ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
26 މާރޗް ގެ ނިޔަލަށް ސަރުކާރު ބަންދުވުމާ ގުޅިގެން އާންމު ޚިދުމަތްތަކާ ބެހޭ ބައިން ރައްޔިތުންނަށް ދެމުންގެންދާ ޙިދުމަތްތަކާ ބެހޭ
މާރޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެން 26 މާރޗްގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ރައީސުލްޖުހޫރިއްޔާގެ ކެބިނެޓުން ނިއްމަވާފައިވާތީ ، މިދުވަސްތަކުގައި ދޫކުރާ އެހެނިހެން ހުއްދަތަކާއި ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް މިމުއްދަތު ތެރޭގައި މާލެ ސިޓީ ކައުންސިލުން ދޫނުކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
އަދި މި ސެކްޝަނުން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން 19 މާރޗް 2020 ކުރިން ދޫކޮށްފައިވާ ބޯޑުތަކާއި، އަދި 19 މާރޗުން 26 މާރޗުގެ ނިޔަލަށް ފައްތިއާ ފަޅުހުއްދަ އަށް ދައްކަންޖެހޭ ފައިސާ މިމުއްދަތު ތެރޭގައި ޖޫރިމަނާ ނުވެ ސަރުކާރު އޮފީސްތައް ހުޅުވޭ ދުވަހު ދެއްކޭނެ އިންތިޒާމް ވަނީ މިކައުންސިލުން ހަމަޖައްސާފައެވެ. ނަމަވެސް ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު މި ޚިދުމަތްތަކުގެ ތެރެއިން ދައްކަވަންޖެހޭ ފައިސާ އެދުވަހު ނުދައްކަވައިފިނަމަ ދެން ފައިސާ ބަލައިގަނެވޭނީ ޖޫރިމަނާ ފައިސާ އެކުގައި ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.
އައްޑު ސިޓީ ހިތަދޫގެ ގެއެއް ކަރަންޓީން ކޮށްފި
ނައިލޯނުގެ، ސ. ހިތަދޫގައި މިވަގުތު ހުރި ފަރާތެއްގެ ކިބައިން، ކޮވިޑް-19 އަށް
ޝައްކު ކުރެވޭ ޢަލާމާތްތަކެއް ފެނުމާ ގުޅިގެން ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން ނައިލޯނުގެ، ސ، ހިތަދޫ އަކީ މިއަދުގެ ހަވީރު 3:20 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ނުވަތަ އިތުރު އެންގުމެއް އަންގަންދެން ބަންދުކުރެވިފައިވާ ތަނެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެގޭގައި ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ފެނިފައިވަނީ އިންޑިއާއިން އައި އާއިލާއެއްގެ ކުޑަކުއްޖެއްގެ ގައިންނެވެ.
އަދި އެތަނުގައި މި ވަގުތު ތިބި އެއްވެސް ބަޔަކު ވަކިގޮތެއް އަންގަންދެން ތަނުން ބޭރަށް ދިއުމާއި، ހުއްދަނެތި އެއްވެސް މީހަކު ތަނަށް ވަނުން މަނާކުރެވިފައިވާތީ، އެފަދައިން އެކަން ހިނގާނެ ގޮތެއްގެ މަތިން ތަނުގެ އިންތިޒާމުތައް މި ހިނދުން ފެށިގެން ހަމަ ޖެއްސުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ތަނުގެ ވެރިފަރާތަށް އަންގާފައިވެއެވެ.
އަދި، މިކަމުގައި ގޭގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅާ އަންގުމަށް ވަނީ އެދިފައެވެ.
މިއަދު 18:00 ގެ ފަހުން މެލޭޝިއާއިން ރާއްޖެއަންނަ ހުރިހާ ދިވެހި 14 ދުވަހަށް ކަރަންޓީނު ފެސިލިޓީއަށް ފޮނުވޭނެ
މިއަދު 18:00 ގެ ފަހުން، މެލޭޝިޔާއިން ދިވެހިރާއްޖެއަށް އަދި މެލޭޝިޔާ މަގުން ދަތުރުކުރުމަށްފަހު ރާއްޖެ އަންނަ އެންމެހާ ދިވެހިން 14 ދުވަހުގެ މުއްދަތަށް މޮނިޓަރ ކުރުމަށް ކަރަންޓީނު ފެސިލިޓީއަކަށް ފޮނުވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި
އެކިލެވެލްތަކުގައި ކޯޓުތަކުން އަމަލުކުރަންވީ ގޮތް އެކުލަވާލައިފި
ކޮވިޑް-19 ގެ އެކިލެވެލްތަކުގައި އަމަލުކުރަންވީ ގޮތް ސްޕްރީމް ކޯޓުން އެކުލަވާލާ ސަރކިޔުލަރ އެއް ނެރެފި އެވެ.
އެގޮތުން ކޯޓުތަކުން މީސްމީހުންނަށް އަންގާ އެންގުންތައް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް އެންގުމުގެއިންތިޒާމުތައް ހަމަޖައްސައި، އެގޮތުގެމަތިން ވީއެންމެ އަވަސް ފުރުޞަތެއްގައި މަސައްކަތްތައް ތަރުތީބުކުރުމަށް ވަނީ އަންގާފަ އެވެ. އަދި ކޮންމެހެން ކޯޓުގެ ސަރަޙައްދުގެ ތެރެއަށް ވަންނަން ޖެހޭ މީހުން، އެހެން މީހުންނާ ކޯޓުގެ ތެރޭގައި ގައިގޯޅިނުވާނެ ގޮތަކަށް ދުރުމިނުގައި ތިބެވޭނެ އަދި ވަދެ ނިކުމެވޭނެ ގޮތް ހެދުމަށާއި އެކަންކަން ބެލުމަށް ކޯޓުގެ މުވައްޒަފަކު ހުރުމަށް ސަރކިޔުލަރ ގައި ބުނެފައިވެ އެވެ. އެގޮތުން ރީނދޫ އެލަރޓްގައި 2 ކަމެއް ވަނީ ކަނޑައަޅާފަ އެވެ. އޮރެންޖް އެލަރޓްގައި 5 ކަމެއް އަދި ރަތް އެލަރޓްގައި 3 ކަމެއް ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.
ކޮވިޑް-19: ކޮޕަ އެމެރިކާވެސް އަންނަ އަހަރަށް ފަސްކޮށްފި
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދެކުނު އެމެރިކާގެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕަ އެމެރިކާ އަންނަ އަހަރަށް ފަސްކުރުމަށް ނިންމައިފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްއިން ވަނީ އަންގާރަ ދުވަހު މުބާރާތް ފަސްކުރުމަށް ނިންމާފައެވެ. ކުރިން މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު ފެށިގެން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އާޖެންޓީނާ އާއި ކޮލޮމްބިއާގައެވެ.
އެކަމަކު މި މުބާރާތް ފަސްކުރަން ކޮންމެބޯލްއިން ނިންމިއިރު، މި މުބާރާތް އަންނަ އަހަރުގެ ހޫނު މޫސުމުގައި ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
ފިލިޕީންސް އަށް ދަތުރުކުރާ އަދި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އެދިއްޖެ
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާތީ ފިލިޕީންސްގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.
ފލިޕީންސް އިން ވަނީ 15 މާޗް 2020 އިން 14 އޭޕްރިލް 2020 އަށް އެ ޤައުމުގެ ވެރިރަށް މެނީލާއަށް ވަދެ ނުކުތުން ވަގުތީގޮތުން މަނާކޮށްފައެވެ. އެގޮތުން އެ ޤައުމުގެ އެލަރޓް ލެވެލް "ކޯޑް ރެޑް ސަބް ލެވެލް 2" އަށް ވަނީ މަތިކޮށްފައެވެ.
އަދި 14 މާޗް 2020 އިން ފެށިގެން ރޭގަނޑު 8:00 އާއި ފަތިހު 5:00 އާ ދޭތެރޭ، މެޑިކަލް ބޭނުމަކަށް އަދި އެމަރޖަންސީ ހާލަތްތަކުގައި ނޫނީ މެނީލާގެ ރައްޔިތުން ގެއިން ބޭރަށް ނުކުތުން ފިލިޕީންސްގެ ސަރުކާރުން ވަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް މެނީލާއިން ބައިނަލްއަޤްވާމީ ވައިގެ މަގުން ދަތުރުފަތުރުކުރުން ހުއްޓާލާފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ފިލިޕީންސްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ފިލިޕީންސްގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވެލެއްވުމަށެވެ.
އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ފިލިޕީންސްއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ރައްޔިތުން ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދިފައިވެއެވެ.
އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.
އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތާގުޅޭ ގޮތުން ފަނޑިޔާރުން ޢަމަލުކުރައްވަންޖެހޭ ޚާއްސަ އުސޫލުތައް އެކުލަވާލައިފި
ދިވެހިރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށާފައިވީ ހިނދު، ފަނޑިޔާރުންނަށް ސަލާމަތްތެރި މާހައުލެއްގައި މަސައްކަތް ކުރެވޭނެ ގޮތްހެދުމާއެކު ރައްޔިތުންނަށް ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެގޮތަށް ފޯރުކޮށްދިނުމުގެ ގޮތުން ކޮމިޝަނުން ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެފި އެވެ. އެގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅު ތަކަކީ:
- ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާ އެއްގޮތަށް، ފަނޑިޔާރަކު ސެލްފް އައިސޮލޭޝަން ނުވަތައައިސޮލޭޝަން ނުވަތަ ކޮރެންޓިން ކުރެވިއްޖެނަމަ، އެފަނޑިޔާރަކު އެކަން ޖުޑީ ޝަލް ސަރވިސް ކޮމިޝަނަށް އެންގުން. މިފަދައިން އަންގާނީ މިކޮމިޝަންގެ 7821400 ނަންބަރަށް ޓެކްސްޓް މެސެޖަކުން ކަމަށް ޖޭއެސްސީން ބުނެއެވެ. ވީޓެކްސްޓް މެސެޖުގައި ފަނޑިޔާރުގެ ނަން، އައިޑީ ކާޑު ނަންބަރު އަދި ކޯޓު ބަޔާން ކުރަންޖެހެއެވެ. ފަނޑިޔާރަކު ސެލްފް އައިސޮލޭޝަން ނުވަތަ ޣައިލޭޝަން ނުވަތަ ކޮރެންޓީންގައި ހުންނަވާ މުއްދަތުގައި ކޯޓަށް ހާޒިރުނުވެވޭ ދުވަސްތައް އަހަރީ ޗުއްޓީ ނުވަތަ އެހެނިހެން ޗުއްޓީތަކުން ނުކެނޑޭގޮތަށް އަދި މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ހަމަޖެއްސޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.
-ކޮވިޑް-19 އާ ގުޅިގެން އޮރެންޖް އެލަރޓް އިޢުލާން ކުރެވޭ ސަރަޙައްދެއްގެ ކޯޓުގައި ތިއްބެވި، އުމުރުން 55އަހަރުން މަތީ ފަނޑިޔާރުންނާއި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ ހިތުގެ ފުއްޕާމޭގެ ކެންސަރު، ހަކުރުބަލި ފަދަ ދާއިމީ ބައްޔަކަށް ފަރުވާ ހޯއްދަވާ ފަނޑިޔާރުންނާއި މާބަނޑު ފަނޑިޔާރުން ގޭގައި މަސައްކަތް ކުރައްވަންބޭނުން ފުޅުނަމަ، އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެންގުމުން، ކޮމިޝަނުން ކަނޑައަޅާ އުސޫލުގެ ދަށުން އެއިންތިޒާމް ހަމަ ޖައްސަދެވޭނެ. އަދި މި ގޮތަށް މަސައްކަތް ކުރައްވާ ފަނޑިޔާރުން ވިގޮތަށް މަސައްކަތްކުރާ ދުވަސްތަކަކީ ކޯޓަށް ހާޒިރުވެ މަސައްކަތް ކުރާދުވަސްތަކެއްގެ ގޮތުގައި ބެލޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.
ކޮވިޑް-19: ޔޫރޯ އަންނަ އަހަރަށް ފަސްކުރަން ޔުއެފާއިން ނިންމައިފި
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރުމަށް ޔުއެފާއިން ނިންމައިފި އެވެ.
ޖޫން މަހުގެ 13 ވަނަ ދުވަހު ފެށުމަށް ކުރިން ތާވަލުކޮށްފައި އޮތް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ޔޫރަޕްގެ 12 ސިޓީއެއްގައެވެ.
އެކަމަކު މި މުބާރާތް ފަސްކުރަން ޔުއެފާއިން ނިންމީ ވީޑިއޯކޮންފަރެންސް މެދުވެރިކޮށް އަންގާރަ ދުވަހު ޔުއެފާގެ 55 މެމްބަރު ގައުމުންނާއި ޔޫރަޕުގެ ލީގުތަކުންނާއި ޔޫރަޕުގެ ކްލަބު އެސޯސިއޭޝަނުންނާއި ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން (ފިފްޕްރޯ) އިން މަންދޫބުން ބައިވެރިވި ބައްދަލުވުމަށްފަހު އެވެ. މި ބައްދަލުވުމަށްފަހު ޔުއެފާއިން ނިންމާފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރުގެ ހޫނު މޫސުމުގައި ބޭއްވުމަށެވެ.
ކޮވިޑް-19: ބިދޭސީންނަށް ވިސާ ދޫކުރުން ވިއެޓްނާމުން ހުއްޓާލަނީ
ވިއެޓްނާމަށް އަންނަން ވިސާ ނަގައިގެންތިބި އަދި އެކި ބޭނުންތަކައް އެކި މުއްދަތައް ވިސާއާއެކު، އެޤައުމުގައި ދިރިއުޅެމުންދާ އެމެރިކާއާއި، ޔޫރަޕުގެ ޤައުމުތަކާއި، އާސިއާންގެ ޤައުމުތަކުން އަނބުރާ އަންނަ މީހުން ކަރަންޓީން ކުރަން އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އަދި މާދަމާއިން ފެށިގެން އެއްވެސް ޤައުމެއްގެ ރައްޔިތަކަށް އެޤައުމަށް އެތެރެވުމުގެ ވިސާ ނުދޭން މިހާރު ވަނި ކަނޑައަޅާފައެވެ. މިފަދައިން ނިންމީ އެޤައުމުގައި ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު، ވައިރަސް ކޮންޓްރޯލް ކުރަން އެޤައުމުގެ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުންދާތީއެވެ. މިހާތަނަށް ކަންވެފައި އޮތްގޮތައް ބަލާއިރު، ވައިރަސް އެޤައުމަށް އެތެރެވެފައިވަނީ ބިދޭސީންގެ ފަރާތުންނެވެ. އެހެންކަމުން ވައިރަސް ކޮންޓްރޯލް ކުރުމަށް މިދަނޑިވަޅަށް ބަލާއިރު އެންމެ ހަރުދަނާ އެއް ފިޔަވަޅެއްގެ ގޮތުގައި ފެނުނީ، ބޭރުން އެޤައުމަށް އަންނަ މީހުން ހުއްޓުވުމެވެ.
ވިއެޓްނާމުން މިހާތަނަށް އައިއިރު 61 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19:ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ހޯދުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓާރ ޔުމްނާ ވިދާޅުވެއްޖެ
ކޮވިޑް-19 ގެ ސަބަބުން އާމްދަނީ ހޯދުމަށް ދަތިވެ ކަންބޮޑުވުން ފާޅުކުރަމުން ދާތީ ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ހޯދުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓާރ އޮފް އަރޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމަށް ފަންނާނުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށެވެ.
ސައުތު ކޮރެއާއިން އައި ދިވެއްސެއް ފަރުކޮޅުފުށީގައި އެކަހެރިކޮށްފި
ކޮވިޑް-19: ނޭޗަރސް ޕެރަޑައިސް ރިސޯޓުން ނެގި ސާމްޕަލްގެ ނަތީޖާ ނެގެޓިވް
ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އާވީ ނޭޗަރސް ޕެރަޑައިސް ރިސޯޓުން ނެގި ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރިސޯޓުގެ ވަނީ މޮނިޓަރިންގްގެ ހާލަތުން ވަނީ ނެގިފައިކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
ކޮވިޑް-19: ދިރާގުން މޯބައިލް ކަސްޓަމަރުންނަށް އިތުރު ޑޭޓާ ދެނީ
ކޮވިޑް-19 ރޯގާގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމުގައި ކަސްޓަމަރުންނަށް ލުއި ދިނުމުގެ ގޮތުން ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސެއް ދޭން ނިންމައިފި އެވެ.
ދިރާގުން ބުނީ މިމަހާއި އަންނަ މަހަށް މޯބައިލް ކަސްޓަމަރުންނަށް ހާއްސަ ޑޭޓާ އެލަވަންސެއް ލިބޭނެ ކަމަށެވެ. އެގޮތުން ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ ލިބޭނެ އެވެ. މިގޮތަށް ޑޭޓާ އެލަވަންސް ދެނީ މަންތްލީ ޑޭޓާ ޕެކޭޖުތަކުންނެވެ. މީގެ އިތުރުން، ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ވޮއިސް އެޑް-އޮން ކަމަށްވާ "ވޮއިސް 15"ގެ އަގު 50 ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ.
މިއީ 47 އަހަރުވީ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް އައި އެންމެ ބޮޑު ގޮންޖެހުން: އަލީ ވަހީދު
މިއީ 47 އަހަރުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ވިދާޅުވީ 16 މަރޗްގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1609 މީހުން ކަމަށެވެ. މީގެކުރިން 5000 މީހުން އެވްރެޖްކޮށް ރާއްޖެ އަންނަކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކޮވިޑް-19: މެލޭޝިޔާއިން ވައިރަސްގައި ދެމީހަކު މަރުވެއްޖެ
މެލޭޝިޔާގެ ސަރަވަކް ސްޓޭޓް ޑިޒާސްޓަރ މެނޭޖްމެންޓް ކޮމިޓީން ބުނާގޮތުގައި، މިއަދު އެޤައުމުގައި ވައިރަސްޖެހިގެން ފަރުވާ ހޯދަމުންދިޔަ ދެމީހަކު ވަނީ މަރުވެފައެވެ.
މެލޭޝިޔާގައި މިހާތަނަށް 673 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.
ރާއްޖޭގެ ގެސްޓް ހައުސްތަކަށް ފަތުރުވެރިން ގެނައުން މަނާކޮށްފި
މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފަތުރުވެރިން ގެންދިޔުމަކީ މަނާކަމެއްކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. މިވަގުތު ތިބި ފަތުރުވެރިންނަށް ތިބެވޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތް 2 ހަފްތާ ސަރުކާރުން ބަލި ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކޮވިޑް-19: މެލޭޝިޔާގައި ދިިިރިއުޅުއްވާ ދިވެހިން މެލޭޝިޔާ ސަރުކާރުގެ ނިންމުމާއި އެންގުންތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި
މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ޢާއްމުކުރައްވާފައިވާ ބަޔާނެއްގައި ވަނީ، މެލޭޝިޔާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން މެލޭޝިޔާގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވެލެއްވުމަށް ދަންނަވާކަމަށެވެ.
އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންއެއްގައި ރެޖިސްޓަރ ކުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، މެލޭޝިޔާއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެ ޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ވަނީ އެދިފައެވެ.
ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމެއްގެ ގޮތުގައި ފޮރިން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
ކޮވިޑް-19: މެލޭޝިޔާ އަށް ދަތުރުކުރާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ ސަމާލުކަމަށް
މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، މެލޭޝިޔާގެ ސަރުކާރުން ވަނީ 18 މާރިޗު 2020 އިން 31 މާރިޗު 2020 އަށް "މޫވްމަންޓް ކޮންޓްރޯލް އޯޑަރ" ގެ ދަށުން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ.
1) ފަތުރުވެރިންނާއި ބިދޭސީން އެ ޤައުމަށް ވަނުން މަނާކުރުން.
2) މެލޭޝިޔާ ރައްޔިތުން އެ ޤައުމުން ބޭރަށް ދިއުން މަނާކުރުން. އަދި ބޭރު ޤައުމުތަކުގައި އުޅެފައި އެނބުރި މެލޭޝިޔާ އަށްދާ އެ ޤައުމުގެ ރައްޔިތުން ހެލްތު ޗެކްއަކަށް ފަހު 14 ދުވަހަށް ކަރަންޓީން ކުރުން.
3) ދީނީ، ކުޅިވަރު، އިޖްތިމާއީ އަދި ޘަގާފީ ބައްދަލުވުންތައް ހިމެނޭގޮތަށް ހުރިހާ އެއްވުންތައް މަނާކުރުން.
4) ހުކުރު ނަމާދު ހިމެނޭގޮތަށް މިސްކިތްތަކުގައި ބާއްވާ ހުރިހާ ދީނީ ހަރަކާތްތަކާއި ބައްދަލުވުންތައް މަނާކުރުން.
5) ހުރިހާ ސްކޫލްތައް ބަންދުކުރުން.
6) ސުޕަރ މާކެޓް ފަދަ އަސާސީ ތަކެތި ވިއްކާ ތަންތަން ފިޔަވައި ހުރިހާ ވިޔަފާރިތައް ބަންދުކުރުން.
7) އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަން ކަމަށްވާ ފެން، ކަރަންޓު، ޓެލެކޮމް، ދަތުރުފަތުރު، ހަކަތަ، ބްރޯޑްކާސްޓިންގ، ސެކިއުރިޓީ، ސިއްހަތު، އަދި މާލީ ކަންކަމާ ގުޅޭ އިދާރާތައް، ބޭންކް އަދި ވައިގެ ބަނދަރުތައް ފިޔަވައި ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ވުޒާރާތައް ބަންދުކުރުން.
ކޮވިޑް-19: މިމަހުގެ 19 އިން ފެށިގެން އިނގިރޭސިވިލާތުން އަންނަ ފަރާތްތަކަށް ނާދެވޭނެ
މިމަހުގެ 19 އިން ފެށިގެން އިނގިރޭސިވިލާތުން އަންނަ އެއްވެސް ފަރާތަކަށް ރާއްޖެ ނާދެވޭނެކަމަށް ކޮވިޑް-19 ގެ ޓާސްފޯހުގެ ތަރުޖަމާން މަބްރޫކް ވިދާޅުވެއްޖެ އެވެ. ރާއްޖެ އަންނަ ދިވެހިން ރާއްޖެއައުމަށްފަހު 14 ދުވަހުގެ ކަރަންޓީނުގައި ތިބެންޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އަދި މެލޭޝިއާއިން މިއަދު އިރުއޮއްސި ހައެއް ޖެހުމާއެކު އެއްވެސް ފަރާތަކަށް ނާދެވޭނެ ކަަމަށް މަބްރޫކް ވިދާޅުވި އެވެ. މެލޭޝިޔާއިން އަންނަ ދިވެހިން 14 ދުވަހުގެ ކަރަންޓީނުގައި ތިބެންޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް-19: ދައުލަތުގެ ބަޖެޓް 01 ބިލިއަނަށް ކުޑަކުރުމަށް ސަރުކާރުން ނިންމައިފި
މި ހިނގާ 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު އެއް ބިލިއަނަށް ދަށް ކުރަން ސަރުކާރުން ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
މީގެ އިތުރުން ކެބިނެޓުން މިއަދު ވަނީ ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 އިން ސައްތަވެސް އުނިކުރަން ނިންމާފައެވެ.
ކޮވިޑް-19: މިިދިޔަ 24 ގަޑިއިރު ކޯލް ސެންޓަރަށް 768 ކޯލްކޮށްފައިވޭ
މިހާތަނަށް 94351 މީހަކަށް ޓްރެއިނިންގ ވަނީ ދީފައި
މިއަދާ ހަމައަށް ކޯލްސެންޓަރަށް 7299 ފޯން ކޯލް ނަގާފައި
768 ފޯން ކޯލް މިދިޔަ 24 ގަޑިއިރު
ކޮވިޑް-19: ސަރުކާރު އޮފީސްތައް ހަފުތާއަކަށް ބަންދުކުރުމަށް ކެބިނެޓުން ނިންމައިފި
ސަރުކާރުގެ ހުރިހައި އޮފީސްތައް އެއް ހަފުތާގެ މުއްދަތަކައް ބަންދުކުރަން ސަރުކާރުން ނިންމީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައިއެވެ.
ފްލޫ ކްލިނިކްތައް :
ސެނަހިޔާގައި ހުންނަ ފްލޫކުލިނިކަށް 714 ފަރާތަކުން ދައްކާފައިވޭ
ޓްރެވަލް ކްލިނިކަށް 192 ފަރާތެއް ވަނީ ގޮސްފައި
ބިދޭސީންގެ ޚާއްސަ ކްލިނިކަށް 53 މީހުން ވަނީ ގޮސްފައި
މިވަގުތު ބެލެހެއްޓެމުންދާ ރަށްތައް:
ފޯސީޒަންސް ލަނޑާގިރާވަރުގެ 2 ބިދޭސީ އެއްގެ ސާމްޕަލް ނެގިފައި ސާމްޕަލް ނެގެޓިވް
އއ މަތިވެރި : 8 ބިދޭސީއަކު ފަރުކޮޅުފުއްޓަށް ވަނީ ގެނެވިފައި ، މަތިވެރި އޮތީ މޮނިޓަރިންގ ހާލަތުގައި
އަނަންތަރާ ކިހާވަށް: 1 ބިދޭސީއެއް ޝައްކުކުރެވިގެން ރަށް ވަނީ މޮނިޓަރިން ހާލަތަށް ގެނެވިފައި
އެއް ޔޮޓް: މައި ސްކައި ކިޔާ ޔޮޓަކުން 2 ބިދޭސީއެއް ޝައްކުކުރެވިގެން ސާމްޕަލް ނެގިފައި، 10 މީހުން ޔޮޓްގައި ތިބި
ފުރަވެރި ރިސޯޓް: 2 ބިދޭސީގެ ކިބައިން އަލާމާތްތައް ފެނި ރަށް މޮނިޓަރިންގ ގައި.
ވިލިމާލެ: ސައުތުކޮރެއާ އަށް ދަތުރުކޮށްފައިވާ ދިވެއްސެއް ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ރިޕޯޓްކުރެވިގެން ވިލިމާލޭގައި ހަރަކާތްތައް ހިންގިފައިވާނެ. ބަލީގެ އަލާމާތް ފެނުނު ފަރާތް ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދަނީ
ކޮވިޑް-19 އާ ގުޅިގެން މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުން
ލެބޯޓްރީގެ ނަތީޖާ މިއަދު ހެނދުނު 8:57 އާ ހަމައަށް:
229 ސާމްޕަލް ލެބޯޓްރީގައި ހުރީ
13 ޕޮޒިޓިވް
41 ނެގެޓިވް
45 ސާމްޕަލް ނުލިބޭ
ކޮވިޑް-19: އިކޮނޮމިކް މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތައް އޮންލައިންކޮށް ދޭން ފަށައިފި
ކޮވިޑް19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ޔެލޯ އެލާރޓް ނެރެފައިވާތީ، މިނިސްޓްރީން އާންމުންނަށް ފޯރުކޮށްދެމުންގެންދާ ޚިދުމަތްތައް، 17 މާރިޗު އިން ފެށިގެން ފޯރުކޮށްދޭނީ، އޮންލައިންކޮށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އެގޮތުން ޚިދުމަތްތައް ހޯދޭނެ ތާވަލް، މިނިސްޓްރީގެ ވެބްސައިޓްwww.trade.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޚިދުމަތްތަކާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ އީމެއިލް ކުރުމަށް އެމިނިސްޓްރީން ވަނީ އެދިފަ އެވެ.
ވިޔަފާރިއާއި ގުޅުންހުރި ޚިދުމަތްތައް :
1691@trade.gov.mv
އެކްސްޕެޓް އޮންލައިން ރެޖިސްޓްރޭޝަން
employment@trade.gov.mv
ކޯޓާ
employment@trade.gov.mv
އެމްޕްލޯއިމަންޓް އެޕްރޫވަލް
employment@trade.gov.mv
ކެންސަލޭޝަން (ކޯޓާއާ ބެހޭ)
employment@trade.gov.mv
ޑިޕޮސިޓް (އެމްޕްލޮއިމަންޓް އާގުޅޭ)
employment@trade.gov.mv
އެހެނިހެން
info@trade.gov.mv
ކޮވިޑް-19: ވެލެންސިއާ ސްކޮޑުގެ 35 އިންސައްތަ ޕޮޒިޓިވްވެއްޖެ
ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ވެލެންސިއާ ސްކޮޑުގެ 35 އިންސައްތަ ޕޮޒިޓިވްވެއްޖެ އެވެ.
ވެލެންސިއާގެ ސްކޮޑުގެ 35 އިންސައްތަ މި ވައިރަހަށް ޕޮޒިޓިވްވިއިރު، އެ ހުރިހާ ކުޅުންތެރިންނެއްގެ ނަންތައް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު އެޓީމުގެ ހޯސޭ ގާޔާ އާއި އެޒެކިއުލް ގަރާއީ އަދި އެލިއަކުއިން މަންގާލާ މި ވައިރަހަށް ޕޮޒޓިވްވެފައިވާ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ. އެޓީމުގެ ކުޅުންތެރިންގެ އިތުރަށް ބައެއް ސްޓާފުންވެސް މި ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.
ކޮވިޑް-19: ފިނޭންސް މިނިސްޓްރީއަށް ތަކެތި ބަލައިގަތުން އޮންލައިންކޮށް
ދުނިޔޭގައި ހަލުވި ކަމާއިއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން 17މާރިޗު 2020 ވާ (އަންގާރަ) ދުވަހުން ފެށިގެން، ފިނޭންސް މިނިސްޓްރީގެ ރިސެޕްޝަނުން ސިޓީއާއި، އިންވޮއިސް ފަދަ ތަކެތިބަލައިގަތުން ހުއްޓާލާފައިވާ ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން ނެރެފައިވާ ސަރކިޔުލަރ ގައި ބުނެފައިވަނީ ޖޭމްސް ބޭނުން ނުކުރާ އިދާރާތަކުން 17 މާރިޗު 2020ވާ (އަންގާރަ) ދުވަހުން ފެށިގެން މިނިސްޓްރީއަށް ފޮނުވާ ލިޔެކިއުންތަކާއި ކާޑު ފަދަ ތަކެތި ބަލައި ގަނެވޭނީ މިނިސްޓްރީގެ entry@finance.gov.mv މެއިލް މެދުވެރިކޮށް ކަމަށެވެ.
އެހެންކަމުން ރާއްޖޭގައި އިޢުލާން ކޮށްފައިވާ އާންމު ސިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަކި ގޮތަކަށް ބަދަލުވަންދެން، މިނިސްޓްރީއިން ތަކެތި ބަލައި ގަނެވޭނީ މިއީމެއިލްއިން ކަމުގައި ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިއީ މުވައްޒަފުންގެ ރައްކާތެރިކަމަށް މި ދަނޑިވަޅުގައި ގެނެވޭ ބަދަލެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19: ރިސޯޓަކުން ފިލައިގެން، ފަތާފައި އައްޑޫ މީދޫއަށް އެރި މުވައްޒަފަކު ހައްޔަރުކޮށްފި
ކޮވިޑް19 އާ ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން އެރުން މަނާކޮށްފައި ވަނިކޮށް ސައުތު ޕާމް ރިސޯޓުގެ މުވައްޒަފަކު ފަތާފައި އައްޑޫ ސިޓީ މީދޫއަށް އެރި މައްސަލާގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ މީދޫއަށް އަރާފައި ވަނީ އިއްޔެ މެންދުރު 13:55 ހާއިރު ކަމަށެވެ. އަދި ހަމަ އެ ދުވަހު އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މީދޫ ހެލްތު ސެންޓަރަށް ގެންގޮސް ޑޮކްޓަރަށް ދައްކައި، ނުރައްކަލެއް ނެތްކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށެވެ.
ކޮވިޑް-19: އިންޑިއާގެ ތާޖްމަހަލް ބަންދުކޮށްފި
އިންޑިއާގެ އާގްރާ ސިޓިގައި ހުންނަ ދުނިޔޭގެ ހަތް އަޖައިބުގެތެރޭގައި ހިމެނޭ ތާޖްމަހަލް ބަންދުކޮށްފިއެވެ.
އިންޑިއާގެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނާގޮތުގައި ތާޖްމަހަލް ބަންދުކުރީ މިމަހުގެ 31 ގެ ނިޔަލަށެވެ. އަދި ބަންދުކުރަން މަޖުބޫރުވީ އެތަނަށް ޒިޔާރާތްކުރާ ފަތުުރުވެރިންގެ ފަރާތުން ވައިރަށް އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުމާއި ގުޅިގެން އެތަނަށް ޒިޔާރަތް ކުރާ ފަރާތްތަކާއި އާގްރާ ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކަލަކަށް ކަމަސް އޮފިޝަލުން ބުނެއެވެ.
ތާޖްމަހަލް ބަންދުކުރުމަށްފަހު މިހާރު ދަނީ ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮވިޑް-19: "މައި ސްކައި" ނަމަކަށް ކިޔާ ސަފާރީ އުޅަނދަކުން 2 ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ
ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން "މައި ސްކައި" ނަމަކަށް ކިޔާ ސަފާރީ އުޅަނދަކުން 2 ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ސަފާރީ އުޅަނދުވަނީ މޮނިޓަރިންގ ހާލަތަކަށް ގެނެވިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް-19: ސޯމާލިޔާއިން ފުރަތަމަ ކޭސް ރިޕޯޓްކޮށްފި
ސޯމާލިޔާގެ ހެލްތު މިނިސްޓަރ ފައުޒިއްޔާ އަބިކާރާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ ވައިރަސް ފެތުރިފައިވާ ޤައުމަކަށް ޒިޔާރަތްކުރުމަށް ފަހު ޤައުމަށް އެނބުރި އައި މީހެކެވެ. އަލަށް ވައިރަސް ރިޕޯޓުކުރުމާއި ގުޅިގެން ސޯމާލިޔާ ސަރުކާރުން މިހާރު ވަނި މާދަމާއިން ފެށިގެން ވައިރަސް ފެތުރުފައިވާ ޤައުމުތަކުން އަންނަ ފްލައިޓްތައް ކެންސަލްކުރަން ނިންމާފައެވެ. އަދި އެއްގަމު ބޯޑަރުތައް މިއަދުން ފެށިގެން ވަނީ ބަންދުކޮށްފައެވެ.
އަދި ވައިރަސް އަލަށް ފެނުމާއި ގުޅިގެން އެޤައުމުގެ ރައްޔިތުން މިކަމުން މިންޖު ކުރުމަށް ކާއްޞަ ފިޔަވަޅުތަކެއް މިހާރު ވަނި އަޅާފައެވެ. ސޯމާލިޔާއަކީ އެފްރިކާ ބައްރުގެ ޤައުމުތަކުން އެންމެ ފަހުން ވައިރަސް ފެނުނު ޤައުމެވެ.
ކޮވިޑް-19: ޓެންޒޭނިއާއިން ފުރަތަމަ ކޭސް ރިޕޯޓްކޮށްފި
މިކަން ހާމަ ކުރައްވާ ޓެންޒޭނިއާގެ ހެލްތު މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ބެލްޖިއަމް އަށް ދަތުރުކުރުމަށް ފަހު އެނބުރި ޤައުމަށް އައި، އެޤައުމުގެ އުމުރުން 46 އަހަރުގެ އަންހެނެއް ކަމަށެވެ.
އޭނާއަށް މިހާރު ކަރަންޓީންކޮށްގެން ފަރުވާދެމުންދާއިރު، އޭނާއާ އެކި ޙައޞިއްޔަތުތަކުން ބައްދަލުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އަދި އެހެން ޤައުމުތަކުން ޓެންޒޭނިއާއަށް ވައިރަސް އެތެރެވުން ހުއްޓުވުމަށް ވައިގެ ބަނދަރުތަކުގައި ފިޔަވަޅުތައް އަޅަމުންދާކަމަށް ވިދާޅުވިއެވެ.
ކޮވިޑް-19 : އިންޑިއާގައި މާސްކާއި ސެނިޓައިޒަރ އަގުބޮޑުކޮށް ވިއްކާ ފަރާތްތަކައް ހަރުކަށި ފިޔަވަޅު އަޅަނީ
އިންޑިއާގެ މައި ސަރުކާރުން ބުނެފައިވަނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން ނުއަގުގައި މާސްކާއި ސެނިޓައިޒަރ ވިއްކަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި، ޤައުމަށް ދިމާވެފައިވާ މި ޙައްޞާޞީ ދަނޑިވަޅުގައި މިފަދަ އަމަލުތައް ހިންގާ މީހުންނަށް ޖަރުކަށި އަދަބު ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި މިފަދަ އަމަލުތައް ހިންގާ މީހުން ހޯދާ އެމީހުންނަށް އެމީހުންގެ މައްޗަށް ޖިނާއީ ތަހުޤީޤި ހިންގުމަށް ވަނީ އަންގާފައެވެ. އިންޑިއާގެ އެކި ސްޓޭޓުތަކުގައި މިފަދަ އަތްނުފޯރާފަށުގައި މާސްކާއި ސެނިޓައިޒަރ ބައެއް ފަރާތްތަކުން ވިއްކަމުންދާތީ ފުލުހުން މިހާރު ދަނި ޕެޓްރޯލް ކުރަމުންނެވެ.
ކޮވިޑް-19: އިންޑިއާގެ ޓެމިލްނާޑުގައި 1،800،00އަށް ވުރެ ގިނަ ފަސިންޖަރުން ސްކްރީންކޮށްފި
އިންޑިއާގެ ދެކުނު ޓެމިލްނާޑޫ ސްޓޭޓުގެ ވައިގެ ބަނދަރުތަކުގައި މިހާތަނަށް 1،80،062 ފަސިންޖަަރުން ވައިރަސްއަށް ސްކްރީންކޮށްފިއެވެ. މުޅި ޓެމިލްނާޑޫ ސްޓޭޓުން މިހާތަނަށް ވައިރަސް އަށް ޕޮޒިޓިވްވެފައިވަނީ އެންމެ މީހެކެވެ. އެހެންނަމަވެސް ސްޓޭޓުގެ އެކިކަންކޮޅުތަކުގައި ވައިރަސްއަށް ޝައްކު ކުރެވިގެން 2،221 މީހުން 28 ދުވަހުގެ މުއްދަތަކައް ގޭގައި ކަރަންޓީން ކުރެވިފައިވާއިރު، 22 މީހުންނަށް ހޮސްޕިޓަކުތަކުގައި އެކަހެރިކޮށްގެން ދަނީ ފަރުވާދެމުންނެވެ.
ކޮވިޑް-19: ކެރެލާ ސްޓޭޓުން 3 މީހުން އަނެއްކާވެސް 3 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްވެ
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ އިންޑިއާގެ ދެކުނު ކެރަލާ ސްޓޭޓުން އިތުރު 3 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިއާއެކު އެ ސްޓޭޓުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 15 އަށް އަރާފައެވެ.
އަދި ފަރުވާއަށް ފަހު 1 ވަނީ ގެއަށް ދޫކޮށްލާފައެވެ.
ކޮވިޑް-19: މޭއި މަހުގެ ނިޔަލަށް ރަޝިޔާއަށް އެއްވެސް ޤައުމެއްގެ މީހަކު އެތެރެނުކުރަން ނިންމައިފި
ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ރަޝިޔާ ސަރުކާރުން އެހެން ޤައުމުތަކުގެ މީހުންނާއި، އެއްވެސް ޤައުމަކަށް ނިޞްބަތް ނުވާ މީހުން ރަޝިޔާއަށް އެރުވުން މަނާކޮށްފިއެވެ. އެޤައުމުގެ ސަރުކާރުން މިކަން ހާމަކޮށް ޢާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، މާރޗް މަހުގެ 18 އިން ފެށިގެން މޭއި 1 ގެ ނިޔަލަށް އެއްވެސް ބިދޭސީއަކު، އަދި އެއްވެސް ޤައުމެއްގެ ރައްޔިތުކަން ލިބިފައިނުވާ މީހަކުވެސް ނާރުވަން ސަރުކާރުން ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް މީގެތެރެއިން ޑިޕްލޮމޭޓުންނާއި، ފްލައިޓްތަކުގެ ކްރޫއިން އިސްތިސްނާވާނެކަމަށް ބަޔާނުގައި ވެއެވެ.
ރަޝިޔާގައި 93 މީހަކަށް ވައިރަސް ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. އެހެންނަމަވެސް އަދި ވައިރަސްގައި މީހަކު މަރެއް ނުވެއެވެ.
ކޮވިޑް-19: ޖަރުމަނުގައި ހަތްހާހަށް ވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
ޖަރުމަނުގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އެޤައުމުން ވައިރަސް ފެނުނު ފަހުން މިހާތަނަށް، 7,272 މީހުންނަށް ވައިރަސް ޖެހިފައިވާއިރު، 17 މީހުން ވައިރަސްގައި މަރުވެފައިވާކަމަށެވެ.
ކޮވިޑް-19: ޕޮލޭންޑުގެ ތިމާވެއްޓާއި ބެހޭ ވަޒީރު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
ޕޮލޭންޑުގެ ތިމާވެއްޓާއި ބެހޭ ވަޒީރު، މައިކަލް ވޫސް ވައިރަސްއަށް ޕޮޒިޓިވްވީކަން ހާމަކުރައްވާފައިވަނީ އަމިއްލަ ފުޅު ޓްވިޓަރގައެވެ. އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ، ވައިރަސްއަށް ޕޮޒިޓިވްވީނަމަވެސް، ޙާލުކޮޅު ރަނގަޅުކަމަށާއި، ވައިރަސް ޖެހުނު އެންމެހައި ރައްޔިތުންނާއި އެކީގައި ވާނެކަމަށެވެ.
ޕޮލޭންޑުން މިހާތަނަށް 156 ކޭސް އެއް ފެނިފައިވާއިރު، 3 މީހުންވަނީ މަރުވެފައެވެ.
ކޮވިޑް-19: ޕޮލޭންޑުގެ ތިމާވެއްޓާއި ބެހޭ ވަޒީރު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
ޕޮލޭންޑުގެ ތިމާވެއްޓާއި ބެހޭ ވަޒީރު، މައިކަލް ވޫސް ވައިރަސްއަށް ޕޮޒިޓިވްވީކަން ހާމަކުރައްވާފައިވަނީ އަމިއްލަ ފުޅު ޓްވިޓަރގައެވެ. އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ، ވައިރަސްއަށް ޕޮޒިޓިވްވީނަމަވެސް، ޙާލުކޮޅު ރަނގަޅުކަމަށާއި، ވައިރަސް ޖެހުނު އެންމެހައި ރައްޔިތުންނާއި އެކީގައި ވާނެކަމަށެވެ.
ޕޮލޭންޑުން މިހާތަނަށް 156 ކޭސް އެއް ފެނިފައިވާއިރު، 3 މީހުންވަނީ މަރުވެފައެވެ.