ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ
މަސްރަހު ހޫނުވެ ޔޫކްރޭންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ރަޝިޔާގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް އިރުމަތީ ޑޮންބަސްގައި ވަނީ ފަށާފައެވެ. އަދި ބުރާސްފަތު ދުވަހުން ފެށިގެން ރަޝިޔާ އި

ރަޝިޔާ ޔޫކްރޭން ހަނގުރާމަ
ރަޝިޔާގައި ކުރިޔަށްދާ މުޒާހަރާތަކުގައި ހައްޔަރުކުރި މީހުންގެ އަދަދު 3000ން މައްޗަށް
ރަޝިޔާގައި ކުރިޔަށްދާ މުޒާހަރާތަކުގައި 3000ށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.
މިމުޒާހަރާތައް ކުރިޔަށްގެންދަނީ ރަޝިޔާއިން ޔޫކްރެއިން ހަމަލާދިނުމާ ދެކޮޅަށެވެ.
ރަޝިޔާގެ ވެރިރަށް މޮސްކޯ ހިމެނޭ ގޮތަށް 27 ސަރަހައްދެއްގައި މުޒާހަރާތައް ކުރިޔަށްގެންދެއެވެ.
ޔޫކްރެއިންގައި މިހާރު ހަމަލާ ބަދަލުކުރުންތައް ކުރިޔަށްދަނީ ކޮންތާކު؟
މިވަގުތު އެންމެ ބޮޑަށް ހަމަލާ ބަދަލުކުރުން ކުރިޔަށްދަނީ ކިޔެވްގެ ހުޅަނގު ސަރަހައްދުގައި އޮންނަ އެއަރޕޯޓް ކައިރީގައެވެ.
ޔޫކްރެއިންގެ ބައެއް ސަރަހައްދުތަކުގެ ކޮންޓްރޯލް ރަޝިޔާ އިން ހޯދާފައިވާކަމަށް ބީބީސީން ރިޕޯޓްކުރެއެވެ.


އަމިއްލަ ގައުމު ދިފާއުކުރުމަށް ހަތިޔާރު ހޯދުމަށް ޔޫކްރެއިންގެ ރައްޔިތުން ކިޔުތައް ދަމާލައިފި
ފާއިތުވި ދުވަސްތަކުގައި ޔޫކްރެއިން އަށް ވާގިވެރިވާ ފަރާތްތަކުން ވަނީ ގިނަ އަދަދެއްގެ ހަތިޔާރު ޔޫކްރެއިން އަށް ދީފައެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދޭން ފެށުމާއެކު ޔޫކްރެއިންގެ ރައީސް ވަނީ އާންމު ރައްޔިތުންގެ ތެރެއިން ހަތިޔާރު ބޭނުންވާ ރައްޔިތުންނަށް ހަތިޔާރު ދޭނެކަމަށް ވިދާޅުވެފައެވެ. އެއާއެކު ޔޫކްރެއިންގެ ރައްޔިތުން ވަނީ ހަތިޔާރު ހޯދުމަށް ކިޔުތައް ދަމާލާފައެވެ.
ހަތިޔާރު ދޫކުރާ ތަންތަނުގައި އެމީހުން ރަޖިސްޓްރީކުރަމުންދާއިރު މީގެތެރެއިން ގިނަ މީހުންނަކީ މިފަދަ އެއްވެސް ތަޖުރިބާއެއް ނެތް މީހުންނެވެ.

ޖަރުމަނުން ހަތިޔާރު ފޮނުވަން އެއްބަސްވުމުން ޒެލެންސްކީ އެކަމަށް މަރުޚަބާ ވިދާޅުވެއްޖެ
ޔޫކްރެއިން އަށް ހަތިޔާރު ފޮނުވުމަށް ޖަރމަނީން ނިންމި ނިންމުމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ މަރުޚަބާ ވިދާޅުވެއްޖެއެވެ.
ޖަރމަނުން ވަނީ ހަނގުރާމައިގެ މައިދާނަށް ހަތިޔާރު ނުފޮނުވާ ގޮތަށް ޒަމާނުއްސުރެ ޕްރެކްޓިސް ކުރަމުން އައި ސިޔާސަތު ބަދަލުކޮށް ހަތިޔާރު ފޮނުވުމަށް ނިންމާފައެވެ.
ރަޝިޔާގެ ޗެނަލްތަކަށް ޔޫޓިޔުބް މެދުވެރިކޮށް ރެވެނިޔު ހޯދޭނެ ގޮތްތައް ބަންދުކޮށްފި
ރަޝިޔާގެ ގިނަ ޗެނަލްތަކެއް އޭގެތެރޭގައި ރަޝިޔާގެ ސަރުކާރުން ފަންޑުކުރާ އާރުޓީވެސް ހިމެނޭ ގޮތުން ޔޫޓިޔުބުން ރެވެނިޔު ހޯދޭނެ ގޮތް ސަސްޕެންޑްކޮށްފިއެވެ.
މީގެކުރިން ފޭސްބުކުން ވެސް ވަނީ މިފިޔަވަޅު އަޅާފައެވެ.
ޔޫޓިޔުބުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިވަގުތު ޔޫކްރެއިންގައި ހިނގަމުންދާ ކަންތައްތަކަށް ބަލާ ރަޝިޔާގެ ގިނަ ޗެނަލްތަކެއްގެ މައްޗަށް ވަގުތީ ގޮތުން ފިޔަވަޅު އަޅާކަމަށެވެ.
ޔޫކްރެއިންގެ ކާރްކީވްގައި ވަރުގަދަ ހަމަލާތަކެއް
ރިޕޯޓުތައް ބުނާ ގޮތުން ޔޫކްރެއިންގެ ކާރްކީވްގައި ޔޫކްރެއިންގެ ސިފައިންނާއި ރަޝިޔާގެ ސިފައިން ދެމެދުގައި ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ރަޝިޔާގެ ސިފައިންނަށް ހަމަލާތަށް ވަރުގަދަ ކުރުމަށް އަންގައިފި
ރަޝިޔާއިން ޔޫކްރައިންއަށް އަރައި ހިންގަމުންދާ ހަނގުރާމާގައި ރަޝިޔާގެ ސިފައިން ކުރިއަށް ދިއުން ކުރިއަށްވުރެ މަޑުޖެހިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެފައިވަނިކޮށް ހަމަލާތައް ވަރުގަދަ ކުރުމަށް ރަޝިޔާގެ ސިފައިންނަށް އެގައުމުން އަންގައިފިއެވެ. މިއީ ރަޝިޔާގެ ދިފާއުގައި ކުރާ ކަމެއް ކަމަށާއި، ފަހަތަށް ނެޖެހުމަށް އަންގާފައިވެއެވެ.
ރަޝިޔާގެ 3500ށް ވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފި
ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔޫކްރޭން އަށް ރަޝިޔާއިން އަރައި ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 130ށް ވުރެ ގިނަ އާއްމުން މަރުވެފައިވާއިރު، މީގެ ތެރޭގައި ކުޑަ ކުދިންނާއި އަންހެނުން ހިމެނެއެވެ. ޔޫކްރޭންގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ރަޝިޔާގެ އަސްކަރިއްޔާއިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 137 އާއްމުން މަރުވެފައިވާ ކަމަށެވެ. ނަމަވެސް ވަރުވެފައިވާ ޔޫކްރޭން ސިފައިން އަދަދެއް ހަމާއެއް ނުކުރެއެވެ. ހުއްޓުމެއްނެތި ހަނގުރާމަ ހިނގަމުންދާއިރު، ތަފާސްހިސާބުތައް ކަށަވަރު ކުރެވޭނެ ގޮތް ވަނީ ނުވެފައެވެ.
އަލްޖަޒީރާއިން ބުނީ ރަޝިޔާއިން ފޮނުވާ މިސައިލްތަކުގެ ސަބަބުން ގިނަ ބަޔަކު ޒަހަމްވެފައިވާއިރު، 25 މީހުން ހޮނިހިރު ދުވަހު މަރުވެފައިވާކަމަށެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ އިމާރަތްތަކުގެ ދަށުވެގެން ކަމަށެވެ. ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންދާއިރު، މިހާތަނަށް ރަޝިޔާގެ 3500އަށް ވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެފައިވެއެވެ.
ރަޝިޔާއަކީ ގައުމުތައް ހަލާކުކޮށް، މީހުން މަރާ ބައެއް: ޔޫކްރެއިންގެ ރައީސް
ރަޝިޔާއަކީ ގައުމުތައް ހަލާކުކޮށް، މީހުން މަރާ ބައެއްގެ ކަމަށް ޔޫކްރެއިންގެ ރައީސް ވިދާޅުވެއްޖެއެވެ. މަސްރަހު ހޫނުވަމުންދާއިރު، ޔޫކްރެއިން ރައީސް ވިދާޅުވީ ރަޝިޔާއިން ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ވޯޓުލުމުގެ ހައްގުން އުނިކުރަން ޖެހޭ ކަމަށެވެ. އެކަން ތަންފީޒު ކޮށްދެއްވުމަށް ގޮވާލެއްވިއެވެ.
ކީވްގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި ވަރަށް ކައިރިން ދަނީ ބަޑި ޖަހަމުން
ރަޝިޔާ ސިފައިން ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަރ ޕަވަރ ޕްލާންޓާ ވަރަށް ކައިރިވެއްޖެ
ޒެޕޮރިސިޔާގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަރ ޕަވަރ ޕްލާންޓާއި ރަޝިޔާގެ ސިފައިން ވަރަށް ކައިރިވެފައިވާ ކަމަށް ޔޫކްރެއިންގެ މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަދި އެއީ ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ.
ގައުމުތަކުން ޔޫކްރެއިންއަށް އެހީވެ، ހަތިޔާރު ފޮނުވަނީ
ރިޕޯޓުތައް ބުނާގޮތުން ނެދަލޭންޑްސްއިން ވަނީ އެންޓި-ޓޭންކް ވެޕަންސް އަދި 1000ށް ވުރެ ގިނަ ރޮކެޓް ޔޫކްރެއިންއަށް ފޮނުވާނެ ކަމުގެ ޔަގީންކަން ދީފައެވެ.
ބެލްޖިއަމްއިން ވެސް 2000 މެޝިން ބަޑި އަދި 3800 ޓަނުގެ ތެޔޮ ސަޕްލައިކޮށްދޭނެ ކަމަށް އެގައުމުން ބުނެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ޖަރުމަނުން ޔޫކްރެއިންއަށް ހަތިޔާރު ފޮނުވަނީ
ޖަރުމަނުން ޔޫކްރެއިންއަށް 1000 އެންޓި ޓޭންކް ވެޕަންއާއި، 500 މެސައިލް ފޮނުވާނެ ކަމަށް އެގައުމުން ބުނެފިއެވެ. ރިޕޯޓުތައް ބުނާ ގޮތުން އެގައުމުން ވަނީ ރަޝިޔާއިން ޔޫކްރެއިންނަށް އަރައި ހިންގަމުންދާ ހަނގުރާމަ ކުށްވެރިކޮށްފައެވެ. އަދި އެގައުމު އަބަދު ވެސް އޮންނާނީ ޔޫކްރެއިންއާއެކު ކަމަށް ބުނެފައިވާ ކަމަށެވެ.
ރަޝިޔާގެ ބައެއް މީހުންނަށް ޓްވިޓަރ ބޭނުންކުރުމުގައި ހުރަސްތަކެއް ކުރިމަތިވާކަމަށް ޓްވިޓަރ އިން ބުނެފި
ރަޝިޔާގެ ބައެއް މީހުންނަށް ޓްވިޓަރ ބޭނުންކުރުމުގައި ހުރަސްތަކެއް ކުރިމަތިވަމުން އަންނަކަން އެނގިފައިވާކަމަށާއި ހުރިހާ އެންމެންނަށްވެސް ރައްކާތެރިކަމާއެކު ޓްވިޓަރ ބޭނުންކުރުމުގެ ފުރުސަތު ދިނުމަށް މަސައްކަތްކުރަމުންދާކަމަށް ޓްވިޓަރ އިން ބުނެފިއެވެ.
ޓްވިޓަރ އިން މިކަން ހާމަކޮށްފައިމިވަނީ ރޭގެ ވަގުތެއްގައި ފޭސްބުކް ބޭނުންކުރުން ލިމިޓްކޮށްފައިވާކަން ރަޝިޔާއިން ހާމަކޮށްފައިވަނިކޮށެވެ.
ތިން ވަނަ ދުނިޔޭގެ ގައުމުތައް މެދުވެރިކޮށް އާރުޕީޖީ ޔޫކްރެއިން އަށް އެތެރެކުރުމަށް ޖަރމަނީން މަޝްވަރާކުރަނީ
ތިން ވަނަ ދުނިޔޭގެ ގައުމެއް ބޭނުންކޮށްގެން 400 ރޮކެޓް ޔޫކްރެއިން އަށް ފޮނުވުމަށް ޖަރމަނު ސަރުކާރުން ވާހަކަތައް ފަށައިފިއެވެ.
ނަމަވެސް އެކަމާއި ގުޅޭގޮތުން އަދި ގޮތެއް ނުނިންމާކަމަށް ޖަރުމަނުގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ. އެގޮތަށް ނިންމައިފިނަމަ މިނިންމުން ވެގެންދާނީ ޖަރމަނުން ގެންގުޅޭ ވަރުގަދަ ސިޔާސަތެއް ބަދަލުވެގެންދާނެ ނިންމުމަކަށެވެ. ކިޔެވް އަށް ހަތިޔާރު ފޮނުވުމަށް ޖަރުމަނުން ދެކޮޅު ހެދުމުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ޖަރުމަނުން ގިނަ އަހަރުތަކެއް ވަންދެން ޕްރެކްޓިސް ކުރަމުން އަންނަ ސިޔާސަތަކީ ހަނގުރާމައިގެ މައިދާނަށް ހަތިޔާރު ނުފޮނުވުމެވެ.
މުޅި ދުނިޔެއަށް ބުނެލަން ބޭނުންވަނީ "ޕުޓިންގެ ވާހަކަ ގަބޫލުނުކުރޭ" : ޔޫކްރެއިންގެ ކުރީގެ ރައީސް
ޔޫކްރެއިންއަށް ހަމަލާދިނުމަށްފަހު ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާއި ޕުޓިންގެ އޮފީހުން ސުލްހައިގެ ވާހަކަތަކާއި ގުޅޭގޮތުން ދައްކާ ވާހަކަތައް ގަބޫލުނުކުރުމަށް ދުނިޔެއަށް ޔޫކްރެއިންގެ ކުރީގެ ރައީސް ޕެޓްރޯ ގޮވާލައްވައިފިއެވެ.
ސީއެންއެން އާ ވާހަކަދައްކަވަމުން ޕެޓްރޯ ވިދާޅުވީ މުޅި ދުނިޔެއަށް އޭނާ ކުރައްވަން ބޭނުންފުޅުވަނީ ވަރަށް އާދައިގެ އިލްތިމާސެއްކަމަށެވެ. އެއީ ޕުޓިން ދައްކަވާ ވާހަކަ ގަބޫލުނުކުރުމަށާއި ޕުޓިން ދެކެ ބިރުނުގަތުމަށްކަމަށް ޕެޓްރީ ވިދާޅުވިއެވެ.

ރަޝިޔާއަށް އަދި ޔޫކްރެއިންގެ އެއްވެސް ސިޓީއެއްގެ ކޮންޓްރޯލް ނުނެގޭ: އެމެރިކާގެ އޮފިޝަލެއް
ރަޝިޔާއަށް އަދި މިހާތަނަށް ޔޫކްރެއިންގެ އެއްވެސް ސިޓީއެއްގެ ކޮންޓްރޯލް ނެގިފައިނުވާކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
މިހާތަނަށް ރަޝިޔާއިން ޔޫކްރެއިންއަށް އަމާޒުކޮށް 250 މިސައިލް ހަމަލާ ފޮނުވާލާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އޭގެތެރޭގައި ކްރޫޒް މިސައިލާއި ބެލެސްޓިކް މިސައިލް ހިމެނެއެވެ. އަދި އާންމުން އުޅޭ ސަރަހައްދުތައްވެސް އޭގެތެރޭގައި ހިމެނެއެވެ.
ޔޫކްރެއިންގެ އެކި ހިސާބުތަކުން ކަރަންޓް ދިޔުމުގެ ކަންތައްތައް ދިމާވަމުން ދިޔަނަމަވެސް ހުރިހާ ހިސާބަކަށްވެސް އިންޓަރނެޓް ލިބެމުންދާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ކިޔެވްގައި ކާފިއު
ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ޔޫކްރެއިންގެ ވެރިރަށް ކިޔެވްގައި ކާފިއު އިއުލާންކޮށްފިއެވެ.
ކާފިއު އިއުލާންކޮށްފައި އޮންނަ އިރު މަގުތައް މަތީގައި ހަރަކާތްތެރިވާ އާންމު ރައްޔިތުންނަކީ މަސްރަހު ގޯސްކުރަން މަސައްކަތްކުރާ ގްރޫޕްތަކުގެ މީހުންކަމަށް ބެލެވޭނެކަމަށް ކިޔެވްގެ އިދާރާތަކުން ވަނީ ބުނެފައެވެ.

އެންމެ ބޮޑަށް ހަމަލާތައް ބަދަލުކުރެވެމުން ދަނީ ޚާރްކީވްގެ އެތެރެއާއި ވަށައިގެން: އެމެރިކާގެ ސީނިއަރ ޑިފެންސް އޮފިޝަލެއް
އެންމެ ބޮޑަށް ހަމަލާތައް ބަދަލުކުރެވެމުންދަނީ ޚާރްކީވްގެ އެތެރެއާއި ވަށައިގެންވާ ސަރަހައްދުގައި ކަމަށް އެމެރިކާގެ ސީނިއަރ ޑިފެންސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އޮފިޝަލް ވިދާޅުވީ ކިޔެވް އާ ދިމާލުން އުތުރު ސަރަހައްދުން ހަމަލާތައް ހުއްޓުވުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ.
ރަޝިޔާގެ ފައުޖުތަކަށް ކިޔެވް އަށް އެރެން އޮންނަ ދެ މަގަކުން ގިނަ ހަމަލާތަކެއް އަމާޒުވަމުންދާއިރު އެންމެ ފަސޭހަ މަގަކީ ދެކުނު މަގުކަމަށް އެމެރިކާގެ އޮފިޝަލް ވިދާޅުވިއެވެ.

ކްރެމްލިންގެ ވެބްސައިޓަށް ސައިބަރ އެޓޭކްތައް އަންނަނީ ލިބެމުން: ސްޕޯކްސްޕާސަން
ކްރެމްލިންގެ ވެބްސައިޓަށް ސައިބަރ އެޓޭކްތައް ލިބެމުންދާކަމަށް ކްރެމްލިންގެ ސްޕޯކްސްމަން ރަޝިޔާގެ ސްޓޭޓް މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެއްޖެއެވެ.
އެޓޭކްތައް އަންނަނީ ކެނޑިނޭޅި ލިބެމުންކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރަޝިޔާ ސަރުކާރުގެ ގިނަ ވެބްސައިޓްތަކެއް ، އޭގެތެރޭގައި ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އާއި ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ވެބްސައިޓް ޑައުންވެފައި ހުންނަތާ މިއީ ޖެހިޖެހިގެން ތިން ވަނަ ދުވަހެވެ.
ހެކިންގ ގްރޫޕެއް ކަމުގައިގާ އެނޮނިމަސް އިން ވަނީ މިކަމުގެ ޒިންމާ ނަގާފައެވެ.
ޔޫކްރެއިން ދޫކޮށް ރެފިޔުޖީންގެ ގޮތުގައި ދިޔަ މީހުންގެ އަދަދު 150،000ން މައްޗަށް
ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދޭން ފެށިފަހުން ރެފިޔުޖީންގެ ގޮތުގައި ޔޫކްރެއިން ދޫކޮށް ދިޔަ މީހުންގެ އަދަދު 150،000ން މައްޗަށް އަރާފައިވާކަމަށް އދ ގެ ރެފިޔުޖީންނާ ބެހޭ ހައިކޮމިޝަނަރ ވިދާޅުވެއްޖެއެވެ.
މީގެތެރެއިން ދެ ބައި ކުޅަ އެއްބައި މީހުން ގޮސްފައިވަނީ ޕޮލެންޑަށެވެ. އަދި ހަނގޭރީ އާއި ރޯމޭނިއާއަށްވެސް އެއްބަޔަކު ގޮސްފައިވެއެވެ.
ރަޝިއާގެ އަސްކަރީ މަތިންދާ ބޯޓެއް ވައްޓާލައިފި

ޔޫކްރޭން ވަށައިގެން އެގައުމަށް އެރުމަށް ރަޝިއާގެ ސިފައިންނަށް އަންގައިފި
ބުރާސްފަތި ދުވަހުން ފެށިގެން ޔޫކްރޭންގެ އެކި ދިމަދިމާލުން ހަމަލާ ބަދަލުކުރަމުން އައިސް ހޮނިހިރު ދުވަހު އެގައުމު ވަށައިގެން ހުރިހާ ހިސާބަކަށް އެރުމަށް ރަޝިޔާއިން އެގައުމުގެ ސިފައިންނަށް އަންގައިފައިވާ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޔޫކްރޭންގެ ސިފައިންގެ ޔުނީފޯމްގައި ތިބި ބަޔަކު ނިކޮޕޯލުން ހިފަހައްޓައިފި
ރަޝިޔާ އާއި ޔޫކްރޭން ކުރަމުން އަންނަ ހަނގުރާމައިގައި އެގައުމުގެ ނިކޮޕޯލުގައި ޔޫކްރޭންގެ ސިފައިންގެ ޔުނީފޯމުގައި ތިބި ބަޔަކު ވަނީ ހިފަހައްޓާފައެވެ. މީގެ ތެރޭގައި 11 މީހަކު ހިމެނެއެވެ. އަދި އެމީހުންގެ އަތުގައި ހަތިޔާރު ހުއްޓެވެ. ނަމަވެސް މިއީ ރަޝިއާގެ ސިފައިން ކަމެއް ނުވަތަ ނޫން ކަމެއް ދެނެގަނެވިފައި ނުވެއެވެ.

ރަޝިއާގެ ޓޭންކަރެއްއް ހުއްޓުވުމަށް ޔޫކްރޭންގެ އޮފިސަރު ޖާނުންފިދާވެއްޖެ
ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި އެގައުމުގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކުގައި އެގައުމުގެ ބޯޑަރާއި ކްރީމިއާ ގުޅޭ ސަރަހައްދުގެ ބްރިޖް ހުރަސް ކުރަން އުޅުނު ޓޭންކަރެއް ހުއްޓުވަން އަމިއްލައަށް ޖާނުންފިދާވެފައިވާ ކަމަށް ޔޫކްރޭންގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
ޖާނުންފިދާވުމުގެ ހަމަލާގައި ބްރިޖް ގޮއްވާލެވިފައިވާ އިރު، ޓޭންކަރު ހުއްޓުވުނު ކަމަށް ވެސް ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނެއެވެ.
ލޭ ބޭނުންވާ މީހުންނަށް ލޭ ހަދިޔާ ކުރުމަށް ޔޫކްރޭންގެ ލެގިއާ ސްޓޭޑިއަމް ކައިރީގައި ކިއު ހަދައިފި
ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައިގައި ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހަދިޔާ ކުރުމަށް އެގައުމުގެ އެތައް ސަތޭކަ ބަޔަކު ލެގިއާ ސްޓޭޑިއަމް ކައިރީގައި ކިއު ވަނީ ހަދާފައެވެ.
ކީވްގެ ޓްރެއިން ސްޓޭޝަންތައް ޔޫކްރެއިން ރައްޔިތުން ފުރާލައިފި
ކީވްގެ ޓްރެއިން ސްޓޭޝަންތައް ޔޫކްރެއިން ރައްޔިތުން ފުރާލައިފިއެވެ. ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ޤައުމު ދޫކޮށް ދިޔުމަށްޓަކައި ޓްރެއިން ސްޓޭޝަންތަކަށް އެއްވެފައެވެ. ރަޝިއާގެ ސިފައިން ޔޫކްރެއިނަށް ހަމަލާދިނުން ކުރިއަށް ގެންދާއިރު ޔޫކްރެއިންގެ ސިފައިން ވަނީ ޓްރެއިން ސްޓޭޝަންތަކަށް ޖަމާވި އާންމުން ދުރު ކުރުމަށްޓަކައި ވައިގެ ތެރެއަށް ބަޑި ޖަހާފައެވެ. ޔޫކްރެއިނުން އެއްލައްކައަށް ވުރެ ގިނަ މީހުން ވަނީ އަވަށްޓެރި އެހެން ޤައުމުތަކަށް ހިޖުރަކޮށްފައެވެ. އދ އިން ވަނީ މި އަދަދު 5 މިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފައެވެ.
ހަނގުރާމައިގެ ވާހަކަތައް ގެނެސްދޭތީ ރަޝިއާގެ 10 މީޑިއާއަކަށް އިންޒާރު
ރަޝިއާ އާއި ޔޫކްރެއިނާއި ދެމެދު ހިނގާ ހަނގުރަމައިގެ ވާހަކަތައް ގެނެސްދޭތީ ރަޝިއާގެ 10 މީޑިއާއަކަށް އިންޒާރު ދީފިއެވެ. ރަޝިއާގެ ކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ އެ 10 މީޑިއާ އިން ހަޤީޤަތެއް ނެތް ވާހަކަތައް ފަތުރާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ މައުލޫމާތު ޑިލީޓް ނުކޮށްފިކަމަށްވާނަމަ އެ މީޑިއާގެ ވެބްސައިޓްތަކަށް ވަނުމަށް ހުރަސްތަކެއް ކުރިމަތި ކުރުވާނެ ކަމަށް އޮތޯރިޓީން ވަނީ ބުނެފައެވެ.
ޔޫކްރެއިނަށް އީޔޫގެ މެމްބަރޝިޕް ދިނުމަށް އެ ޤައުމުގެ ރައީސް ގޮވާލައްވައިފި
ޔޫކްރެއިނަށް އީޔޫގެ މެމްބަރޝިޕް ދިނުމަށް އެ ޤައުމުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ގޮވާލައްވައިފިއެވެ. ޔޫރަޕިއަން ކައުންސިލްގެ ރައީސާއެކު މިކަމުގެ މަޝްވަރާތައް ކުރައްވާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ޕޮލޭންޑް، ލިތުއޭނިއާ އަދި ޖަރުމަންވިލާތުން ރަޝިއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރަނީ
ޕޮލޭންޑް، ލިތުއޭނިއާ އަދި ޖަރުމަންވިލާތުން ރަޝިއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރަން ނިންމައިފިއެވެ. ޕޮލޭންޑްގެ ބޮޑުވަޒީރާއި ލިތުއޭނިއާ ރައީސް ޖަރުމަނުގެ ޗާންސެލަރ އޯލާފްއާ ބާލިންގައި މިއަދު ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ތިބި ޔޫކްރެއިން އަދި ރަޝިއާގެ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކުރަން ނިންމައިފި
ރާއްޖޭގައި ތިބި ޔޫކްރެއިންއާ ރަޝިއާގެ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކުރަން ސަރުކާރުން ނިންމައިފިއެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަހުމަދު (ހަނަފީ) ވިދާޅުވީ ރާއްޖޭގައި ތިބި ޔޫކްރެއިންއާ ރަޝިއާގެ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކުރަން ސަރުކާރުން ނިންމާފައިވާއިރު އާދިއްތަ ދުވަހު އެކަމުގެ އިތުރު ތަފްސީލު ހާމަކޮށް ބަޔާނެއް ނެރުއްވާނެ ކަމަށެވެ.

ޔޫކްރެއިނަށް ހަތިޔާރު ފޮނުވަނީ
ޔޫކްރެއިންނާއި ރަޝިއާއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި ބޭނުންކުރުމަށް ހަތިޔާރުތައް އެެހެން ޤައުމުތަކުން ޔޫކްރެއިންނަށް ފޮނުވަމުންދާ ކަމަށް އެޤައުމުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. އަދި މިއީ އެ ޤައުމަށް އެހީވުމުގެ ގޮތުން ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ޒެލެންސްކީ ވަނީ ސިފަކުރައްވާފައެވެ.
ނޭޓޯ އިން ޔޫކްރެއިންގެ ބޯޑަރު ކައިރީގައި އޮންނަ ޤައުމުތަކަށް ސިފައިން ފޮނުވަނީ
ނޭޓޯ އިން ޔޫކްރެއިންގެ ބޯޑަރު ކައިރީގައި އޮތް ޤައުމުތަކަށް ސިފައިން ފޮނުވަން ނިންމައިފިއެވެ.
ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް ވިދާޅުވީ ހަނގުރާމައަށް ތައްޔާރު އެތައް ހާސް ސިފައިން ޔޫކްރެއިންގެ ބޯޑަރު ކައިރީގައި އޮންނަ ޤައުމުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާއިރު ހަތިޔާރުތައް ވެސް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. ޖެންސް ވަނީ ޔޫކްރެއިންގެ ސަރުކާރު ވައްޓާލުމަށް ރަޝީއާ އިން މަސައްކަތް ކުރައްވާ ކަމަށް ތުހުތަމު ކުރައްވާފައެވެ.
އަދި ނޭޓޯގެ ޓެރިޓޮރީ ދިފާއު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނޭޓޯގެ ރެސްޕޮންސް ފޯސްގައި 40،000 ސިފައިން ތިބި ނަމަވެސް އެ އެންމެން އެއްކޮށް ޔޫކްރެއިންގެ ބޯޑަރު ކައިރީގައި އޮތް ޤައުމުތަކަށް ނޮފުނުވާނެ ކަަމަށް ޖަންސް ވިދާޅުވިއެވެ. ނޭޓޯގައި ހިމެނޭ 30 މެމްބަރު ޤައުމަކުން ޔޫކްރެއިންނަށް ބަޑި އާއި އެހެނިހެން ހަތިޔާރު ފޮނުވުމުގެ މަސައްކަތް ފެށި ނަމަވެސް އޯގަނައިޒޭޝަނެއްގެ ހައިސިއްޔަތުން ނޭޓޯ އިން މިފަދަ ކަމެއްގައި ބައިވެރިއެއް ނުވާނެއެވެ.
ބެލަރޫސްއާއި ރަޝިއާގައި ތިބި 140 ދިވެހިންގެ ހާލު ދަނީ ގާތުން ބަލަމުން: ފޮރިން މިނިސްޓްރީ
ބެލަރޫސްއާއި ރަޝިއާގައި ތިބި 140 ދިވެހިންގެ ހާލު ދަނީ ގާތުން ބަލަމުންކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ގިނަ ދިވެހި ދަރިވަރުން ކިޔަވަމުންދަނީ ބެލަރޫސްގައި ހުންނަ ގްރޮޑްނޯ ސްޓޭޓް މެޑިކަލް ޔުނިވަރސިޓީން ކަމަށެވެ. އަދި އެތަނުން ނެރުނު ސްޓޭޓްމަންޓެއްގައި, ކިޔަވާ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ހަނގުރާމަ ހިނގަމުންދަނީ ބޯޑަރުގެ 1500 ކިލޯމީޓަރު ދުރުން ކަމަށް ވެސް ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނީ, ރަޝިއާގެ ކަރސްކް ތިބި ދަރިވަރުންގެ ހާލަތު ވެސް ގާތުން ބަލަމުންދާ ކަމަށެވެ. ކަރސްކްއަކީ ޔޫކްރެއިން ބޯޑަރާ ކައިރި ތަނަކަށްވާއިރު, ދަރިވަރުންގެ ހާލު ރަނގަޅުކަމަށް ބުނެފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
އިވަނޯ-ފްރެންކިވްސްކްގައި ތިބި 15 ދިވެހިން ހަންގޭރީއަށް އެތެރެވެފައިވަނީ ރާއްޖެ ގަޑިން ރޭގަނޑު 11:30ގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީގެ ޓީމުން އެކުދިންނާ ހަވާލުވެފައިވާއިރު ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ވަނީ ދަތުރުކޮށްފައެވެ. އަދި އެ 15 ދިވެހިން 2 ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ރަޝިއާއާ ދެކޮޅަށް އެހީވުމަށް އެމެރިކާއިން ޔޫކްރެއިންނަށް 350 މިލިއަން ޑޮލަރުގެ އެހީއެއް
ރަޝިއާއާ ދެކޮޅަށް އެހީވުމަށް އެމެރިކާއިން ޔޫކްރެއިންގެ 350 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި އެހީ ހަމަޖެއްސުމަށް އެދިވަޑައިގެންފައެވެ. ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެންއަށް ބައިޑެން ފޮނުއްވި މެމޮރެންޑަމްއެއްގައި ވިދާޅުވީ "ފޮރިން އެސިސްޓަންޓް އެކްޓް" ގެ ދަށުން މި އެހީ ހަމަޖައްސަވައި ދެއްވުމަށެވެ.
ޔޫރޯވިޝަން ސޯންގް ކޮންޓެސްޓުން ރަޝިޔާ ބޭރުކޮށްފި
މިއަހަރުގެ ޔޫރޯވިޝަން ސޯންގް ކޮންޓެސްޓުން ރަޝިޔާ ބޭރުކޮށްފިއެވެ. ޔޫރަޕިއަން ބްރޯޑްކާސްޓިންގ ޔޫނިއަނުން، ރަޝިޔާ މި ކޮންޓެސްޓުން ބޭރުކޮށްފައިވަނީ ރަޝިޔާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެންނެވެ.
ކިޔެވްގެ ހުޅަނގު ބިތަށް ހަމަލާތަކެއް
ޔޫކްރެއިންގެ ކެޕިޓަލް ސިޓީ ކިޔެވްގެ ހުޅަނގުބިތަށް ރަޝިޔާއިން ހަމަލާތަކެއް ދީފިއެވެ. ރިޕޯޓުތައް ބުނާގޮތުން ކިޔެވްގެ ހުޅަނގު ބިތުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ބަޑީގެ ހަމަލާތައްދޭ އަޑު އިވިފައެވެ. މިއާއެކު އެސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ ގެތަކަށް ވަދެ ރައްކާތެރިކަން ހޯދުމަށް މަސައްކަތް ކޮށްފައެވެ.
ރަޝިޔާއިން ކީވްއަށް ހަމަލާދޭން މަސައްކަތް ކުރާނެކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
މިރޭގެ ވަގުތެއްގައި ރަޝިޔާއިން ކީވްއަށް ހަމަލާދޭން މަސައްކަތް ކުރާނެކަމަށް ޔޫކްރެއިންގެ ރައީސް ވްލަޑްމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ޔޫކްރެއިންގެ ރައީސް އޮފީހުން އާންމުކުރި ވީޑިއޯއެއްގައި ޒެލެންސްކީ ވިދާޅުވީ ހުކުރު ދުވަހުގެރޭ ކީވްއަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. ސަބަބަކީ އެގައުމުގެ ކެޕިޓަލް ސިޓީއަކީ ގައުމަށް ވަރަށް މުހިންމު ތަނަކަށް ވާތީއެވެ.

ޕުޓިން އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން ވިސްނަނީ
ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެމެރިކާއިން ވިސްނަމުންދާކަމަށާއި މިއަދު އެކަމާމެދު ގޮތެއް ނިންމާނެކަމަށް އެމެރިކާއިން ބުނެއެވެ.
ޕުޓިން އާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅަކީ ގައުމެއްގެ ލީޑަރަކާ ދެކޮޅަށް އަޅާނެ އެންމެ ބޮޑެތި ފިޔަވަޅުތަކަށް ވާނެއެވެ. ޕުޓިންގެ އިތުރުން ޕުޓިންއާ އެންމެ ގާތް މީހުންނަށްވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާނެއެވެ.