ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ
މަސްރަހު ހޫނުވެ ޔޫކްރޭންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ރަޝިޔާގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް އިރުމަތީ ޑޮންބަސްގައި ވަނީ ފަށާފައެވެ. އަދި ބުރާސްފަތު ދުވަހުން ފެށިގެން ރަޝިޔާ އި

ރަޝިޔާ ޔޫކްރޭން ހަނގުރާމަ
ރަޝިޔާ އާއި ޔޫކްރެއިންގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވަނީ
ރަޝިޔާ އާއު ޔޫކްރެއިންގެ ފޮރިން މިނިސްޓަރުން ދެކުނު ތުރުކީގައި ބައްދަލުކުރައްވަން އެއްބަސްވެ ވަޑައިގެންފިއެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން ދެގައުމުގެ އިސްވެރިންގެ މެދުގައި ބޭއްވޭ ފުރަތަަމަ ބައްދަލުވުމެވެ.
ޔޫކްރެއިން ރަޝިޔާ ސުލްހައިގެ ވާހަކަތަކުގެ 3 ވަނަ ބައްދަލުވުން
ސުލްހައިގެ މަޝްވަރާގެ 3 ވަނަ ބައްދަލުވުން ފަށާފައިވާ އިރު، ބައްދަލުވުން އޮތީ ކޮންތަނެއްގައި ކަމެއް ހާމަކޮށްފައި ނުވެއެވެ. ބައްދަލުވުމަށް ދިއުމުގެ ކުރިން ރަޝިޔާއިން މައިގަނޑު 4 ކަމަކަށް ޑިމާންޑް ކުރިއެވެ.

މަޝްވަރާގެ ތިންވަނަ ބުރު މިރޭ 7:15 ގައި
ރަޝިޔާ ޔޫކްރެއިންގެ ސުލްހައިގެ ވާހަކަތަކުގެ 3 ވަނަ ބުރު މިއަދުގެ ޔޫކްރެއިން ގަޑިން ހަވީރު 4 ޖަހާއިރު (ރާއްޖެ ގަޑިން މިރޭ 7 ޖަހާއިރު) އޮންނާނެއެވެ.
ބައްދަލުވުން ބާއްވާ ގަޑި ހާމަކުރައްވާފައިވަނި ޔޫކްރެއިންގެ ރައީސްގެ އެޑްވައިޒަރު މައިޚައިލޯ ޕޮޑޮލްޔަކެވެ.

ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށިފަހުން މިހާތަނަށް ދެ ފަހަރެއްގެ މަތިން ދެޤައުމުގެ ދެމެދުގައި ވަނީ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންގޮސްފައެވެ.
ދެވަނަ ބުރުގެ ވާހަކަތައް ކުރިޔަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުއެވެ. ދެވަނަ ބުރު ނިންމާލާފައިވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ފަރާތުން އެއްބަސްވެގެންނެވެ. އަދި ހަނގުރާމައިގެ މައިދާން ދޫކޮށްދާން ބޭނުންވާ މީހުންނަށް އެފުރުސަތު ފަހިކޮށްދިނުމަށް އެއްބަސްވެގެންނެވެ. މިއީ ރަޝީޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށި ފަހުން ދެފަރާތުގެ ދެމެދުގައި ކަމަކާމެދު އެއްބަސްވުމަކާއި ހަމައަށް އައި ފުރަތަމަ ފަހަރެވެ. ނަމަވެސް މިކަން ކުރުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ.
ޔޫކްރެއިން އިން ބުނީ ވާހަކަތަކުގައި އަދި އަލިމަގެއް ނުފެނުނު ނަމަވެސް ވާހަކަތައް ކުރިޔަށް ގެންދިޔުމަށް މަސައްކަތްކުރާނެކަމަށެވެ.

ރަޝިޔާ ޔޫކްރެއިން ސުލްހައިގެ މަޝްވަރާއަށް ޗައިނާއިން އިސްނަގަނީ
ޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ޔީ ވިދާޅުވީ ސުލްހައިގެ މަޝްވަރާތައް ކުރުމަށް ބާރުއެޅުމަށް މިހާރުވެސް ޗައިނާ މަސައްކަތްކޮށްފައިވާ ކަމަށާއި، ޗައިނާއިން ދެ ގައުމާއެކު ގުޅުން ބާއްވަމުން ގެންދާކަމަށެވެ. އަދި ސުލްހަ ގާއިމުކުރުމަށް މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ޗައިނާއިން ތައްޔާރުކަމަށާއި މިކަން ކުރުމަށް ބައިނަލްއަގުމާއީ މުޖުތަމައުއާ އެކު މަސައްކަތްކުރަންވެސް ތައްޔާރު ކަމަށް ވަންގް ވިދާޅުވިއެވެ.
ޗައިނާއިން ޔޫކްރެއިނަށް އިންސާނީ އެހީ ފޯރުކޮށްދޭން ނިންމައިފި
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވަނީ އެގައުމުގެ ރެޑް ކްރޮސް މެދުވެރިކޮށް ޔޫކްރެއިނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ. އަދި ވީހާވެސް އަވަހަށް މި އެހީ ފޯރުކޮށްދޭން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވަމުން މިނިސްޓަރު ވަނީ މީގެ ސަބަބުން ރަޝިއާ އާއި ޗައިނާ އާއި ދެމެދު އޮތް ގުޅުމަށް ބުރޫ ނަރާނެކަމަށްވެސް ވިދާޅުވެފައެވެ.
ޗައިނާއިން ޔޫކްރެއިނަށް އިންސާނީ އެހީ ފޯރުކޮށްދޭން ނިންމި ނަމަވެސް އެގައުމުން ރަޝިއާގެ އަމަލުތައް ކުށްވެރިއެއް ނުކުރެއެވެ. ޗައިނާއިން އަންނަނީ ރަޝިއާގެ ސަލާމަތައް ނުރައްކާވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގަތުމަށް ހުޅަނގުގެ ގައުމުތަކުގައި ބުނަމުންނެވެ.

ފޮރިން މިނިސްޓަރު ވަންގް ވަނީ ރަޝިއާ އަދި ޔޫކްރެއިންގެ މި މައްސަލައަކީ ގިނަ އަހަރުތަކެއްގެ ތެރޭ ބޮޑުވަމުން އައި މައްސަލައެއް ކަމަށާއި މިކަމަކީ އެންމެ ރެއަކުން މިހެންވި މައްސަލައެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭނާ ވަނީ މި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން ޗައިނާގެ ހަރުބަހެއް ކަމަށްވާ، "ތިން ފޫޓުގެ އައިސް ގަނޑެއް އެއް ދުވަހަކުން ނުއުފެއްދޭނެ" ބޭނުންކުރައްވާފައެވެ.
މިފަދަ މައްސަލައެއް ހައްލު ކުރަން ބޭނުންވަނީ ހަމަޖެހިގެން ރަނގަޅު "ރޭޝަނަލް" ފިޔަވަޅުތައް އަޅަން ކަމަށް ވިދާޅުވެ އަނދަމުންދާ އަލިފާންގަނޑަކަށް އިތުރަށް ތެޔޮ އެޅުން ބުއްދިވެރި ނޫންކަމަށްވެސް ވަންގް ވަނީ ވިދާޅުވެފައެވެ.
ޕޮލެންޑު މެދުވެރިކޮށް އެމެރިކާއިން ޔޫކްރޭނަށް ހަނގުރާމަ މަތީ ބޯޓު ފޮނުވަނީ
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވިދާޅުވެފައިވަނީ ޕޮލެންޑާއެކު ޑީލެއް ހައްދަވަމުން ގެންދަވާ ކަމަށާއި، އެއީ ޕޮލެންޑު މެދުވެރިކޮށް ޔޫކްރެއިންއަށް ޖެޓް ފޮނުވުމަށެވެ.
ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތު
ޔޫކްރެއިންގެ ރައީސް ވޮލޮޑީމިއަރ ޒެލެންސްކީ ވަނީ ރަޝިޔާގެ ފައުޖުތަކާއި ދޫނުދެއްވުމަށް ގޮވާލައްވާފައެވެ.
ޗެކްޕޮއިންޓެއްގައި ކުޑަކުދިން މަރުވި
މޮޓަރު ބަޑީގެ 2 ހަމަލާއެއްގައި އިރްޕިންގެ ޗެކްޕޮއިންޓަކަށް އަމާޒުވެ މި ހަމަލާގައި 2 ކުޑަކުދިން ވަނީ މަރުވެފައެވެ.
އާންމުން ތާށިވެފައި
ޔޫކްރެއިންގެ ދެކުނުއިރުމަތީ ސަރަހައްދުގެ 2 ސިޓީއެއް ކަމަށްވާ މަރިއުޕޮލް އަދި ވޮލްނޮވަޚަގައި ގިނަ އަދަދެއް އާންމުން ވަނީ ތާށިވެފައެވެ. މަރިއުޕޮލްގައި ކަރަންޓު ކެނޑިފައިވާތާ 5 ދުވަސް ވަނީ ވެފައެވެ. އަދި އެ ސިޓީން ފެން ވަނީ ކެނޑިފައެވެ. މޮބައިލް ނެޓްވޯކްގެ ހިދުމަތް ވެސް ވަނީ ކެނޑިފައެވެ. މީގެ އިތުރުން މަރުވި މީހުންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ނުކުރެވޭ ކަމަށާއި، ސަބަބަކީ ރަޝިޔާއިން ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާތީ ކަމަށް އެ ސިޓީގެ މޭޔަރ ވަނި ވިދާޅުވެފައެވެ.
ރެފިއުޖީންގެ މައްސަލަ ބޮޑުވެފައި
މިހާތަނަށް އައި އިރު ޔޫކްރެއިން ދޫކޮށް އަވަށްޓެރި ގައުމުތަކަށް 1.5 މިލިއަން ރެފިއުޖީން ވަނީ އެތެރެވެފައެވެ. މިއީ 10 ދުވަހުގެ ތެރޭގައި ރައްކާތެރި ހިސާބުތަކަށް ރެފިއުޖީންގެ ގޮތުގައި ދަތުރުކުރި މީހުންނެވެ. އދ ގެ ރެފިއުޖީންނާއި ބެހޭ އެޖެންސީން ބުނީ މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޔޫރަޕުން ފެނިގެންދާ އެންމެ ބޮޑު ރެފިއުޖީންގެ މައްސަލަ ކަމަށެވެ.
ރަޝިޔާއިން ބަނދަރުތަކަށް ހަމަލާދޭން އުޅޭކަމުގެ ތުހުމަތު
ރަޝިޔާއިން ޔޫކްރޭން ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި އެގައުމުގެ ބަނދަރުތަކަށް ހަމަލާ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫކްރެއިންގެ ރައީސް ވްލަޑީމިއަރ ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. އެގޮތުން ރަޝިޔާއިން މަސައްކަތް ކުރަމުން އަންނަނީ ކަޅުކަނޑުގައި ގާއިމްކޮށްފައިވާ އޮޑެއްސާގެ ބަނދަރަށް ހަމަލާ ދިނުމަށް ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
ހުއްޓުމެއް ނެތި ކީވްއަށް ބޮމުގެ ހަމަލާތައް ދަނީ އަމާޒުވަމުން
އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން ޔޫކްރެއިންގެ ވެރިރަށް ކީވްގެ ހުޅަނގާއި އުތުރު ހުޅަނގު ސަރަހައްދުތަކަށް މެދު ނުކެނޑި ބޮމުގެ ހަމަލާތައް ދެމުން އަންނަ ކަމަށް ވަނި ރިޕޯޓްކޮށްފައެވެ.
ބައިޑެން، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އާ ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފި
އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އާ ފޯނުން ގުޅުއްވާ ވާހަކަދައްކަވައިފިކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.
ވައިޓް ހައުސްއިން ބުނީ މިފޯނު ކޯލުގެ ދިގު މިނަކީ 30 މިނެޓްކަމަށެވެ. ޒެލެންސްކީ ވަނީ ފޯނު ކޯލާ ގުޅޭގޮތުން ޓްވީޓްކުރައްވާފައެވެ. އެގޮތުން ސެކުޔިރިޓީ އާއި މާލީގޮތުން ސަޕޯޓްދެވޭނެ ގޮތްތަކާއި ރަޝިޔާ އާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ގައުމުގެ ދިފާއުގައި ހަނގުރާމަކުރުމަށް ޒެލެންސްކީ ރައްޔިތުންނަށް ގޮވާލައްވައިފި
ޔޫކްރެއިންގެ ދިފާއުގައި ހުރިހާ ސިޓީތަކެއްގައިވެސް ރައްޔިތުން ނިކުމެ ހަނގުރާމަ ކުރުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ގޮވާލައްވައިފިއެވެ.
ފޭސްބުކް ޕޭޖަށް ޕޯސްޓްކޮށްފައިވާ ވީޑިއޯގައި ޒެލެންސްކީ ވަނީ މިހާތަނަށްވެސް ރައްޔިތުން ދައްކަމުން އަންނަ ހިތްވަރަށް ތައުރީފުކުރައްވާފައެވެ.
އީޔޫ އާއި ނޭޓޯއިން ޔޫކްރެއިންއަށް ހަތިޔާރު ދިނުން ހުއްޓާލުމަށް ރަޝިޔާއިން ގޮވާލައިފި
ވިސާ އާއި މާސްޓާކާޑުގެ ޚިދުމަތްތައް ރަޝިޔާގައި ދިނުން މެދުކަނޑާލައިފި
އިސްރާއީލްގެ ބޮޑުވަޒީރު މޮކްސްކޯގައި ޕުޓިންއާ ބައްދަލުކުރައްވައިފި
ސުލްހައިގެ ވާހަކަތަކުގެ ތިން ވަނަ ބުރު ހޯމަ ދުވަހު
ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ކުރިޔަށްގެންދާ ސުލްހައިގެ ވާހަކަތަކުގެ ތިން ވަނަ ބުރު ހޯމަ ދުވަހު ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޔޫކްރެއިންގެ ފަރާތުން ވާހަކަތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޑޭވިޑް ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ތިން ވަނަ ބުރުގެ ވާހަކަތައް ހޯމަ ދުވަހު އޮންނާނެކަމަށް ވިދާޅުވުން ފިޔަވައި އިތުރު ތަފްސީލެއް ނުދެއްވައެވެ.
ޔޫކްރެއިންގެ 27000 ރެފިއުޖީން ޖަރުމަނުވިލާތުގައި ރަޖިސްޓްރީ ވެއްޖެ
ޖަރުމަނުގެ އިންޓީރިއަރ މިނިސްޓަރާއި ހަވާލާދީ ސީއެންއެންގައި ބުނެފައިވަނީ ފެބްރުއަރީ 24 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 27000 މީހުން ރެފިއުޖީންގެ ގޮތުގައި އެގައުމުގައި ރަޖިސްޓްރީ ވެފައިވާ ކަމަށާއި، ނަމަވެސް މި އަދަދު އިތުރުވެދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިހާތަނަށް ޔޫކްރެއިން ދޫކޮށް 1.2 މިލިއަން މީހުން ވަނި ރައްކާތެރި ހިސާބުތަކަށް ގޮސްފައެވެ.
ރަޝިޔާގެ އެންމެ ބޮޑު އެއަރލައިނުން ބެލަރޫސް ފިޔަވައި އެހެން ގައުމުތަކަށް ދަތުރުތައް ކުރުން ހުއްޓާލައިފި
ރަޝިޔާގެ ގައުމީ އެއަރލައިން އެއޮރޯފްލޮޓުން މާޗް 8 ވަނަ ދުވަހުން ފެށިގެން ބެލަރޫސް ފިޔަވައި އެހެން ހުރިހާ ގައުމުތަކަށް ކުރަމުން އަންނަ ދަތުރުތައް ހުއްޓާލުމަށް ވަނި ނިންމާފައެވެ.
މީގެ އިތުރުން ރިޓަރން ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ދަތުރު ނުކުރެވޭނެ ކަމަށާއި، އެގޮތަށް ނިންމާފައިވަނީ ގައުމަށް އަނބުރާ އަންނަނ ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އިންޑިއާއިން ގޮވާލައިފި
ރަޝިޔާ އާއި ޔޫކްރެއިން ކުރަމުންދާ ހަނގުރާމައިގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އިންޑިއާ ސަރުކާރުން ގޮވާލާފައިވަނީ، ޔޫކްރެއިންގައި ތިބި ގިނަ އަދަދެއްގެ އިންޑިއާ ދަރިވަރުން ތާށިވެ ނުކުމެވޭނެ ގޮތެއް ނެތި އެ ކުދިން ބޭރުވެވޭނެ ގޮތެއް ހަދައި ދިނުމަށް އެދިދައިވަނިކޮށެވެ.
ޔޫކްރެއިންގެ ސުމީ ސިޓީގައި އިންޑިޔާގެ 700ށް ވުރެ ގިނަ ދަރިވަރުން ތިބީ ތާށިވެފައެވެ.
އެމެރިކާގެ ރައްޔިތުން ރަޝިޔާއަށް ދަތުރު ނުކުރުމަށް އަނެއްކާ ވެސް އަންގައިފި
ރަޝިޔާ އާއި ޔޫކްރެއިން އާއި ދެމެދު ކުރަމުންދާ ހަނގުރާމައާއި ގުޅިގެން އެމެރިކާގެ ރައްޔިތުން ރަޝިޔާއަށް ނުދިއުމަށް އަންގާފައި ވީނަމަވެސް، އަދިވެސް އެގައުމަށް އާންމު ދަތުރުކުރަމުންދާތި އެކަން ނުކުރުމަށް އެމެރިކާގެ ސަރުކާރުން ވަނީ އަންގާފައެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލަން ރަޝިޔާ އިން ބޭނުން ނުވޭ - ޔޫކްރެއިން
އާންމުންނަށް ރައްކާތެރި ހިސާބަކަށް ދިއުމަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް ރަޝިޔާއިން އެކަން ނުކުރާ ކަމަށާއި، ރަޝިޔާގެ ފައުޖުތަކުން ބެލުމެއް ނެތި ހަމަލާތައް ދެމުން ދިއުމުގެ ސަބަބުން އާންމުން ރައްކާތެރި ހިސާބަކަށް ގެންދިއުން ހުއްޓިފައިވާ ކަމަށް ޔޫކްރެއިންގެ ކަމާއިބެހޭ އިދާރާތަކުން ވަނީ ބުނެފައި
ދެން މަޑެއް ނުކުރެވޭނެ، އަޅުގަނޑުމެންނަށް ކަމެއް ވެއްޖެއްޔާ ސަރުކާރުން ޒިންމާ ނަގަންޖެހޭނެ - ޔޫކްރެއިންގައި ތިބި އިންޑިއާ ދަރިވަރުން
ސިންގަޕޫރުން ވެސް ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމައިފި
ސިންގަޕޫރުން ވެސް ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.
މިއުޅެނީ ރަޝިޔާ ސަރުކާރު ބަދަލުކުރާކަށް ނޫން: އެމެރިކާ
އެމެރިކާއިން މަސައްކަތްކުރަމުންދަނީ ރަޝިޔާގައި އޮތް ސަރުކާރު ބަދަލުކުރަން ނޫންކަމަށް އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެއެވެ.
ބީބީސީ އާ ވާހަކަދައްކަވަމުން ބްލިންކެން ވިދާޅުވީ އެކަން ކުރެވޭނީ ރަޝިޔާގެ ރައްޔިތުންނަށްކަމަށެވެ. ނަމަވެސް ހަނގުރާމަކުރަމުންދާތީ އެކަމާ ރަޝިޔާ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭކަމަށް ބްލިންކެން ވިދާޅުވިއެވެ. އެކަން ކުރެވޭނީ ރަޝިޔާގެ ރައްޔިތުންނަށްކަމަށް ބްލިންކެން ވިދާޅުވިއެވެ.
ޔޫކްރެއިންގައި އުދުހުން މަނާ ސަރަހައްދެއް ކަނޑައެޅުމަށް ނޭޓޯއިން ދެކޮޅު ހެދުމުން ޒެލެންސްކީގެ ފާޑުކިޔުން ހުޅަނގަށް
ޔޫކްރެއމިންގައި އުދުހުން މަނާ ސަރަަހައްދެއް ކަނޑައެޅުމަށް ނޭޓޯއިން ދެކޮޅު ހެދުމުން އެކަން ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ކުށްވެރިކުރައްވައިފިއެވެ.
ޓީވީ މެދުވެރިކުރައްވާ ޔޫކްރެއިންގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ އެގޮތަށް ކަންތައްކުރުމުން އެދެވެނީ ރަޝިޔާގެ ރައީސް އަށް އިތުރު ފުރުސަތެއްކަމަށެވެ. ރަޝިޔާއިން ގެންދަނީ ކެނޑިނޭޅި އާންމުންނަށް ބޮން އޮޅަމުން ކަމަށާއި އެކަމަށް މަގުފަހިކޮށްދެނީ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޔޫކްރެއިންގެ ދެވަނަ އަށް އެންމެ ބޮޑު ނިޔުކުލިއަރ ފެސިލިޓީއާ ދިމާލަށް ރަޝިޔާގެ ފައުޖުތަކުން މިސްރާބު ޖަހައިފި
ރަޝިޔާގެ ފައުޖުތަކުން މިހާރު މިސްރާބު ޖަހާފައިވަނީ ޔޫކްރެއިންގެ ދެވަނަ އަށް އެންމެ ބޮޑު ނިޔުކުލިއަރ ފެސިލިޓީއާ ދިމާލަށްކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާއިން އދށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ލިންޑާ ވިދާޅުވީ ރަޝިޔާގެ ފައުޖުތައް މިހާރު އޮތީ ނިޔުކުލިއަރ ފެސިލިޓީ އާ 20 މޭލު ދުރުމިނުގައި ކަމަށެވެ.
އދ ގެ ސަލާމަތީ މަޖިލީހުން ހޯމަ ދުވަހު އިމަރޖެންސީ ބައްދަލުވުމެއް ބާއްވަނީ
އދ ގެ ސަލާމަތީ މަޖިލީހުން ހޯމަ ދުވަހު އިމަރޖެންސީ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިފަހަރު ބައްދަލުވުން ބާއްވަނީ ހަނގުރާމައިގެ ސަބަބުން ކުރިމަތިވަމުން އަންނަ އިންސާނީ ކާރިސާ އާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ.
އެމެރިކާގައި ފާއިތުވި 14 އަހަރުތެރޭގައި ތެލުގެ އަގު މައްޗަށް ނުދާ މިންވަރަށް މައްޗަށް ގޮސްފި
އެމެރިކާގައި ފާއިތުވި 14 އަހަރު ތެރޭގައި ތެލުގެ އަގު މައްޗަށް ނުދާ މިންވަރަށް ތެލުގެ އަގު މައްޗަށް ގޮސްފިއެވެ.
ހަނގުރާމައިގެ ސަބަބުން އެމެރިކާގައި ސާފުނުކުރާ ތެޔި ފީފާއެއްގެ އަގު ވަނީ 115.68 ޑޮލަރަށް މައްޗަށް ޖެހިފައެވެ. މިއީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުގެ ފަހުން މިހާބޮޑަށް ތެލުގެ އަގު އެމެރިކާގައި މައްޗަށްދިޔަ ފުރަތަމަ ފަހަރެވެ.
ރަޝިޔާއިން ޚަބަރުތައް ރިޕޯޓްކުރުން މެދުކަނޑާލި ނިއުސް ސްޓޭޝަން ތަކަކީ:
ސީއެންއެން އިންވެސް ރަޝިޔާގައި ބްރޯޑްކާސްޓް ކުރުން ހުއްޓާލަނީ
ސީއެންއެން އިން ވެސް ރަޝިޔާގައި ބްރޯޑްކާސްޓްކުރުން ހުއްޓާލަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
ޗެނަލްތަކުން މިގޮތަށް ނިންމަމުންމިދަނީ ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނޫނަކާއި ގުޅިގެންނެވެ. އެއީ ރަޝިޔާގެ އަސްކަރިއްޔާ އާ ގުޅޭގޮތުން "ފޭކް ނިއުސް" ފަތުރާނަމަ ޖަލަށްލާ ގޮތަށް ފާސްކޮށްފައިވާ ގާނޫނެކެވެ. މިގާނޫނު ޕުޓިން ވަނީ ތަސްދީގުކުރައްވާފައެވެ.
ޔޫކްރެއިން އަށް މި ހަނގުރާމަ ކާމިޔާބުކުރެވޭނެ: ބްލިންކެން
ރަޝިޔާއިން ޔޫކްރެއިން އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިން އަށް ކާމިޔާބު ލިބޭނެކަމަށް އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެއެވެ.
ބީބީސީއަށް ދެއްވި އިންޓަރވިއުއެއްގައި ބްލިންކެން ވިދާޅުވީ ހަނގުރާމަ ކުރިޔަށްދާނީ ކިހާ މުއްދަތަކަށްތޯ ވިދާޅުވާން ނޭންގޭކަމަށެވެ. ނަމަވެސް ޔޫކްރެއިން އަށް ކާމިޔާބު ލިބޭނެކަމަށް ވިދާޅުވިއެވެ.
ކެނަޑާގެ ޕަބްލިކް ބްރޯޑްކާސްޓަރ ސީބީސީން ރަޝިޔާއިން ރިޕޯޓްކުރުން މެދުކަނޑާލައިފި
ރަޝިޔާއިން ޓްވިޓަރ އާއި ޔޫޓިޔުބްވެސް ބްލޮކުކޮށްފި
ރަޝިޔާއިން ފޭސްބުކް ބްލޮކު ކުރުމަށްފަހު ޓްވިޓަރ އާއި ޔޫޓިޔުބްވެސް ބްލޮކްކޮށްފައިވާ ކަމަށް ބީބީސީން ރިޕޯޓްކޮށްފިއެވެ.
ރަޝިޔާއިން ވަނީ ޓްވިޓަރ ބޭނުންކުރެވޭ މިންވަރު މީގެކުރިން ލިމިޓްކޮށްފައެވެ. މިހާރު ޓްވިޓަރ ބްލޮކްކޮށްފައިވާ ކަމަށް ރަޝިޔާގެ މީޑިޔާތަކާއި ހަވާލާދީ ބީބީސީން ވަނީ ރިޕޯޓްކޮށްފައެވެ.
ޔޫޓިޔުބް، ފޭސްބުކް އަދި ޓްވިޓަރ އަކީ ރަޝިޔާގައި އެންމެ މަގުބޫލު ސޯޝަލް މީޑިޔާ ނެޓްވޯރކްތަކެވެ.
ރަޝިޔާ އަސްކަރިއްޔާގެ 92 އިންސައްތަ އޮތީ ޔޫކްރެއިންގެ އެތެރޭގައި
ހަނގުރާމައަށް 9 ދުވަސްވެފައިވާއިރު ރަޝިޔާ އަސްކަރިއްޔާގެ 92 އިންސައްތަ މިހާރު އޮތީ ޔޫކްރެއިންގެ އެތެރޭގައި ކަމަށް އެމެރިކާގެ ސީނިއަރ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
މިހާތަނަށް ރަޝިޔާއިން 500 މިސައިލް ޔޫކްރެއިން އަށް އަމާޒުކޮށް ފޮނުވާލާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. ޔޫކްރެއިންގެ ވެރިރަށް ކިޔެވް އަށް އަރަން މަސައްކަތްކުރާ ފައުޖުތައް މިހާރު އޮތީ ކިޔެވް އާ 25 ކިލޯމީޓަރު ބޭރުގައިކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ރަޝިޔާގެ އަސްކަރިއްޔާ އާ ގުޅޭގޮތުން "ފޭކް ނިއުސް" ފަތުރާނަމަ ޖަލު ހުކުމް އަންނަ ގޮތަށް ގާނޫނު ފާސްކޮށްފި
ނިޔުކްލިޔަރ މަރުކަޒަށް ދިން ހަމަލާއާއެކު އދ ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް
ޔޫކްރެއިންގެ ނިޔުކްލިޔަރ މަރުކަޒަށް ދިން ހަމަލާއާއެކު އދ ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިިފިއެވެ.
އެންމެ ބޮޑު ނިޔުކްލިޔަރ މަރުކަޒު ރަޝިޔާގެ ބާރުގެ ދަށަށް
ރަޝިޔާގެ ފައުޖުތަކުގެ ބާރުގެ ދަށަށް ޒަޕޮރްޖިޔާ ނިޔުކްލިޔަރ މަރުކަޒު ގެނެސްފިއެވެ. ރަޝިޔާގެ ފައުޖުތަކުގެ ބާރުގެ ދަށަށް ޒަޕޮރްޖިޔާ ގެނައުމަށްފަހު އެ ޤައުމުން ބުނެފައިވަނީ އެ މަރުކަޒަށް ބޮޑު ގެއްލުމެއް ނުލިބޭކަމަށެވެ. ޒަޕޮރްޖިޔާގެ ހަ ނިޔުކްލިޔަރ ރިއެކްޓަރުގެ ތެރެއިން މަސައްކަތްކުރަނީ އެންމެ ރިއެކްޓަރެކެވެ. ރަޝިޔާގެ ސިފައިން ޒަޕޮރްޖިޔާ ހުންނަ ސަރަޙައްދުގައި ޙަމަލާބަދަލުކުރުމުން ދުނިޔޭގެ ޤައުމުތަކުންވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
ޔޫކްރެއިންގެ ރައީސްގެ ޝުކުރު އައިއެމްއެފްއަށް
އައިއެމްއެފް އިން ޔޫކްރެއިނަށް ދިން އެހީތެރިކަމަށް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ޝުކުރު އަދާ ކުރައްވައިފިއެވެ.
ރަޝިޔާއާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރުމަށް ނަވަލްނީ ގޮވާލައްވައިފި
ރަޝިޔާ އިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް މާރޗް 6 ވަނަ ދުވަހު ރަޝިޔާގެ ރައްޔިތުންގެ އިތުރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް މުޒާހަރާއަށް ނިކުތުމަށް އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ގޮވާލައްވައިފިއެވެ. ނަވަލްނީ ވަނީ އެ ދުވަހު މުޒާހަރާއަށް ނިކުމެ "ރަޝިޔާގެ ރައްޔިތުން ހަނގުރާމައާ ދެކޮޅުކަން" ސާބިތުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. މީގެ ކުރިން ވެސް ރަޝިޔާގެ ރައްޔިތުން ވަނީ ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް މުޒާހަރާ ކޮށްފައެވެ. އަދި 8،000ށް ވުރެ ގިނަ މީހުން ރަޝިޔާގެ ސިފައިން ވަނީ ހައްޔަރުކޮށްފައެވެ.