ޣައްޒާ ހިފުމަށް އިސްރާއީލުން ދެމުންދާ ހަމަލާތައް
އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން އަންނަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް ހަމަލާދެމުން.

ގައްޒާއަށް ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި ޝަހީދުވި މީހެއް ގެންދަނީ
ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ވަންނަނީ ދުވާލަކު 30ށް ޓްރަކް: ފަލަސްތީނިއަން ރެޑް ކްރެސެންޓް
ހޮނިހިރު ދުވަހު ޣައްޒާއަށް އެހީގެ ތަކެތި ހިފައިގެން 30 ޓްރަކް ވަދެފައިވާކަމަށް ފަލަސްތީނިއަން ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފިއެވެ.
އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އެހީގެ ޓްރަކްތައް ވަންނައިރު މިހާރު ވަދެފައިވާ ޓްރަކްތަކަށް ބަލާއިރު މިއީ ދުވާލަކަށް 30 ޓްރަކްކަމަށްވެސް އެޖަމާއަތުން ބުނެއެވެ.
ޖުމްލަ މިހާތަނަށް ވަދެފައިވަނީ 451 ޓްރަކެވެ. އދ ގެ ފަލަސްތީނިއަން އެޖެންސީން ބުނެފައިވާ ގޮތުގައި މިހާރު އާންމު ގޮތެއްގައ ޣައްޒާގެ ރައްޔިތަކު ދުވާލަކު ކަނީ އަރަބި ޕާނުގެ ދެ ޕާނެވެ. އަދި އިންތިހާއަށް ފެނަށް ވަނީ ޖެހިފައެވެ.
"ބައިޑަން، ޔޫ ކާންޓް ހައިޑް" - ވޮޝިންޓަން ޑީސީގައި އެތައް ހާސް ބަޔަކު އެއްވެއްޖެ
ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ތާއީދު ކުރައްވާތީ ވޮޝިންޓަން ޑީސީގައި ބޭއްވި ބޮޑު މުޒާހަރާއެއްގައި އެތައް ހާސް ބަޔަކު ނުރުހުން ފާޅުކޮށްފި އެވެ.
"ބައިޑަން، ބައިޑަން، ތިޔަބޭފުޅުންނަކަށް ސިއްރެއް ނުކުރެވޭނެ. އަޅުގަނޑުމެން ތިޔަބޭފުޅުންގެ މައްޗަށް ޖެނޯސައިޑްގެ ދައުވާ އުފުލަނީ،" މުޒާހަރާގެ ބައިވެރިން ހޮނިހިރު ދުވަހު އަޑުއުފުލި އެވެ.
މި މުޒާހަރާތައް ފަށާފައި މިވަނީ އިންސާނީ ހުއްޓުމެއް އަންނާނެ ކަމުގެ އުއްމީދުގައި އެއްވެސް ކުރިއެރުމެއް ލިބިފައިވޭތޯ ނޫސްވެރިން ސުވާލު ކުރުމުން ބައިޑަން "އާނއެކޭ" ވިދާޅުވެފައިވަނިކޮށެވެ.

އިނގިރޭސިވިލާތާއި އެމެރިކާގައި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ވަރުގަދަ މުޒާހަރާތަކެއް
އިނގިރޭސިވިލާތާއި އެމެރިކާގައި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ވަރުގަދަ މުޒާހަރާތަކެއް ކޮށްފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ދަނީ ފަލަސްތީނާއި އެކު ތިބިކަން އަންގާދިނުމަށް އަޑު އުފުލަމުންނެވެ. ޔޫރަޕްގެ ގައުމުތަކުގައި ހޮނިހިރު ދުވަހުކުރި މުޒާހަރާތަކުގައި މުސްލިމުން ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލާފައެވެ.
އަދި ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ހިންގާ ލާ އިންސާނީ ޢަމަލުތަކާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ.
ސިއްހީ ވަސީލަތްތަކާއި ތެޔޮ ނެތުމުން ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ކަންބޮޑުވުން ފާޅުކޮށްފި
އެކަށީގެންވާ ސިއްހީ ވަސީލަތްތަކާއި ތެޔޮ ނެތުމުން ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ތެލާއި ސިއްހީ ވަސީލަތްތައް ނުލިބި ފަލަސްތީނުގެ ހާލަތު ނާޒުކުރު ފައްތަރަކަށް ދާކަން އެ ގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ހާމަކުރި ނަމަވެސް އެކަމަށް ބައިނަލްއަޤުވާމީ މަޝްރަހުގައި އެކަށީގެންވާ އިޖާބަ އެއް ނުލިބެއެވެ.
ހޮނިހިރު ދުވަހުގެ ނިޔަލަށް ޣައްޒާފައި 150 މެޑިކަލް އޮފިސަރުން ވަނީ މަރާލާފައެވެ. އަދި 16 ހޮސްޕިޓަލާއި 32 ޕްރައިމަރީ ހެލްތް ކެއަރ ވަސީލަތް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ޣައްޒާ އިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފި
ޣައްޒާ އިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފިއެވެ.
ސީއެންއެންގެ ނޫސްވެރިންނާއި ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ އަށް ރޮކެޓް ހަމަލާ ޣައްޒާއިން އިސްރާއީލަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެންނަމަވެސް އޭގެ ތެރެއިން 6 ހަމަލާ ވީ ނާކާމިޔާބެވެ. ސަބަބަކީ އިސްރާއީލުން އެ ރޮކެޓްތައް ވައްޓާލުމެވެ.
ޣައްޒާގެ އާއްމުންނަށް ދެކުނުގެ ސަރަހައްދުތަކަށް ދާން ލިބޭނީ 4 ގަޑި އިރު - އައިޑީއެފް
އިސްރާއީލްގެ ލާއިންސާނީ ހަމަލާތަކުން ސަލާމަތްވުމަށް، ޣައްޒާގެ އާއްމުންނަށް ދެކުނުގެ ސަރަހައްދުތަކަށް ދާން ލިބޭނީ 4 ގަޑި އިރުކަމަށް އިސްރާއީލްގެ ޑިފެންސް ފޯރސް އިން ބުނެފިއެވެ.
ޣައްޒާގެ ދެކުނަށް ދާ އާއްމުންނަށް ބައެއް މަގުތަކުން ދިއުމަށް ފުރުސަތު ދޭނެ ކަމަށާއި، އަމިއްލަ ނަފްސާއި މެދު ވިސްނާ ނަމަ އުތުރު ޢައްޒާ ދޫކޮށް ދިއުމަށް އިސްރާއީލުން ވަނީ އިންޒާރުދީފައެވެ.
ޖަލަބިއްޔާ ކޭމްޕަށް ބޮން އެޅުން - މަދުވެގެން 15 މީހުން މަރުވި
ޔަހޫދީ ޒަޔަނިސްޓުން އުފައްދައިގެން އުޅޭ އިސްރާއީލޭ ކިޔުނު ދައުލަތުން، އެންމެ ހަފުތާއެއްގެ ތެރޭގައި ތިންވަނަ ފަހަރަށް ޣައްޒާގެ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް ބޮން އަޅާފައި ވަނީ ހޮނިހިރު ދުވަހުއެވެ. އެ ހަމަލާގައި މަދުވެގެން 15 މީހުން ވަނީ މަރާލާފަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފަލަސްތީނުގައި މަރުވި މީހުންގެ އަދަދު 9448 އަށް އަރައިފި
ފަލަސްތީނުގައި މަރުވި މީހުންގެ އަދަދު 9448 އަށް އަރައިފިއެވެ. އެކަން ހާމަކުރީ ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިންނެވެ. ފަލަސްތީނުގައި ހިނގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް އެތައް ހާސް ބަޔަކު ދަނީ އަޑު އުފުލަމުންނެވެ.
އިސްރާއީލުން ރޭވެސް ވަރުގަދަ ހަމަލާތަކެއް ޣައްޒާގެ އެކި ތަންތަނަށް އަމާޒުކޮށް ދީފި
އިސްރާއީލުން ވައިގެ މަގުން ރޭގައިވެސް ޣައްޒާގެ އެކި ތަންތަނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
ފަލަސްތީނިއަން ސްޓޭޓް ނިއުސް އެޖެންސީ ވަފަރ އިން ބުނެފައިވާ ގޮތުގައި ޣައްޒާގެ ހުޅަނގުގައި އޮންނަ އަލް ނަސްރް، ޖަބާލިޔާ، ބެއިތު ހަނޫނު، އަދި އުތުރުގައި އޮންނަ ބެއިތު ލަހިޔާ އާއި ޣައްޒާ ސިޓީގައި އޮންނަ ތަނަކަށް އަމާޒުކޮށް ހަމަލާދީފައިވެއެވެ.
މީގެއިތުރުން އިންޑޮނޭޝިއަން ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާދީފައިވާއިރު މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނަ ނުސްރަތު އަދި ބުރުޖު ކޭމްޕަށް އަމާޒުކޮށްވެސް ހަމަލާތައް ދީފައިވެއެވެ.
އަދި ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސް އަށް ހަމަލާދީފައިވެއެވެ.
ވަފަރ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހަމަލާތަކުގައި އެތައް ބަޔެއްގެ ފުރާނަ ގެއްލިފައިވާއިރު އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ނަމަވެސް އަދަދެއް ހާމަކޮށްފައެއްނުވެއެވެ.
ވަރަށް އަވަހަށް އިސްރާއީލުގެ ހަމަލާތައް މަދުވާނެކަމަށް ބެލެވޭ: ސީއެންއެން
އެމެރިކާގެ ސީނިއަރ އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލު އަސްކަރިއްޔާއިން ޣައްޒާއަށް އަމާޒުކޮށް ދޭ ހަމަލާތައް ވަރަށް އަވަހަށް މަދުވާނެކަމަށް ބެލެވެއެވެ.
ވައިގެ ހަމަލާތައް މަދުކޮށް ޣައްޒާއަށް އެއްގަމު މަގުން އެތެރެވުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރާނެކަމަށް ވަނީ ބުނެފައެވެ.
އިސްރާއީލުން ހަމަލާދިން އެމްބިޔުލަންސް ބޭނުންކުރަނީ ހަމާސް އިންކަމަށް އިސްރާއީލުން ބުނާ ބުނުން ޣައްޒާއިން ދޮގުކޮށްފި
އަލް ޝިފާ ހޮސްޕިޓަލުގެ ގޭޓްކައިރީގައި އޮތް އެމްބިޔުލަންސަކަށް އަމާޒުކޮށް ހަމަލާދިނުމަށްފަހު އެއީ ހަމާސް އިން ބޭނުންކުރާ އެމްބިޔުލަންސް އެއްކަމަށް އިސްރާއީލުން ބުނި ބުނުން ޣައްޒާގެ ހެލްތު މިނިސްޓްރީގެ ސްޕޯކްސްމަން ދޮގުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގެ ސްޕޯކްސްމަން ވިދާޅުވީ އެއީ ހަމާސްއިން ބޭނުންކުރާ އެމްބިޔުލަންސް އެއް ނޫންކަމަށާއި މިއަދު އެކަނިވެސް ދެ އެމްބިޔުލަންސަކަށް އިސްރާއީލުން ހަމަލާދީފައިވާކަމަށެވެ.
ފުރަތަމަ ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގައި އޮތް އެމްބިޔުލަންސަކަށެވެ. އެހަމަލާގައި ޑްރައިވަރާއި ޕެރަމެޑިކް އަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އަދި ޕެރަމެޑިކަށް ލިބުނު ސީރިއަސް އަނިޔާތަކާއި ގުޅިގެން އޭނާއަށް އަންނަނީ ފަރުވާދެމުންނެވެ.
އޭގެފަހުން ދެވަނަ އެމްބިޔުލަންސަށް ހަމަލާދިނީ އަލް ޝިފާ ހޮސްޕިޓަލުގެ ގޭޓްކުރިމަތީގައި އޮއްވައެވެ. އެހަމަލާގައި 15 މީހުން ޝަހީދުވިއިރު 16 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ޣައްޒާގެ އުތުރަށް ދެމުންދާ ހަމަލާތަކުން ސަލާމަތްވުމަށް ދެކުނަށް ދަތުރުކުރަމުންދިޔަ ބަޔަކަށް އިސްރާއީލުން ހަމަލާދީ 14 މީހުން ޝަހީދުކޮށްލައިފި
ޣައްޒާގެ އުތުރަށް މެދުކެނޑުމެއްނެތި އިސްރާއީލުން ދެމުންދާ ހަމަލާތަކުން ސަލާމަތްވުމަށް ދެކުނަށް ދަތުރުކުރަމުންދިޔަ ބަޔަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީ 14 މީހުން ޝަހީދުކޮށްލައިފިއެވެ.
ވީޑިއޯ ސޯޝަލް މީޑިޔާގައި އާންމުވެފައިވާއިރު ވީޑިއޯއިން ފެންނަނީ މަގުމަތީގައި އެކި ހިސާބުތަކުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.
ހަމަލާތަކުގެ ސަބަބުން އެންމެ ބޮޑެތި ޒަޚަމްތައް ލިބިފައިވާ 800 މީހުންނަށް މިހާރުން މިހާރަށް ޣައްޒާއިން ބޭރުގައި ފަރުވާލިބެންޖެހޭ
އިސްރާއީލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެންމެ ބޮޑެތި ޒަޚަމްތައް ލިބިފައިވާ 800 މީހުންނަށް ޣައްޒާގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ދެން އިތުރު ފަރުވާއެއް ނުދެވޭނެކަމަށާއި އެމީހުން މިހާރުން މިހާރަށް ޣައްޒާއިން ބޭރުކުރެވޭނެ ގޮތެއް ހޯދަންޖެހޭކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ބޮޑެތި ޒަޚަމްތައް ލިބިފައިވާ މީހުންނަށް އެދެވޭ ފަރުވާއެއް ނުލިބުމުގެ ސަބަބުން އަންނަނީ މަރުވަމުންނެވެ.
އިމާރާތްތަކުގެ ދަށުގައި 1200 ކުޑަކުދިން ތިބިކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފި
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް 1200 ކުޑަކުދިންވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީގެ ސްޕޯކްސްޕާސަން ބުނެފިއެވެ.
މިހާތަނަށް އައިއިރު 25 އެމްބިޔުލަންސެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު 126 ހޮސްޕިލަކަށް އަމާޒުކޮށް އިސްރާއީލުން ވަނީ ހަމަލާތައް ދީފައެވެ.
ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަންވަންދެން ހަނގުރާމަ ހުއްޓާނުލުމަށް އެމީހުންގެ އާއިލާތަކުން ގޮވާލައިފި
ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަންވަންދެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލުމަށް އެ މީހުންގެ އާއިލާތަކުން ގޮވާލައިފިއެވެ.
އިސްރާއީލުން އެންމެ ފަހުން ބުނެފައިވަނީ ހަމާސްގެ ބެލުމުގެ ދަށުގައި 241 މީހުން ތިބިކަމަށެވެ. އެމީހުންގެ އާއިލާތަކުން އަންނަނީ ސަލާމަތުން އެމީހުން އަނބުރާ ގެނައުމަށް އިސްރާއީލުގެ ސަރުކާރަށް ގޮވާލަމުންނެވެ.
ޣައްޒާ އާއި ހުޅަނގު އައްސޭރިއަށް 1.2 ބިލިއަން ޑޮލަރުގެ އެހީ ބޭނުންވޭ: އދ
ހުޅަނގު އައްސޭރި އާއި ޣައްޒާގައި ދިރިއުޅޭ 2.7 މިލިއަން މީހުންނަށް އެހީގެ ގޮތުގައި 1.2 ބިލިއަން ޑޮލަރު ބޭނުންވާކަމަށް އދން ބުނެފިއެވެ.
އދ ގެ ހިޔުމެނިޓޭރިއަން އޮފީހުން ބުނެފައިވަނީ ޣައްޒާގެ ހާލަތު އަންނަނީ އިތުރަށް ގޮސްވަމުންނެވެ. އެންމެ ކުރިން އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހު އެޖަމާއަތުން ވަނީ 294 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ބޭނުންވާކަމަށް ބުނެފައެވެ.
ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާ ދީފި
ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލަށް އަމާޒުކޮށް ޔަހޫދީ އިސްރާއީލުން ހަމަލާ ދީފިއެވެ. އެ ސަރަހައްދަން ދިން ބޮމުގެ ހަމަލާގައި ގިނަ ބަޔަކު މަރާލާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރޭ. މިއީ ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ސަރަހައްދެއް.
ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލަށް ދިން ހަމަލާގައި އެތައް ބަޔަކު މަރާލައިފި
ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލަށް ދިން ހަމަލާގައި އެތައް ބަޔަކު މަރާލައިފިއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ރަފަހް ބޯޑަރު ހުރަސްކޮށް މިސްރަށްދާ އެމްބިއުލާންސްތަކަށް އަމާޒުކޮށްގެން.
ޣައްޒާއަށް އެއްގަމު މަގުން އެރުމަށް ދެމުންދާ ހަމަލާތަކުގައި މަރުވި އިސްރާއީލު ސިފައިންގެ އަދަދު 23ށް އަރައިފި
އިސްރާއީލުގެ ހަމަލާތައް އަލް ގުދުސް ހޮސްޕިޓަލަށް އަމާޒުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެފި
އިސްރާއީލުން މިއަދުގެ ހަމަލާތައް އަލް ގުދުސް ހޮސްޕިޓަލަށް އަމާޒުކޮށްފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.
މިއީ ޣައްޒާ ސިޓީގެ ހުޅަނގުގައި ހުންނަ ތަނެކެވެ. ހަމަލާތައް ދޭން ފެށިފަހުން އެތައް ފަހަރަކު އެތަނަށް އަމާޒުކޮށް ހަމަލާދީފައިވެއެވެ.
ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ހޯދުމަށް އެމެރިކާއިން ޣައްޒާގެ މަތީގައި ޑްރޯން ދުއްވާތާ ހަފްތާއެއްވެއްޖެ
ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ހޯދުމަށް އެމެރިކާއިން ޣައްޒާގެ މަތީގައި ސަރވިއަލަންސް ޑްރޯން ދުއްވާކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ އޮފިޝަލުން ރޮއިޓަރސް އަށް މައުލޫމާތު ދެމުންބުނީ ޑްރޯން ޣައްޒާ މަތިން އުދުއްސާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ.
އެމެރިކާގެ 10 ރައްޔިތުން އަދިވެސް ހަމާސްގެ ބެލުމުގެ ދަށުގައި ތިބިކަމަށް ބެލެވެއެވެ. 200ށް ވުރެ ގިނަ އަސީރުން ހަމާސްގެ ބެލުމުގެ ދަށުގައ ތިބިއިރު ގަބޫލުކުރެވޭ ގޮތުގައި އެމީހުން ބައިތިއްބާފައި ތިބީ ހަމާސް އިން ޣައްޒާގައި ހަދާފައިވާ ބިންގަރާސްތަކުގައެވެ.
ޣައްޒާ ސިޓީ ވަށާލާފައިވާކަމަށް އިސްރާއީލުން ބުނާބުނުމަށް ހަމާސް އިން ރައްދުދީފި
ޣައްޒާއަށް އެއްގަމު މަގުން އެރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތުގައި މިހާރު ޣައްޒާ ސިޓީ ވަށާލެވިފައިވާކަމަށާއި ހަމާސް ގާއިމުވެފައިވާ މައި ހިސާބަށް އާދެވިފައިވާކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނި ބުނުމަށް ހަމާސް އިން ރައްދުދީފިއެވެ.
އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ ހަމާސްގެ އަތްދަށުގައި ތިބި އެންމެން އަނބުރާ ގެނެވޭނެކަމަށެވެ. އަދި އެކަންކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާކަމަށެވެ.
އެކަމަށް ރައްދުދެމުން ހަމާސްގެ ބައްސާމް ބްރިގޭޑުން ބުނެފައިވަނީ ޣައްޒާ ތެރެއަށް ވަނުމަށް މަސައްކަތްކުރާ އިސްރާއީލު ސިފައިން ގެއަށް ފޮނުވާލާނީ ކަޅު ދަބަސްތަކެއްގައި ކަމަށެވެ.
މިހާތަނަށް އައިއިރު އިސްރާއީލު އަސްކަރިއްޔާގެ 300ށް ވުރެ ގިނަ މީހުން މަރާލާފައިވާކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.
އިސްރާއީލުން ޣައްޒާ އާއި ލުބުނާންގައި ވައިޓް ފޮސްފޮރަސް ބޭނުންކޮށްފައިވޭ: އެމްނެސްޓީ އިންޓަރނޭޝަނަލް
އޮކްޓޯބަރ މަހުގެ 10،11،16 އަދި 17 ވަނަ ދުވަހު އިސްރާއީލުން ޣައްޒާ އާއި ލުބުނާނަށް ދިން ހަމަލާތަކުގައި ހަނގުރާމައިގައި ބޭނުން މަނާކޮށްފައިވާ ވައިޓް ފޮސްފޮރަސް ބޭނުންކޮށްފައިވާކަމަށް ތަހުގީގުތަކުން ހާމަވާކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެފިއެވެ.
އާންމުންނާ ދެކޮޅަށް ވައިޓް ފޮސްފޮރަސް ބޭނުންކޮށްފައިވާކަމަށާއި މިއީ ކަންބޮޑުވާކަމެއްކަމަށް އެޖަމާއަތުން ބުނެއެވެ. މިކަން އިތުރަން ތަކުރާރުވެގެން ނުވާނެކަމަށްވެސް އެޖަމާއަތުން ބުނެފައިވެއެވެ. އާންމުންނާ ދެކޮޅަށް ވައިޓް ފޮސްފޮރަސް ބޭނުންކުރުމަކީ މަނާކަމެކެވެ.
އިސްރާއީލަށް 14.3 ބިލިއަން ޑޮލަރު އެހީގެ ގޮތުގައި ދިނުމަށް އެމެރިކާގެ ހައުސްއިން ފާސްކޮށްފި
ލުބުނާނުން އިސްރާއީލާ ދެކޮޅަށް ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް ލުބުނާނުގެ އިދިކޮޅު ލީޑަރު ގޮވާލައިފި
ލުބުނާނުގެ ދެކުނު ސަރަހައްދުގައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ހިޒްބުﷲ ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަނުކުރުމަށް ލުބުނާނުގެ އިދިކޮޅު ޕާޓީ ލެބަނީޒް ފޯރސެސް ޕާޓީގެ ލީޑަރ ސާމިރު ގޮވާލައްވައިފިއެވެ.
ހިޒްބުﷲގެ ލީޑަރ ނަސްރުﷲ ފުރަތަމަ ފަހަރަށް މިކަމާ ގުޅޭގޮތުން ހުކުރު ދުވަހު ވާހަކަދައްކާނެކަމަށް ވަނީ ބެލެވިފައެވެ. އެއާގުޅުވައި ސާމިރު ބުނެފައިވަނީ މިއީ ހަނގުރާމައިގެ ތެރެއަށް ލުބުނާން ވަންނަންވީ ވަގުތު ނޫންކަމަށެވެ.
ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ވަރުގަދަ ހަމަލާ ބަދަލުކުރުންތަކެއް އަންނަނީ ހިނގަމުންނެވެ.
ސާމިރު އަކީ މީގެކުރިން ލުބުނާންގައި ހިނގި ހަނގުރާމައިގައި ހިޒްބުﷲ އާއި ފަލަސްތީނުގެ ގްރޫޕްތަކާއި ދެކޮޅަށް ހަނގުރާމަކުރި ކޮމާންޑަރެކެވެ.
އިސްރާއީލު ސިފައިންގެ ދެ މީހުން މިއަދު މަރާލާފައިވާކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެފި
ޣައްޒާއަށް އެއްގަމު މަގުން އެރުމަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އަންގާރަ ދުވަހުގެ ފަހުން މަރުވި ސިފައިންގެ އަދަދު 20ށް އަރާފައިވާކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެފިއެވެ.
މިއަދު ދެމީހުން މަރުވެފައިވާކަމަށް ބުނެފައެވެ.
ޣައްޒާއަށް ތެޔޮ އެތެރެކުރުމުގެ އެއްވެސް ވިސްނުމެއްނެތް: އިސްރާއީލުގެ ބޮޑުވަޒީރު އޮފީސް
ޣައްޒާއަށް އެހީގެ ތަކެތި އެތެރެކުރެވުނުނަމަވެސް ތެޔޮ އެތެރެކުރުމުގެ ހުއްދަ ދިނުމާއި ގުޅޭ އެއްވެސް ޕްލޭނެއް އަދި އެކަމުގެ ވިސްނުމެއްވެސް ނުގެންގުޅޭކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު އޮފީހުން ބުނެއެވެ.
ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ބުނެފައިވަނީ ޣައްޒާގެ ހޮސްޕިޓަލުތަކުގެ ހާލަތު ގާތުން މޮނިޓަރކުރަމުންދާކަމަށެވެ. އަދި ޣައްޒާއަށް ތެޔޮ އެތެރެކުރުމާމެދު ބަލަމުންދާކަމަށާއި ނަމަވެސް ހަމާސް އާ ހަަމައަށް ތެޔޮ ނުދޭތޯ ގާތުން މޮނިޓަރކުރަމުންދާނެކަމަށެވެ.
ނަމަވެސް އޭގެ ގަޑިއިރެއް ފަހުން އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވަނީ އެފަދަ އެއްވެސް ޕްލޭނެއް ނެތްކަމަށެވެ.
މިއަދު ޣައްޒާއަށް 120 ޓްރަކްގެ އެހީގެ ތަކެތި އެތެރެކުރެވުނު: ފަލަސްތީނު ރެޑް ކްރެސެންޓް
މިއަދު ފަލަސްތީނަށް 102 ޓްރަކްގެ އެހީގެ ތަކެތި އެތެރެކުރެވުނުކަމަށާއި ނަމަވެސް އޭގެތެރޭގައި ތެޔޮ ނުހިމެނޭކަމަށް ފަލަސްތީނު ރެޑް ކްރެސެންޓުން ބުނެފިއެވެ. ތެޔޮ އެތެރެކުރުމުގެ ހުއްދަ އިސްރާއީލުން ދީފައިނުވާތީ ތެޔޮ އަދިވެސް އެތެރެނުކުރެވެއެވެ.
އިސްރާއީލާ ދެކޮޅަށް ކުރިޔަށްގެންދާ އޮޕަރޭޝަން ކާމިޔާބު: ހަމާސް
އިސްރާއީލު އަސްކަރިއްޔާ އާ ދެކޮޅަށް ހަމާސްގެ އަސްކަރީ ވިންގް ބައްސާމް ބްރިގޭޑުން ކުރިޔަށްގެންދާ އޮޕަރޭޝަން ކާމިޔާބުކަމަށް ހަމާސްގެ ސްޕޯކްސްމަން އަބޫ އުބައިދާ ބުނެފިއެވެ.
ޓެލެގްރާމް ޗެނަލްގައި ޝެއަރކޮށްފައިވާ އޯޑިއޯ މެސެޖެއްގައި ބުނެފައިވަނީ އިސްރާއީލު ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރާލާފައިވާކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ދީފައެއްނުވެއެވެ.
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ފަލަސްތީނު ޓީވީގެ ނޫސްވެރިއެއް ޝަހީދުކޮށްލައިފި
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ފަލަސްތީނު ޓީވީގެ ކަރެސްޕޮންޑެންޓެއް ޝަހީދުކޮށްލައިފިއެވެ. މިއާއެކު މިހަނގުރާމައިގައި މަރާލެވުނު ނޫސްވެރިންގެ އަދަދުވަނީ 36ށް އަރާފައެވެ.
އިސްރާއީލު ސިފައިން ޣައްޒާ ސިޓީ ވަށާލާފައިފި
އިސްރާއީލުގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ އިސްރާއީލް ސިފައިން ޣައްޒާ ސިޓީ ވަށާލާފައިވާ ކަމަށާއި ހަނގުރާމަވެރިންނަށް އެއްވެސް ދިމާއަކުން އެތެރެވެސް އަދި ބޭރުވެސް ނުވެވޭނެކަމަށެވެ.
ތަރުޖަމާނު ޑެނިއަލް ހަގާރީ ވިދާޅުވީ ހަމާސް ރޫޅާލުމަށް އިސްރާއީލުން ކުރަމުންދާ ކެމްޕޭނުގެ ދަށުން ޣައްޒާ ސިޓީގެ ވަށައިގެން އައިޑީއެފްގެ ސިފައިން އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވީ އިސްރާއީލު ސިފައިން ސީދާ ހަމާސްގެ ހަނގުރާމަވެރިންނާ ދިމާކޮށް ބަލިކުރަމުންދާ ކަމަށެވެ.
ހަގާރީ އިތުރަށް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ ވިސްނުން މުޅިން ބޭރުގައި އޮތް އިރު، އިސްރާއީލުން ވިސްނަނީ ހަނގުރާމަވެރި ޖަމާއަތުގެ ހަރަކާތްތަކުގެ މަރުކަޒުގެ ގޮތުގައި ޣައްޒާ ސިޓީގައި ހުރި ހަމާސްގެ މުދަލާއި ސިފައިން ނައްތާލުމަށެވެ.
ާޣައްޒާގެ 46 އިންސައްތަ ހޮސްޕިޓަލް މިހާރު ބޭނުންނުކުރެވޭ
ޣައްޒާގެ 35 ހޮސްޕިޓަލްގެ ތެރެއިން 16 ހޮސްޕިޓަލް މިހާރު އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ކަމަށް އެގައުމުގެ އިދާރާތަކުން ވަނީ ހިއްސާކޮށްފައެވެ.
ގިނަ އަދަދެއްގެ ހޮސްޕިޓަލްތައް އިސްރާއިލްގެ ހަމަލާތަކުގެ ސަބަބުން ފުނޑުފުނޑުވެގެން ދިޔަ އިރު، އަނެއް ބައި ހޮސްޕޮޓަލްތަކަކީ ތެޔޮ ނުލިބުމުގެ ސަބަބުން، ކަރަންޓު ކެނޑި، ބޭނުން ނުކުރެވޭ ވަރު ވެފައިހުރި ހޮސްޕިޓަލްތަކެވެ. މީގެ ތެރޭގައި ޣައްޒާގައި ހުރި ހަމަ އެކަނި ކެންސަރު ހޮސްޕިޓަލްވެސް ހިމެނެއެވެ.
މިހާރު ޣައްޒާގައިހުރި އެންމެ ބޮޑު ދެ ހޮސްޕިޓަލަށްވެސް ވަނީ މިބިރު ކުރިމަތިވެފައެވެ.
އިސްރާއީލާއި ލުބުނާނުގެ ބޯޑަރުގައި ކުރިމަތިލުންތައް ވަނީ އިތުރުވެފައި
އިސްރާއީލާއި ލުބުނާނުގެ ބޯޑަރުގައި ހަނގުރާމަތައް އިތުރުވެފައިވާއިރު – އިސްރާއީލުގެ އުތުރުގެ އަވަށަކަށާއި އަސްކަރީ ސައިޓަކަށް ހަމަލާތައް ވަނީ އަމާޒުވެފައެވެ.

އަލް ގުދުސް ހޮސްޕިޓަލް ކައިރިއަށް އިސްރާއީލުން ވައިގެ ހަމަލާ އެއް ދީފި
އަލް ގުދުސް ހޮސްޕިޓަލް ކައިރިއަށް އިސްރާއީލުން ވައިގެ ހަމަލާ އެއް ދީފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހަމަލާ ދީފައި ވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. ރެޑްކްރެސެންޓުން ބުނީ ބުދަ ދުވަހު ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް އެ ސަރަހައްދަށް ދީފައިވާ ކަަމަށެވެ. އަދި އެ ހަމަލާތައް ދެ ގަޑި އިރަށް ދެމިގެން ދިޔަ ކަމަށް ވެސް ވަނީ ބުނެފައެވެ.
ޣައްޒާގެ އިންސާނީ ހާލަތު ދަށްވެ، ހޮސްޕިޓަލްތައް ވަނީ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައި - ޑޮކްޓަރ
ޣައްޒާގެ އިންސާނީ ހާލަތު ދަށްވެ، ހޮސްޕިޓަލްތައް ވަނީ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާ ކަމަށް ފަލަސްތީނުގައި މަސައްކަތް ކުރާ ޑޮކްޓަރުން ބުނަން ފަށައިފިއެވެ.
ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް ޝިފާ ހޮސްޕިޓަލްގައި މަސއްކަތް ކުރާ ޑޮކްޓަރަކާއި ހަވާލާދީ ސީއެންއެންގައި ބުނެފައި ވަނީ ހޮސްޕިޓަލަށް ގެންދާ ކުޑަކުދިންގެ ތެރޭގައި އަތަށާއި މޫނަށް އަދި ފަޔަށް ގެއްލުން ލިބިފައިވާ ކުދިން ގިނަ ކަމަށެވެ. އަދި ބައެއް ކުޑަކުދިން ހޮސްޕިޓަލަށް ގެންދާ އިރު ހަށިގަނޑުގެ ބައެއް ބައިތައް ވަކިވެފައިވާ މަންޒަރު ފެނުމަކީ ހިތަށް ކުޅަދާނަ ވާވަރު ކަމެއް ނޫން ކަަމށް ވެސް އެ ޑޮކްޓަރުން ވަނީ ބުނެފައެވެ.
ޖަބާލިއާ ރެފިޔުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާގައި ފުރާނަ ގެއްލިގެންދިޔަ މީހުންގެ އަދަދު 195ށް އަރައިފި
އިސްރާއީލުން ޖަބާލިއާ ރެފިޔުޖީ ކޭމްޕަށް ދިން ހަމަލާގައި ފުރާނަ ގެއްލިގެންދިޔަ މީހުންގެ އަދަދު 195ށް އަރާފައިވާކަމަށް ޣައްޒާ އިން ބުނެފިއެވެ.
އިސްރާއީލުން ވަނީ އަންގާރަ އަދި ބުދަ ދުވަހުވެސް ޖަބާލިއާ ރެފިޔުޖީ ކޭމްޕަށް އަމާޒުކޮށް ހަމަލާދީފައެވެ. ޣައްޒާގެ ސަރުކާރުން ބުނެފައިވަނީ އިމާރާތްތަކުގެ ދަށުގައި 120 މީހުން ވާކަމަށެވެ. އަދި 777 މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށް ޣައްޒާއިން ބުނެއެވެ.
ފަލަސްތީނު ރައްޔިތުންގެ ތެރެއިން އިސްރާއީލު ސިޓިޒެންޝިޕް އޮންނަ ފަރާތްތައް އިސްރާއީލާ ދެކޮޅަށް އަޑުއުފުލުން މަނާ
ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން އިސްރާއީލު ސިޓިޒެންޝިޕް އޮންނަ ރައްޔިތުންނަށް ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ދެކޮޅަށް ވާހަކަދެއްކުމުގެ ފުރުސަތު ނޯންނަކަމަށް އެފަރާތްތަކުން ބުނެފިއެވެ.
އެގޮތަށް ވާހަކަދައްކާ އަޑުއުފުލާ ފަރާތްތައް ހޯދާ ހައްޔަރުކޮށް އިންޒާރުދެމުންދާކަމަށް އެޑްވޮކޭޓުން ބުނެއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން އިސްރާއީލު ސިޓިޒެންޝިޕް އޮންނަ މީހުންނަކީ އާބާދީގެ 20 އިންސައްތައެވެ.
އިސްރާއީލުން މިހާރު އަންނަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުން
ހަމާސް އަށް ދެން ޣައްޒާގައި ވެރިކަން ނުކުރެވޭނެ: ވައިޓް ހައުސް ސްޕޯކްސްމަން
ޣައްޒާއަށް އިސްރާއީލުން މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންދާއިރު މިހަމަލާތައް ހުއްޓުމަކަށް އައުމަށްފަހު ދެން ކަންކަންވެގެންދާނެ ގޮތެއް ނޭންގޭކަމަށާއި ނަމަވެސް ދެން ހަމާސްއަށް ޣައްޒާގައި ވެރިކަންނުކުރެވޭނެކަމަށް އެމެރިކާގެ ވައިޓްހައުސްގެ ސްޕޯކްސްމަން ޖޯރން ކާރބީ ބުނެފިއެވެ.
އެހެންކޮންމެ ބަޔަކަށް ޣައްޒާގެ ކޮންޓްރޯލް ނެގުނުނަމަވެސް އެބަޔަކީ ހަމާސް އަށް ނުވާނެކަމަށް ކާރބީ ބުންޏެވެ.
ހަމާސްގެ ކޮންޓްރޯލްގެ ދަށަށް ޣައްޒާ ދިޔައީ 2006 ވަނަ އަހަރުގެ އިންތިޚާބު ހަމާސް އިން ކާމިޔާބުކުރުމާއި ގުޅިގެންނެވެ. އެއާއެކު އިސްރާއީލުން އަންނަނީ ޣައްޒާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ހުރިހާ ކަމެއް ކޮންޓްރޯލްކުރަމުންނެވެ.
އެހީގެ ތަކެތި ހިފައިންގެ މިއަދު 55 ޓްރަކް ޣައްޒާއަށް ވަދެފައިވޭ
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނާގޮތުގައި އެހީގެ ތަކެތި ހިފައިގެން މިއަދު ޣައްޒާއަށް 55 ޓްރަކް ވަދެފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ފެނާއި ކާނާ އާއި ބޭހެވެ. އަދިވެސް ތެޔޮ އެހީގެ ސާމާނުގެ ގޮތުގައި އެތެރެނުކުރެވެއެވެ.
މިހާތަނަށް 272 ޓްރަކް ޣައްޒާއަށް އެހީ ހިފައިގެން އެތެރެވެފައިވެއެވެ.