Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

17 މާރިޗު 2020 | 02:57

ކޮވިޑް-19: ޑޮމިނިކަން ރިޕަބްލިކްއިން ވައިރަސްގައި އަލަށް މީހަކު މަރުވެއްޖެ

ކެރީބިއަންގެ ޤައުމެއްކަމަށްވާ ޑޮމިނިކަން ރިޕަބްލިކުން ކޮވިޑް-19ގައި މީހަކު އަލަށް މަރުވިކަން ހާމަކުރެއްވީ އެޤައުމުގެ ސަރުކާރުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޤައުމުގެ ހެލްތު މިނިސްޓަރ ރަފައެލް ސާންޗޭޒްއެވެ.

އޭނާ ވިދާޅުވިގޮތުގައި ވައިރަސްގައި މަރުވެފައިވަނީ އުމުރުން 47 އަހަރުގެ އަންހެނެއްކަމަށެވެ. އޭނާއަކީ އަމިއްލަ ބޭނުމެއްގައި ދާދި ފަހުން ސްޕްއިންއަށް ގޮސް އެންބުރި ޤައުމަށް އައި މީހެއްކަމަށާއި، އޭނާއަށް ވައިރަސް ޖެހިފައިވަނީ ސްޕްއިންގައި ހޭދަކުރި ދުވަސްވަރުގައި ކަމަށެވެ.

ޑޮމިނިކަން ރިޕަބްލިކްގައި 11 މީހުން ވައިރަސްއަށް ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައިވެއެވެ.

17 މާރިޗު 2020 | 02:52

ކޮވިޑް-19: ފްރާންސުން އިތުރު 21 މީހުން ވައިރަސްގައި މަރުވެއްޖެ

ފްރާންސުގެ ޕަބްލިކް ހެލްތު އޮތޯރިޓީން ބުނެފައިވަނީ އެޤައުމުން އިއްޔެ އެކަނި 21 މީހަކު ވައިރަސްގައި މަރުވެފައިވާކަމަށާއި، މިއާއެކު މަރުވީ މީހުންގެ އަދަދި 148އަށް އަރާކަމަށެވެ. މިއީ މަރުވާ މީހުންގެ ނިޞްބަތައް ބަލާއިރު 16 އިން ސައްތަ އިތުރު އަދަދެއްގެ ގޮތުގައި އެއޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.

މިހާތަނަށް އައިއިރު ފްރާންސުގެ6,633މީހަކަށް ވަނީ މި ވައިރަސް ޖެހިފައެވެ.

17 މާރިޗު 2020 | 02:49

ކޮވިޑް-19: މިމަހު އެކނަިވެސް އަޔަލޭންޑުގެ 15،000 މީހުންނަށް ވައިރަސް ޖެހޭނެކަމަށް އެޤައުމުން އަންދާޒާކޮށްފި

އަޔަރލޭންޑުގެ ބޮޑުވަޒީރު، ލިއޯ ވަރަދްކަރް ވިދާޅުވީ ވައިރަސް މިހާރު ފެތުރެމުންދާ ޒާތައް ބަލާއިރު، މިމަސް ނިމޭއިރު އެޤައުމުގެ 15،000 މީހުންނަށް ވައިރަސް ޖެހޭނެކަމަށް ލަފާކުރާކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ، ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ އެންމެ ނުރައްކާތެރި ޙާލަތަކައް ކަމަށާއި، އެންމެ އިސްކަމެއްދެނީ ވައިރަސްޖެހޭ މީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. ޞިއްޙި ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ވައިރަސް ޖެހޭ މީހުން އެކަހެރިކޮށްގެން ފަރުވާދޭގޮތައް ކަންކަން ތަރުތީބު ކުރެވެމުންދާކަމަށް ބޮޑު ވަޒީރު ވިދާޅުވެފައިވެއެވެ.

އަޔަރލޭންޑުގައި މިހާތަނަށް 223 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، 2 މީހަކު ވަނީ މަރުވެފައެވެ.

17 މާރިޗު 2020 | 02:44

ކޮވިޑް-19: ވައިރަސްގެ ނުރައްކަލާ ހުރެ ސަރބިއާގެ އާންމު އިންތިޚާބު ފަސްކޮށްފި

ކޮވިޑް-19 ގެ ނުރައްކަލާ ހުރެ އަންނަ އެޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ އެޤައުމުގެ އާންމު އިންތިޚާބުގެ ވޯޓުލުން ފަސްކޮށްފިއެވެ. އެޤައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އިންތިޚާބުގެ ވޯޓުލުން އަލުން ބާއްވާނެ ތާރީޚެއް ކަނޑައަޅާނީ މިހާރު އެޤައުމުގައި އިޢުލާންކޮށްފައިވާ ކުއްލި ޙާލަތުގެ އަމުރު އުވާލުމުން ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ސަރބިއާގައި ވަނީ ކުއްލި ޙާލަތުގެ އަމުރު އިޢުލާންކޮށްފައެވެ.

މިހާތަނަށް އައިއިރު އެޤައުމުގެ 57 މީހަކަށް ވަނީ މި ވައިރަސްޖެހިފައެވެ. އެހެންމެ ނަމަވެސް އަދި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

17 މާރިޗު 2020 | 02:41

ކޮވިޑް-19: މިޞްރުން އިތުރު 40 ކޭސް، 2 މަރު

މިޞްރުގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެޤައުމުން 40 މީހަކަށް އަލަށް މިވައިރަސްޖެހިފައިވާ ކަމަށާއި، ވައިރަސް ޖެހިގެން ފަރުވާ ދެމުންދަނިކޮށް ޙާލުދެރަވެ 2 މީހުން މަރުވެފައިވާކަމަށެވެ. މިއާއެކު ވައިރަސްގައި މަރުވި މީހުންގެ އަދަދަކީ 4 އެވެ.

މިޞްރަކީ އެފްރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ މިވައިރަސް ފެނުނު ޤައުމެވެ. މިހާތަނަށް އައިއިރު އެޤައުމުގެ 166 މީހަކަށް ވަނީ މި ވައިރަސް ޖެހިފައެވެ.

17 މާރިޗު 2020 | 02:36

ކޮވިޑް-19: މަރުގެ ނިޞްބަތުން ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކުރި ޤައުމުތަކައް

ކޮވިޑް-19ގެ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން އެންމެ ބޮޑަށް ކޮށްފައިވަނީ، މި ވައިރަސް އުފަންވި ޗައިނާއިންނެވެ. އެހެންނަމަވެސް، މިހާރު ދުނިޔޭގެ އެކި ބައްރުތަކަށް މި ވައިރަސް ފެތުރިފައިވާއިރު، ވައިރަސް އެންމެ ނުރައްކާތެރި މިންވަރަކަށް ފެތުރެމުންދަނީ ވިލާތުގެ ޤައުމުތަކުގައެވެ. ވައިރަސް ހަލުވި މިނުގައި ފެތުރެމުންދާއިރު، ނިޞްބަތުން މަރުވާ މީހުންގެ އަދަދުވެސް ގިނައެވެ.

މަރުގެ ނިޞްބަތުން ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކުރި ޤައުމުތަކައް:

ޗައިނާ:3,226

އިޓަލީ ވިލާތް:2,158

އީރާން:853

ސްޕެއިން:342

ފްރާންސް:148

17 މާރިޗު 2020 | 02:32

ކޮވިޑް-19: ދެކުނު ކޮރެއާއިން އިތުރު 84 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ދެކުނު ކޮރެއާގެ ސެންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނާ ގޮތުގައި އެޤައުމުން 84 މީހުން ވަނީ އަލަށް ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 8،320 އަށް އަރާފައެވެ.

17 މާރިޗު 2020 | 02:27

ކޮވިޑް-19: ވައިރަސްގައި 7،000އަށް ވުރެ ގިނަ މަރު

ދުނިޔޭގެ 162 ޤައުމަކަށް ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19) ފެތުރިފައިވާއިރު، މިނާތަނަށް 182,550 މީހުން މި ވައިރަސްއަށް ޕޮޮޒިޓިވްވެ، 7,165 މީހުންވަނީ މި ވައިރަސްގައި ދުނިޔެ ދޫކޮށްފައެވެ. އަދި 79,881 މީހުންނަށް ވަނީ ފަރުވާދީގެން ރަނގަޅުކޮށްފައެވެ. މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 95,504 މީހުންނަށް ފަރުވާ ދެމުންދާއިރު، މީގެތެރެއިން 6,163 ތިބީ ވަރަށް ސީރިއަސް ޙާލަތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

16 މާރިޗު 2020 | 20:59

އިނގިރޭސިވިލާތުގައި ކުޅިވަރު ހުރިހާ ހަރަކާތެއް ހުއްޓައިލުމަށް ނިންމައިފި

އިނގިރޭސިވިލާތުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މީހުން އެއްވާ ހަރަކާތްތައް ހުއްޓައިލުމަށް އެގައުމުގެ ޕްރައިމް މިނިސްޓަރ އެދިލެއްވުމުން، އެގައުމުގައި ހިންގާ ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓައިލުމަށް ނިންމައިފިއެވެ.

16 މާރިޗު 2020 | 20:13

ކޮވިޑް-19: އަނަންތަރާ ކިހަވަށް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ޓެސްޓް ކުރަނީ

ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، އަނަންތަރާ ކިހަވަށް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އޭނާ ވަނީ ހޯމް އައިސޮލޭޝަންގައި ކަމަށާއި ރިސޯޓްވަނީ މޮނިޓަރިންގެ ހާލަތުގައި ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

16 މާރިޗު 2020 | 20:07

ކޮވިޑް-19: އަނަންތަރާ ކިހަވަށް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ޓެސްޓް ކުރަނީ

ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، އަނަންތަރާ ކިހަވަށް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

16 މާރިޗު 2020 | 19:54

ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގެ ދެ މެމްބަރަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގެ ދެ މެމްބަރަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ.

ސީއެންއެންގައި ރިޕޯޓުކޮށްފައިވާގޮތުން ޕޮސިޓިވް ވި އެއް މެމްބަރަކަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އަނެއް މެމްބަރުގެ ހާލު ރަނގަޅުކަމަށާއި އޭނާ ހުރީ ހޯމް އައިސޮލޭޝަންގައެވެ.

16 މާރިޗު 2020 | 19:49

ޓްރެވަލް ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހެއްގެ ސާމްޕަލް ޓެސްޓްކުރަނީ

ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ޓްރެވަލް ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ ދިވެއްސެއްގެ ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

16 މާރިޗު 2020 | 19:20

ކޮވިޑް-19: ފުޓްބޯޅަ އާއި ކްރިކެޓް ހަރަކާތްތައް ހުއްޓާލަން ސައުތު އެފްރިކާއިން ނިންމައިފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފުޓްބޯޅަ އާއި ކްރިކެޓް ހަރަކާތްތައް ހުއްޓާލަން ސައުތު އެފްރިކާއިން ނިންމައިފި އެވެ.

އާދީއްތަ ދުވަހުގެ ވަގުތެއްގައި ސައުތު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ވަނީ އެގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އެއާއެކު ސައުތު އެފްރިކާ ފުޓްބޯލް އެސޯސިއޭޝަނާއި ކްރިކެޓް ސައުތު އެފްރިކާއިން ވަނީ އެ ދެ އެސޯސިއޭޝަނުގެ ހަރަކާތްތައް ހުއްޓާލަން ނިންމާފައެވެ.

16 މާރިޗު 2020 | 19:12

އިދްރީސް އެލްބާ ވައިރަހަށް ޕޮސިޓިވް!

އިދްރީސް އެލްބާ
އިދްރީސް އެލްބާ

ހޮލީވުޑްގެ މަޝްހޫރު އެކްޓަރ އިދްރީސް އެލްބާ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާކަމަށް އޭނާ ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ އޭނާގެ އޮފިޝަލް ޓްވިޓަރ އެކައުންޓުންނެވެ. ވައިރަހަށް ޕޮސިޓިވްވިކަން ހާމަކޮށް އޭނާ އާއްމުކުރި ވީޑިއޯގައި ބުނީ ވައިރަހަށް ޕޮސިޓިވް ވި ނަމަވެސް އޭނާގެ ހާލަތު ރަނގަޅުކަމަށެވެ. އަދި ވައިރަހަށް ޝައްކުކުރެވުނު ހިސާބުން އޭނާ ހުރީ އައިސޮލޭޝަންގައި ކަމަށް އޭނާ ބުންޏެވެ.

އުމުރުން 47 އަހަރުގެ އެލްބާއަކީ އާއްމުންގެ ތެރޭގައި ގިނަ މަޝްހޫރު ގިނަ ފިލްމުތަކުން ފެނިފައިވާ ތަރިއެކެވެ. އެގޮތުން ސްޓްރިންގަރ ބެލް އާއި ލޫތަރ މަންޑޭލާގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ނެލްސަން މަންޑޭލާ ފިލްމުން ފެނިގެން ގޮސްފައިވެއެވެ.

އޭނާ ވަނީ ގޯލްޑަން ގްލޯބްގެ ބެސްޓް އެކްޓަރ ގެ އެވޯޑަށް 4 ފަހަރު ނޮމިނޭޓްވެފައެވެ.

16 މާރިޗު 2020 | 17:35

ކޮވިޑް-19: ސްޕެއިންގެ ޒުވާން ކޯޗަކު މަރުވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ސްޕެއިންގެ ޒުވާން ފުޓްބޯޅަ ކޯޗެއް ކަމަށްވާ އުމުރުން 21 އަހަރުގެ ފްރެންސިސްކޯ ގާސިއާ މަރުވެއްޖެ އެވެ.

ފްރެންސިސްކޯ ގާސިއާ އަކީ ސްޕެއިންގެ މަލާގާގެ ޔޫތު ޓީމަކަށް ކޯޗުކޮށްދެމުން އައި ކޯޗެކެވެ. ރިޕޯޓުތައް ބުނާ ގޮތުން ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ފްރެންސިސްކޯ ގާސިއާ މަރުވިއިރު، އޭގެ ކުރިން އޭނާއަށް ވަނީ ކެންސަރުވެސް ޖެހިފައެވެ. އެހެންކަމުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމާއެކު އޭނާގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ.

16 މާރިޗު 2020 | 16:44

ކޮވިޑް-19: ވެކްސިން ޓެސްޓުކުރުމަށް ސިއްހަތު ރަނގަޅު 45 މީހަކު ހޯދައިފި

މިހާރު ދުނިތޭގައި ފެތުރެމުންދާ ކޮވިޑް-19 އަށް ވެކްސިން އެއް އުފެއްދުމަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް ސިއްހަތު ރަނގަޅު 45 މީހަކު ވޮލެންޓިއަރ ކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި މި 45 މީހުން ވޮލެންޓިއަރ ކޮށްފައިމިވަނީ ސިއޭޓްލްގައި ގައި ހުންނަ ރީސަރޗް ފެސިލިޓީއަކުން ވެކްސިންއެއް ތައްޔާރުކުރުމަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް ވޮލެންޓިއަރުން ހޯދުމަށް ހުޅުވާލުމުންނެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި މި ވެކްސިންގައި ހިމެނެނީ ކޮވިޑް-19 ގެ ޖެނެޓިކް ކޯޑެއް ކަމަށާއި މި ތަހުލީލުގައި ބައިވެރިވާ އެއްވެސް ފަރާތަކަށް އެ ވައިރަސް ޖެހުމުގެ ފުރުސަތެއް ނެތް ކަމަށެވެ. މި ވައިރަހަށް ވެކްސިންއެއް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާ މާހިރުން ބުނާގޮތުގައި މީގެ ސަބަބުން ކޮވިޑް-19 އަށް ފަރުވާލިބިގެންދާނެ ކަމެއް އެނގޭނީ އަދި މަސްތަކެއް ފަހުންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި މި ވައިރަހަށް ވެކްސިން އެއް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު އިންސާނުން ޓެސްޓުކުރުމުގެ ކަންތައްތައް ފަންޑުކުރަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުންނެވެ. މިވެކްސިން ތައްޔާރުކުރަމުންދާ ބައޯޓެކްނޮލޮޖީ ކުންފުނިން ބުނީ މި ވެކްސިން ތައްުޔާރުކުރެވޭނީ އެތައް ތަހުލީލުތަކަކަށް ފަހުކަމަށެވެ.

16 މާރިޗު 2020 | 16:25

އއ. މަތިވެރި މޮނީޓަރިންގެ ހާލަތުގައި

އއ. މަތިވެރިން ދެ ބިދޭސީންގެ ގައިން ކޮވިޑް- 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމާއި ގުޅިގެން އެރަށް ވަނީ މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. މިހާރު މޮނީޓަރިންގެ ހާލަތުގައި އޮތީ މަތިވެރި ,ގިލިލަންކަން ފުށި، ލަނޑާގިރާވަރު، އާވީ ނޭޗަރސް ޕެރެޑައިސް.

16 މާރިޗު 2020 | 16:22

ރިސޯޓެއްގައި ހުރި މީހެއް ބަލި ވެއްޖެނަމަ ކަންތައް ކުރާނީ ކިހިނެއް؟

އެއީ ކުއްލި ހާލަތެއް ނަމަ ހޮޓްލައިން ނަމްބަރު މެދުވެރިކޮށް، އަދި ޓުއަރިޒަމް މިނިސްޓްރީގެ ހޮޓްލައިން ނަމްބަރާއި ގުޅައިގެން ވަގުތުން އިންތިޒާމްތައް ހަމަޖެހޭނެ ކަމަށެވެ.

އަދި އާއްމުކޮށް ޑޮކްޓަރަށް ދައްކަން ޖެހޭ މީހެއްނަމަ އެންޑީއެމްއޭއާއި އީމެއިލް މެދުވެރިކޮށް،ނުވަތަ ގުޅައިގެން އެ އިންތިޒާމް ހަމަޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

16 މާރިޗު 2020 | 16:18

ރިސޯޓް މުވައްޒަފަކަށް އެމަޖެންސީ ހާލަތެއް މެދުވެރި ވެއްޖެނަމަ އަމަލު ކުރާނެގޮތް

ރިސޯޓަކުން އެމަޖެންސީ ހާލަތެއްގައި ދަތުރެއް ކުރަންޖެހިއްޖެ ހާލަތުގައި (ފަތުރުވެރިޔަކަށް ދިމާވާ ކުއްލި ސިއްހީ މައްސަލައެއް)، އާއި ރިސޯޓްގެ މުވައްޒަފަކަށް ސިއްހީ މައްސަލައެއް ނުވަތަ އެމަޖެންސީކޮށް ޑޮކްޓަރަށް ނުވަތަ ގަވާއިދުން ބޭނުންކުރަންޖެހޭ ބޭހެއްފަދަ އެއްޗެއް ހޯދަން ޖެހޭ ހާލަތުގައި، ނޭޝަނަލް ޑިސާސްޓަރ މެނޭމަންޓް އޮތޯރިޓީއަށް ގުޅައިގެން އެފަދަ ދަތުރުތައް ކުރެވޭނެ ގޮތް ހަމަޖެހޭނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނޭ.

16 މާރިޗު 2020 | 16:16

ދިގު މުއްދަތަކަށް ބޭސް ކާ މީހުންގެ ބޭސް ސިޓީ އޮޓޯ އިން އާވެ، ބޭސް ލިބޭނެ އިންތިޒާމް އާސަންދައިން ހަމަޖައްސައިފި

ހޯމަ ދުވަހުން ފެށިގެން ދިގު މުއްދަތަކަށް ބޭސް ކާ މީހުންގެ ބޭސް ސިޓީ އޮޓޯ އިން އާވެ، ބޭސް ލިބޭނެ އިންތިޒާމް އާސަންދައިން ހަމަޖައްސާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

16 މާރިޗު 2020 | 16:13

އަލިޓާލިއާ ފްލައިޓުން ފުރާފައިވަނީ 109 މީހަކާއި 2 ކުޑަކުއްޖެއް

އިޓަލީ އަށް ދަތުރުކުރި އަލިޓާލިއާ ފްލައިޓުން ފުރާފައިވަނީ 109 މީހަކާއި 2 ކުޑަކުއްޖެއް ކަމަށް މަބްރޫކް ވިދާޅު

ވެއްޖެއެވެ. އެ ފްލައިޓުގައި ފުރުމަށް 209 ފަރާތަކުން ބުކިން ހައްދާފައިވީނަމަވެސް ބައެއް ފަރާތްތައް ރިސޯޓުގައި މަޑުކުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

16 މާރިޗު 2020 | 16:09

ރާއްޖޭގެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއާއި ގުޅިގެން 109 ފަރާތެއްގެ ކޮންޓެކްޓް ޓްރޭސިންގް ވަނީ ހެދިފައި: މަބްރޫކް

ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުނު ފުރަތަމަ ކޮވިޑް-19 ގެ ކޭސް (ފުރައިގެން ދިޔަ ފަތުރުވެރިޔާ) އާއި ގުޅިގެން 109 ފަރާތެއްގެ ކޮންޓެކްޓް ޓްރޭސިންގް ވަނީ ހެދިފައި

16 މާރިޗު 2020 | 16:09

ރާއްޖޭގެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއާއި ގުޅިގެން 109 ފަރާތެއްގެ ކޮންޓެކްޓް ޓްރޭސިންގް ވަނީ ހެދިފައި: މަބްރޫކް

ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުނު ފުރަތަމަ ކޮވިޑް-19 ގެ ކޭސް (ފުރައިގެން ދިޔަ ފަތުރުވެރިޔާ) އާއި ގުޅިގެން 109 ފަރާތެއްގެ ކޮންޓެކްޓް ޓްރޭސިންގް ވަނީ ހެދިފައި

16 މާރިޗު 2020 | 15:44

ކޮވިޑް-19: ސްޓެލްކޯގެ މުވައްޒަފުންނަށް ލުއިތަކެއް

މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ނުރައްކާތެރި ރޯގާއާއި ގުޅިގެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން، ފްރޮންޓް ޑެސްކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މަސައްކަތުގެ ދައިރާގެ ގޮތުން ކަސްޓަމަރުންނާއި ސީދާ މުއާމަލާތް ކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ މުވައްޒަފުންނާއި، ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަންޖެހޭ ފަދަ ބައްޔެއް ކުރިމަތިވެފައިވާ މުވައްޒަފުންގެ އިތުރުން، މާބަނޑު އަދި ދެ އަހަރު ނުވާ ތުއްތު ކުދިން ގެންގުޅޭ މުވައްޒަފުން ކަސްޓަމަރުންނާއި، ސީދާ ބައްދަލުވެ، މުއާމަލާތް ކުރުމުގެ ބަދަލުގައި އޮފިސް މާހައުލުގައި މަސައްކަތް ކުރަންޖެހޭ ގޮތަށް މެނޭޖްމަންޓުން ވަނީ މިއަދުން ފެށިގެން ނިންމާފައިކަމަށް ސްޓެލްކޯއިން ބުނެއެވެ.

16 މާރިޗު 2020 | 15:30

ކޮވިޑް-19: ދީނީ ނަސޭހަތް ދިނުން ވަގުތީގޮތުން ހުއްޓާލަން އަންގައިފި

ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން، މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމް ވަގުތީގޮތުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ ހުރިހާ މިސްކިތްތަކަށް އަންގައިފި އެވެ.

ހޯމަ ދުވަހު އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ކޮވިޑް-19 އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، ހޯމަ ދުވަހުން ފެނިގެން މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތައް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާފައެވެ. އަދި އެގޮތުން މިވަގުތު މިސްކިތްތަކާއި އާންމު ތަންތަނުގައި ދަރުސް ދިނުމުގެ ހުއްދަދީފައިވާ ހުރިހާ ފަރާތްތަކުންވެސް މިނިސްޓްރީއިން އަންގަންދެން، ދަރުސް ދިނުމުގެ ޕްރޮގްރާމްތައް ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ، އާއްމުން އެއްވެ އުޅޭ ތަންތަނުގައި ދަރުސް ދިނުމުގެ ބަދަލުގައި މި ދަނޑިވަޅުގައި މާލެއާއި އަތޮޅުތެރޭގައި ތިއްބެވި ދީނީ އިލްމުވެރިން މެދުވެރިކޮށް މީޑިއާގެ ވަސީލަތްތަކުން އާންމުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ.

16 މާރިޗު 2020 | 14:55

ކޮވިޑް-19: އޮލިމްޕިކްސްއާ ގުޅޭގޮތުން އަންގާރަ ދުވަހު މަޝްވަރާ ކުރަނީ

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް 2020 އާ ގުޅޭގޮތުން އޮލިމްޕިކްސް އޯގަނައިޒަރުންގެ މެދުގައި އަންގާރަ ދުވަހު މަޝްވަރާ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ ވަނީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ.

މިހާރު ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އެކި ކުޅިވަރު މުބާރާތްތައް ފަސްކުރަމުން އަންނަ އިރު، އޮލިމްޕިކްސްއަށްވެސް މީގެ އަސަރުކުރާނެ ކަމަށް ބެލެވެއެވެ.

އެކަމަކު ދާދި ފަހުން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ، އޮލިމްޕިކްސް ބާއްވަން ހަމަޖެހިފައި އޮތް ތާރީޚުގައި ގޭމްސް ބޭއްވޭނެ ކަމަށެވެ.

ނަމަވެސް ވައިރަހާ ގުޅިގެން ގޭމްސްއަށް ދިމާވާނެ ކަންކަމާ ގުޅޭގޮތުން އަންގާރަ ދުވަހު އޮލިމްޕިކްސް އޯގަނައިޒަރުންގެ މެދުގައި މަޝްވަރާ ކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. އެގޮތުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އާއި ބައިނަލްއަގުވާމީ އެކި ކުޅިވަރު ފެޑެރޭޝަންތަކާއެކު އަންގާރަ ދުވަހު ޓެލެކޮންފެރެންސް މެދުވެރިކޮށް މި ބައްދަލުވުން ކުރިއަށްދާނެ އެވެ.

16 މާރިޗު 2020 | 14:50

ސްޕެއިން އިން ރާއްޖެ އައި އިތުރު ދިވެއްސެއް، ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓުކުރަނީ

16 މާރިޗު 2020 | 14:44

ލަންކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 21 އަށް

އަވަށްޓެރި ސްރިލާންކަގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަަދަދު 21 އަށް އަރައިފިއެވެ. ހޯމަ ދުވަހު ބޭއްވި ޕްރެސްކޮންފަރެންސް ގައި ލަންކާގެ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސް ޑރ. އަނިލް ޖަޔަ ސިންހް ވިދާޅުވީ، 13 އަހަރުގެ ކުއްޖަކާއި، 50 އަަހަރުގެ މީހެއްގެ އިތުރުން 37 އަހަރު މީހަކު ބައްޔަށް ޕޮޒިިޓިވް ކަމުގެ ރިޕޯޓް ކުރެވިފައިވާ ކަމަށެވެ.

އެ ތިން މީހުންނަށް ވެސް ދަނީ އަންގޮޑަ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ޑރ. ޖަޔަސިންހަ ވިދާޅުވީ، ކޮރޯނާވައިރަހަށް ޝައްކުވާ މީހުންނަށް ފަރުވާދޭން 18 ހޮސްޕިޓަލް ހާއްސަކުރެވިފައިވާ ކަމަށެވެ.

16 މާރިޗު 2020 | 14:43

ގަތަރު އެއަރވޭސްއިން އައި ދިވެހި މީހާވެސް ކޮވިޑް-19 އަށް ނެގެޓިވްވެއްޖެ

16 މާރިޗު 2020 | 14:33

ކޮވިޑް-19: އެމްޕީބީއޭ ކްލަބު ހައުސް ބަންދުކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ކްލަބު ހައުސް ބަންދުކުރަން އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.

މިމަހުގެ 12 ވަނަ ދުވަހު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި އާދީއްތަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ރައްކާތެރި ފިޔަވަޅު އެޅުމުގެގޮތުން މާލޭ ސަރަހައްދުގައި ގާއިމްކޮށްފައިވާ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމަށްވެސް ނިންމާފައެވެ.

އެއާއެކު އެމްޕީބީއޭ ކްލަބު ހައުސް ބައުންދުކުރަން ނިންމިއިރު، އެ އެ އެސޯސިއޭޝަނުން ބުނީ އެ ނިންމުން ނިންމީ ކުޅިވަރާ ބެހޭ ވުޒާރާގެ ލަފާގެ މަތިން ކަމަށެވެ.

16 މާރިޗު 2020 | 14:31

ކޮވިޑް-19: ގްރެމިއޯ އާއި ބޮޓަފޯގޯ ކުޅުންތެރިން ދަނޑަށް އެރީ މާސްކު އަޅައިގެން

ކޮރޯނާވައިރަސް (ކޮވިޑް-19) ބިރުވެރިކަން ބޮޑުވެފައި އޮއްވާ މެޗު ކުޅެން ޖެހުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ބްރެޒިލްގެ ގްރެމިއޯ އާއި ބޮޓަފޯގޯގެ ކުޅުންތެރިން މާސްކުއަޅައިގެން ދަނޑަށް އަރާ މުޒާހަރާކޮށްފި އެވެ.

ގިނަ ގައުމުތަކުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު، ފުޓްބޯޅައިގެ އެންމެ ނަން މަޝްހޫރު ސަރަހައްދުތަކުގެ ލީގުތައް މިހާރު ވަނީ މެދު ކަނޑާލާފައެވެ.

އެކަމަކު ބްރެޒިލްގައި ސަޕޯޓަރުން ނުވައްދާ ލީގުގެ ކުޅުން ކުރިއަށް ގެންދަން ނިންމިއިރު، ލީގުގައި މި ހަފުތާގައި ކުޅުނު މެޗުތަކަށް ގްރެމިއޯ އާއި ބޮޓަފޯގޯގެ ކުޅުންތެރިން ލައިނަށް ނުކުތީ މާސްކު އަޅައިގެން މުބާރާތް ހުއްޓާލަން އެދި ނުސީދާކޮށް މެސެޖެއް ދިނުމުގެ ގޮތުންނެވެ.

16 މާރިޗު 2020 | 14:18

ގިލި ލަންކަން ފުށިން ކޯވިޑް-19 އަށް ޝައްކުކުރެވޭ ދިވެއްސެއް ޓެސްޓުކުރަނީ

ގިލި ލަންކަން ފުށިން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސެއް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގިލި ލަންކަން ފުށިން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެރިސޯޓު ދަނީ މޮނީޓަރ ކުރެވެމުންކަމަށެވެ.

16 މާރިޗު 2020 | 14:18

ގިލި ލަންކަން ފުށިން ކޯވިޑް-19 އަށް ޝައްކުކުރެވޭ ދިވެއްސެއް ޓެސްޓުކުރަނީ

ގިލި ލަންކަން ފުށިން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސެއް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގިލި ލަންކަން ފުށިން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެރިސޯޓު ދަނީ މޮނީޓަރ ކުރެވެމުންކަމަށެވެ.

16 މާރިޗު 2020 | 13:59

ފަރުކޮޅުފުއްޓަށް ގެންގޮސް އެކަހެރި ކުރެވުނު ދިވެހި މީހާގެ ޓެސްޓުގެ ނަތީޖާ ކޯވިޑް19 އަށް ނެގެޓިވްވެއްޖެ

16 މާރިޗު 2020 | 13:19

ކޮވިޑް-19 އަށް ނެގެޓިވްވި އިޓަލީ ކުޑަކުއްޖާ ރާއްޖެ ދޫކޮށްދިޔައީ ހިލޭ ދަތުރަކާއި އެކު

ކޮވިޑް-19 އަށް ޝައްކުކުރެވިގެން ޓެސްޓު ކުރި އިޓަލީގެ ތުއްތު ކުއްޖާ ބައްޔަށް ނެގެޓިވް ވުމުން ވިލިވަރުގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ.

އައިސޮލޭޝަންގެ މުއްދަތު ކުރުމަށްފަހު އެމީހުން އެނބުރި ގައުމަށް ދިއުމުގެ ކުރިން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ އެކުއްޖާއާ އެކު އެ ކުއްޖާގެ މައިންބައިފައިންނާ ބައްދަލު ކުރައްވާފައެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، އެ ކުޑަކުއްޖާއަށާއި އެކުއްޖާގެ މައިންބަފައިންނަށް އަންނަ އަހަރު ރާއްޖެއަށް ހިލޭ ދަތުރެއް ހަދިޔާކޮށްފައިވާ ކަމަށެވެ.

''އެ މީހުންނަށް އުފަލުން ރޮވުނު''އަލީ ވަހީދު ވިދާޅުވި އެވެ.

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ވައިރަހުގެ އަލާމާތްތައް ހުރެގެން ކަރަންޓީނުކުރެވުނު މި ކުޑަ ކުއްޖާ، ވައިރަހަށް ނެގެޓިވްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވަނީ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ.

އެގޮތުން އެކުއްޖާ ބައްޔަށް ނެގަޓިވް ވުމާއި "ކޮންޓެކްޓް ޓްރޭސިންގ" ގެ މަސައްކަތް ނިމުމާއި ގުޅިގެން އޭރު އޮތް މޮނީޓަރިންގެ ހާލަތުން ވަނީ އާއްމު ހާލަތަށް ގެނެސްފައެވެ.

ރާއްޖެއިން މި ނުރައްކާތެރި ރޯގާއަށް 13 މީހަކު ވަނި ޕޮޒިޓިވްވެފައެވެ. އެ ހުރިހާ އެންމެންނަކީވެސް ބިދޭސީންނެވެ.

16 މާރިޗު 2020 | 12:52

ކޮވިޑް-19: ޢާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މަޢުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށް ބްރޯޑްކޮމް އިން ގޮވާލައިފި

ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މިދަނޑިވަޅުގައި، ޢާންމުންގެ މެދުގައި ހާސްކަމާއިނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މަޢުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، މިކަމާ ގުޅޭ އެންމެހައިކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބްރޯޑްކާސްޓަރުންނަށް ބްރޯޑްކޮމް އިލްތިމާސްކޮށްފި އެވެ.

މީގެއިތުރުން، ކޮވިޑް -19 އާއި ބެހޭ ގޮތުން މަޢުލޫމާތު ގެނެސްދިނުމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވަނީ އިލްތިމާސްކޮށްފައެވެ. އެކަންތައްތަކަކީ:

• ބްރޯޑްކާސްޓަރުން ގެނެސްދޭ މަޢުލޫމާތަކީ ކަމާ ބެހޭ އިދާރާތަކުން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ފަހު(ވެރިފައިކޮށްފައި) ގެނެސްދޭ މަޢުލޫމާތަކަށްވުން.

• މަޢުލޫމާތު ގެނެސްދިނުމުގައި ސިއްޙީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި ލަފާގެ މަތިންގެނެސްދިނުން

• ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް -19 އާއި ގުޅޭ މަޢުލޫމާތު ނުފެތުރުން އަދި މި ހައްސާސް ދަނޑިވަޅުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ ކޮވިޑް -19 ގެ ޚަބަރާއި މަޢުލޫމާތު މި ކޮމިޝަނުން ވަރަށްގާތުން މޮނިޓަރކުރަމުން ގެންދާނެކަމާއި ޤާނޫނާއި ގަވާއިދުގެ އިމުން ބޭރުން ކޮންޓެންޓް ގެނެސްދޭ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވޭ

މީގެ އިތުރުން، ކޮވިޑް-19 ގެ މަޢުލޫމާތުތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ވަނީ އިލްތިމާސްކޮށްފައި

16 މާރިޗު 2020 | 12:49

އެމްޕީއެލްގެ މަސައްކަތް ކުރާ 60 އަހަރުން މަތީ މުވައްޒަފުންްނާއި މާބަނޑު މުވައްޒަފުންނަށް "ޕެއިޑް ރިލީޒް" އެއް ދީފި

އެމްޕީއެލްގެ މަސައްކަތް ކުރާ 60 އަހަރުން މަތީ މުވައްޒަފުންްނާއި މާބަނޑު މުވައްޒަފުންނަށް "ޕެއިޑް ރިލީޒް" އެއް ދީފިއެވެ.

އެމްޕީއެލް އިން ބުނީ ކޮވިޑް-19 ގެ ރިސްކު ކުޑަކުރުމުގެ ގޮތުން އެ މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސާފައިވާކަމަަށެވެ.

16 މާރިޗު 2020 | 12:14

ކޮވިޑް-19: އެޓަލާންޓާ ސްކޮޑް ކަރަންޓީނުވެއްޖެ

ސްޕެއިންގެ ވެލެންސިއާ ތިން ކުޅުންތެރިންނާއި ދެ އޮފިޝަލުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމާއި އެކު، ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި އެ ޓީމާއި ދެކޮޅަށް ކުޅުނު އިޓަލީގެ އެޓަލާންޓާގެ ކުޅުންތެރިންނާއި އޮފިޝަލުން ކަރަންޓީނުވެއްޖެ އެވެ.

އެޓަލާންޓާއަކީ އިޓަލީގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރޭ ސަރަހައްދު ލޮމްބާޑީ އަށް ނިސްބަތްވާ ކްލަބެކެވެ. ނަމަވެސް އެޓީމު ކަރަންޓީނުވާން ޖެހުނީ ސްޕެއިންނަށް ކުރި ދަތުރަށްފަހު ސްޕެއިންގެ ވެލެންސިއާގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

16 މާރިޗު 2020 | 11:32

ކޮވިޑް-19: ޖޯޖިއާއަށް މީހުން އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފި

ޖޯޖިއާގެ ބޮޑުވަޒީރު، ޖިއޯޖީ ގަޚާރިއާގެ ނިންމުން އިއްވަމުން އެޤައުމުގެ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، މާރޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ދެހަފުތާގެ މުއްދަތަކަށް ދުނިޔޭގެ އެއްވެސް ޤައުމަކުން ޖޯޖިއާއަށް މީހަކު އެތެެރެވުން ސަރުކާރުން މަނާކުރާކަމަށެވެ. އެހެންނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކުގައި ދިރިއުޅެމުންދާ އެޤައުމުގެ ރައްޔިތުން ބޭނުންވެއްޖެ ހިނދެއްގައި ޤައުމެއް އެރުމުގެ ހުއްދަ ދޭނެކަމަށެވެ.

ޖޯޖިއާއިން މިހާތަނަށް އައިއިރު ވައިރަސް ޖެހިފައިވަނި 33 މީހުންނަށެވެ.

79 / 81