ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ތައިލެންޑުން އިތުރު ފަސް މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިއްޖެ
ތައިލެންޑުން އިތުރު ފަސް މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.
އެއާއެކު އެގައުމުން ކޮރޯނާވައިރަސްގެ އަސަރު ފެނުނު މީހުންގެ އަދަދު 19 ށް އެރީއެވެ.
އެންމެފަހުން މިފެނުނު ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ވުހާންގެ ހަތަރު މީހުންނެވެ. ފަސް ވަނަ މީހަކީ ތައިލެންޑްގެ ޓެކްސީ ޑްރައިވަރެކެވެ. މިއީ ތައިލެންޑުން ޗައިނާއަށް ނުގޮސް ވައިރަސްގެ އަސަރު ފެނުނު ފުރަތަމަ މީހާއެވެ. ތައިލެންޑުން މިވައިރަސްގެ އަސަރު ފެނުނު 19 މީހުންގެ ތެރެއިން 2 މީހުންނަކީ ތައިލެންޑުގެ މީހުންނެވެ. މިހުރިހާ އެންމެންގެ ހާލު ރަނގަޅުކަމަށް ތައިލެންޑްގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ބުނެއެވެ.
މިހާރު ހޮސްޕިޓަލްގައި ތިބީ 12 މީހުންކަމަށް މިނިސްޓްރީން ބުނެއެވެ.
ކޮރޯނާވައިރަސް އާ ގުޅިގެން އިޓަލީން އިމަރޖެންސީ އިއުލާންކޮށްފި
ކޮރޯނާވައިރަސް ފެތުރެމުންދާތީ އިޓަލީ ސަރުކާރުން އެގައުމުގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފި އެވެ.
އިޓަލީގެ ރޯމުން މިހާތަނަށް ވަނީ ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ ދެ މީހަކު ފެނިފަ އެވެ. އިޓަލީން ވަނީ ޗައިނާއަށް ދާ ހުރިހާ ފްލައިޓްތަކާއި ޗައިނާއިން އަންނަ ހުރިހާ ފްލައިޓްތަކެއް ބުރާސްފަތި ދުވަހުން ފެށިގެން ހުއްޓާލާފަ އެވެ. އިޓަލީން ކޮރޯނާވައިރަސްގެ އަސަރު ފެނުނީ އެގައުމަށް ގޮސް އުޅުނު ޗައިނާގެ ދެ ޓޫރިސްޓެއްގެ ގައިންނެވެ.
ކޮރޯނާވައިރަސްގެ ނުރައްކަލާ ގުޅިގެން ހޮންގ ކޮންގގެ ސްކޫލްތައް ބަންދުކޮށްފި
ނުރައްކާތެރި ކޮރޯނާވައިރަސް ހަލުވިމިނެއްގައި ފެތުރެމުން ދިއުމާއި ގުޅިގެން، ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ހޮންގ ކޮންގްގެ ސްކޫލްތައް ބަންދުކުރަން ނިންމައިފިއެވެ. ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާންކުރެއްވީ، ހޮންގ ކޮންގގެ ޗީފް އެގްޒެކެޓިވް ކެރީ ލޭމްއެވެ. އެގައުމުގެ ހުރިހާ ސްކޫލެއް މަރޗް މަހުގެ ދެވަނަ ދުވަހާ ހަމަައަށް ބަންދުވާނެ ކަމަށް އެކަމަނާ ވަނީ އިިއުލާންކުރައްވާފައެވެ.
ލޭމް ވަނީ ރައްކާތެރިވުމުގެ ގޮތުން ރައްޔިތުން ސަމާލުވެ ތިބުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ވައިރަސް އިތުރަސް ފެތުރުނަނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން އެ ސަރަހައްދުގެ ރައްޔިތުންނަށް އެކަމަނާ ވަނީ އަރުވާފައެވެ. ސްކޫލްތައް އަލުން ހުޅުވާނެ ދުވަހަކާ މެދު ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ހާލަތު އޮތް ގޮތަށް ބެލުމަށް ފަހު، މަރޗް މަހުގެ ތެރޭގައި އެ ނިންމުން މުރާޖާ ކުރައްވާނެ ކަމަށެވެ.
އިނިގިރޭސިވިލާތުން ދެ މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ
އިނގިރޭސިވިލާތުން ކޮރޯނާވައިރަސްއަށް ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ ޗީފް މެޑިކަލް އޮފިސަރު ކަށަވަރުކޮށްދެއްވައިފިއެވެ. މިވައިރަސް ފެނިފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހުން ކަމަށާއި، އެ ދެ މީހުންނަށް މިހާރު ހޮސްޕިޓަކުގައި ފަރުވާދެމުން އަންނަ ކަމަށް އެފަރާތުން ވަނީ މައުލޫމާތު ދީފައެވެ.
ނޮވެލް ކޯރޯނާވައިރަސްއަށް ޝައްކުކުރެވޭ ލައްކައަކަށް ވުރެ ގިނަ މީހުން އޮބްޒަވޭޝަންގައި!
ނޮވެލް ކޮރޯނާވައިރަސްގެ އަލާމާތްތައް ހުރިކަމަށް ޝައްކުކުރެވިގެން ޖުމްލަ 102،000 އަށް ވުރެ ގިނަ މީހުން އޮބްޒަވޭޝަންގައި ތިބިކަމަށް ޗައިނާއިން މައުލޫމާތު ދީފިއެވެ. ބުދަ ދުވަހުގެ ނިޔަލަށް، މިވައިރަސް ޗައިނާގެ 31 ޕްރޮވިންސަކަށް ފެތުރިފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.
ބައިނަލްއަގްވާމީ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިއީ ބައިނަލްއަގްވާމީ ސިއްހީ ކާރިސާއެއް ކަމަށް ބުރާސްފަތި ދުވަހު ކަނޑައަޅާފައިވާއިރު، ޖުމްލަ 22 ގައުމަކުން މިބަލި ވަނީ ފެނިފައެވެ. ބަލި އިތުރަށް ފެތުރުނަނުދީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ގިނަ ގައުމުތަކަކުން ވަނީ ޗައިނާއަށް ދަތުރުކުރުން މަނާކޮށް، އެގައުމުން އަންނަ ފްލައިޓްތައް އައުންވެސް މަނާކޮށްފައެވެ.
ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް މީހުންގެ އަދަދު 9692 އަށް އަރައިފި: ޗައިނާ
މިހާތަނަށް ޗައިނާއިން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 9692އަށް އަރައިފިކަމަށް، އެގައުމުގެ ސަރުކާރުން ކަށަވަރުކޮށްދީފިއެވެ. މަރުވީ މީހުންގެ އަދަދު 213 އަށް އަރާފައިވާ ކަމަށްވެސް ޗައިނާ ސަރުކާރުން ވަނީ މައުލޫމާތު ދީފައެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ ބަލިޙާލަތު މެދުވެރިވާ ސަބަބާއި، މުސްލިމުން ޢަމަލުތައް ބަހައްޓަންވީގޮތް
މެލޭޝިޔާއިން، ޗައިނާ އަށް 18 މިލިއަން އަންގި ހަދިޔާކުރުމަށް ނިންމައިފި
މެލޭޝިޔާގެ ރަބާރ އެކްސްޕޯޓް ޕްރޮމޯޝަން ކައުންސިލް (އެމްއާރްއީޕީސީ) އިން ޗައިނާގެ ކޮރޯނާވައިރަސް ފެނުނު ވޫހަން ސިޓީ އަށް 18 މިލިއަން އަންގި ހަދިޔާކުރަން ނިންމައިފިއެވެ.
އެކަން އިއުލާން ކުރައްވާފައިވަނީ މެލޭޝިޔާގެ ޕްރައިމަރީ އިންޑަސްޓްރީސް މިނިސްޓަރު ތެރޭސާ ކޮކް އެވެ. ތެރޭސާ ވިދާޅުވީ، ފުރަތަމަ ބެޗްގެ ތިން މިލިއަން އަންގި މިހާރު ވޫހަން އަށް ފޮނުވާފައިވާ ކަމަށެވެ. ބާކި ހުރި އަންގިތައްވެސް ފޮނުވަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާސްކު ހުހެއްނުވޭ، އެކަށީގެންވާ ވަރަށް އެބަހުރި: އެސްޓީއޯ
މޫނުގައި އަޅާ މާސްކު ހުސްނުވާ ކަމަށާއި، އެކަށީގެންވާ ވަރަށް މާސްކު އެސްޓީއޯގައި އެބަހުރި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އެސްޓީއޯގެ ފިހާރަތަކުން މާސްކު ނުލިބޭ ކަމަށާއި، ވިއްކަމުންދާ އަދަދު ''ލިމިޓް'' ކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ޝޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބުރާސްފަތި ދުވަހު ހަވީރުން ފެށިގެން އެސްޓީއޯ އިން ވިއްކަނީ މީހަކަށް ތިން މާސްކެވެ.
ޗައިނާއިން އަންނަ ފްލައިޓްތަކަކީ، ޗައިނާ ރައްޔިތުން ބަލާ އަންނަ ފްލައިޓްތަކެއް: ޗައިނާ ސަފީރު
ޗައިނާއިން ރާއްޖެ އަންނަ ފްލައިޓްތަކަކީ، ރާއްޖޭގައި ތިބި އެ ޤައުމުގެ ފަތުރުވެރިން ބަލާ އަންނަ ފްލައިޓްތަކެއް ކަމަށާއި، އެ ފްލައިޓްތަކުގައި އެއްވެސް މީހަކު ރާއްޖެ ނާންނާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެ އެވެ.
ސަފީރު އެގޮތަށް ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ބައެއް ފްލައިޓްތައް އަދިވެސް އަންނަމުންދާކަމަސް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުންނެވެ.
ސަފީރު ވިދާޅުވީ ރާއްޖެ އަންނަ ފްލައިޓްތަކަކީ ހުސް ފްލައިޓްތަކެއް ކަމަށާއި، އަނބުރާދާނީ ފުލް ފްލައިޓްތަކެއްގެ ގޮތުގައިކަމަށެވެ.
ކޮރޯނާވައިރަސްއަށް ޕޮޒިޓިވް އިންޑިއާ އަންހެން ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން
މި ވައިރަސް ފެނިފައިވަނީ ޗައިނާގެ ވޫހަން ސިޓީގެ ޔުނިވާސިޓީއެއްގައި ކިޔަވަމުންދިޔަ ކެރެލާގެ ދަރިވަރެއްގެ ގައިންނެވެ.
އިންޑިއާގެ ހެލްތުން ބުނީ، ކޮރޯނާވައިރަސް އަށް ޝައްކުވެގެން 10 މީހަކަށް އެކި ހޮސްޕިޓަލުތަކުގައި ''އައިސޮލޭޝަން ވޯޑް'' ތަކުގައި ފަރުވާދެމުންދާ ކަމަށެވެ.
ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހާ ގެންދިއުމުގައި އެމްއެންޑީއެފުން އެހީތެރިވަނީ
"ގްލޯބަލް ހެލްތު އިމަރޖެންސީ" އިއުލާނުކޮށްފި
ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް އާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެއްޗްއޯ) އިން "ގްލޯބަލް ހެލްތު އިމަރޖެންސީ" އިއުލާނުކޮށްފި
ކޮރޯނާވައިރަސްގެ އަސަރު ފެނިއްޖަ ކަމަށް ޝައްކު ކުރެވިގެން ޓެސްޓުކުރަމުންދަނީ ދިވެއްސެއްކަމަށް މިނިސްޓާރ ވިދާޅުވި
20 އަހަރުގެ މިފިރިހެން ކުއްޖާ ރާއްޖެއަށް ދަތުރުކުރީ ޗައިނާގެ ޒިޔަމެން އިންނެވެ. މިކުއްޖާގެ ސާމްޕަލް ޑަބްލިޔުއެޗްއޯގެ އެހީގައި ފޮނުވުމަށް އަންނަނީ މަސައްކަތްކުރަމުން ކަަމަށް މިނިސްޓަރ ވިދާޅުވި އެވެ. އައިޖީއެމްއެޗްގެ ސްޕެޝަލިސްޓުން ވަނީ އޭނަ އިތުރަށް ބަލާފައިކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެހެން ހާލަތެއްގައި ނަމަ އޭނާއަކީ ގޭގައި ހުރެގެން ފަރުވާ ހޯދޭނެ މީހެއްކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މިދިވެހި މީހާ ޗައިނާގައި ދިރިއުޅުނު ޕްރޮވިންސްގައި މިބަލީގެ އަސަރު ފެނިފައިވަނީ 101 މީހެއްގެ ގައިންނެވެ.
އޭނަ ރާއްޖެއައީ ރޭގައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އޭނާ ރާއްޖެ އައުމަށްފަހު އިތުރު މީހަކާއި ކޮންޓެކްޓްވެފައިނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިގެން ޓެސްޓްތައް ހަދަމުންދާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ
ޓެސްޓް ތައް ހަދަމުންދަނީ 20 އަހަރުގެ ދިވެއްސަކު މިވައިރަސް އަށް ޝައްކު ކުރެވިގެންނެވެ. މީނަގެ ޓެސްޓްތައް ހަދަމުންދަނީ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން މީޓް މާރކެޓަކަށް އޭނާ ގޮސްފައިވާތީ އެވެ. މިމީހާއަކީ ޗައިނާއިން އައިސްފައިވާ ދިވެއްސެކެވެ. ޑަބްލިޔުއެޗްއޯއަށް މިމީހާގެ ސާމްޕަލް ފޮނުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އެއަރޕޯޓުން ބެލިއިރުގައި ހުމުގެ އަސަރެއް އެމީހާގެ ގައިގައި ނެތްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ މިމީހާ އައިސޮލޭޓްކޮށްފައި ބަހައްޓާނީ ފުނަދޫގައި ކަމަށެވެ.
ކޮރޯނާވައިރަސް އާއި ގުޅޭގޮތުން އެންމެފަހުގެ މައުލޫމާތު ހާމަކުރުމަށް ހެލްތު މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދޭ
ކޮރޯނާވައިރަސް އާއި ގުޅޭގޮތުން އެންމެފަހުގެ މައުލޫމާތު ހާމަކުރުމަށް ހެލްތު މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެ އެވެ.
މިނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިރޭ 23:15 ގަ އެވެ.
އެއް އިންސާނަކުން އަނެއް އިންސާނެއްގެ ގަޔަށް އަރާ ކޮރޯނާވައިރަސްގެ ފުރަތަމަ ކޭސް އެމެރިކާއިން ފެނިއްޖެ
އެއް އިންސާނަކުން އަނެއް އިންސާނަކަށް ކޮރޯނާވައިރަސްގެ އަސަރު ކުރި ފުރަތަމަ ކޭސް އެމެރިކާއިން ފެނިއްޖެ އެވެ.
މިމީހާއަކީ ޗިކާގޯގައި އުޅޭ މީހެއް ކަމަށާއި މިމީހާއަކީ ފުރަތަމަ އެ ސްޓޭޓުން މިވައިރަސް ފެނުނު މީހާއާއި ގުޅުމެއް އޮތް މީހެއްކަމަށް އެމެރިކާއިން ބުނެއެވެ.
ކޮރޯނާވައިރަސްގެ އަސަރު ކުރި މީހުންގެ އަދަދު 8137 ށް، މަރުވި މީހުންގެ އަދަދު 171 ށް
ކޮރޯނާވައިރަސްގެ އަސަރުކޮށްގެން މިހާތަނަށް ޔަގީންވެފައިވަނީ 8137 މީހެއްގެ ގައިންނެވެ. އަދި މިވައިރަސް ޖެހިގެން 171 މީހުން ވަނީ މިހާތަނަށް މަރުވެފަ އެވެ.
މިވައިރަސްގެ އަސަރު ކޮށްގެން ޗައިނާއިން މިހާތަނަށް 4903 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.
ކޮރޯނާވައިރަސް އާއި ގުޅޭގޮތުން ސުވާލުކުރުމަށް ޓޫރިޒަމް މިނިސްޓްރީއަށް ގުޅާނެ ހޮޓްލައިން ނަންބަރުތައް ހާމަކޮށްފި
ބޭރު ގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި
ބޭރު ގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ބޭރުގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކަށް ރަޖިސްޓްރީކުރުމަށް ބޭނުންވާ މައުލޫމާތުތަކަކީ:

ކޮރޯނާވައިރަސް އާއި ގުޅޭގޮތުން ގާއިމުކޮށްފައިވާ ހޮޓްލައިން ނަންބަރަކީ 7377004 އެއް
އިތިއޯޕިއާ އެއަރލައިން އިން ޗައިނާއަށް ކުރަން ހުރި ދަތުރުތައް މަޑުޖައްސާލައިފި
އިތިއޯޕިއާ އެއަރލައިން އިން ޗައިނާއަށް ދަތުރުކުރަން ހުރި ހުރިހާ ފްލައިޓްތަކެއް ދަތުރުކުރުން މަޑުޖައްސާލައިފި އެވެ.
ކޮރޯނާވައިރަސް ޖެހެނީ ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި، ސަމާލުވެލައްވާ!
ޓޫރިޒަމް މިނިސްޓާރ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އަޅާފައިހުރި ފިޔަވަޅުތައް ބައްލަވާލައްވައިފި
ޓޫރިޒަމް މިނިސްޓާރ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އަޅާފައިހުރި ފިޔަވަޅުތައް ބައްލަވާލައްވައިފި އެވެ.
ޗައިނާގައި ތިބި ޕާކިސްތާނުގެ ރައްޔިތުން ގައުމަށް ގެނައުމުގެ ޕްލޭނެއް ނެތް ކަމަށް އެގައުމުން ބުނެފި
ޗައިނާގައި ތިބި ޕާކިސްތާނުގެ ރައްޔިތުން ގައުމަށް ގެނައުމުގެ ޕްލޭނެއް ނެތް ކަމަށް ޕާކިސްތާނުން ބުނެފި އެވެ.
ޗައިނާގައި ޕާކިސްތާނުގެ 30،000 މީހުން އުޅެއެވެ. މިހާތަނަށް އާއިރު ޕާކިސްތާނުގެ ހަތަރު ކިޔަވާކުއްޖަކަށް ވުހާންގައި ވަނީ މިވައިރަސްގެ އަސަރުކޮށްގެން ފަރުވާދީފަ އެވެ. ވުހާންގައި ޕާކިސްތާނުގެ 500 ކިޔަވާކުދިން ތިބެއެވެ.
އިނގިރޭސިވިލާތުގެ އެހީތެރިކަމާއެކު ވުހާންގައި ތިބި ސްޕެއިން ރައްޔިތުން ގެންނަނީ
ވުހާންގައި ތިބި ސްޕެއިންގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުން އިނގިރޭސިވިލާތުގެ އެހީތެރިކަމާއެކު ސްޕެއިނަށް ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެގައުމުން ބުނެފި އެވެ.
ސްޕެއިންގެ ފޮރިން މިނިސްޓަރ ވިދާޅުވީ ސްޕެއިންގެ 20 މީހުން ކުރިޔަށް އޮތް ގަޑީރުތަކުގެ ތެރޭގައި ވުހާން އިން ފުރާނެކަމަށެވެ. އެއަށްފަހު މިމީހުން 14 ދުވަސްވަންދެން ކަރަންޓީނު ކުރުމަށްފަހު ސްޕެއިނަށް ގެންނާނެކަމަށް އެގައުމުން ބުނެއެވެ.
ހޫބޭ ޕްރޮވިންސްގައި 6000ށް ވުރެ ގިނަ މެޑިކަލް ސްޓާފުން މަސައްކަތް ކުރަމުންދަނީ
ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާންގެ ހޫބޭ ޕްރޮވިންސްގެ ކޮރޯނާވައިރަސް ކޮންޓްރޯލް ޕްރޮގްރާމްގައި މަސައްކަތްކުރުމަށް 6000 ހެލްތު ވޯކަރުން ބައިވެރިވާކަމަށް އެ ޕްރޮވިންސުން ބުނެފި އެވެ.
50 ށް ވުރެ ގިނަ މެޑިކަލް ޓީމުތަކުން އެ ޕްރޮވިންސްގައި ހަރަކާތްތެރި ވަމުންދެ އެވެ.
ވުހާންގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން އެގައުމަށް ހުކުރު ދުވަހު ގެންނާނެ
ވުހާންގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން އެގައުމަށް ހުކުރު ދުވަހު ގެންނާނެކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ރައްޔިތުން ގެނައުމަށް މީގެކުރިން ދެފަހަރެއްގެ މަތިން މަސައްކަތްކޮށް ވަނީ ފްލައިޓް ލަސްވެފަ އެވެ. އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރ ވިދާޅުވީ މިހާރު ޔަގީން ވެފައިވާގޮތުން ވުހާންގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން އެގައުމަށް އައުމަށް ހުކުރު ދުވަހުގެ ހެނދުނު ފުރާނެ އެވެ.
އިޖީޕްޓް އެއަރ އިން ޗައިނާއަށް ދާ ހުރިހާ ފްލައިޓްތަކެއް މެދުކަނޑާލައިފި
އިޖީޕްޓް އެއަރ އިން ޗައިނާއިން ކުރަން ހުރި ހުރިހާ ފްލައިޓްތަކެއް ދަތުރުކުރުން މެދުކަނޑާލާފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.
އެގައުމުން ބުނީ ހޮނިހިރު ދުވަހުން ފެށިގެން ޗައިނާއިން އަންނަ ފްލައިޓްތަކާއި ޗައިނާއަށް ދާ ފްލައިޓްތައް މެދުކަނޑާލާފައިވާ ކަަމަށެވެ.
ވުހާންގައި ތިބި އިރާނުގެ ރައްޔިތުން ވުހާން އިން ނެރުމުގެ މަސައްކަތް އެގައުމުން ފަށައިފި
ވުހާންގައި ތިބި އިރާނުގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް އެގައުމުން ބުނެފި އެވެ.
އިރާނުގެ ފޮރިން މިނިސްޓްރީން ވަނީ އެގައުމުގެ ރައްޔިތުން ނެރުމުގެ ހުއްދަ އަށް ޗައިނާ ސަރުކާރުގެ ކިބައިން އެދިފަ އެވެ. މީގެއިތުރުން އިރާނުން ވަނީ ވުހާންގައި ކިޔަވަންތިބި އެގައުމުގެ ދަރިވަރުންނަށް ކާނާ އާއި ބޭސް ފޮނުވާފަ އެވެ.
"ފޭކް ނިއުސް" ފަތުރާތީ ތައިލެންޑުން ދެ މީހަކު ހައްޔަރުކޮށްފި
ފޭކް ނިއުސް ފަތުރާތީ ތައިލެންޑުން ދެ މީހަކު ހައްޔަރުކޮށްފި އެވެ. ތައިލެންޑުގެ އިސް އޮފިޝަލަކު އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. އަދި މި ދެމީހުންގެ މައްޗަށް އިންޓަރނެޓް ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާކަމަށް އެއޮފިޝަލް ބުނެއެވެ. މިމީހުންގެ މައްޗަށް މިދައުވާ ސާބިތުވެއްޖެނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކޮރޯނާވައިރަސް އާ ގުޅޭގޮތުން ނުބައި މައުލޫމާތު ފަތުރަމުންދާތީ ކަޒަކިސްތާނުގައި ދެ މީހަކު ހައްޔަރުކޮށްފި
ކޮރޯނާވައިރަސް އާ ގުޅޭގޮތުން ނުބައި މައުލޫމާތު ފަތުރަމުންދާތީ ކަޒަކިސްތާނުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ އެމްބިޔުލެންސް ދެ ޑްރައިވަރުންނެވެ. އޭއެފްޕީން ބުނެފައިވާ ގޮތުގައި އެމީހުން މައުލޫމާތު ފަތުރާފައިވަނީ އެހެން ތާކުން ލިބުނު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ.
ކަމާގުޅުންހުރި ފަރާތްތަކާއި އަދި އާއްމުން އަމަލުކުރަންވާ ގޮތުގެ އިރުޝާދުަ ސަރުކާރާއި މިނިސްޓްރީން ދެމުންގެންދާނެ ކަމަށް
ކަމާގުޅުންހުރި ފަރާތްތަކާއި އަދި އާއްމުން އަމަލުކުރަންވާ ގޮތުގެ އިރުޝާދު ސަރުކާރުން އަދި މިނިސްޓްރީން އާއްމުކޮށް އިއުލާންކުރަމުން ގެންދާނެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެއްޖެ އެވެ.
ފަރުދީގޮތުން އާއްމު ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށްވެސް ސަރުކާރުން ވަނީ ގޮވާލާފަ އެވެ.
ޗައިނާއަށް ދަތުރުނުކުރުމަށް ނައިޖީރިއާއިން އެގައުމުގެ ރައްޔިތުންނަށް އަންގައިފި
ޗައިނާއަށް ދަތުރުނުކުރުމަށް ނައިޖީރިއާއިން އެގައުމުގެ ރައްޔިތުންނަށް އަންގައިފި އެވެ.
ނައިޖީރިއާއިން ބުނެފައިވަނީ މަދުވެގެން ކުރިޔަށް އޮތް ދެ ހަފްތާތެރޭގައި ޗައިނާއަށް އެއްގޮތަކަށްވެސް ދަތުރުނުކުރުމަށް އެދިފަ އެވެ. މީގެއިތުރުން ނައިޖީރިއާއިން އަންނަ ފަރާތްތަކުންވެސް 14 ދުވަސް ވަންދެން ކަރަންޓީނުކޮށްފައި ބައިތިއްބާނެ ކަމަށްވެސް އެގައުމުން ބުނެއެވެ.
ޗައިނާ ރައްޔިތުންނަށް ވިސާ ދޫކުރުން ޗެކް ރިޕަބްލިކުން މެދުކަނޑާލައިފި
ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާތީ ޗައިނާ ރައްޔިތުންނަށް ވިސާ ދޫކުރުން ޗެކް ރިޕަބްލިކުން މެދުކަނޑާލައިފި އެވެ.
ރަޝިޔާއިން ޗައިނާގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ވިސާ ދިނުން މަޑުޖައްސާލައިފި
ރަޝިޔާއިން ޗައިނާގެ ރައްޔިތުންނަށް ދޫކުރަމުން އަންނަ އިލެކްޓްރޯނިކް ވިސާ ދިނުން މަޑުޖައްސާލައިފި އެވެ.
މީގެއިތުރުން ރޭލް ދަތުރުތައްވެސް ވަނީ ވަކި ވަރަކަށް މަދުކޮށްފަ އެވެ. އަދި ހަމައެކަނި އޮންނާނީ ބެއިޖިންގ އިން މޮސްކޯއަށް ދާ ޑައިރެކްޓް ޓްރެއިން ކަަމަށް އެގައުމުން ބުނެއެވެ.
ސައުތުކޮރެއާއިން އިތުރު ދެ މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިއްޖެ
ސައުތުކޮރެއާއިން އިތުރު ދެ މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.
އެއާއެކު އެގައުމުން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ މީހުންގެ އަދަދު ވަނީ 6 ށް އަރާފައެވެ.
ވައިރަސްގެ އަސަރު ފެނުނު ދެ މީހުންގެ ތެރެއިން އެކަކީ ދާދިފަހުން ވުހާން އިން އައި މީހެއް ކަމަށާއި އަނެއް މީހާއަކީ އެހެން އިންސާނެއްގެ ގައިން މިވައިރަސް އެރި މީހެއް ކަމަށް އެގައުމުން ބުނެއެވެ. އެއާއެކު އެގައުމުން މިވަނީ އިންސާނުންގެ ގައިން މިވައިރަސް ފުރަތަމަ ފަހަރަށް ފެތުރިފަ އެެވެ.
މި ދެމީހުންވެސް ވަނީ ވަގުތުން ކަރަންޓީނު ކޮށްފަ އެވެ.
ކޮރޯނާވައިރަސްގެ އަސަރު ވިއެޓްނާމްގެ ތިން މީހެއްގެ ގައިން ފެނިއްޖެ
ކޮރޯނާވައިރަސްގެ އަސަރު ވިއެޓްނާމްގެ ތިން މީހެއްގެ ގައިން ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.
މިތިން މީހުންނަކީވެސް ދާދިފަހުން ވުހާން އިން އައި ތިން މީހުންކަމަށް ވިއެޓްނާމްގެ އޮފިޝަލުން ބުނެއެވެ.
މިތިން މީހުންނަށްވެސް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ.
މާސްކުތައް އާންމުކޮށް ދޫކުރަން ފަށާނީ އެކަމަށް އިރުޝާދު ލިބުމުންކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެއްޖެ
މާސްކުތައް އާންމުކޮށް ދޫކުރަން ފަށާނީ އެކަމަށް އިރުޝާދު ލިބުމުންކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓާރ އަބްދުﷲ އަމީން ވިދާޅުވީ މާސް ބޭނުންވާވަރަށް މިހާރު އެބަހުރި ކަމަށާއި މާސްކު އާންމުކޮށް ދޫކުރަން ފަށާނީ އެކަމަށް އިރުޝާދު ލިބުމުން ކަމަށެވެ.
ވުހާންގައި ތިބި ދިވެހިންނަށް ކޮންމެ ދުވަހަކު އަންނަނީ 50 ޑޮލަރު ދެމުންކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެއްޖެ
ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާންގައި ތިބި ދިވެހިންނަށް ކޮންމެ ދުވަހަކު 50 ޑޮލަރު ޚަރަދުކުރަމުންދާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިނިސްޓާރ ވިދާޅުވީ ވުހާންގައި ތިބި ދިވެހިންގެ ކަންކަން ދިވެހި ސަރުކާރުން އަންނަނީ ކައިރިން ބަލަމުންކަމަށެވެ.