮށްފައިވަނީ މިސައިލް ރައްކާކުރާ ތަންތަނާއި، މިސައިލް ދޫކުރުމުގެ އިންފްރާސްޓްރަކްޗަރ އަށް ކަމަށް ބުނެފައިވެއެވެ.

15 ޖޫން 2025 | 05:07

އިރާނުން އިސްރާއީލުގެ އެކި ސަރަޙައްދުތަކަށް މިސައިލް ހަމަލާތަކެއްދީ، 8 މީހުން މަރާލައިފި

މެޑިކަލް އަދި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އިރާނުން އިސްރާއީލުގެ ހައިފާ އަދި ތެލްއަވީވް ފަދަ ސިޓީތަކަށް ހަމަލާދީ، މަދުވެގެން 8 މީހުން ވަނީ މަރާލައިފައެވެ.

މި ހަމަލާތައް ދިނީ އިސްރާއީލުގެ ބާރުތަކުން އިރާނުގެ އާންމު ރައްޔިތުންނާއި ހަކަތައިގެ ވަސީލަތްތަކަށް ބޮންއެޅުމަށްފަހު، ތެހެރާނުގައި ހުރި ޝަހުރާން ތެލުގެ ވަސީލަތުގައި އަލިފާން ރޯކުރުމަށްފަހުގައެވެ. އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އެމީހުން އަމާޒުކުރީ "އިރާނުގެ ވެރިކަމުގެ ނިއުކްލިއަރ ހަތިޔާރުގެ މަޝްރޫޢުއާ ގުޅުންހުރި" ތަންތަނަށް ކަމަށެވެ.

އިރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި، ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 80 މީހުން މަރުވެ، 800 މީހުން ޒަޚަމްވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި 20 ކުޑަކުދިން ހިމެނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، އޭނާއާއި ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕުޓިން އެއްބަސްވެފައިވަނީ އިސްރާއީލާއި އިރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަވެރި ޢަމަލުތައް ނިންމަންޖެހޭ ކަމަށެވެ.

އިރާނުން އެމެރިކާއާއެކު ކުރިއަށްގެންދިޔަ ނިއުކްލިއަރ މަޝްވަރާތަކުގެ ހަވަނަ ބުރު ވެސް ވަނީ ކެންސަލްކޮށްފައެވެ. އިރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވެފައިވަނީ އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ އެއްވެސް ޖަވާބެއް ނެތް ކަމަށެވެ.

15 ޖޫން 2025 | 02:54

އިރާނުން އިސްރާއީލަށް އާދިއްތަ ވިލޭރޭ ދިން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް

އިރާނުން އިސްރާއީލުގެ މެދު އަދި އުތުރު ސަރަޙައްދުތަކަށް އާދިއްތަ ވިލޭރޭ ދިން ހަމަލާތަކުގައި މަރުވި މީހުންގެ މައުލޫމާތު ހާމަ ވަމުން ދާއިރު ފާހަގަ ކުރެވެނީ:

ބަތު ޔަމް ގައި ތިން މީހުން މަރުވެފައިވެއެވެ - 69 އަހަރުގެ އަންހެނަކާއި، 80 އަހަރުގެ އަންހެނަކާއި، 10 އަހަރުގެ ކުއްޖެކެވެ - އަދި 100 މީހުން ޒަޚަމް ވެފައިވެއެވެ. އެއީ ތެލް އަވީވް މެޓްރޮޕޮލިޓަން ސަރަޙައްދުގެ ތެރޭގައި އޮންނަ ސިޓީއެކެވެ.

އުތުރުގައިވާ ތަމްރާ ސިޓީގެ ސަރަޙައްދަކަށް ވެސް ހަމަލާ އަރާފައިވާ ކަމަށާއި، މަދުވެގެން 5 މީހުން މަރުވެފައިވާކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

15 ޖޫން 2025 | 01:48

އީރާނުގެ ޑިފެންސް މިނިސްޓްރީ އަށް އިސްރާއީލުން ހަމަލާ ދީފި

އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްއާ ގުޅުންހުރި މީޑިއާ އައައުޓްލެޓެއް ކަމުގައިވާ ތަސްނީމް ނިއުސް އޭޖެންސީން ބުނެފައިވަނީ އިސްރާއީލުގެ ހަމަލާއެއް ތެހެރާނުގައި ހުރި އެ ގައުމުގެ ދިފާއީ މިނިސްޓްރީއަށް އަމާޒުވެފައިވާ ކަމަށެވެ.

މި ހަމަލާގައި މިނިސްޓްރީގެ މައި އޮފީސް އިމާރާތްތަކުގެ ތެރެއިން އެއް އިމާރާތަށް ކުޑަ ގެއްލުމެއް ލިބުނު ކަމަށް އެ އޭޖެންސީން ރިޕޯޓު ކޮށްފައިވެއެވެ.

މީގެ އިތުރުން، ވަކި އެހެން ހަމަލާއެއްގައި މިނިސްޓްރީގެ ދިފާއީ އައު އީޖާދުތަކާއި ދިރާސާތަކުގެ އިދާރާ އަށް ވެސް ހަމަލާ ދެވުނު ކަމަށް އެ އޭޖެންސީން އިތުރަށް ބުނެފައިވެއެވެ.

15 ޖޫން 2025 | 01:34

އާދިއްތަ ވިލޭރޭ އިސްރާއީލާއި އީރާން ހަނގުރާމައިގެ ގަދަފަދަ ހަމަލާތައް ބަދަލުކޮށްފި

އާދީއްތަ ދުވަހުގެ ރޭ ފެނިގެން ދިޔައީ އީރާނުން އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދިނުމާއި، އަދި އިސްރާއީލުން އީރާނަށް ހަމަލާތަކެއް ދިނުމެވެ.

މިއީ އެންމެ ފަހުގެ މުހިންމު ކުރިއެރުންތަކެވެ:

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި އީރާނުގެ މިސައިލް ހަމަލާތައް ފެށުނީ ގާތްގަނޑަކަށް ރޭގަނޑު 23:05 ގައެވެ.

އީރާނުގެ ސަރުކާރުގެ ޓީވީން ބުނި ގޮތުގައި 100 މިސައިލް ދޫކޮށްލެވުނެވެ، މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ތެލް އަވީވް އާއި ހައިފާއަށެވެ.

ރޭގަނޑު 23:11 ގައި، އިސްރާއީލުން އިޢުލާނުކުރި ގޮތުގައި މިސައިލްތައް ހުއްޓުވުމަށް މަސައްކަތް ކުރަމުން، އެމީހުން ވެސް ތެހެރާންގެ ސިފައިންގެ އަމާޒުތަކަށް ހަމަލާ ދިން ކަމަށެވެ.

ތެހެރާންގެ ޝަހްރާން ތެޔޮ ޑިޕޯއަކާއި ތެޔޮ ޓޭންކަކަށް ހަމަލާ ދެވިފައިވެއެވެ، ނަމަވެސް އޮފިޝަލަކު ބުނާ ގޮތުގައި ހާލަތު "ކޮންޓްރޯލްގެ ދަށުގައި" ވެއެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އީރާނުގެ ހަމަލާތަކުގައި މަދުވެގެން އިސްރާއީލުން 6 މީހުން މަރުވެ، 7 މީހުން ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ.

14 ޖޫން 2025 | 21:13

އިސްރާއީލުން ތެހެރާން ކައިރީގައިވާ ތެޔޮ ޑިޕޯއަކަށް ހަމަލާދީފި ކަމަށް އީރާނުން ބުނެފި

ތެހުރާނުގެ ހުޅަނގު އުތުރުގައިވާ ޝަހްރާން ތެޔޮ ޑިޕޯއަށް އިސްރާއީލުން ހަމަލާދިންކަމަށް އީރާނުން ބުނެފިއެވެ. ނަމަވެސް މިހާރު އެ ހާލަތު ކޮންޓްރޯލްގެ ދަށުގައިވާ ކަމަށްވެސް އެ ޤައުމުން ބުނެފައިވެއެވެ.

މީގެ ކުރިން، މީޑިއާ އިން ރިޕޯޓުކޮށްފައިވާނީ އިސްރާއީލުން ބުޝެހުރާ ކައިރީގައިވާ ގޭސް ފީލްޑަކަށާއި އަބާދާން ގައިވާ ތެޔޮ ރިފައިނަރީ އަކަށް ހަމަލާދިން ކަމަށެވެ.

14 ޖޫން 2025 | 20:16

އީރާނުން މިސައިލްތަކެއްގެ ހަމަލާ އެއް އަންނަ ކަމަށް އިސްރާއީލުން ބުނެފި

އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ އީރާނުން ދޫކޮށްލި މިސައިލްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އިތުރު އެންގުމަކާ ހަމައަށް އިސްރާއީލުގެ ރައްޔިތުންނަށް ރައްކާތެރި ސަރަޙައްދު ތަކަށް ވަނުމަށް އަންގާފައިވެއެވެ.

14 ޖޫން 2025 | 19:43

އިސްރާއީލުން އިރާނަށް ހަމަލާ ދިނުމަށް، އިރާގުގެ ވައިގެ ސަރަހައްދު ބޭނުން ކުރާތީ އިރާގުން އެކަން ކުށްވެރި ކޮށްފި

އިސްރާއީލުން އިރާނަށް ހަމަލާދެމުންދާއިރު، އިރާގުގެ ވައިގެ ސަރަޙައްދަށް ވަނުން އިރާގުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އިރާގުގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

އިރާގު ނިއުސް އޭޖެންސީގެ ޚަބަރެއްގައި، އެ ޤައުމުގެ ސިފައިންގެ އެންމެ އިސްވެރިޔާ ވިދާޅުވި ކަމަށް އޮންނަނީ އިރާގުގެ ވައިގެ ސަރަހައްދަށް އިސްރާއީލުން ވަދެގަތުމާއި، އެ ސަރަޙައްދު ބޭނުންކޮށްގެން އިސްރާއީލުން އިރާނަށް ނުވަތަ އެހެން އަވައްޓެރި ޤައުމުތަކަށް ހަމަލާ ދިނުން އިރާގު ސަރުކާރުން ފުރިހަމައަށް އިންކާރުކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ އިރާގު ސަރުކާރުން މިި ހުރިހާ "ޣައިރު ޤާނޫނީ" ޢަމަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށާއި، މިއީ އިރާގުގެ މިނިވަންކަމާއި ބައިނަލްއަޤްވާމީ ޤާނޫނުގެ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފުވުމެއް ކަމަށް ދެކޭ ކަމަށެވެ. އަދި މ އަދި މިކަމުގެ ސަބަބުން ސަރަޙައްދުގެ އަމާންކަމާއި ސުލްޙައަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

14 ޖޫން 2025 | 19:30

އީރާނުގެ ރައީސް ޕެޒެޝްކިއަން ސަޢޫދީ އަރަބިއްޔާގެ ބިން ސަލްމާނާ ވާހަކަދައްކަވައިފި

އައިއާރްއެންއޭ އިން ރިޕޯޓުކުރާ ގޮތުގައި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވަނީ ސަޢޫދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނާ ފޯނުން ވާހަކަދައްކަވާފައެވެ.

"ރައީސްކަމުގެ މަޤާމާ ހަވާލުވީއްސުރެ އަޅުގަނޑު މަސައްކަތްކޮށްފައިވަނީ މި ސަރަޙައްދުގައި ސުލްޙަ، ހަމަޖެހުން އަދި ރައްކާތެރިކަން ވަރުގަދަކުރުމަށެވެ. ނަމަވެސް އަޅުގަނޑުމެން އެކަން ހާސިލުކުރަން ބޭނުންވި ކޮންމެ ދިމާލަކުން ޒަޔަނިސްޓު ވެރިކަމުން ވަނީ ހުރަސްއަޅައި އޮޅުވާލާފައެވެ،" ޕެޒެޝްކިއަން ވިދާޅުވިކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ރިޔާޟް އާއި ތެހެރާން އާ ދެމެދު ކުރިން ހީނަރުވި ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އަހަރުތަކެއް ވަންދެން ދެޤައުމުގެ ދެމެދުގައި ޢަދާވާތްތެރި ކަމަށް ފަހު 2023 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުން ވަނީ އަލުން ޤާއިމު ކޮށްފައެވެ.

14 ޖޫން 2025 | 19:01

އިސްފަހާން ނިއުކްލިއަރ ސައިޓަށް ހުކުރު ދުވަހު ދެވުނު ހަމަލާގައި މުހިންމު ހަތަރު އިމާރާތަކަށް ގެއްލުންވި: އައިއޭއީއޭ

އައި.އޭ.އީ.އޭ އިން ބުނެފައިވަނީ އީރާނުގެ އިސްފަހާން ނިއުކްލިއަރ ސައިޓަށް ހުކުރު ދުވަހު އިސްރާއީލުން ދިން ހަމަލާގައި މުހިންމު ހަތަރު އިމާރާތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ޔުރޭނިއަމް ކޮންވާޝަން ފެސިލިޓީއަކާއި ފިއުލް ޕްލޭޓް އުފައްދާ ޕްލާންޓެއް ހިމެނެއެވެ.

"ނަތަންޒު އޭ އެއްގޮތައް، ސައިޓުން ބޭރަށް ރޭޑިއޭޝަން ފެތުރޭ ކަމަކަށް ނުބެލެވެއެވެ،" އެޖެންސީން އެކްސް ގައި ޕޯސްޓެއް ކޮށްފައިވެއެވެ.

14 ޖޫން 2025 | 18:50

ތަބްރީޒް އަދި އިސްފަހާންގައި ވައިގެ ދިފާއީ ނިޒާމުތައް އެކްޓިވޭޓް ކޮށްފި

އިސްރާއީލުގެ ހަމަލާތައް އަންނަމުން ދިއުމާއެކު ތަބްރީޒް އަދި އިސްފަހާން ގައި ވެސް ވައިގެ ދިފާއީ ނިޒާމުތައް އެކްޓިވޭޓްކުރެވިފައިވާ ކަމަށް އީރާނުގެ ނިއުސް އެޖެންސީ އަކުން ރިޕޯޓުކުރަމުންދެއެވެ.

މީގެ ކުރިން ރިޕޯޓުކުރި ގޮތުގައި، އިސްރާއީލުގެ ހަމަލާތައް އަންނަމުން ދިއުމާއެކު އީރާނުގެ ވެރިރަށް ތެހެރާން އަދި ބަނދަރު ސިޓީ ބަންދަރު އައްބާސް ގައި ވެސް އީރާނުގެ ވައިގެ ދިފާއީ ނިޒާމުތައް އެކްޓިވޭޓްކުރެވިފައިވެއެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އީރާނުގެ އެކި ސަރަހައްދުތަކުން ގޮވުމުގެ އަޑުތައް އިވެމުންދެއެވެ.

ކުޑައިރުކޮޅެއްގެ ކުރިން އިސްރާއީލުން ބުނެފައިވަނީ އެ ޤައުމުން އީރާނަށް އަމާޒުކޮށް އައު ހަމަލާތަކެއްގެ ދޭން ފަށާފައިވާ ކަމަށެވެ.

14 ޖޫން 2025 | 18:43

"މި ވަގުތުގައިވެސް، އެއަރ ފޯސްއިން އިރާނަށް ހަމަލާދެމުން ދަނީ" - އިސްރާއީލުގެ ސިފައިން

އިސްރާއީލު ޑިފެންސް ފޯސަސް (އައިޑީއެފް) ގެ ތަރުޖަމާނު، އެފީ ޑެފްރިން ގެ ފަރާތުން ބުނެފައިވަނީ، "މި ވަގުތުގައިވެސް، އެއަރ ފޯސްގެ ޕައިލެޓުން އިރާނުގެ އެކި ސަރަޙައްދުތަކަށް ފުޅާ ދާއިރާއެއްގައި ހަމަލާދީ، ޙަމަލާތައް ކުރިއަށް ގެންދަނީ އެވެ."

"ގާތްގަނޑަކަށް 40 ގަޑިއިރު ވަންދެން މެދުނުކެނޑި ކުރިއަށްދާ ޙަމަލާތަކުގެ ސިލްސިލާއެއްގައި 150 އަށްވުރެ ގިނަ އަމާޒުތަކަށް ޙަމަލާދެވިފައިވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޙަމަލާތަކުގެ އަމާޒަކަށްވީ ތެހެރާނެވެ،" އޭނާ އިތުރުކޮށްފައިވެއެވެ.

ޓެލެވިޜަނުން ދެއްކި ބްރީފިންގއެއްގައި، ޑެފްރިން ބުނެފައިވަނީ އިސްރާއީލުން އަމާޒުކޮށްފައިވަނީ "ބިމުން ބިމަށް ދޫކުރާ މިސައިލްތަކާއި ކްރޫޒް މިސައިލްތައް ރައްކާކޮށް، ދޫކުރުމަށް ބޭނުންކުރާ" އިރާނުގެ ހުޅަނގު ސަރަޙައްދުގައިވާ ބިމުގެ އަޑީގައިވާ ތަނަކަށް ކަމަށެވެ.

14 ޖޫން 2025 | 18:35

"އިސްރާއީލަށް 'ބޮޑު' ހަމަލާއެއް ގަޑިއިރުތަކެއްގެ ތެރޭގައި ދޭނެ: އީރާނުގެ މީޑިއާ

އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓު ކުރަމުން ދަނީ ގަޑިއިރުތަކެއްގެ ތެރޭގައި އިސްރާއީލާ ދެކޮޅަށް އީރާނުން "ބޮޑު އަދި ހަލާކުކުރަނިވި" ބަދަލުހިފުމުގެ ހަމަލާތަކެއް އީރާނުން ދޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ."

14 ޖޫން 2025 | 17:02

އިރާނުގެ ހުޅަނގު އުތުރުގައި 30 އަސްކަރީ މީހުންނާއި ރެޑް ކްރެސެންޓްގެ މުވައްޒަފެއް މަރުވެއްޖެ: ސަރުކާރުގެ މީޑިއާ

އިރާނުގެ ހުޅަނގު އުތުރުގައި އޮންނަ އީސްޓް އަޒަރްބައިޖާން ޕްރޮވިންސްގައި އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 30 އަސްކަރީ މީހުންނާއި ރެޑް ކްރެސެންޓްގެ މުވައްޒަފެއް މަރުވެއްޖެކަމަށް އިރާނުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.

މި ހަމަލާތަކުގައި އިތުރު 55 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

އެ ޕްރޮވިންސްގެ ގަވަރނަރު، ސަރުކާރުގެ ޓެލެވިޜަނަށް ވިދާޅުވި ގޮތުގައި މި ހަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ޕްރޮވިންސްގެ 19 ސަރަޙައްދަކަށެވެ. އޭގެ ތެރެއިން ގިނަ ހަމަލާތައް އަމާޒުކޮށްފައި ވަނީ އިސްރާއީލުގެ މައިގަނޑު އަމާޒަކަށް ވެފައިވާ އެ ޕްރޮވިންސްގެ ވެރިކަންކުރާ ރަށް ތަބްރީޒްއަށެވެ.

ގަވަރުނަރު ވިދާޅުވި ގޮތުގައި ތަބްރީޒް އަށް ދިން 12 ހަމަލާގެ އިތުރުން، ގިނަ އަވަށް ތަކަށް ވެސް ހަމަލާދީފައިވެއެވެ.

14 ޖޫން 2025 | 16:55

ސައޫދީ ވަލީއަހުދާއި އިނގިރޭސި ބޮޑުވަޒީރު "ނުރައްކާތެރި ޙާލަތާ" މެދު މަޝްވަރާ ކުރައްވައިފި

އިނގިރޭސި ބޮޑުވަޒީރު ކީރ ސްޓާމަރ ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާ ހޮނިހިރު ދުވަހުގެ މެންދުރުފަހު މެދު އިރުމަތީގެ ހާލަތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފިއެވެ.

ބީބީސީ އިން ބުނާ ގޮތުގައި "އެ ބޭފުޅުން މެދުއިރުމަތީގެ ނުރައްކާތެރި ޙާލަތާ މެދު މަޝްވަރާ ކުރައްވައި، ހަލަބޮލިކަން ކުޑަކުރަން ޖެހޭކަމަށް އެއްބަސްވެވަޑައިގަތެވެ."

14 ޖޫން 2025 | 16:53

ޕުޓިނާއި ޓްރަމްޕް މެދުއިރުމަތީގެ ހަލަބޮލިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި ކަމަށް ކްރެމްލިން ބުނޭ

ރަޝިޔާ އާއި އެމެރިކާގެ ރައީސުން އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ބެހޭގޮތުން އަލުން ފޯނުން މަޝްވަރާ ކުރައްވައިފި ކަމަށް ކްރެމްލިންގެ އިސް ފޮރިން ޕޮލިސީ އެޑްވައިޒަރ ޔޫރީ އުޝަކޮވް ވިދާޅުވި ކަމަށް ރަޝިޔާގެ ނޫސް އޭޖެންސީތަކުން ބުނެފައިވެއެވެ.

އުޝަކޮވް ވިދާޅުވި ގޮތުގައި ޕުޓިން އިސްރާއީލުން އީރާނަށް ދިން ހަމަލާތައް ކުށްވެރި ކުރެއްވިއެވެ. އަދި ދެ ލީޑަރުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭގޮތުން އަލުން މަޝްވަރާ ކުރުމަށް އިންކާރެއް ނުކުރައްވައެވެ.

އޭޖެންސީތަކުން އުޝަކޮވް އާ ހަވާލާދީ ބުނިގޮތުގައި ދެ ރައީސުން ގާތްގަނޑަކަށް 50 މިނެޓު ވާހަކަ ދައްކަވާފައި ވެއެވެ. އޭނާ މަޝްވަރާތައް ސިފަކުރެއްވީ މާނަހުރި އަދި ބޭނުންތެރި ވާހަކައެއްގެ ގޮތުގައެވެ.

14 ޖޫން 2025 | 16:49

މެދުއިރުމަތީގައި ހަލަބޮލިކަން އިތުރުވެދާނެ ކަމަށް ޖަރުމަނު ސަރުކާރުން އިންޒާރުދޭ

ޖަރުމަނުގެ ފޮރިން މިނިސްޓްރީން އެކްސް ގައި ނެރުނު ބަޔާނެއް ގައި، މެދުއިރުމަތީގައި އިތުރަށް ހަލަބޮލިކަން އުފެދުމަކީ ޙަޤީޤީގަތަކަށް ވެދާނެ ކަމެއްކަމަށް ބުނެފައިވެއެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ އިސްރާއީލުގެ އިތުރުން، ސައޫދީ އަރަބިއްޔާއަށާއި މުޅި ސަރަޙައްދަށް ވެސް އޮތް ނުރައްކަލެއް ކަމުގައެވެ.

މި ބަޔާން ނެރެފައިވަނީ ޖަރުމަނުގެ ފޮރިން މިނިސްޓަރ ސައޫދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅެއްގައި އެ ޤައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.

14 ޖޫން 2025 | 16:40

އިތުރު ހަމަލާ އެއް އިސްރާއީލުން ދީފިނަމަ 'މާ ހަރުކަށި' ޖަވާބެއް ދޭނެކަމުގެ އިންޒާރު އީރާނުގެ ރައީސް ދެއްވައިފި

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެފައިވަނީ އިސްރާއީލުން ހަމަލާތައް ކުރިއަށް ގެންދާނަމަ "މާ ހަރުކަށި" ޖަވާބެއް އީރާނުން ދޭނެ ކަމަށެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި ޕެޒެޝްކިއާން ވިދާޅުވެފައިވަނީ "ޒަޔަނިސްޓުންގެ [އިސްރާއީލުގެ] އަނިޔާވެރިކަން ކުރިއަށް ގެންދާނަމަ، އީރާނުގެ ހަތިޔާރުއެޅި ބާރުތަކުން މާ ހަރުކަށި އަދި ވަރުގަދަ ޖަވާބެއް ދޭނެ" ކަމަށެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އޭނާ މި ވާހަކަފުޅުތައް ދައްކަވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއެކު ކުރެއްވި ފޯނު ކޯލެއްގައެވެ.

14 ޖޫން 2025 | 16:33

އެމެރިކާ-އީރާން ނިއުކްލިއަރ މަޝްވަރާތައް ކެންސަލް

އާދީއްތަ ދުވަހަށް ހަމަޖެހިފައިވާ އެމެރިކާ-އީރާން ނިއުކްލިއަރ މަޝްވަރާތަކުގެ ދެން އޮތް ބުރު ކުރިއަށް ނުދާނެ ކަމަށް މެދުވެރިޔާގެ ދައުރު އަދާކުރާ އޮމާންގެ ޚާރިޖީ ވަޒީރު ބަދުރު އަލްބުސައިދީ ވިދާޅުވެއްޖެއެވެ.

"މި އާދީއްތަ ދުވަހު މަސްކަޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ އީރާން-އެމެރިކާ މަޝްވަރާތައް މިހާރު ނުބޭއްވޭނެ" ކަމަށް އެމަނިކުފާނު އެކްސް (ޓްވިޓަރ) ގައި ލިޔުއްވިއެވެ. "ނަމަވެސް ދެމެހެއްޓެނިވި ސުލްޙަ އަށް އޮތް ހަމައެކަނި މަގަކީ ޑިޕްލޮމަސީ އާއި ޑައިލޮގް އެވެ."

މީގެ ކުރިން، އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ މިހާރުގެ ޙާލަތަށް ބަލާއިރު އެމެރިކާ އާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ "ޖާއިޒުވެގެންވާ ކަމެއް ނޫން" ކަމަށެވެ.

14 ޖޫން 2025 | 16:20

އިސްރާއީލް-އީރާން ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތު

އިސްރާއީލް-އީރާން ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތު.....

އިސްރާއީލުން އީރާނަށް ހަމަލާތައް ދޭން ފަށާފައިވާއިރު، ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ މި ހަމަލާތައް "ބޭނުންވާހާ ހިނދަކު" ކުރިއަށް ގެންދާނެ ކަމަށެވެ.

ހުކުރު ދުވަހުގެ ފަތިހު ފެށުނު މި ހަމަލާތައް ކުރިއަށް ގެންގޮސްފައިވަނީ ރަނގަޅަށް ރޭވިގެން ކަމަށް ބެލެވެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އަސްކަރީ އަދި ސަރުކާރުގެ ތަންތަނަށެވެ. އަދި މީގެ ސަބަބުން އެތައް އިސް އަސްކަރީ ވެރިންނެއް މަރުވެފައިވެއެވެ. މީގެ ތެރޭގައި އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އިސްވެރިޔާ ހުސެއިން ސަލާމީ އާއި ހަތިޔާރުއެޅި ބާރުތަކުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބާޤިރީ ހިމެނެއެވެ. މީގެ އިތުރުން، އީރާނުގެ ފާހަގަކޮށްލެވޭ ނިއުކްލިއަރ ސައިންޓިސްޓުންވެސް މަރުވި މީހުންގެ ތެރޭގައި ހިމެނެއެވެ.

އިސްރާއީލުން ހުކުރު ދުވަހުގެ ފަތިހު އިރާނަށް ކުއްލި ހަމަލާއެއް ދިނީ، އީރާނާއި އެމެރިކާ ދެމެދު އިސްލާމިކް ރިޕަބްލިކްގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭ ގޮތުން 6 ވަނަ ބުރުގެ މަޝްވަރާތައް ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނިކޮށް މަޝްވަރާ ކޮށްގެން ކަންކަން ހައްލު ކުރަން ވެސް ފުރުސަތު ދިނުމެއް ނެތިއެވެ.

3 / 3