Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

29 ޖެނުއަރީ 2020 | 18:31

އެމެރިކާގެ 165 މީހަކަށް ވައިރަސްގެ އަސަރުކޮށްފައިވޭތޯ ބަލަމުންދަނީ

އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން 165 މީހަކު ކޮރޯނާވައިރަސް އަށް ޓެސްޓުކުރަމުންދާ ކަމަށް އެގައުމުން ހާމަކޮށްފި އެވެ.

އެޖެންސީގެ ވެބްސައިޓްގައި ވަނީ މިމީހުންނަކީ 36 ސްޓޭޓަކަށް ނިސްބަތްވާ މީހުން ކަމަށެވެ. މިހާތަނަށް އާއިރު އެމެރިކާގެ 5 މީހެއްގެ ގައިން ވަނީ ކޮރޯނާވައިރަސްގެ އަސަރު ފެނިފަ އެވެ. 68 މީހުން މިވައިރަސް އަށް ނެގެޓިވް ވެފައިވާއިރު 92 މީހެއްގެ ޓެސްޓް އަދި ހަދަންޖެހެ އެވެ.

އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އަކީ އެމެރިކާގައި މިހާރު މިވައިރަސް އަށް ޓެސްޓް ކުރެވޭ ހަމައެކަނި ލެބޯޓްރީ އެވެ.

29 ޖެނުއަރީ 2020 | 18:22

ކޮރޯނާވައިރަސްގެ އަސަރު މިހާތަނަށް ފެނިފައިވަނީ 6155 މީހެއްގެ ގައިން

29 ޖެނުއަރީ 2020 | 18:08

ކޮރޯނާވައިރަސް އާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް އާ މަޝްވަރާކުރައްވައިފި

ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް އާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޒި ޕިންގ އާ މަޝްވަރާކުރައްވައިފި އެވެ،

ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އަންނަނީ މިކަމުގައި ޗައިނާ އާ ވަރަށް ގާތުން މަސައްކަތް ކުރަމުން ކަމުގަ އެވެ.

29 ޖެނުއަރީ 2020 | 17:25

ހޫބޭ ޕްރޮވިންސްގައި ހުރި މެކްޑޮނާލްޑް ގެ ހުރިހާ ރެސްޓޯރެންޓެއް ބަންދުކޮށްފި

ހޫބޭ ޕްރޮވިންސްގައި ހުރި މެކްޑޮނާލްޑްގެ ހުރިހާ ރެސްޓޯރެންޓެއް ބަންދުކޮށްފައިވާކަމަށް މެކްޑޮލާޑްއިން ބުނެފި އެވެ.

މެކްޑޮނާލްޑްގެ ސީއީއޯ ވިދާޅުވީ ބަންދުކޮށްފައިވަނީ ހަމައެކަނި ހޫބޭ ޕްރޮވިންސްގައި ހުރި ރެސްޓޯރެންޓްތައް ކަމަށާއި ޗައިނާގެ އެހެން ހިސާބުތަކުގައި ހުރި ރެސްޓޯރެންޓްތައް ބަންދުނުކުރާ ކަމަށެވެ.

29 ޖެނުއަރީ 2020 | 17:13

ހުން ހުރި މީހަކު އެއަރޕޯޓުގެ ތާމަލް ކެމެރާއިން ފާހަގަކުރެވޭ ހިސާބުން އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން ކަންކަން ކުރިޔަށް ގެންދާނެ

ހުންނަ ހުރި މީހަކު އެއަރޕޯޓުގެ ތާމަލް ކެމެރާއިން ފާހަގަކުރެވޭ ހިސާބުން އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން ކަންކަން ކުރިޔަށް ގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

29 ޖެނުއަރީ 2020 | 17:09

ކޮރޯނާވައިރަސް ޖެހިފައި ހުރި މީހަކަށް ފަރުވާ ދިނުމަށް ވާންޖެހޭ ހުރިހާ ކަމެއް ވަނީ ހަމަޖެހިފައި

ކޮރޯނާވައިރަސް ޖެހިފައި ހުރި މީހަކަށް ފަރުވާ ދިނުމަށް ވާންޖެހޭ ހުރިހާ ކަމެއް ވަނީ ހަމަޖެހިފައިކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

29 ޖެނުއަރީ 2020 | 17:07

ޗައިނާއިން އަންނަ ފްލައިޓްތަކާއި ޓްރާންސިޓް ހުރިހާ ފްލައިޓްތަކަކުން އަންނަ ފަރާތްތައް ތާމަލް ކެމެރާއިން ސްކްރީން ކުރެވޭނެ

ޗައިނާއިން އަންނަ ފްލައިޓްތަކާއި ޓްރާންސިޓް ހުރިހާ ފްލައިޓްތަކަކުން އަންނަ ފަރާތްތައް ތާމަލް ކެމެރާއިން ސްކްރީން ކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން މިކަން ހާމަކުރީ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި މިވައިރަސް އާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުންނެވެ.

29 ޖެނުއަރީ 2020 | 17:02

ވުހާންގައި ތިބި އެމެރިކާގެ ރައްޔިތުން އެމެރިކާއަށް ގެންނަ ފުރަތަމަ ފުލައިޓް ކެލިފޯނިއާގައި ޖައްސައިފި

ވުހާންގައި ތިބި އެމެރިކާގެ ރައްޔިތުން އެމެރިކާއަށް ގެންނަ ފުރަތަމަ ފުލައިޓް ކެލިފޯނިއާގައި ޖައްސައިފިއެވެ.

މިފްލައިޓުން 201 މީހުން ވަނީ އެމެރިކާއަށް އައިސްފަ އެވެ. މިމީހުން އެމެރިކާއަށް ގެނައުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ޓެސްޓްތައް ހައްދާފަ އެވެ. އަދި މިޓެސްޓްތަކުން އެއްވެސް މީހަކަށް މިވައިރަސްގެ އަސަރުކޮށްފައިނުވާކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

29 ޖެނުއަރީ 2020 | 16:56

ކޮރޯނާވައިރަސް އަށް ރާއްޖެއިން ތައްޔާރުވެފައިވާ މިންވަރަކީ ކޮބާ؟

ކޮރޯނާވައިރަސް އަށް ރާއްޖެއިން ތައްޔާރުވުމަށް މިހާތަނަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

-ކޮރޯނާ ވައިރަސް އަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ވަނީ ގާއިމުކޮށްފައި

-މި ވައިރަސްއަށް ޚާއްޞަކޮށް ދަރުމަވަންތަ ހޮސްޕިޓަލުގައި 4 އެނދުގެ ޖާގައިގެ އައިސޮލޭޝަން އައިސީޔޫއެއް ވަނީ ޤާއިމުކޮށްފައި

-ކޮރޯނާ ވައިރަސްގެ ހޮޓްލައިންގެ ގޮތުގައި ކޯލް ސެންޓަރެއް ވަނީ ޤާއިމުކޮށްފައި

-މިބައްޔަށް ޝައްކުކުރެވޭ މީހުން އުފުލުމަށް 3 އެންބިއުލަންސް މިހާރު ވަނީ ޚާއްޞަކުރެވިފައި

-ކޮރޯނާ ވައިރަސްއާ ގުޅޭ ކްލިނިކަލް ޤައިޑްލައިންސް ހިމެނޭ ގޮތަށް ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖާސްތައް ވަނީ ތައްޔާރު ކުރެވިފައި

29 ޖެނުއަރީ 2020 | 16:48

ކޮރޯނާވައިރަސް އަށް ޚާއްސަކޮށްގެން ހުޅުމާލޭގައި 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމުކޮށްފި

ކޮރޯނާ ވައިރަސް އަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާ ބައްދަލުކުރައްވައި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ބެހޭގޮތުން ކުރެއްވި މަޝްވަރާތަކުގަ އެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ދުރާލާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު ޙިއްޞާކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އެއާޕޯޓްތަކާ ހޮސްޕިޓަލުތަކުގައި އަޅުއްވާފައިވާ ފިޔަވަޅުތަކާއި ރަށު ފެންވަރުގައި އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ޙިއްޞާކުރެއްވިއެވެ. އޭގެ ތެރޭގައި މި ވައިރަސްއަށް ޚާއްޞަކޮށް ދަރުމަވަންތަ ހޮސްޕިޓަލުގައި 4 އެނދުގެ ޖާގައިގެ އައިސޮލޭޝަން އައިސީޔޫއެއް ޤާއިމުކޮށްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮރޯނާ ވައިރަސްގެ ހޮޓްލައިންގެ ގޮތުގައި ކޯލް ސެންޓަރެއް ޤާއިމުކޮށްފައިވާކަމަށާއި، މިބައްޔަށް ޝައްކުކުރެވޭ މީހުން އުފުލުމަށް 3 އެންބިއުލަންސް މިހާރު ޚާއްޞަކުރެވިފައިވާކަމަށާއި، ކޮރޯނާ ވައިރަސްއާ ގުޅޭ ކްލިނިކަލް ޤައިޑްލައިންސް ހިމެނޭ ގޮތަށް ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖާސްތައް ތައްޔާރު ކުރެވިފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާއެކު މިއަދު ބޭއްވި މި ބައްދަލުވުމުގައި ކޮރޯނާ ވައިރަސްއަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން ރިޒޯޓްތަކާއި ސަފާރީ އުޅަނދުތަކާއި އަދި އެ ނޫންވެސް ފަތުވެރިންނާ ގުޅޭ ޚިދުމަތްތައްދޭ ތަންތަނުން އަޅަންޖެހޭ ފިޔަވަޅުތަކާބެހޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

29 ޖެނުއަރީ 2020 | 16:35

ކޮރޯނާވައިރަސްއާއި ގުޅޭގޮތުން މަޖިލީހަށް މައުލޫމާތު ހިއްސާކުރުމަށް ހެލްތު މިނިސްޓަރ އެދިވަޑައިގެންފި

ދުނިޔޭގެ ޤައުމުތަކުގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން މަޖިލީހަށް މަޢުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އެދިވަޑައިގެންފިއެވެ.

މިކަމަށް އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މިނިސްޓަރ ފޮނުއްވި ސިޓީގައި ވަނީ ނޮވެލް ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށެވެ.

އެގޮތުން މިހާތަނަށް އެޅިފައިހުރި ފިޔަވަޅުތަކާއި، އިތުރަށް ކުރުމަށް ރާވާފައި ހުރި މަސައްކަތްތަކާއި ބެހޭގޮތުންނާއި އަދި މި ވައިރަސްއާއި ބެހޭ އެހެނިހެން މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނަށް ޙިއްސާކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ސިޓީގައިވެއެވެ. އެހެން ކަމުން މިނިސްޓަރގެ ސިޓީގައި އެދިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކަމާއިބެހޭ މެންބަރުންނާއި ބައްދަލުކޮށް މަޢުލޫމާތު ހިއްސާކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށެވެ.

29 ޖެނުއަރީ 2020 | 16:33

ޔުނިސެފުން ޗައިނާއަށް އެހީތެރިކަން ފޯރުކޮށްދީފި

ޗައިނާގައި ބާރު ސްޕީޑްގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އެގައުމަށް ޔުނިސެފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ޔުނިސެފުން ބުނީ ހަ ޓަނުގެ ސާމާނު ޗައިނާއަށް ފޮނުވާފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ މާސްކް އާއި ޕްރޮޓެކްޓިވް ސުއިޓް ކަމަށް ޔުނިސެފުން ބުނެއެވެ. ޑެންމާކްގެ މަގުން ފޮނުވާ މިސާމާނު ޝަންހާއީ އަށް މިހާރު އައިސްފައިވާއިރު ދެން މިތަކެތި ދާނީ ވުހާން އަށެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަަމަށް ޔުނިސެފުން ވަނީ ބުނެފަ އެވެ.

29 ޖެނުއަރީ 2020 | 16:29

ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ ފުރަތަމަ މީހާ ފިންލެންޑުން ފެނިއްޖެ

ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ ފުރަތަމަ މީހާ ފިންލެންޑުން ފެނިއްޖެކަމަށް އެގައުމުން ބުނެފި އެވެ.

ފިންލެންޑުން ބުނީ މިމީހާއަކީ ވުހާން އިން އައި ފަތުރުވެރި އެއް ކަމަށެވެ. އަދި މިމީހާ މިހާރު ހުރީ ފިންލެންޑްގެ ހޮސްޕިޓަލެއްގައި އައިސޮލޭޓް ކޮށްފައިކަމަށް ފިންލެންޑުން ބުނެއެވެ. މީގެއިތުރުން މިމީހާގެ ފުށުން 15 މީހަކަށް މިވައިރަސްގެ އަސަރުކޮށްފައިވެދާނެ ކަމަށް ފިންލެންޑުން ބުނެއެވެ.

29 ޖެނުއަރީ 2020 | 16:24

އީޔޫ ކޮމިޝަނުން ޗައިނާއަށް ދަތުރުނުކުރުމަށް އެތާންގެ ސްޓާފުންނަށް އަންގައިފި

ޔޫރަޕިއަން ކޮމިޝަން އިން އެތާންގެ ސްޓާފުންނަށް ޗައިނާއަށް ދަތުރުނުކުރުމަށް އަންގައިފި އެވެ.

ކޮމިޝަންގެ އޮފިޝަލުންނާއި އީޔޫ ޑިޕްލޮމެޓްސް އިން ޗައިނާއަށް ކުރަން ހުރި ދަތުރުތައް މަޑުޖައްސާލުމަށް ނޫނީ ފަސްކުރުމަށް ވަނީ އަންގާފަ އެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވަނީ އަންގާފަ އެވެ. މީގެއިތުރުން ޗައިނާގައި ތިބި އީޔޫގެ ސްޓާފުން އެނބުރި އީޔޫއަށް ނައުމަށް އީޔޫ އިން ވަނީ އަންގާފަ އެވެ.

29 ޖެނުއަރީ 2020 | 16:19

ޖަރުމަނުގެ ލުފްތަންސާ އިންވެސް ޗައިނާއަށް ކުރަން ހުރި ހުރިހާ ދަތުރުތަކެއް ކެންސަލްކޮށްފި

ޖަރުމަނުވިލާތުގެ ލުފްތަންސާ އެއަރލައިނުން ޗައިނާއަށް ކުރަން ހުރިހާ ދަތުރުތަކެއް ކެންސަލްކޮށްފި އެވެ.

ޗައިނާ އިން އަންނަ ފްލައިޓްތަކާއި ޗައިނާއަށް ދާ އެއަރލައިންގެ ފްލައިޓްތައް ކެންސަލްކޮށްފައިވަނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހާ ހަމައަށެވެ. ލުފްތަންސާގެ ސްޕޯކްސްވުމެން މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބުނެފައިވަނީ އެ އެއަރލައިންގެ ސަބްސިޑަރީ އެއަރ ލައިންތައް ކަމަށްވާ ލުފްތަންސާގެ ސްވިސް އަދި އޮސްޓްރިއަން އެެއަރ ލައިނުންވެސް މިގޮތަށް އަމަލުކުރަމުންދާނެ ކަމަށެވެ. މީގެއިތުރުން ލުފްތަންސާ އިން ޗައިނާއަށް ދަތުރުކުރުމަށް ބުކިން ހެއްދުން ފެބްރުއަރީ މަސް ނިމެންދެން މަޑުޖައްސާލާފައިވާ ކަމަށްވެސް އެއަރލައިނުން ބުނެއެވެ.

29 ޖެނުއަރީ 2020 | 15:51

އެމެރިކަން އެއަރލައިން އިން ޗައިނާއަށް ކުރަން ހުރި ބައެއް ދަތުރުތައް މެދު ކަނޑާލައިފި

އެމެރިކަން އެއަރލައިން އިން ޗައިނާއަށް ކުރަން ހުރި ބައެއް ދަތުރުތައް މެދުކަނޑާލައިފި އެވެ.

އެއަރލައިނުން ބުނީ ލޮސް އެންޖަލަސް އިން ޝަންހާއީ އަށް ދާންހުރި ފްލައިޓްތަކާއި ލޮސް އެންޖަލަސް އިން ބެއިޖިންގ އަށް ދާންހުރި ފްލައިޓް ތަކެވެ. ދަތުރުތައް މެދު ކަނޑާލާފައިވަނީ ފެބްރުއަރީ މަހުގެ 9 ން މާރޗް މަހުގެ 27 ވަނަ ދުވަހާ ހަމައަށެވެ. އެ އެއަރލައިން ބުނެފައިވަނީ ފްލައިޓްތައް މެދުކަނޑާލާފައިވަނީ ޑިމާންޑް ދަށްވުމުގެ ސަބަބުން ކަަމަށެވެ.

މިހާތަަނަށް އާއިރު ބްރިޓިޝް އެއަރވޭސް، ޔުނައިޓެޑް އެއަރލައިންސް، އެއަރ އޭޝިޔާ ، އެއަރ އިންޑިޔާ އަދިވެސް އިތުރު އެއަރލައިން ތަކުން ވަނީ ޗައިނާއަށް ކުރަން ހުރި ދަތުރުތައް މެދުކަނޑާލާފަ އެވެ.

29 ޖެނުއަރީ 2020 | 15:41

ހޫބޭ ޕްރޮވިންސް އިން ބޭސް ހުސްވުމުގެ ބިރު ހީވެފައި

ޗައިނާގައި ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާން އާއި ހޫބޭ ޕްރޮވިންސް އިން ބޭސް ހުސްވުމުގެ ބިރު ހީވެފައިވާކަމަށް ހޫބޭ ޕްރޮވިންސްގެ ގަވަރުނަރ ވިދާޅުވެއްޖެ އެވެ.

ހޫބޭ ޕްރޮވިންސް އިން މިހާތަނަށް 3553 މީހުންނަށް މިވައިރަސްގެ އަސަރުކޮށްފައިވާއިރު 125 މީހުން ވަނީ މިވައިރަސްގެ އަސަރުކޮށްގެން މަރުވެފަ އެވެ.

29 ޖެނުއަރީ 2020 | 15:25

ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތައް އިތުބާރު އެބައޮތް: ޑަބްލިއުއެޗްއޯ

ޗައިނާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމުން އަރައިގަތުމަށާއި، އެބަލިން ރައްކާތެރިވުމަށް ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކާމެދު އިތުބާރު އެބައޮތްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެފިއެވެ.

ޝިންހުއާ ނިއުސް އޭޖެންސީން ޚަބަރު ފަތުރާ ގޮތުގައި، ޗައިނާއަށް މިހާރު ވަޑައިގެން އުޅުއްވާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް މިހެން ވިދާޅުވީ، ޗައިނާގެ ފޮރިން މިނިސްޓްރަ ވޮންގ ޔީ އާއެކު ވެރިރަށް ބެއިޖިންގް ގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ޓެޑްރޯސް ވިދާޅުވެފައިވަނީ، ޗައިނާގައި ނޮވެލް ކޮރޯނާ ވައިރަސް ފެތުރުމާއެކު، އެކަމުން ރައްކާތެރިވުމަށާއި، އެޤައުމުގެ ރައްޔިތުން އެކަމުން ސަލާމަތް ކުރުމަށް ޗައިނާ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތައް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންނާއި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަކަމަށެވެ. ހަމަ އެހެންމެ ބަލިމަޑުކަމުން އަރައިގަތުމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާ ސަރުކާރުން ކުރަމުންދާ މަސައްކަތައް އިތުބާރު އެބައޮތް ކަމަށް ޓެޑްރޯސް ވިދާޅުވިކަމަށް ސީސީޓީވީން ރިޕޯޓުކުރެއެވެ.

29 ޖެނުއަރީ 2020 | 15:17

ޗައިނާ އަށް ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދެނީ

ހަލުވިކަމާއެކު ކޮރޯނާވައިރަސް ޗައިނާގައި ފެތުރެމުންދާތީ ގައުމުތަކުން ޗައިނާއަށް އެހީތެރިކަން ފޯރުކޮށްދެމުން އެބަދެއެވެ.

ސިންގަޕޯރ އިން ވަނީ 75،000 މާސްކު ޗައިނާއަށް ފޮނުވާފަ އެވެ. އިތުރު 400 ފޮށި ވުހާން އަށް ފޮނުވުމަށް ސިންގަޕޯރ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޖަޕާނުން ވަނީ 30،000 މާސްކު ޗައިނާއަށް ފޮނުވާފައެވެ.

29 ޖެނުއަރީ 2020 | 14:09

ކޮރޯނާވައިރަސްއަށް ދައުލަތުގެ ކަމާގުޅުންހުރި ހުރިހައި އިދާރާތައް ތައްޔާރު: އެޗްޕީއޭ

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް އާއި ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަށް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، މުއައްސަސާތަކުން ކުރަންޖެހޭ ކަންކަން ހަރުދަނާކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ކޮރޯނާވައިރަސްއާއި ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަކާއެކު ބޭއްވި އެކްސަސައިޒަށް ފަހު "ރާއްޖެ އެމްވީ" އަށް މަޢުލޫމާތު ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، އިބްރާހިމް ނިޝާން އަޙްމަދު ވިދާޅުވީ މި އެކްސައިސަޒަކީ ކޮރޯނާވައިރަސްއާއި ގުޅިގެން ކަމާ ގުޅުންހުރި އެޖެންސީތަކާ އެއްކޮށް ހެދިފައި ހުރި އޮޕަރޭޓިން ޕްރޮސީޖަރ ޕްލޭން (އެސްއޯޕީ) އާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

29 ޖެނުއަރީ 2020 | 13:06

ކޮރޯނާވައިރަސްގެ އަލާމާތްތައް ފެންނަން ކިހާ ދުވަހެއް ނަގާ؟

29 ޖެނުއަރީ 2020 | 13:02

ފާއިތުވި 14 ދުވަހު ޗައިނާއަށް ދަތުރުކޮށް، މިއަލާމާތްތައް ފެންނަނަމަ އެޗްޕީއޭގެ ހޮޓްލައިން ނަންބަރަށް ގުޅުއްވާ

29 ޖެނުއަރީ 2020 | 13:00

ކޮރޯނާވައިރަސް އަށް ރާއްޖެ ތައްޔާރުވެފައިވާ މިންވަރާގުޅޭގޮތުން އެކްސަރސައިޒެއް ބާއްވައިފި

29 ޖެނުއަރީ 2020 | 12:57

ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބާ؟

- ސައިބޯންޏާއި، ސެނެޓައިޒަރ ބޭނުންކޮށްގެން ދެއަތް ރަނގަޅަށް ދޮވުން

- ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފާތް ރަނގަޅަށް ފޮރުވުން، އަދި ކެއްސުމަށް ފަހު ބޭނުންކުރާ ޓިޝޫ އެއްލާލުމަށް ފަހު ރަނގަޅަށް އަތް ދޮވުންް

- ހުން ނުވަތަ ކެއްސާ މީހަކާއި މާ ގާތްނުވުން

- އެއްވެސް ވަރަކަށް ހުން އައިސް ނޭވާލާން އުދަނގޫވާނާމަ، އަވަހަށް ޑޮކްޓަރަށް ދެއްކުން

- މާރުކޭޓު ފަދަ ތަންތަނަށް ޒިޔާރާތްކުރާއިރު، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ ޖަނަވާރުގެ މަހުގައި އަތް ނުލުން

- ރޮލަށް ނޫނީ މާ ބޮޑަށް ކައްކާފައި ހުންނަ އެއްގަމުމަހުގެ ބާވަތްތަކާއި ދުރުވުން. ރޯ މަހާއި، ކިރާއި، ޖަނަވާރުގެ ގުނަވަަންތައް ގެންގުޅޭއިރު ސަމާލުވުން

29 ޖެނުއަރީ 2020 | 12:56

ކޮރޯނާވައިރަސް: އިނގެނީ ކިހާވަރަކަށް؟

ކޮރޯނާ ވައިރަސް، ޗައިނާގެ 5،974 މީހުންނަށް ޖެހިފައިވާއިރު، އަންގާރަ ދުވަހާ ހަމަޔަށް 132 މީހަކު ވަނީ މި ނުރައްކާ ބަލީގެ ސަބަބުން މަރުވެފައެވެ. މި ޢަދަދަކީ މީގެ އެތަކެއް އަހަރު ކުރިން ޢާންމުވި ސާސް އާއި މޭސް ބަލި މީހުންނަށް ޖެހުނު ޢަދަދަށްވުރެ ބޮޑު ޢަދަދެކެވެ.

ޞިއްޙީ އޮފިޝަލުން ވަނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރަން ކުރާ މަސައްކަތް ކާމިޔާބުވެދާނެ ކަމާމެދު ގިނަ ސުވާލުތަކެއް އުފައްދާފައެެވެ. އެގޮތުން ބަލި ކިހާ ނުރައްކާތޯ އާއި ވައިރަސްގެ އަސަރު ހަށިގަނޑުގައި ހުރެ އޭގެ އަލާމާތްތައް ނުފެންނަތޯ އާއި ބަލީގެ އަސަރު އެންމެ ބޮޑީ އަދި ވައިރަސް އެންމެ ބޮޑަށް ފެތުރެނީ ޗައިނާއިން ތޯ އެވެ. މިއީ ހައްތާވެސް ޞިއްހީ މާހިރުން އުފައްދާ ސުވާލުތަކެވެ.

ކޮރޯނާގެ އަލާމާތްތައް:

މި ބަލީގެ އަލާމަތްތައް ތަފާތު ގޮތަކަށް ފެނެއެވެ. އެމެރިކާގެ ސެންޓަރ އޮފް ޑިޒީސަސް އިން ބުނާ ގޮތުން ބަލީގެ އަލާމަތްތަކުގެ ތެރޭގައި، ހުން އައިސް ކެއްސުމުގެ އިތުރުން ނޭވާކުރުވުން ހިމެނެއެވެ. ބަލި ޖެހުމަށް ފަހު ބަލީގެ އަލާމާތްތައް ދެ ދުވަހާއި 14 ދުވަހާއި ދެމެދު ފެނިދާނެއެވެ. ބަލީގެ ސަބަބުން ނިއުމޯނިޔާ އާއި ކިޑްނީ ފޭލްވެއެވެ.

ބަލި ފެނުނީ ކޮންތަނަކުން:

ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 31 ގައި ޗައިނާގެ ވޫހާން ސިޓީން ވަނީ، އެ ސިޓީގައި ނިއުމޯނިޔާ ބަލީގެ ކޭސްތައް ފެންނަމުންދާކަން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ސަމާލުކަމަަށް ގެންސްފައެވެ. އަލަށް ފެނިގެން މިއުޅޭ ''ކޮރޯނާ ވައިރަސް'' ފެނިފައިމިވަނީ ޤަވާއިދާ ޚިލާފަށް މަސް ވިއްކަމުންދާ ސީފުޑް މާރކެޓުންނެވެ. ބައެއް މާހިރުން ލަފާކުރާ ގޮތުގައި މި ބަލި އިންސާނުންނަށް ޖެހިގެން އުޅެނީ ހަރުފައެއްގެ ސަބަބުންނެވެ.

29 ޖެނުއަރީ 2020 | 12:33

ޔޫއޭއިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ ހަތަރު މީހަކު ފެނިއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) ގައި ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ ހަތަރު މީހަކު ތިބި ކަމަށް އެގައުމުން ކަށަވަރުކޮށްދީފި އެވެ.

އެގައުމުން ބުނީ މި މީހުންނަކީ ޗައިނާގެ އާއިލާއެއްގެ ބައެއް ކަމަށެވެ. މިމީހުންނަކީ ވުހާން އިން އެގައުމަށް އައި ބަޔެއްކަމަށްވެސް ޔޫއޭއީން ބުނެއެވެ.

29 ޖެނުއަރީ 2020 | 12:29

ވުހާންގައި ތިބި އެމެރިކާގެ ރައްޔިތުންގެ ތެރެއިން 201 މީހެއް ކެލިފޯނިއާއަށް އައުމުގެ މަގުމަތީގައި

ވުހާންގައި ތިބި އެމެރިކާގެ ރައްޔިތުންގެ ތެރެއިން ފުރަތަމަ ފްލައިޓުން ގެންނަ 201 މީހުން މިހާރު ތިބީ ކެލިފޯނިއާ އަށް އައުމުގެ މަގުމަތީގައި ކަމަށް އެގައުމުން ބުނެފި އެވެ.

މިހާތަނަށް އާއިރު އެމީހުން ވަނީ މިވައިރަސްގެ އަސަރުކޮށްފައިވޭތޯ ބެލުމަށް ދެ ފަހަރެއްގެ މަތިން ޓެސްޓްކޮށްފަ އެވެ. އެޓެސްޓުތަކުން ވައިރަސްގެ އަސަރުކޮށްފައިވާ މީހަކު ނެތްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަދި އެމީހުން ކެލިފޯނިއާއަށް އައުމަށްފަހު އިތުރު ޓެސްޓްތައް ހަދާނެކަމަށް އެމެރިކާއިން ބުނެއެވެ. މިމީހުން ފްލައިޓްގައި ތިބީ ފްލައިޓްގެ ކުރޫންނާއި ވަކިންކަމަށް އެމެރިކާއިން ބުނެއެވެ.

ވުހާންގައި އެމެރިކާގެ 1000 އެއްހާ ރައްޔިތުން އުޅެއެވެ.

29 ޖެނުއަރީ 2020 | 12:22

އިންޑިޔާ ރައްޔިތުން ޗައިނާއަށް ނުދިޔުމަށް އެގައުމުން ގޮވާލައިފި

އިންޑިޔާ ރައްޔިތުން ޗައިނާއަށް ނުދިޔުމަށް އެގައުމުގެ ހެލްތު މިނިސްޓްރީން އަންގައިފި އެވެ.

ބުދަ ދުވަހު ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ ޗައިނާއަށް އެއްގޮތަކަށްވެސް ނުދިޔުމަށް އެގައުމުގެ ރައްޔިތުންނަށް އަންގާފަ އެވެ. މިގޮތަށް ބުނެފައިމިވަނީ އެގައުމުގެ ހެލްތު މިނިސްޓްރީން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ބުނެ ޓްވީޓްކުރުމަށް ފަހު އެވެ. އިންޑިޔާގެ ސަރުކާރުން ބުނެފައިވަނީ ވުހާންގައި ތިބި އެގައުމުގެ ރައްޔިތުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

29 ޖެނުއަރީ 2020 | 12:13

ވުހާން އިން ގެންނަ އިނގިރޭސިވިލާތުގެ ރައްޔިތުން 14 ދުވަސް ވަންދެން ކަރަންޓީނުކޮށްފައިވާ ބައިތިއްބާނެ ކަމަށް އެގައުމުން ބުނެފި

ވުހާންގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން އަނބުރާ ގެނައުމަށްފަހު 14 ދުވަސް ވަންދެން ކަރަންޓީނުކޮށްފައި ބައިތިއްބާނެ ކަަމަށް އެގައުމުން ބުނެފި އެވެ.

އިނގިރޭސިވިލާތުން ބުނީ ވުހާންގައި ތިބި އެގައުމުގެ ރައްޔިތުން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަނެއްކޮޅުން ބްރިޓިޝް އެއަރވޭސްއިން ވަނީ ޗައިނާއަށް ދަތުރުކުރާ ހުރިހާ ފްލައިޓްތަކެއް ކެންސަލްކޮށްފައެވެ.

29 ޖެނުއަރީ 2020 | 10:46

ކޮރޯނާވައިރަސްގެ އަސަރު މިހާތަނަށް 6056 މީހުން ގައިން ފެނި މަރުވި މީހުންގެ އަދަދު 132 ށް

29 ޖެނުއަރީ 2020 | 10:42

ވުހާންގައި ތިބި ޕާކިސްތާނުގެ ކިޔަވާކުދިންތަކަކަށް ކޮރޯނާވައިރަސްގެ އަސަރުކޮށްގެން ފަރުވާދީފި

ވުހާންގައި ތިބި ޕާކިސްތާނުގެ ކިޔަވާކުދިންތަކަކަށް ކޮރޯނާވައިރަސްގެ އަސަރު ކޮށްގެން ފަރުވާދީފައިވާ ކަމަށް ޕާކިސްތާނުގެ އެސިސްޓެންޓް ޓު ޕްރައިމް މިނިސްޓާރ އޮން ހެލްތު ޒަފަރް މިރްޒާ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޒަފަރް ވިދާޅުވީ ވުހާންގައި 500 ށް ވުރެ ގިނަ ކިޔަވާކުދިން ތިބޭކަމަށެވެ. ޒަފަރް އިތުރަށް ވިދާޅުވީ މިވައިރަސްގެ އަސަރު ޕާކިސްތާނުން އަދި ފެނިފައިނުވާ ކަމަށެވެ.

29 ޖެނުއަރީ 2020 | 10:36

މެލޭޝިޔާއިން އިތުރު ތިން މީހެއްގެ ގައިން ކޮރޯނާވައިރަސް ގެ އަސަރު ފެނިއްޖެ

މެލޭޝިޔާގެ ހެލްތު މިނިސްޓަރ ބުނެފައިވަނީ އެގައުމުން އިތުރު ތިން މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ ކަމަށެވެ.

އެއާއެކު މެލޭޝިޔާއިން މިވައިރަސްގެ އަސަރު ފެނިފައިވާ މީހުންގެ އަދަދު މިވަނީ 7 ށް އަރާފަ އެވެ. މިއެންމެންނަކީވެސް ޗައިނާގެ މީހުންނެވެ. އަލަށް މިވައިރަސްގެ އަސަރު ފެނުނު މީހުންނަކީ އުމުރުން 4 އަހަރުގެ ކުޑަކުއްޖަކާއި، 52 އަހަރުގެ ފިރެހަނަކާއި ދެ ކުޑަކުދިންގެ މަންމަ އެއްގެ ގައިންކަމަށް މެލޭޝިޔާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

29 ޖެނުއަރީ 2020 | 10:29

ބްރިޓިޝް އެއަރވޭސް އިން ޗައިނާއަށް ކުރަން ހުރި ދަތުރުތައް ކެންސަލްކޮށްފި

ބްރިޓިޝް އެއަރވޭސް އިން ޗައިނާއަށް ކުރަން ހުރި ހުރިހާ ދަތުރުތަކެއް ކެންސަލްކޮށްފި އެވެ.

އެއަރލައިނުން ބުނެފައިވަނީ ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ޗައިނާއަށް ދިޔުމަށް ހަމަޖެހިފައިވާ ފްލައިޓްތަކާއި ޗައިނާއިން އައުމަށް ހަމަޖެހިފައިވާ ހުރިހާ ފްލައިޓްތަކެއް ކެންސަލްކޮށްފައިވާ ކަމަށެވެ. މަރޗްމަހާއި ހަމައަށް އެއަރލައިނުން ޗައިނާއަށް ކުރަން ހުރި ހުރިހާ ދަތުރުތަކެއް ވަނީ ކެންސަލް ކޮށްފަ އެވެ.

29 ޖެނުއަރީ 2020 | 10:13

ކޮރޯނާވައިރަސްގެ އަސަރު ފުރަތަމަ ފަހަރަށް ޔޫއޭއީ މީހެއްގެ ގައިން ފެނިއްޖެ

ކޮރޯނާވައިރަސްގެ އަސަރު ފުރަތަމަ ފަހަރަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) ގެ މީހެއްގެ ގައިން ފެނިއްޖެ އެވެ.

ޔޫއޭއީން ބުނީ މިވައިރަސްގެ އަސަރު ފެނިފައިވަނީ ޗައިނާއިން އައި އާއިލާ އެއްގެ ތެރެއިންނެވެ. މިމީހުންގެ ހާލު ރަނގަޅުކަމަށް ޔޫއޭއީގެ ހެލްތު މިނިސްޓަރ ބުނެއެވެ.

29 ޖެނުއަރީ 2020 | 09:00

ދަތުރުކުރާއިރު ސިއްހަތަށް ބަލާ

29 ޖެނުއަރީ 2020 | 08:56

ރާއްޖޭގައި ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް މީހަކު ނެތް: ހެލްތް

މި ހިނގާ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހާއި ހަމަޔަށް, ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް ހުރިކަމަށް ޝައްކު ކުރެވޭ އަދި ބަލި ޖެހިފައިވާ އެއްވެސް މީހަކު ނެތްކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ބުދަ ދުވަހު، ހެލްތް މިނިސްޓްރީން ނޮވެލް ކޮރޯނާ\ވައިރަސްގެ ހާލަތާ ގުޅޭގޮތުން އާންމުކޮށްފައިވާ ރިޕޯޓްގައި ވާގޮތުން ފާއިތުވެގެން ދިޔަ 24 ގަޑިއިރުވެސް އަދި 28 ޖެނުއަރީއާއި ހަމަޔަށް ކުރި ލެބޯޓަރީ ތަހުލީލުތަކުން، މިބައްޔަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައި ނުވެއެވެ. ރާއްޖެއަށް އެތެރެވާން އުޅެނިކޮށް ނުވަތަ ރާއްޖޭގައި މިހާރު ތިބި މީހުންނަށް ބަލާއިރު، ކޮރޯނާވައިރަސްއަށް އަށް ޝައްކު ކުރެވިގެން އެއްވެސް މީހަކު އިތުރު ތަހުލީލުތަކަށް ބައިތިއްބާފައެއް ނުވެއެވެ.

ރާއްޖެއިން ބޭރުން މީހުން ރާއްޖެއަށް އެތެރެވާ ޕޮއިންޓް އޮފް އެންޓްރީތަކުގައި ކުރިޔަށްގެންދާ ސްކްރީނިންގް ހަރަކާތްތަކަށް ބަލާއިރު، ފާއިތުވެގެންދިޔަ 24 ގަޑިއިރުގައިވެސް އަދި ޖެނުއަރީ 28 ވަނަ ދުވަހުގެ ނިޔަލަށް، ރާއްޖޭގެ މައި އެއާރޕޯޓާއި އައްޑޫ އިންޓަރނޭޝަނަލް އެއާރޕޯޓްއާއި ކަނޑުމަގުން އެތެރެވާ ޕޯޓްތަކުގެ ސްކްރީނިންއަކުންވެސް އަދި ފަސިންޖަރު ލައިން ނުވަތަ ކްރޫސް ޝިޕްތަކުގެ ސްކްރީނިންގައި ބަލީގެ ކޭސް ޑެފިނިޝަނަށް ފެތޭ އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.

29 ޖެނުއަރީ 2020 | 04:53

ކޮރޯނާ ވައިރަސްގެ އަސަރު ފެނިފައިވާ ޤައުމުތައް

ތައިލޭންޑް: 14 މީހުން އިންފެކްޓް ވެފައި

ހޮންގކޮންގ: 8 މީހުން

އެމެރިކާ: 5 މީހުން އިންފެކްޓް ވެފައި

ތައިވާން: 5 މީހުން އިންފެކްޓް ވެފައި

އޮސްޓްރޭލިއާ: 5 މީހުން އިންފެކްޓް ވެފައި

މަކާއު: 5 މީހުން އިންފެކްޓް ވެފައި

ސިންގަޕޫރ: 4 މީހުން އިންފެކްޓް ވެފައި

ސައުތް ކޮރިއާ: 4 މީހުން އިންފެކްޓް ވެފައި

މެލޭޝިއާ: 4 މީހުން އިންފެކްޓް ވެފައި

ފްރާންސް: 4 މީހުން އިންފެކްޓް ވެފައި

ކެނެޑާ: 3 މީހުން އިންފެކްޓް ވެފައި

ވިއެޓްނާމް: 2 މީހުން އިންފެކްޓް ވެފައި

ނޭޕާލް: 1 މީހަކު އިންފެކްޓް ވެފައި

ކެމްބޯޑިއާ: 1 މީހަކު އިންފެކްޓް ވެފައި

ޖަރމަނީ: 1 މީހަކު އިންފެކްޓް ވެފައި

29 ޖެނުއަރީ 2020 | 03:03

ޗައިނާގައި ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 132 އަށް އަރައިފި

ޗައިނާގައި ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 132 އަށް އަރައިފިއެވެ.

އޭގެ އިތުރުން، މި ބައްޔަށް އިންފެކްޓްވި މީހުންގެ އަދަދު 6000 އަށް އަރާފައިވާއިރު، މަރުވި މީހުންގެ ތެރެއިން 125 މީހުންނަކީ މި ބަލި ފުރަތަމަ ފެނުނު ހޫބޭ ޕްރޮވިންސުގެ މީހުންނެވެ.

28 ޖެނުއަރީ 2020 | 18:05

ކޮރޯނާވައިރަސް ގެ ހަތަރު ވަނަ މީހާ ފްރާންސް އިން ފެނިއްޖެ

ކޮރޯނާވައިރަސްގެ އަސަރު ފްރާންސްގެ ހަތަރުވަނަ މީހާގެ ގައިން ފެނިއްޖެކަމަށް އެގައުމުން ބުނެފި އެވެ.

މިމީހާއަކީ ހޫބޭ ޕްރޮވިންސް އިން ފްރާންސަށް އައި ފަތުރުވެރިއެއް ކަމަށް ފްރާންސުން ބުނެއެވެ. މިމީހާއަކީ އުމުރުން 80 އަހަރުގެ މީހެކެވެ. އަދި މިމީހާ މިވަގުތު ވަނީ ޕެރިސްގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފަ އެވެ.

28 ޖެނުއަރީ 2020 | 18:01

ކޮރޯނާވައިރަސް އަށް ޝައްކުކުރެވިގެން އިތިއޯޕިއާގެ ހަތަރު މީހުން ކަރަންޓީނު ކޮށްފި

ކޮރޯނާވައިރަސް އަށް ޝައްކު ކުރެވިގެން ހަތަރު މީހަކު އިތިއޯޕިއާއިން ކަރަންޓީނުކޮށްފި އެވެ.

މިހަތަރު މީހުންނަކީވެސް ހޫބޭ ޕްރޮވިންސް އިން އައި މީހުންނަކަމަށް އިތިއޯޕިއާ އިން ބުނެއެވެ. މިމީހުންގެ ސާމްޕަލްތައް އިތުރަށް ޓެސްޓް ކުރުމަށް ސައުތު އެފްރިކާއަށް ފޮނުވާފައިވާކަމަށް އެގައުމުން ނެރުނު ސްޓޭޓްމަންޓުގައި ބުނެފައިވެއެވެ.

30 / 81