Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

30 ޖެނުއަރީ 2020 | 10:38

ކޮރޯނާވައިރަސްގެ އަސަރު ހުރި އެއްވެސް ގައުމަކަށް ދިވެހިން ދަތުރުނުކުރުމަށް ސަރުކާރުން އެދެފި

ކޮރޯނާވައިރަސްގެ އަސަރު ހުރި އެއްވެސް ގައުމަކަށް ދިވެހިން ދަތުރުނުކުރުމަށް ސަރުކާރުން އެދެފި އެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ މިދުވަސްވަރު ދިވެހިން ނުކުރުމަށް ސަރުކާރުން އެދޭކަމަށެވެ.

30 ޖެނުއަރީ 2020 | 10:35

ވުހާންގައި ތިބި 9 ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 7 ދިވެހިން ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުން

ވުހާންގައި ތިބި 9 ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 7 ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. މިނިސްޓާރ ވިދާޅުވީ މި 7 މީހުން ގެނައުމުގެ މަސައްކަތް ކުރަމުންދަނީ އެކުވެރި ގައުމަކާ ގުޅިގެން ކަމަށެވެ. އަދި އެމީހުން ގެންދާނީ އެގައުމަށްކަމަށާއި އެގައުމަކުން ފުރިހަމަކުރަންޖެހޭ ޓެސްޓްތައް ފުރިހަމަކުރުމަށްފަހު ރާއްޖެ ގެންނާނެ ކަަމަށް ފޮރިން މިނިސްޓަރ ވިދާޅުވި އެވެ.

30 ޖެނުއަރީ 2020 | 10:09

ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް ވަގުތީގޮތުން ހުއްޓާލަން ނިންމައިފި

30 ޖެނުއަރީ 2020 | 09:52

ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހެލްތު އެމަރޖެންސީ ކޮމިޓީން ބައްދަލުވުމެއް ބާއްވައިފި

30 ޖެނުއަރީ 2020 | 09:50

ނޮދަރން މެރީނާ އައިލެންޑްސް އަށް ޗައިނާ ފަތުރުވެރިން އައުން މަނާކޮށްފި

ނޮދަރން މެރީނާ އައިލެންޑްސް އިން ޗައިނާ ފަތުރުވެރިން އައުން މަނާކޮށްފި އެވެ.

ނޮދަރން މެރީނާ އައިލެންޑްސް އިން ވަނީ ކުރިޔަށް އޮތް 30 ދުވަހު ޗައިނާގެ އެއްވެސް ފަތުރުވެރި އެއް އެ ސަރަހައްދަށް އައުން މަނާކޮށްފަ އެވެ. މީގެއިތުރުން އެއަރލައިން ތަކަށްވެސް ވަނީ ޗައިނާއަށް ދާ ފްލައިޓްތައް މަޑުޖައްސާލުމަށް އަންގާފަ އެވެ.

ނޮދަރން މެރީނާ އައިލެންޑްސް އަށް ދުވާލެއްގެ މައްޗަށް 700 ޗައިނާ ފަތުރުވެރިންދެ އެވެ.

30 ޖެނުއަރީ 2020 | 09:15

ސައުތުކޮރެއާއިން ޗައިނާއަށް 5 މިލިއަން ޑޮލަރުގެ އެހީގެ ތަކެތި ފޮނުވަނީ

ސައުތުކޮރެއާއިން ޗައިނާއަށް ފަސް މިލިއަން ޑޮލަރުގެ އެހީގެ ތަކެތި ފޮނުވައިފި ކަމަށް އެގައުމުން ބުނެފި އެވެ.

ސައުތުކޮރެއާ އިން ބުނީ މީގެތެރޭގައި ހިމެނެނީ 2 މިލިއަން ފޭސް މާސްކް އާއި އެއް މިލިއަން މެޑިކަލް މާސްކް އަދި 100،000 ސްއިޓް އަދި ގޮގްލްސް ކަމަށެވެ. މިތަކެއްޗަކީ ޗައިނާގައި ތިބި އެގައުމުގެ ރައްޔިތުން އަނބުރާ ގެންނާތީ ފޮނުވާތަކެއްޗެވެ.

30 ޖެނުއަރީ 2020 | 08:59

ނުރައްކާތެރި ބަލިތައް ފެތުރުން މިދުވަސްވަރު އާންމުވެފައިވާތީ މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން ޤުނޫތު ނާޒިލާ ކިޔާގޮތަށް ހަމަޖައްސައިފި

30 ޖެނުއަރީ 2020 | 08:55

އިސްރާއީލްގެ އެއަރލައިން ވެސް ޗައިނާއަށް ކުރަން ހުރި ދަތުރުތައް މެދުކަނޑާލައިފި

އިސްރާއީލްގެ އެއަރލައިން ވެސް ޗައިނާއަށް ކުރަން ހުރި ދަތުރުތައް މެދުކަނޑާލައިފި އެވެ.

އިސްރާއީލުން ބުނީ މަރޗްމަހުގެ 25 ވަނަ ދުވަހާ ހަމައަށް ބެއިޖިންގ އަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ.

30 ޖެނުއަރީ 2020 | 08:50

ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ ފުރަތަމަ މީހާ ފިލިޕީންސް އިން ފެނިއްޖެ

ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ ފުރަތަމަ މީހާ ފިލިޕީންސް އިން ފެނިއްޖެ އެވެ.

ފިލިޕީންސް އިން ބުނީ އެގައުމުން ކޮރޯނާވައިރަސްގެ އަސަރުކޮށްގެން ފެނިފައިވަނީ އުމުރުން 38 އަހަރުގެ ޗައިނާގެ އަންހެނެއްގެ ގައިންކަމަށެވެ. އެމީހާ ފިލިޕީންސަށް ވުހާން އިން އައިސްފައިވަނީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

30 ޖެނުއަރީ 2020 | 08:44

ކޮރޯނާވައިރަސް އިންޑިއާއިން ވެސް ފެނިއްޖެ

ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާވައިރަސް އިންޑިއާ އިން ފެނިއްޖެއެވެ. އިންޑިއާގެ ހެލްތް މިނިސްޓްރީން ބުނީ، މި ބަލި ފެނިފައިވަނީ ޗައިނާގެ ވޫހަން ޔުނިވާސިޓީގައި ކިޔަވަމުންދިޔަ ކެރެލާގެ ދަރިވަރެއްގެ ގައިންނެވެ. ހެލތް މިނިސްޓްރީން ބުނީ، ވައިރަސް ފެނުނު ދަރިވަރަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

30 ޖެނުއަރީ 2020 | 07:40

ސައުތުކޮރެއާ ރައްޔިތުން މަޑުމައިތިރިވެގެން ތިބުމަށް އެގައުމުގެ ރައީސް ގޮވާލައްވައިފި

ސައުތުކޮރެއާގެ ރައްޔިތުން ބިރު ނުގަނެ މަޑުން ތިބުމަށް އެގައުމުގެ ރައީސް މޫން ޖެއިން އެގައުމުގެ ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.

ޗައިނާގައި ތިބި ސައުތުކޮރެއާ ގެ ރައްޔިތުން އަނބުރާ ގެންނާތީ އެގައުމުގައި އަންނަނީ މުޒާހަރާކުރަމުންނެވެ. އަދި ކަރަންޓީނު ސެންޓަރުތައް މީހުންގެ ގެތަކާއި ސްކޫލްތަކާއި ދުރުގައި ބެހެއްޓުމަށް އެމީހުން އަންނަނީ ގޮވާލަމުންނެވެ.

30 ޖެނުއަރީ 2020 | 07:30

ވުހާންގެ ރައްޔިތުން ގެތަކުގައި ބަންދުވެފައި ތިބުމުން ފޫހިފިލުވުމުގެ ގޮތުން ތަފާތު ކަންކަން ކުރަނީ

ހަލުވި ސްޕީޑެއްގައި ޗައިނާގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ މިވައިރަސްގެ އަސަރު އެންމެ ފުރަތަމަ ފެނުނު ވުހާން މިވަނީ އެއްކޮށް ބަންދުކޮށްފަ އެވެ.

ވުހާންގެ 11 މިލިއަން ރައްޔިތުން ގެތަކުގައި ބަންދުވެގެންތިބޭތާ 5 ދުވަސް މިއަދަށް ވެފައިވާއިރު ފޫހިފިލުވާ ވަގުތުތައް ދުއްވާލުމަށް އެމީހުން އަންނަނީ ތަފާތު ކަންކަން ކުރަމުންނެވެ. އަދި މިމީހުން އަންނަނީ މިކަންކަން ވީޑިއޯ ކޮށް ސޯޝަލް މީޑިޔާގެ އެކި ޕްލެޓް ފޯމްތަކަށް އަޕްލޯޑްކުރަމުންނެވެ.

މުޅި ދުނިޔޭގެ ސަމާލުކަން މިވަގުތު ކޮރޯނާވައިރަސް އަށް ހުއްޓިފައިވާއިރު މިވައިރަސްގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އަދި އެންމެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ތިބި ވުހާންގެ ރައްޔިތުންގެ މިދިރިއުޅުމުގެ ކަންކަން މުޅި ދުނިޔެއިން އަންނަނީ ގާތުން ބަލަމުންނެވެ.

ސޯޝަލް މީޑިޔާގައި ހުރި ވީޑިއޯތަކަށް ބަލާލާއިރު ބައެއް މީހުން އަންނަނީ ގޭގެ ސިޓިންގ ރޫމްގައި ޕިންގޕޮންގ އާއި ބެޑްމިންޓަން ކުޅެމުންނެވެ. އަދި އަނެއް ބަޔަކު އަންނަނީ ޚިޔާލީ ގޮތުން އެކި ކަންކަން ކޮށް ވީޑިއޯކުރަމުންނެވެ.

30 ޖެނުއަރީ 2020 | 06:45

ޗައިނާގައި ހުރި އައިކިއާ ގެ ހުރިހާ ސްޓޯރުތަކެއް ބަންދުކޮށްފި

ޗައިނާގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާތީ އެގައުމުގައި ހުރި ސްވިޑްންގެ އައިކިއާގެ ހުރިހާ ސްޓޯރުތަކެއް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ފަރުނީޗަރ ރީޓެއިލްކޮށްގެން ވިއްކާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނިން ބުނެފައިވަނީ ޗައިނާގައި ހުރި 30 ސްޓޯރު ބަންދުކުރާނެ ކަމަށެވެ.

30 ޖެނުއަރީ 2020 | 06:36

ނިއުޒިލެންޑް، ސިންގަޕޫރް އަދި އިންޑޮނޭޝިޔާއިން ޗައިނާގައި ތިބި އެގައުމުތަކުގެ ރައްޔިތުން ގެނައުމުގެ މަސައްކަތް ފަށައިފި

ނިއުޒިލެންޑް، ސިންގަޕޫރް އަދި އިންޑޮނޭޝިޔާއިން ޗައިނާގައި ތިބި އެގައުމުތަކުގެ ރައްޔިތުން އަނބުރާ އެގައުމުތަކަށް ގެނައުމުގެ މަސައްކަތް ފަަށައިފި އެވެ.

ނިއުޒިލެންޑުން ވަނީ 300 ސީޓުގެ އެއަރކްރާފްޓެއް ޗާރޓަރ ކޮށްގެން ޗައިނާ އަށް ފޮނުވުމަށް ނިންމާފަ އެވެ. އަދި މިދަތުރުގައި ޕެސިފިކް އައިލެންޑްސް އާއި އޮސްޓްރޭލިއާ އިން އަންނަން ބޭނުންވާ ރައްޔިތުންނަށް ފުރުސަތު ދޭނެކަމަށް އެގައުމުން ބުނެއެވެ.

ސިންގަޕޫރްގެ ފޮރިން މިނިސްޓަރ ވިދާޅުވީ ވުހާންގައި ތިބި 92 ރައްޔިތުން ގެނައުމަށް ޚާއްސަ ފްލައިޓެއް ފޮނުވުމަށް ރާވާފައިވާކަމަށެވެ. އަދި އިންޑޮނޭޝިޔާއިން ވެސް އެގައުމުގެ ރައްޔިތުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

30 ޖެނުއަރީ 2020 | 06:29

ގައުމުން ބޭރުގައި ތިބި ވުހާންގެ ރައްޔިތުން ގައުމަށް ގެނައުމުގެ މަސައްކަތް ޗައިނާއިން ފަށައިފި

ޗައިނާއިން ބޭރުގައި ތިބި ވުހާންގެ ރައްޔިތުން އެގައުމަށް ގެނައުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ފަށައިފި އެވެ.

ޗައިނާގެ އޭވިއޭޝަން އޮތޯރިޓީން ވަނީ ޗާޓަރ ފްލައިޓެއްގައި ވުހާންގެ ރައްޔިތުން އެގައުމަށް ގެނައުމަށް ހުއްދަ ދީފަ އެވެ.

ޖެނުއަރީ މަހުގެ 23 ން ފެށިގެން ގިނަ އެއަރލައިން ތަކަކުން އަންނަނީ ޗައިނާއަށް ކުރަން ހުރި ދަތުރުތައް ހުއްޓާލަމުންނެވެ.

30 ޖެނުއަރީ 2020 | 06:25

ކޮންމެ ގޭބިސީއަކަށް 4 މާސްކު ދޫކުރާނެ ކަމަށް ސިންގަޕޫރުން ބުނެފި

ސިންގަޕޫރުގެ ކޮންމެ ގޭބިސީއަކަށް ހަތަރު ސަރޖިކަލް މާސްކު ދޫކުރާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

1.3 މިލިއަން ގޭބިސީ ގައި މީހުން ދިރިއުޅޭއިރު ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާސްކުތައް ރައްޔިތުންނަށް ބަހާނެ ކަމަށް އެގައުމުން ބުނެއެވެ. މިހާތަނަށް އާއިރު ސިންގަޕޫރުން ވަނީ ކޮރޯނާވައިރަސްގެ އަސަރު 10 މީހެއްގެ ގައިން ފެނިފަ އެވެ.

30 ޖެނުއަރީ 2020 | 06:20

ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އެމެރިކާއިން އައު ޓާސްކް ފޯހެއް އެކުލަވާލައިފި

ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާތީ އެވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން އައު ޓާސްކް ފޯހެއް އެކުލަވާލާފައިވާކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ޕްރެޒިޑެންޓްސް ކޮރޯނާވައިރަސް ޓާސްކް ފޯސް" އިން މިވައިރަސް ފެތުރެމުންދާގޮތް މޮނިޓަރކުރަމުންދާނެ ކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން އެމެރިކާގެ ރައްޔިތުންނަށް އެންމެ ފަހުގެ ޞައްހަ މައުލޫމާތު މިޓާސްކު ފޯހުން ދެމުން ގެންދާނެ ކަަމަށް މިބަޔާނުގައި ބުނެފައިވެ އެވެ.

މިޓާސްކު ފޯހުގެ މެމްބަރުން އަންނަނީ ހޯމަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ބައްދަލުވުންތައް ބާއްވަމުންނެވެ.

30 ޖެނުއަރީ 2020 | 05:21

ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ 8 ވަނަ މީހާ މެލޭޝިޔާއިން ފެނިއްޖެ

ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ 8 ވަނަ މީހަކު މެލޭޝިޔާއިން ފެނިއްޖެކަމަށް އެގައުމުން ބުނެފި އެވެ.

މިއެންމެންނަކީވެސް ޗައިނާގެ މީހުންނެވެ. އެންމެ ފަހުން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ މީހާއަކީ މީގެކުރިން މިވައިރަސްގެ އަސަރު ފެނުނު މީހާގެ އަންހެނުންނެވެ. މިދެމީހުންނަކީވެސް ވުހާންގެ ދެމީހުންނެވެ.

30 ޖެނުއަރީ 2020 | 04:56

ކޮރޯނާވައިރަސްގެ އަލާމާތްތަކަކީ ކޮބާ؟ ބަލިން ރައްކާތެރިވެވޭނެ ގޮތްތަކަކީ ކޮބާ؟

30 ޖެނުއަރީ 2020 | 04:17

މިހާތަނަށް އާއިރު ކޮރޯނާވައިރަސްގެ ހުރިހާ ކްރައިޓީރިޔާއަކަށް ޝައްކުކުރެވޭ މީހަކު ރާއްޖޭން ނުފެންކަމަށް އެޗްޕީއޭއިން ބުނެފި

މިހާތަނަށް އާއިރު ކޮރޯނާވައިރަސްގެ ހުރިހާ ކްރައިޓީރިޔާއަކަށް ޝައްކުކުރެވޭ މީހަކު ރާއްޖޭން ނުފެންކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

30 ޖެނުއަރީ 2020 | 04:13

ޗައިނާގެ އަންހެން ފުޓުބޯޅަ ޓީމު އޮސްޓްރޭލިއާގައި ކަރަންޓީނުކޮށްފި

ކޮރޯނާވައިރަސް ފެތުރުމުގެ ބިރު އޮތުމާއިއެކު އޮސްޓްރޭލިއާއަށް ދަތުރުކުރި ޗައިނާގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމު އެގައުމުގައި ކަރަންޓީނުކޮށްފި އެވެ.

ޖަޕާނުގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސްގެ ކޮލިފިކޭޝަން މެޗު ކުޅުމަށްޓަކައި އޮސްޓްރޭލިއާއަށް ދިޔަ ޗައިނާގެ ގައުމީ ފުޓުބޯޅަ ޓީމު ތިބި ހޮޓެލް ކަރަންޓީނުކޮށްފައިވާއިރު އޮސްޓްރޭލިއާގެ ސިއްހީ އިދާރާގެ އޮފިޝަލަކު ވަނީ ކަށަވަރު ކޮށްދީފައެވެ.

30 ޖެނުއަރީ 2020 | 03:43

ޗައިނާގައި ތިބި ކެނެޑާގެ ރައްޔިތުން އަނބުރާ ކެނެޑާއަށް ގެނައުމުގެ މަސައްކަތް ފަށައިފި

ޗައިނާގައި ތިބި ކެނެޑާގެ 160 ރައްޔިތުން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ކެނެޑާއިން ބުނެފި އެވެ.

އެއާއެކު ކެނެޑާއިން ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ޗައިނާއަށް ނުކުރުމަށް އެގައުމުގެ ރައްޔިތުންނަށް އަންގާފަ އެވެ.

ކެނެޑާގެ ފޮރިން މިނިސްޓަރ ވިދާޅުވީ ޗައިނާގައި ތިބި ކެނެޑާ ރައްޔިތުން ގެނައުމަށް އެކަމުގެ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. ނަމަވެސް ރައްޔިތުން އަނބުރާ ގެނެވޭނެ ދުވަހެއް ނޭންގޭކަމަށް ކެނެޑާއިން ބުނެއެވެ.

30 ޖެނުއަރީ 2020 | 03:34

ކޮރޯނާވައިރަސްގެ އަސަރު 7736 މީހެއްގެ ގައިން ފެނި މަރުވި މީހުންގެ އަދަދު 170 ށް

ކޮރޯނާވައިރަސްގެ އަސަރު މިހާތަނަށް އާއިރު 7736 މީހެއްގެ ގައިން ފެނިފައިވެއެވެ. މަރުވި މީހުންގެ އަދަދު 170 ށް އަރައެވެ. ޗައިނާއިން ބޭރުން މިވައިރަސްގެ އަސަރު ފެނިފައިވަނީ 75 މީހެއްގެ ގައިންނެވެ.

ޗައިނާގެ 31 ޕްރޮވިންސެއްގައި ލެވެލް 1 އެމަރޖެންސީ ރެސްޕޯންސް ވަނީ ލޯންޗުކޮށްފަ އެވެ.

30 ޖެނުއަރީ 2020 | 03:29

އެމެރިކާގެ އިތުރު އެއަރލައިން ތަކަކުން ޗައިނާއަށް ކުރާ ދަތުރުތައް މެދުކަނޑާލުމާމެދު މަޝްވަރާކުރަނީ

އެމެރިކާގެ އެއަރލައިން ތަކުން ޗައިނާއަށް ކުރާ ދަތުރުތައް މެދުކަނޑާލުމާމެދު މަޝްވަރާކުރަމުންދާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

މިހާރުވެސް އެމެރިކާގެ ބައެއް އެއަރލައިންތަކުން ވަނީ ޗައިނާއަށް ކުރާ ދަތުރުތައް މެދުކަނޑާލާފަ އެވެ. މީގެއިތުރުން ޗައިނާގެ ދައުވަތަކަށް އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް ޕްރިވެންޝަނުން އެގައުމަށް ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

30 ޖެނުއަރީ 2020 | 02:34

ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ ފުރަތަމަ މީހާ ޓިބެޓުން ފެނިއްޖެ

ޗައިނާގެ ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ޓިބެޓުން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ މީހަކު ފެނިފައިވާކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފި އެވެ.

މިހާތަނަށް އާއިރުގައި މިވައިރަސްގެ އަސަރުކޮށްގެ މަރުވި މީހުންގެ އަދަދު ވަނީ 170 ށް އަރާފައެވެ. ޗައިނާގައި މިވައިރަސްގެ އަސަރުކޮށްފައިވާ 7711 މީހުން ތިބިއިރު ޗައިނާ ނޫން އެހެން ގައުމުތަކުން 75 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ.

ޗައިނާގެ 31 ޕްރޮވިންސެއްގައި ވަނީ ލެވެލް 1 އެމަރޖެންސީ ރެސްޕޯންސް އިއުލާންކޮށްފަ އެވެ.

30 ޖެނުއަރީ 2020 | 02:28

ރަޝިޔާ އާއި ޗައިނާ އާ ގުޅޭ ބޯޑަރ މަރޗް މަހާ ހަމައަށް ބަންދުކޮށްފައި ބާއްވާނެ ކަމަށް ރަޝިޔާއިން ބުނެފި

ރަޝިޔާ އާއި ޗައިނާ އާ ގުޅޭ ބޯޑަރ މަރޗް މަހާ ހަމައަށް ބަންދުކޮށްފައި ބާއްވާނެ ކަމަށް ރަޝިޔާއިން ބުނެފި އެވެ.

ރަޝިޔާގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ ވިދާޅުވީ ކާރުގައި ރަޝިޔާއަށް މަރޗް މަހުގެ 1 ވަނަ ދުވަހާ ހަމައަށް ޗައިނާގެ ބޯޑަރުން ނުވަދެވޭނެ ކަމަށެވެ. މީގެއިތުރުން ރަޝިޔާއިން ވަނީ މޮސްކޯއިން ބެއިޖިންގ އަށް ދާ އެއް ޓްރެއިން ފިޔަވައި އެހެން ހުރިހާ ޓްރެއިން ދަތުރުތަކެއްވެސް މަޑުޖައްސާލާފައެވެ. ރަޝިޔާ އާއި ޗައިނާ އާ ދެމެދު ވައިގެ މަގުން ކުރާ ދަތުރުތަކާ މެދު ކުރިޔަށް އޮތް ދުވަސް ތަކުގައި ގޮތެއް ނިންމާނެކަމަށްވެސް ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރުން ޗައިނާގެ އައު އަހަރުގެ ޗުއްޓީއާ ދިމާކޮށް ޗައިނާއަށް ދިޔަ ކިޔަވާކުދިންގެ ކިޔެވުން މަރޗް 1 ގެ ކުރިން ނުފެށުމަށް އެކުދިންނަށް އަންގާނެކަމަށްވެސް ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ ވިދާޅުވި އެވެ.

30 ޖެނުއަރީ 2020 | 02:16

ކޮރޯނާވައިރަސް އާ ގުޅޭގޮތުން ފޭކް ނިއުސް ފަތުރާތީ މެލޭޝިޔާގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ކޮރޯނާވައިރަސް އާ ގުޅޭގޮތުން ފޭކް ނިއުސް ފަތުރާތީ މެލޭޝިޔާގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ސޯޝަލް މީޑީޔާގައި ފޭކް ނިއުސް ފަތުރަމުންދާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 49 އަހަރުގެ މީހަކާއި، 25 އަހަރުގެ މީހަކާއި 30 އަހަރުގެ ފާމަސީ އެސިސްޓެންޓެއްގެ އިތުރުން 24 އަހަރުގެ ކިޔަވާ ކުއްޖެކެވެ.

އެމީހުންނަށް ކުރާ ތުހުމަތަކީ ކޮރޯނާވައިރަސް އާއި ގުޅޭގޮތުން ނުބައި މައުލޫމާތުތަކެއް ފޭސް ބުކް އަދި ޓްވިޓަރ ގައި ޖެނުއަރީ 25 ން 27 ށް ފެތުރެމެވެ. އެމީހުންގެ މައްޗަށް މިކަން ސާބިތުވެއްޖެނަމަ 12،232 ޑޮލަރުން ޖޫރިމަނާ ވުމާއެކު އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

30 ޖެނުއަރީ 2020 | 02:12

ވުހާން އިން ޖަޕާނަށް ގެންދިޔަ އެގައުމުގެ ރައްޔިތުންގެ ތެރެއިން ތިން މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިއްޖެ

ވުހާންގައި ތިބި ޖަޕާނުގެ ރައްޔިތުންގެ ތެރެއިން އެގައުމަށް ގެންދިޔަ 3 މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.

މިތަނުން އެކެއްގެ ގައިން ހުން ފެނިފައިވާއިރު އަނެއް ދެ މީހުންގެ ގައިން މިބަލީގެ އެއްވެސް އަސަރެއް ނުފެންނަކަަމަށް ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މިއީ ވުހާންގައި ތިބި ޖަޕާނުގެ ރައްޔިތުންގެ ތެރެއިން އެގައުމަށް ގެންދިޔަ ފުރަތަމަ ފުލައިޓްގެ މީހުންނެވެ. މީގެތެރޭގައި ހިމެނެނީ 200 ޖަޕާނު މީހުންނެވެ.

ޖަޕާނުން މިހާތަނަށް އާއިރު މިވައިރަސް އަށް ޕޮޒިޓިވްވެފައިވާ 11 މީހުން ފެނިފައިވެ އެވެ. މީގެތެރެއިން ދެ މީހުންނަކީ ޗައިނާއަށް ދަތުރުކޮށްފައިނުވާ ދެ މީހުންނެވެ.

30 ޖެނުއަރީ 2020 | 01:55

ސިންގަޕޫރުން އިތުރު 03 މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ކޮރޯނާވައިރަސްއަށް އިތުރު ތިން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

ސިންގަޕޫރުގެ ހެލްތް މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހު ކޮރޯނާވައިރަސްއަށް ތިން މީހަކު ޕޮޒިޓިވްވި 03 މީހުންނާއެކު، މިހާރު އެގައުމުން ޖުމްލަ 10 މީހުން ފެނިފައިވާ ކަމަށެވެ.

ސިންގަޕޫރުގެ ހެލްތް މިނިސްޓްރީން ބުނީ މިތިން މީހުންނަކީ ޗައިނާގެ ވޫހާއިން ދަތުރުކޮށްފައިވާ ޗައިނާގެ ތިން މީހުން ކަމަށެވެ.

ކޮރޯނާބައްޔަށް ޕޮޒިޓިވްވީ ދެމަފިރިންގެ އިތުރުން އެއްފިރިހެނެއް ކަމަށެވެ. އަދި މިތިން މީހުންގެ އުމުރަކީ ވެސް 56 އެކެވެ.

30 ޖެނުއަރީ 2020 | 00:41

ކޮރޯނާވައިރަސްގެ އެންމެފަހުގެ މައުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އަރުވައިފި

ހަލުހިކަމާއެކު ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރެމުންދާ ކޮރޯނާވައިރަސްގެ އެންމެފަހުގެ މައުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށް ކަމާބެހޭ ވުޒާރާތަކުން އަރުވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި މިވައިރަސް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތުތައް ވެސް އަރުވާފައިވެއެވެ.

މީގެ އިތުރުން ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް އެމެރިކާއިން ޗައިނާއާ ގުޅިގެން ކުރާ މަސައްކަތްތައް އަލިއަޅުއްވާލެއްވިއެވެ.

30 ޖެނުއަރީ 2020 | 00:31

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 162 އަށް!

ޗައިނާގެ ހޫބޭ ޕްރޮވިންސުން މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން 162 މީހަރު މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

ސީއެންއެންގައި ރިޕޯޓުގައި ކޮށްފައިވާ ގޮތުގައި މިހާތަނަށް 7000 މީހުން ކޮރޯނާވައިރަސްއަށް ވަނީ ޕޮޒިޓިވްވެފައެވެ.

29 ޖެނުއަރީ 2020 | 21:59

ޗައިނާގައި ހުންނަ ގޫގަލް އޮފީސް ބަންދުކޮށްފި

ކޮރޯނާވައިރަސްގެ ސަބަބުން ޗައިނާގައި ހުންނަ ގޫގަލް އޮފީސް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ސީއެންއެން އިން ވަނީ ރިޕޯޓުކޮށްފައެވެ.

ގޫގައިލް އިން ބުނީ ޗައިނާގައި 04 އޮފީސް ހުންނައިރު، އެކުންފުނިން ދަނީ މުއައްޒަފުންނަށް ކޮރޯނާވައިރަސްއާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދެމުންނެވެ.

ބެއިޖިންގގައި ހުންނަ ގޫގަލް އޮފީސް
ބެއިޖިންގގައި ހުންނަ ގޫގަލް އޮފީސް
29 ޖެނުއަރީ 2020 | 21:54

ނެދަލޭންޑުން ގައުމީ އެއަރލައިނުން ޗައިނާއަށް ކުރާ ދަތުރުތައް މަދުކުރަނީ

ނެދަލޭންޑްގެ ގައުމީ އެއަރލައިންއެއް ކަމަށްވާ ޑަޗް އެއަރލައިނުން ޗައިނާއަށް ކުރާ ފްލައިޓް ދަތުރުތަކުގެ އަދަދު މަދު ކުރަން ނިންމައިފިއެވެ.

އެގޮތުން ޖެނުއަރީ މަހުގެ 30 އިން ފެށިގެން ޗައިނާގެ ޗެންދޫ އަދި ހަންގްޒޯއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ. އަދި ހަފްތާއަކު ޝަންހާއީއަށް ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު 11 އިން 07 އަކަށް މަދުކޮށްފައިވާ ކަމަށް އެއަރލައިނުން ވަނީ ބުނެފައެވެ.

29 ޖެނުއަރީ 2020 | 20:58

ފިންލޭންޑުން ވެސް ކޮރޯނާވައިރަސް ފެނިއްޖެ

ފިންލޭންޑުން ކޮރޯނާވައިރަސް ފެނިފައިވާ ކަމަށް އެގައުމުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފިންލޭންޑްގެ ނޭޝަނަލް ހެލްތް އެންޑް ވެލްފެއަރ އިންސްޓިއުޝަން ހާމަކޮށްފައިވާ ގޮތުގައި ކޮރޯނާވައިރަސް އަށް 32 އަހަރުގެ އަންހެނެއް ވަނީ ޕޮޒިޓިވްވެފައެވެ.

ފިންލޭންޑުން ކޮރޯނާވައިރަސް ފެނިިފައިވާއިރު، މިއީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮރޯނާވައިރަސް ފެނުނު ދެވަނަ ގައުމެވެ. ފުރަތަމަ ކޮރޯނާވައިރަސް ފެނުނީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ޖަރުމަނުންނެވެ.

29 ޖެނުއަރީ 2020 | 20:53

ވުހާނުގައި ތިބި އެމެރިކާ މީހުން އެމެރިކާއަށް ގެނެސް އިތުރަށް ސްކްރީން ކުރަނީ

ވުހާނުގައި ތިބި އެމެރިކާ މީހުން އެމެރިކާއަށް ގެނެސްފިއެވެ.

ވުހާންއިން ގެނައި މިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ ގައިން ވައިރަސްގެ އަސަރެއް ފެނިފައިނުވެއެވެ.

އަދި އެންމެން ބައިތިއްބާފައި ތިބީ މާޗް އެއަރ ރިޒާވް ބޭސްގައި ބަހައްޓާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސީޑީސީ މެޑިކަލްސް މީހުން އެންމެން އިތުރަށް ބަލާ ސްކްރީން ކޮށް ޗެކްކޮށް ޔަގީންކުރާނެއެވެ.

ވައިރަސްގެ އަސަރެއް ނެތްކަން އެމީހުންގެ އެތާގަ ކިހާއިރެއް ވަންދެން ބައިތިއްބާނެކަމަށް ހާމައެއް ނުކުރެއެވެ.

200 އަށްވުރެ ގިނަ އެމެރިކާ މީހުން ޗައިނާގެ ވުހަން ސިޓީ އިން ވަނީ މިޕްލައިޓް ގައި އެމެރިކާ އަށް ގެނެސްފައިނުވެއެވެ.

29 ޖެނުއަރީ 2020 | 20:00

އިންސާނުންގެ ގައިން ކޮރޯނާވައިރަސް ފެތުރެމުންދާތީ ޑަބްލިޔުއެޗްއޯގެ ކަންބޮޑުވުން

އިންސާނުންގެ ގައިން ކޮރޯނާވައިރަސް ފެތުރެމުންދާތީ އެކަމުގެ ކަންބޮޑުވުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް ފާޅުކުރައްވައިފި އެވެ.

މިހާތަނަށް އާއިރު އެއް އިންސާނެއްގެ ގައިން އަނެއް އިންސާނަކަށް ކޮރޯނާވައިރަސް ފެތުރިގެން ރިޕޯޓްކޮށްފައިވަނީ ޖާރމަނީ، ވިއެޓްނާމް އަދި ޖަޕާނުންނެވެ. ޖެނީވާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓެޑްރޯސް ވިދާޅުވީ ޑަބްލިޔުއެޗްއޯގެ ޓީމެއް ޗައިނާއަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެއިތުރުން ގްލޯބަލް އެމަރޖެންސީ އެއް އިއުލާންކުރުމުގައި މިހާރު ގެންގުޅޭ އުސޫލު ބަދަލުކުރުމަށް ޓެޑްރޯސް ބޭނުންވާކަމަށް ވަނީ ވިދާޅުވެފަ އެވެ. މިހާރު އިންނަ ގޮތުން ގްލޯބަލް އެމަރޖެންސީ އެއް އިއުލާންކުރެވޭނީ ތިން ފޭސް އެއް މެދުވެރިކޮށެވެ.

އަނެއްކޮޅުން ޑަބްލިޔުއެޗްއޯގެ އެމަރޖެންސީ ކޮމިޓީން ބުރާސްފަތި ދުވަހު މިކަމުގައި ގޮތެއް ނިންމުމަށް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

29 ޖެނުއަރީ 2020 | 19:34

ފްރާންސް އިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ ފަސް ވަނަ މީހާ ފެނިއްޖެ

ފްރާންސް އިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ ފަސް ވަނަ މީހަކު ފެނިއްޖެކަމަށް އެގައުމުން ބުނެފި އެވެ.

ފްރާންސްގެ ހެލްތު މިނިސްޓަރ ވިދާޅުވީ މިވައިރަސްގެ އަސަރު ފެނުނު ފަސް ވަނަ މީހަކީ މިވައިރަސްގެ އަސަރުކޮށްގެން ފްރާންސް އިން ފެނުނު ޗައިނާ ފަތުރުވެރިއެއްގެ އަންހެން ދަރިފުޅު ކަމަށެވެ. މީގެކުރިން ފްރާންސްއިން މިވައިރަސްގެ އަސަރު ފެނިފައިވަނީ ޗައިނާގެ ހަތަރު ފަތުރުވެރިއެއްގެ ގައިންނެވެ. މިއަންހެން ކުއްޖާ މިހާރު އޮތީ އެންޓެންސިވް ކެއަރ ގައި ކަަމަށް އެގައުމުން ބުނެއެވެ.

29 ޖެނުއަރީ 2020 | 19:09

އެއަރ ފްރާންސް އިން ޗައިނާއަށް ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު މަދު ކުރަނީ

އެއަރ ފްރާންސް އިން ޗައިނާއަށް ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު މަދު ކުރާނެ ކަމަށް އެ އެއަރ ލައިނުން ބުނެފި އެވެ.

އެ އެއަރ ލައިނުން ބެއިޖިންގ އާއި ޝަންހާއީ އަށް މިހަފްތާތެރޭ ކުރަން ހުރި ދަތުރުތައް މަދުކުރުމަށް ނިންމާފައިވާއިރު ހުކުރު ދުވަހުން ފެށިގެން އެ އެއަރ ލައިނުން ޗައިނާ އަށް ދަތުރުކުރާނީ އެއް ފްލައިޓެވެ. މީގެކުރިން ހަފްތާއަކު 10 ފްލައިޓް ބެއިޖިންގ އަށް އަދި 13 ފްލައިޓް ޝަންހާއީއަށް ދަތުރުކުރެ އެވެ.

29 ޖެނުއަރީ 2020 | 18:51

ކޮރޯނާވައިރަސް އާ ގުޅިގެން ގްލޯބަލް އެމަރޖެންސީ އިއުލާންކުރަންޖެހޭތޯ ބެލުމަށް ޑަބްލިޔުއެޗްއޯ އިން ބައްދަލުވުމެއް ބާއްވަނީ

ޗައިނާގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ގްލޯބަލް އެމަރޖެންސީ އެއް އިއުލާންކުރަންޖެހޭތޯ ބެލުމަށް ޑަބްލިޔުއެޗްއޯގެ އެމަރޖެންސީ ކޮމެޓީން ބުރާސްފަތި ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

މިއީ ޑަބްލިޔުއެޗްއޯގެ އެމަރޖެންސީ ކޮމިޓީ މިހަފްތާތެރޭގައި ބައްދަލުވުން ބާއްވާ ތިން ވަނަ ފަހަރެވެ. މިބައްދަލުވުމުގައި އެމަރޖެންސީ އިއުލާންކުރަން ޖެހޭތޯ އާއި އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ.

އެމަޖެންސީ ކޮމިޓީގައި މިނިވަން 16 އެކްސްޕާޓުން ހިމެނެއެވެ. މީގެކުރިން ބޭއްވި ދެ ބައްދަލުވުމުގައި އެމަރޖެންސީ އިއުލާންކުރަން ނުޖެހޭކަމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

29 ޖެނުއަރީ 2020 | 18:37

ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހެލްތު މިނިސްޓަރ ހިއްސާކުރައްވައިފި

29 / 81